ފަޅިމޫނު - 42

(4 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރުޚްސާނާގެ މަންމައާއި ބައްޕަޔާ ދެމީހުން ތިބީ ފެންޑާގައި ނިދައިފައެވެ. އިރު އަރާން ގާތް ވެއްޖެއެވެ. ރޭގަނޑު ހަތަރުދަން ހޭދަވެގެން ދިޔައީ ވާހަކަ ކިޔުމާއި އަޑު އެހުމުގައެވެ. ކުރީއްސުރެ ބާދްޝާ ހުރީ ކޮޓަރި އެތެރެއިން ތަޅުލައިފައެވެ. އެކަމަކުވެސް ދެމަފިރިން ތިބީ ދުރުގައެވެ. ކައިރިއަށް އަންނާށޭ އެތައް ފަހަރަކު ރުޚްސާނާ ބުންޏެވެ. އެކަމަކު ބާދްޝާ ބީރައްޓެއްސެއްހެން ދުރުގައި ފާރަށް ލެނގިލައިގެން ރުޚްސާނާގެ ވާހަކަ އަޑުއަހާން ހުރީއެވެ. ވާހަކަ ނިމުނީމާ ބާދްޝާ ބުންޏެވެ. "ތިޔަ ދެއްކި ވާހަކައިގައި ތެދު ހުރީ ކިހައި ވަރަކަށް ކަމެއް އަހަންނަކަށް ނޭނގޭ. ކަންތައް ހިނގައި ދިޔަގޮތް ރަނގަޅަށް އެނގޭނީ ފަރުޒާނާއާ ދިމާވެގެން އޭނާޔާ ވާހަކަ ދެއްކުނީމާ."

"ބާދްޝާ ޖާނީ. އަހަރެން ބާދްޝާއާ އިނދެގެން މިގެއަށް އައި ފަހުން އަދި މިހައިތަނަކަށް އެއްވެސް ދޮގެއް ނުހަދަން. އަހަރެން އަބަދުވެސް މަސައްކަތް ކުރީ ބާދްޝާގެ އިތުބާރު ހޯދަން. އަހަރެން ދައްކާ ވާހަކައަކީ ތެދު ވާހަކަ ކަމަށް ބާދްޝާއަށް ގަބޫލު ނުކުރެވެނީތަ؟"

ބާދްޝާ ބޯ ހޫރައިލިއެވެ. "އަހަރެން މިހިރީ އެއް ފަހަރު މަކަރުގެ ދަށުވެފައި. ބޮނޑިއެއް ބޮއިފިން. އެހެންވީމާ ސީދާ ތެދު އަހަންނަށް ޔަގީން ނުކުރެވޭހައި ހިނދަކު ރުޚްސާނާގެ ވާހަކަ މުޅިއަކުން ގަބޫލެއް ނުކުރާނަން. ނިކަން ވިސްނައިލަބަލަ. ތިޔަ ހުރިހައި ވާހަކައެއް ކިޔައިދީ ނިންމި އިރުވެސް ފަރުޒާނާ ވީ ތަނެއް އަހަރެން ގާތު ނުބުނަމެއްނު؟"

"އޭނާ ވީ ތަނެއް އަހަންނަކަށް ނޭނގޭ. އެނގޭނަމަ އޭނާގެ ގާތަށް ބާދްޝާ ފޮނުވީމުސް. އޭރުން އަހަރެން މި ދައްކާ ވާހަކައިގެ ތެދުދޮގު އޭނާގެ ފުށުން އޮޅުންފިލުވިދާނެ."

"މިހާރުވެސް ތިޔަ މަސައްކަތް ކުރަނީ ތިމާގެ ތެދުވެރިކަން އަހަންނަށް ސާބިތުކޮށްދޭން. ތިޔަ މަސައްކަތް ކާވެނި ކުރެވުނު ދުވަހު ކުރި ނަމަ ކިހައި ރަނގަޅުވީސް. އެންމެ ފުރަތަމަ ދުވަހު އަހަންނަށް ހުރިހައި ވާހަކައެއް ތެދު ބަހުން ކިޔައިދިން ނަމަ ކިހައި ރަނގަޅު. އަހަރެންގެ ކަންތައްވެސް ވަކީން ކުޑައެއް ނޫން. ރުޚްސާނާގެ އަވަށްޓެރިއަކު އެހައި ކައިރީގައި އުޅުނުއިރުވެސް އަހަންނަކަށް ރޭކައެއްވެސް ނުލި."

އިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. އެހެން ހުރެފައި ބާދްޝާ އަހައިލިއެވެ. "ފަރުޒާނާ ނާޒިމްއާބާދު ދޫކޮށް ދިޔައީ ކިހައި ދުވަހެއް ފަހުން؟"

"އަހަރެމެންގެ ކާވެންޏަށް ހައެއްކަ މަސް ދުވަސް ވީތަނާ ހިނގައްޖެ."

