ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަނީ މާލޭ ސިޓީ ކައުންސިލް ޕީޕީއެމަށް ކާމިޔާބު ކުރެވުމެވެ. ޕީޕީއެމްގެ ކާމިޔާބީ އެކި މީހުން ސިފަ ކުރަނީ އެކި ގޮތަށެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވާ ގޮތުގައި އެއީ އެމްޑީޕީގެ އެތެރޭގެ ބައިބައިވުމުގެ ނަތީޖާއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވި ގޮތުގައި އެއީ މާލޭގެ ތެރައްގީއަށް ޕީޕީއެމުން ވީ ވައުދުތަކުގެ ނަތީޖާއެވެ. މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތް އަނަސް ޢަބްދުއްސައްތާރު ވިދާޅުވި ގޮތުގައި ކުރިއަށް ދާން ބޭނުންނަމަ އެމްޑީޕީގެ ސިޔާސަތުތަކާމެދު ދެވަނަ ވިސްނުމަކަށް ދާން ޖެހެއެވެ.
ހަގީގީ ސަބަބާ އެންމެ ކައިރި ވާހަކަފުޅެއް ދެއްކެވި ކަމަށް ފެންނަނީ އަނަސް ޢަބްދުއްސައްތާރެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަގީގީ ސިފައިގައި ބަލި ގަބޫލު ކުރުމަކީ އޮންނަ ކަމެއް ނޫނެވެ. މިހާރުގެ ވެރިކަމަށް ތިން އަހަރުވާން ގާތް ވެފައިވާއިރު އަދިވެސް ޕީޕީއެމަކަށް ރިޔާސީ އިންތިޚާބުގެ ބަލި ހަގީގީ މާނައިގައި ގަބޫލު ކުރެވުނު ކަމަކަށް ނުފެނެއެވެ. މިފަހަރު އެމްޑީޕީންވެސް ނާކާމިޔާބީގެ އެތައް ސަބަބެއް ދައްކާނެއެވެ. އެކަމަކު އެއިން އެއްވެސް ސަބަބެއް އެމްޑީޕީއާ ގުޅިފައި އޮތުން ވަރަށް ދުރެވެ. މިހާރުވެސް މި ދެންނެވި ބަހުގެ ހެކި ކޮންމެވެސް ވަރަކަށް ފެންނާން ފަށައިފިއެވެ. އެމްޑިޕީގެ ބަލީގެ ޒިންމާ ކޮންމެވެސް ވަރަކަށް މައުމޫނުގެ އިސްތަށިފުޅުގައިވެސް ރައީސް ނަޝީދު އަޅުއްވައިފިއެވެ. އެކަމަކު އާދަޔާ ޚިލާފު ވާހަކަފުޅެއްވެސް ވިދާޅުވިއެވެ. އެއީ ނާކާމިޔާބީގެ ސަބަބު ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެމަނިކުފާނު އުފުއްލަވަން ޖެހިވަޑައިގަންނަވާނޭ ވާހަކައެވެ. ވާހަކަފުޅުގައިވެސް ސީދާ އަމިއްލަފުޅު އެއްވެސް ނާކާމިޔާބީއެއް އޮތް ކަމަކަށް ގަބޫލުފުޅެއް ނުކުރައްވައެވެ.
އެމްޑީޕީގެ ނާކާމިޔާބީގެ ހަގީގީ ސަބަބަކީ ފާއިތުވެދިޔަ ދެއަހަރާބައިގެ މުއްދަތުގައި ޕާޓީންނާއި ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކެވެ. ރާއްޖޭގެ އިންތިޚާބުތަކުގައި މިހައިތަނަށް ފެންނަ މަންޒަރަކީ މީހަކު ވައްޓައިލާން ނުވަތަ ބަލިކޮށްލާން ކުރާ މަސައްކަތެވެ. ކުރުކޮށް ދަންނަވާނަމަ އަޅުގަނޑުމެން ލާ ވޯޓަކީ ނަފުރަތުގެ ވޯޓެވެ. ލޯބީގެ ވޯޓެއް ނޫނެވެ. މި ފަހަރުވެސް މައިގަނޑު ވޯޓަކީ އެމްޑިޕީ ދެކެ އައި ރުޅިއެއްގެ ވޯޓެވެ.
މާލެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމީ އެންމެން ގަބޫލުކުރާ ހަގީގަތެކެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ވެވަޑައިގެންނެވި އެންމެ މުހިއްމު އެއް ވައުދަކީވެސް މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ވައުދެވެ. އެކަމަކު ފާއިތުވެދިޔަ ދެއަހަރާބައިގެ ތެރޭގައި އެއިން ވައުދެއް ދުއްދަވައި ދެއްވުނު ތަނެއް ނުފެނުނެވެ.