"ރުޚްސާނާގެ ދެމައިންވެސް އަދި އަވަށު މީހުންވެސް އެމީހުންނާ ސުވާލެއް ނުކުރޭތަ؟ ކަލޭމެން ތިޔަ ދަނީ ކޮން ތަނަކަށްހޭ އެކަކުވެސް ނާހާތަ؟"

"އަހަރެމެންނެއް ނާހަން. އެމީހުން ދާން އުޅޭ ކަމެއްވެސް އަހަރެމެންނަކަށް ކުރިއަކުން ނޭނގޭ. އެނގުނީ ދިޔަ ތަނަކަށް ދިޔަ ފަހުން. އަވަށު މީހުން ބުނި ގޮތުގައި އެމީހުން ރާވާފައި އޮތީ ފުރަތަމަ ޕާޕޫޝަށް ގޮސް އެތަނުން ކުއްޔަށް ގެއެއް ހިފައިގެން އުޅެން. ފަހުން ގެއެއް ގަންނާނީޔޯ."

"އެއީ ރުޚްސާނާގެ އެންމެ ގާތް އެކުވެރިޔާ. އެވަރުގެ ގާތް މީހަކު ރުޚްސާނާ ދޫކޮށްލާފައި ދިޔައީ ކީއްވެގެން؟ އޭނާގެ އެޑްރެސް ރުޚްސާނާއަށް ނުދިނީ ކީއްވެގެން؟"

"އޭނާއަކަށް އަހަންނާ ވަކިންނެއް ނޫޅެވޭނެ. ދުރަށް ދިޔައީ ބާދްޝާއާ ހެދި. އަހަންނާ ބައްދަލު ކުރީމާ ބާދްޝާއާވެސް ދިމާވާނެތީ އޭނާ ބިރުގަތީ."

ބާދްޝާ ތުން އަނބުރައިލިއެވެ. "އަހަންނަށް މަކަރު ހެދި އިރަކު އޭނާ ބިރެއް ނުގަނޭތަ؟"

"ކޮންމެ މީހަކުވެސް ބިރުގަންނާނީ މަކަރު ހަދާ ފަހުން. ދޮގު ހަދާފަހުން."

"ބިރުގަންނަނީ އަހަރެން އޭނާ ކައިލަފާނެތީތަ؟"

"ކައެއް ނުލާނެ. އެކަމަކު އޭނާޔާ ބައްދަލު ކޮށްގެން ކުރާނޭ ކަމެއް އެނގެން ވާނެތާ."

"އަހަރެން ބޭނުން ވަނީ އޭނާ އަހަންނަށް މަކަރު ހެދި ސަބަބު އޮޅުންފިލުވަން."

"އެ ހުރިހައި ވާހަކައެއް އަހަރެން ކިޔައި ދީފީމެއްނު؟"

"އަހަރެން ބޭނުން ވަނީ އޭނާގެ ދުލުން އެ ވާހަކަތައް ކިޔައިދޭ އަޑު އަހަން."

"ތިޔަ އުޅެނީ އޭނާ ކިޔައިދޭ އަޑު އަހާކަށް ނޫން. ކެތްތެރިކަން ކުޑަވެގެން ތިޔަ އުޅެނީ އޭނާޔާ ބައްދަލުކުރާ ހިތުން. ބޭނުންވަނީ ދެމީހުންގެ ލޯތްބަކީ ދެ ދުވަހުގެ ކަމެއްތޯ ނޫނީ ދާއިމީ ކަމެއްތޯ ބަލަން. މިހާރުވެސް އެ ލޯބި ހަމަ އެ ގޮތަށް އެބައޮތްތޯ ބަލަން."

ބާދްޝާ ނަޒަރު އެއް ފަރާތްކޮށްލިއެވެ. އަދި އޭނާގެ ދަރިފުޅާ ދިމާއަށް ބަލަން ފަށައިފިއެވެ. ރުޚްސާާނާ ބުންޏެވެ. "އަހަންނާ ދިމާއަށް ނުބެލީމާ ވާހަކަ އޮއްބައިލެވުނީތަ؟ ބާދްޝާ އަކީ ދޮގުހަދާ މީހަކީމެއް ނޫނެއްނު؟ ސީދާ ތެދުބަހުން ބުނޭ. އަހަރެން ވަރިކޮށްފައި އޭނާޔާ އިންނާނަންތަ؟"

ބާދްޝާ މަޑުމަޑުން ހިނގައިފައި އަައިސް އެނދުގެ މަގަތުން އިށީނދެއްޖެއެވެ. އަދި އެނދުގައި ނިދާފައި އޮތް އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމައިލިއެވެ. "އަހަންނަކަށް ރުޚްސާނާ ވަރިއެއް ނުކުރެވޭނެ. ދޫކޮށެއްވެސް ނުލެވޭނެ. މީގެ ކުރިންވެސް އޮންނާނީ އެ ވާހަކަ ބުނެފައި. ދެން ޝައްކު ކުރަނީ ކީއްވެގެން؟ އަހަރެން ބޭނުން ވަނީ ހަމައެކަނި އޭނާޔާ ބައްދަލު ކޮށްލަން."

"ބައްދަލު ކުރުމުގެ ބޭނުމަކީ ކޮބާ؟ އަހަރެން މިއީ ބާދްޝާގެ އަނބިމީހާ. އަހަރެން ބާދްޝާއަށް އެއްވެސް ކަމެއް އުނި ވިޔަކަ ނުދެން. އެހެން މީހަކާ ބައްދަލު ކުރަން އުޅުމުގެ ބޭނުމަކީ ކޮބާ؟ އަހަރެންގެ ހިތުގައި ޖައްސަންތަ؟"

"ހިތުގައި ޖެހެންވީ ކީއްވެގެން؟ އޭނާ އެހެރީ އަހަންނަށް ބޭވަފާތެރި ވެފައި. މަކަރު ހަދާފައި. އަހަރެން ބޭނުންވަނީ އެއީ ހަމަ ހަގީގަތުގައިވެސް މަކަރެއްތޯ ބަލަން. ލޯބީގެ ކަންފުޅެއްވެސް ނެތީތޯ ޔަގީންކުރަން. އޭނާ އެހެރީ އަހަރެން މަޅިއެއްގައި ޖައްސައިގެން ރުޚްސާނާއާ ހަމައަށް ގެނެސްދީފައި. އޭނާ ބެލީ އަހަރެން މިއީ މޮޔައެއް ކަމުގައި. އަހަރެން އޭނާ ދިރިހުއްޓައި ދުލެއް ނުކުރާނަން. އަހަރެން މިއީ މޮޔައެއް ނޫން."

"ތިޔަ ކަހަލަ ވާހަކަ ނުދައްކާ. މިހާރު ބާދްޝާ ތިޔަ ހުރީ އެކަންޏެއް ނޫން. އަހަންނާއި މި ދަރިފުޅުގެ ޒިންމާ އޮތީ ބާދްޝާގެ ބޮލުގައި. މީހަކު މަރައިލުމަށް ފަހު ގޮސް ޖަލަށް ވަނީމާ އަހަންނާއި އަހަރެމެންގެ ދަރިފުޅަށް ވާނީ ކިހިނެއް؟ އަހަރެމެންނާ މެދު ވިސްނައިލަބަލަ."

ބާދްޝާ ކުއްލިއަކަށް ކޮޅަށް ތެދުވެއްޖެއެވެ. ކޮޓަރި ތެރޭގައި ކުރުކާލި ކަނޑަން ފަށައިފިއެވެ. އަދި ވަކި މީހަކާ މުޚާތަބު ނުކުރާ ކަހަލަ ގޮތަކަށް ކިޔަމުން ދިޔައެވެ. "އަހަންނާ މެދު ވިސްނާށޭ؟ ދަރިފުޅާމެދު ވިސްނާށޭ؟ ފަރުޒާނާއާ މެދު ވިސްނަން ބޭނުން ނުވިޔަސް ސިކުނޑި އެނބުރެނީ އެ ދިމާއަށް. ރުޚްސާނާއާ ދިމާއަށް ބަލައިލާ ކޮންމެ ފަހަރަކު ހަނދާން ވަނީ އަހަންނަށް ހެދި ބޮޑު ދޮގާއި މަކަރު. އެހެންވީމާ ލޯބިވަމުން ގޮސް އެންމެ ފަހުން އެ ލޯބި ނަފުރަތަށް ބަދަލު ވަނީ."