ކޯވިޑް-19 އަކީ މުޅި ދުނިޔެއަށް ކުރިމަތިވީ ބޮޑު އާލަމީ ވަބާއެކެވެ. ނަތީޖާއެއްގެ ގޮތުން ގައުމުތަކުގެ ހިނގުން ލަސްވުމާއި ހުއްޓުން ކުރިމަތިވުމަކީ ދިމާވީ ކަމެކެވެ. އެއީ ދިވެހިންވެސް ގަބޫލުނުކުރާ ކަމެއް ނޫނެވެ. މަޝްރޫއުތައް ހުއްޓުމާއި ލަސްވުމަކީވެސް ދިވެހިން ގަބޫލު ނުކުރާ ކަމެއް ނޫނެވެ. ދިވެހިން ގަބޫލު ނުކުރީ ބައެއް ކަންކަން ހުއްޓިފައި އޮވެމެ، އާއްމުންނަށް މުހިއްމު ނޫން ބައެއް ކަންތައްތައް ނުހުއްޓި ކުރިއަށް ގެންދާ މައްސަލައެވެ. އޭގެ ތެރެއިން އެއް ކަމަކީ ސިޔާސީ މަގާމުތަކަށް ހުއްޓުމެއއް ނެތި މީހުން އައްޔަން ކުރަމުން ގެންދިއުމެވެ. ސޯޝަލް މީޑިއާގައި ހޫނުކޮށް މި ބަހުސު ހިނގަމުން ދިޔައެވެ. އެކަމަކު ސަރުކާރަށް ފެނުނު ބަހުސަކަށް ނުވިއެވެ.
އެމްޑީޕީގެ ނާކާމިޔާބީގެ ވަރަށް ބޮޑު ހިއްސާއެއް ހައުސިންގ މިނިސްޓަރު އަސްލަމްގެ އިސްތަށިފުޅުގައި އެޅޭނޭކަން ކަށަވަރެވެ. އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި އެއްވެސް ވާހަކަފުޅަކުން މާލޭގެ ރައްޔިތުންނަށް ލިބުނު އެއްވެސް އުއްމީދެއް ނެތެވެ. ޕްރެސް ކޮންފަރެންސްތަކުގައި ދެފަހަރު ދެ ގޮތަށް ވާހަކަ ދެއްކެވުން ދިޔައީ ގިނަ ކުރައްވަމުންނެވެ. ފަސްގަނޑުމަތީގައި ތަނެއް ނުހެދި، ހެދިފައި ހުރި ތަންތަން މީހުންނަށް ނުލިބި އުޅެނިކޮށް މޫދުގައި ސިޓީއެއް ބިނާ ކުރެއްވުމުގެ ވަހަކަފުޅު ދައްކަވައި މަޝްރޫއު އިފްތިތާހުވެސް ކުރެއްވިއެވެ. އެކަންވެސް ވެގެން ދިޔައީ މާލޭ ރައްޔިތުންގެ ފާރުގަނޑުގައި އެޅުނު ތޫނު ބޭހަކަށެވެ. ހައުސިންގ މިނިސްޓަރުގެވެސް އަދި ރައީސުލްޖުމްހޫރިއްޔާގެވެސް މައިގަނޑު ވާހަކަފުޅަކަށް ވެގެން ދިޔައީ ފައިބެ ސަރުކާރުގެ ކޮތަރުކޮށިގެ ވާހަކައާއި މާލޭގެ ރައްޔިތުން ހާލުގައި ޖެއްސި ގޮތުގެ ވާހަކައެވެ. އެއިން ވާހަކައަކުންވެސް މާލޭ ރައްޔިތެއްގެ މައްސަލައެއް ހައްލެއް ނުވިއެވެ.
މާލެއިން މި ފަހުގެ ތާރީޚެއްގައި ފެންނާން ހުރި ތަރައްގީގެ މަސައްކަތުގައި ޕީޕީއެމުން މޭޔަރު ކަމަށް ކުރިމަތިލެއްވި ޑޮކްޓަރ މުޢިއްޒުގެ ހިއްސާ ބޮޑުކަމީ ދެކޮޅު ހެދޭން ނެތް ހަގީގަތެކެވެ. އެ ކަންކަމުގައި ކޮރަޕްޝަނާއި ވައްކަން އެކުލެވޭ ކަމަށް ބުނުމަކީ އެއިން އެއްވެސް ކަމެއް ޣާއިބުވާނޭ ކަމެއް ނޫނެވެ. ބުރިޖު އަޅާން ދެގުނަ ޚަރަދުކޮށް، ފައިސާއިން ވައްކަން ކުރިކަމަށް ކިތަންމެ ބާރަށް ގޮވި ނަމަވެސް ބުރިޖު ފެންނާން އެބައޮތެވެ. ބުރިޖުގެ ފަސޭހައާއި ފައިދާ ފެންނާ އެބައޮތެވެ. މާލޭގެ ރިންގްރޯޑާއި ސިނާއީ ސަރަހައްދާއި ދަރުމަވަންތަ ހަސްފަތާލާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކައަކުން އެއިން އެއްވެސް ކަމެއް ފޮރުވޭ ގޮތެއް ނުވެއެވެ. މިއީ ޑޮކްޓަރ މުއިއްޒަށް ލިބިވަޑައިގަތް ހެޔޮ ފުރުސަތެކެވެ. އެމަނިކުފާނަށް ވޯޓު ދިން މީސްމީހުން ކޮންމެވެސް ވަރަކަށް އެމަނިކުފާނަށް އިތުބާރު ކުރާން ޖެހުނު ސަބަބެކެވެ. މުޅިން ރުހިގެންނެއް ނޫނެވެ. މި ސަބަބާ އެއްވަރު ސަބަބެއް ނުވަތަ ގާތްކުރާ ވަރުގެ ސަބަބެއް ސަރުކާރަށް ނުދެއްކުނީމައެވެ.
އެމްޑިޕީން ނުވަތަ ސަރުކާރުން ގެންދިޔައީ އެކި ކަހަލަ ވާހަކަތައް ދައްކަމުންނެވެ. މަންޒަރެއް ނުފެނެއެވެ. ފުލެޓަކަށް މީހަކު ނުވަދެއެވެ. ވަންނާނޭ ތާރީޚު އެތައް ފަހަރަކު އިއުލާނު ކުރިއެވެ. އެއިން އެއްވެސް ތާރީޚެއްގައި އެކަމެއް ނުތްވެވެ. އެހެންވީމާ މާލޭގެ ރައްޔިތުންގެ ކުރިމަތީގައި އޮތީ ވާހަކަތަކަކާއި މަންޒަރުތަކެކެވެ. ސަރުކާރުން ދެއްކި ވާހަކަތަކުގެ ތެރެއިން ކުޑް މިންވަރެއް ހަގީގަތަކަށް ހެދުނު ނަމަވެސް ރައްޔިތުންނަށް އުއްމީދުތަކެއް ލިބުނީހެވެ.
މި ފަހަރުގެ ލޯކަލް ކައުންސިލް ކެމްޕޭނުގައި ޕީޕީއެމަށް ކުރެވުނީ ކިހައިވަރެއްގެ މަސައްކަތެއް ހެއްޔެވެ؟ އެމްޑީޕީގެ މަސައްކަތާ ގާތް ކުރާ ވަރަކަށްވެސް މަސައްކަތް ކުރެވިފައެއްނެތެވެ. ނުވަތަ ކުރިޔަދީފައެއް ނެތެވެ. ހަގީގަތުގައި ޕީޕީއެމްގެ ކެމްޕޭނުގެ ބޭނުމެއްވެސް ނެތީއެވެ. އެކަންވެސް ކުރަމުން ގެންދިޔައީ ސަރުކާރާއި އެމްޑިޕީންނެވެ.
އައްޑު އަތޮޅަށް ބަލާއިރުވެސް ފެނުނީ މާޒީން ފިލާވަޅެއް ނުހޯދުމުގެ ނަތީޖާއެވެ. ރައީސް ޔާމީނުގެ ދައުރުގައި އެމަނިކުފާނު އައްޑު އަތޮޅަކަށް އެކަށިގެންވާ ސަމާލުކަމެއް ނުދެއްވައެވެ. އެކަމަކު ރިޔާސީ އިންތިޚާބުގެ ކެންޕޭނުގެ ތެރޭގައި ވަޑައިގެން ވަރަށް ގިނަ ކަންތައްތައް ކުރެއްވުމުގެ ވާހަކަފުޅު ދެއްކެވިއެވެ. ބައެއް މަސައްކަތް ފައްޓަވައިދެއްވިއެވެ. އެކަމަކު އެކަން އައްޑޫގެ ރައްޔިތުން ގަބޫލެއް ނުކުރިއެވެ. ރައީސް ޔާމީނަށް ވޯޓެއް ނުލިއެވެ. މިފަހަރުވެސް މިވީ އެހެންނެވެ. ވޯޓުލާ ދުވަހަށް ވިއްސަކަށް ދުވަހަށް ވީމާ އައްޑު އަތޮޅުގައި ފުލުފުުގައި ފެއްޓި މަސައްކަތުގެ ނަތީޖާއެއް ނުނުކުތެވެ.