ރުޚްސާނާ ތެދުވެ އިށީނދެއްޖެއެވެ. "ނަފުރަތު ކުރާ ކަމަށް ވަންޏާ އަހަރެންގެ ކަރުގައި ހިފައި މަރައިލާ. އެއް ފަހަރުން މަރައި ނުލެވޭ ކަމަށް ވަންޏާ ލަސްލަހުން މަރައިލާ. ފަރުޒާނާގެ ނަން ކިޔައިގެން އަހަރެންގެ ނިދި ނަގައިލާ. ކާ ހިތް ކަނޑުވައިލާ. ފަރުޒާނާގެ ނަން ކިޔައިގެން އަހަރެންގެ ހަމަޖެހުން ނަގައިލާ. އަހަރެންގެ ހިތުގައި އުއްމީދުގެ ބައްތި ދިއްލުނަ ނުދީ. އަހަރެންގެ ހުރިހައި އެދުމެއް މަރައިލާ. އަހަރެން ބާދްޝާ ގެ އަނތްބަކަށްވީ ކާވެނީގެ ރަސްމީ ކަންތައް އޮންނަ ގޮތަށް ކޮށް ނިންމީމާ. އެހައިތަނުން އަހަރެން މި އިންނަނީ ވަފާތެރިކަމުގެ ނަމޫނާއަކަށް ވެގެން. އެހެން މީހަކުގެ ނަން ހިތަށް އަރުވައިލިޔަސް ހަޔާތްކުޑަ ކަމުގެ ލަގަބު ލިބޭނެ. އަހަރެން ބާދްޝާގެ ދިރިއުޅުމަށް އައީ މަކަރު ހަދައިގެން ކަމާމެދަކު އިންކާރެއް ނުކުރަން. އެކަމަކު އައުމަށް ފަހު ބާދްޝާގެ އަސީރަކަށް ވީގޮތް ހަނދާންކުރޭ. ފިޔައެއް ހުއްޓަސް މިތަނުން އުދުހިގެންނެއް އަހަންނަކަށް ނުދެވޭނެ."

"ތިޔަ ހުރިހައި ކަމެއް އަހަރެން ގަބޫލުކުރަން. އެކަމަކު ރުޚްސާނާ އަހަންނަށް މަކަރު ހެދި ކަމަށްވެސް ގަބޫލުކުރަން ވާނެ. އެ މަކަރުގެ މަތީން އަހަރެން ހަނދާން ނައްތައިލާނީ ކިހިނެއް؟"

"ޖާނީ. ތިޔައީ ކޮން ކަހަލަ މީހެއް. އަހަރެންގެ ދޮގާއި މަކަރު އެބަ ހަނދާންް ކުރަމު. އަހަރެންގެ ވަފާތެރިކަން ހަނދާނެއް ނުހުރޭ. ރަނގަޅާއި ނުރަނގަޅު އަދި ރުހޭ ކަންތައްތަކާއި ނުރުހޭ ކަންތައްތައް އެއް ތަރާދަކުން ނުކިރަނީ ކޮން ތަނެއްގައި؟ މަސް ވިއްކާ މީހުން މަސް ކިރަނީ ކަށްޓާވެސް އެކީގައެއް ނޫންތަ؟ ތަގުދީީރަކީ ބައެއް ފަހަރު ގަލުން ތެޅިޔަސް ބައެއް ފަހަރު މަލުން އެއްވަސްކުރާ އެއްޗެއް ނޫންތަ؟ ދުނިޔޭގެ ކަންތައް އޮންނަ ގޮތަކީ އެއީ. އެހެންވީމާ އަހަރެންގެ ކުށަށްވެސް މާފު ކުރަންވީނު؟ އަހަރެން އެހެން އެއްވެސް އެއްޗަކަށް ނޭދެން. މި އެދެނީ ހަމައެކަނި މާފަށް."

ބާދްޝާ އަނެއްކާވެސް އައިސް އެނދުގައި އިށީނދެއްޖެއެވެ. އިރުކޮޅަކު އެހެން އިނދެފައި އޮށޯވެއްޖެއެވެ. އަދި މަޑުމަޑުން ރުޚްސާނާ ގާތަށް ޖެހިލިއެވެ. "ދެން ރޯން ނުފަށްޓާތި. އަހަރެން ރުޚްސާނާއަށް މާފުކޮށްފިން."

"މާފުކުރި ގޮތެއް ބުނެބަލަ."

"މީގެ ފަހުން ރުޚްސާނާއަކީ ދޮގުވެރިއެކޭ މަކަރުވެރިއެކޭ ނުކިޔާނަން. ރުޚްސާނާ ކުރި ކަމަކީ ކުށެއް. ދެން އެކަހަލަ ކުށެއް ނުކުރާނެކަން އަހަންނަށް އެނގޭ."

"ނޫނޭ ޖާނީ. ތިޔަ ކަހަލަ މާފެއް އަހަރެން ބޭނުމެއް ނޫން. އަހަރެން މިއީ މަކަރުވެރިއެކޭ މުޅި އުމުރު ދުވަހު ކިޔަކިޔައި ހުއްޓަސް އެންމެ ރަނގަޅު. އަހަރެން އެކަމަށް ކެތްކޮށްފާނަން. އަންހެނަކަށް ކެތް ކުރަން އުނދަގޫ ކަމަކީ އޭނާގެ ފިރިމީހާ އެހެން އަންހެނެއްގެ ވާހަކަ ދެއްކުން. އެކަން އަދި ބާދްޝާއަކަށް ވިސްނައެއް ނުގަނެވޭ. ފަރުޒަނާގެ މަތީން ހަނދާން ނައްތައިލާ. މީގެ ފަހުން އޭނާގެ ނަންވެސް ނުކިޔާތި."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.