އެމްޑީޕީގެ މެންބަރުންނަކީ ނުވަތަ އެމްޑިޕީއަށް ވޯޓުން ދެމުން އައި މީހުންނަކީ މޮޔައިންނެއް ނޫނެވެ. އަނދިރި ބީރު ބައެއްވެސް ނޫނެވެ. ޕާޓީއަށް ތާއީދު ކުރި ނަމަވެސް ހަގީގަތްވެސް ގަބޫލުކުރާ ބައެކެވެ. ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އެމްޑިޕީން ކުރަމުން ދިޔހައި ކަމެއް ކުރަމުން ގެންދިޔައީ އެމީހުންގެ ކުރިމަތީގައެވެ. ގާތް މީސްމީހުންނާއި އާއިލީ މެންބަރުންނަށް ބޮޑެތި ވަޒީފާތަކާއި ކުންފުނިތަކުގެ އިސް މަގާމުތައް ހަމަޖައްސަމުން ގެންދިޔައީ ފާޅުގައެވެ. ކޮރަޕްޝަނާއި މަރުގެ މައއްސަލަތައް ބެލުމުގެ ނަމުގައި މީހުންނަށް އެނގިބާވެފައި ހުރި ވާހަކަތައް ދައްކަމުން ދިޔައީވެސް ފާޅުގައެވެ. ކުދިކުދި ކަންތައްތައް ކުރާ "ދެކޮޅުވެރިން"ގެ ހަންދަމާލައި ބޮޑެތި ކުށްކުރި ގާތް މީހުން ސަލާމަތް ކުރަމުން ގެންދިޔައީވެސް ފާޅުގައެވެ.
އިންޑިއާގެ އުނގަށް ރާއްޖެ ވެއްޓެމުން ދިޔައީ ހަލުވިކަމާ އެކީގައެވެ. ރާއްޖޭގެ އިސްތިގުލާލަށް ބުރޫ އަރާ ކަހަލަ ކަންތައް ދިޔައީ ފާޅުގައި ކުރަމުންނެވެ. އެއީ އެކި ކަހަލަ ފޮނި ވާހަކަތަކުން ފޮރުވުނު ކަންކަމެއް ނޫނެވެ. ޒުވާނުންގެ ހޮޅުއަށިކަމުގައިވާ މީސްމީޑިއާގައި އަޑު ހިއްޕާލާފައި ހުރީ މިފަދަ ވާހަކަތަކުންނެވެ. އެކަމަކު އެއީ ކަންކުއްޗަށް ހިނގާ ކުދިބައެއްގެ ސަކަރާތެއް ކަމަށް ކިޔަމުން އެ ވާހަކަތަކަށް ބީރުކަންފަތެއް ދިނީއެވެ.
ރާއްޖޭގައި ބޭނުންވާ ވަރަށް ފައިސާ އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވަމުން ގެންދެވިއެވެ. އެކަމަކު ޚަރަދު ކުރަން ޖެހޭ ކޮންމެ ފަހަރަކު އޮންނަނީ ވަތުޖެހިފައެވެ. އެއީ މިހާރު ނުކުމެ ތިބި ރައްޔިތުންނަކަށް އޮޅުވައިލެވޭ ވަރުގެ ކަމަކަށް ނުވިއެވެ. އަދަދުތައް ކިޔާއިރު އެއްކޮށް ކަނޑައި ގުނަކޮށް ގެއްލީމާ ނުކުންނަ ނަތީޖާ ދިމާނުވާކަން ދަންނަ މީހުން މިހާރު މާ ގިނައެވެ. އޮޅުވައިލުމުގެ ބަދަލުގައި ސީދާ ތެދުބަހުން ރައްޔިތުންނަށް މައުލޫމާތު ދިންނަމަ މާ ފަސޭހައިން ގަބޫލު ކުރީހެވެ. މީގެ ކުރީގެ ސަރުކާރުތަކުންވެސް ބޮޑެތި ދޮގު ހެދީމާ ނުކުތް ނަތީޖާ އޮތީ ފެންނާށެވެ. އެ ނަތީޖާއަކުން ފިލާވަޅެއް ލިބިގަންނާނަކަށް މިހާރު ތިބި މީހުންނަކަށް ނޭނގުނެވެ.
ކޯވިޑްގެ ހާލަތުގައި ކުރިއަށް ނުގެންދެވިގެން ހުއްޓާލި ނުވަތަ މަޑު ޖައްސައިލި މަޝްރޫއުތައް ދިހަވަރަކަށް ދުވަހުގެ ތެރޭގައި ކުއްލިއަކަށް ފަށައިގަތީ ކޯވިޑްގެ ހާލަތުން އަރައިގަނެވިގެން ނޫންކަން ރައްޔިތުންނަށް އެނގުނެވެ. ބަލިމަޑުކަމެއްގައި އަޅަމުން ގެންދިޔަ ފިޔަވަޅުތަކުގެ ތެރެއަށް ކުއްލިއަކަށް ސިޔާސީ ނުފޫޒު ވަދެގެން ދިޔަގޮތް އެއީ ސިއްރެއް ނޫނެވެ. ހެނދުނު އަޅާ ފިޔަވަޅު އޮއްސޭ އިރާއެކު ބަދަލުކޮށްފައި އެބަހުއްޓެވެ. މީހުން ތިބީއަކީ އެކަހަލަ ކަންތައް ކޮށްފައި ދައްކާ ފޮނި ވާހަކަ އަޑު އަހާ ގޮތަކަށް ނޫނެވެ.
އެމްޑިޕީގެ ސަޕޯޓަރުންގެ ބޮލުގައި އަޅުވައިފައި އޮންނަ އެންމެ ބޮޑު އިލްޒާމަކީ ކިތަންމެ ތާކުންތާކު ނުޖެހޭ ވާހަކައެއް ލީޑަރުން ދެއްކެވިޔަސް އެ ވާހަކައެއް ގަބޫލު ކުރާނޭ ކަމުގެ ތުހުމަތެވެ. އެކަމަކު އެއީ ހަގީގަތެއް ނޫންކަން ފެނިއްޖެއެވެ. ސަބަބަކަށް ފެންނަނީ އާ ނަސްލެއްގެ ތެދުވުމެވެ. އާ ވިސްނުންތަކެއްގެ އުފަންވުމެވެ. ވަރަށް ބޮޑެތި ގެއްލުންތަކާއެކުވެސް އާ ނަސްލުން ރާއްޖެ އެހެން ދިމާއަކަށް ގެންދާނޭ ކަމުގެ އަސަރު ފެނުމަކީ އުފާ ކުރުން ހައްގު ކަމެކެވެ. އިއްޔެ އެކަންޏެއް ނޫނެވެ. ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ސަމާލުކަން ދިން ނަމަ އެ މަންޒަރު ފެންނަތާ ކިތަންމެ ދުވަހެކެވެ. މިހާރު އޮތީ 2008 ވަނަ އަހަރުގެ ވޯޓު ބޭންކެއް ނޫނެވެ. މިހާރު ތިބީ ޒުވާނުންނެވެ. އައު ވިސްނުމަކާއެކު ތެދުވެ ތިބި ބައެކެވެ. އުފާ ކުރަން ޖެހޭ ކަމަކީ ރާއްޖޭގެ ސިޔާސީ ވިސްނުމާއި ފިކުރުގެ މިސްރާބަށް އައި ބަދަލެވެ. ލަސްލަހުން ނަމަވެސް ދެން ދާނީ ބަދަލުވަމުންނެވެ. ވޯޓުގެ ބާރު ބޭނުން ކުރަމުންނެވެ. ހަވާދު ފުނޑައިދީގެންނާއި ބައިސިކަލު ދުއްވައިގެންނާއި ކުދިން އުރައިގެން ވޯޓު ލިބުނު ދުވަސް މާޒީ ވަނީއެވެ. ސިޔާސީ އައު ޒަމާނަކަށް އިރުއެރީއެވެ.
މިއީ ހުރިހައި ޕާޓީއަކުން ވިސްނާން ޖެހޭ ކަމެކެވެ. ޕީޕީއެމަށް މުހިއްމު އެތައް ގޮނޑިއެއް ލިބުމަކީ ކަން ފަސޭހަ ކޮށްލައިގެން ތިބެވިދާނޭ ކަމެއް ކަމަށް ބަލައިގެން ފަރަކު ނުޖެއްސޭނެއެވެ. މުހިއްމު ގޮނޑިތަކެއް ގެއްލުނަސް އެންމެ ގިނަ ގޮނޑި ލިބުނީ އެމްޑިޕީއަށޭ ކިޔައިގެން އެ ޕާޓީއަކަށްވެސް އޮވެވޭކަށް ނޯންނާނެއެވެ. ސިޔާސީ ކުޅިގަނޑު އެހެން ގޮތަކަށް އަތުރާން ޖެހޭ ދުވަސް އައީއެވެ.