ފަޅިމޫނު - 28

(13 ޑިސެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ގަބުރުޚާނާއިން ނުކުތްއިރު ރުޚްސާނާގެ ބޮލުގައި ރިހެއެވެ. ގަބުރުތައް ފެނުނީމާ ތަބީއަތަށް ވެރިވީ އަޖައިބެއް ކަހަލަ ބުރަހެލި، ތުރާލެކެވެ. ފަރްޒާނާ ބުންޏެވެ. "މިހާރުއްސުރެ ބިރުގަންނާން ފެށީތަ؟ މާދަމާ ގަބުރު ފަޅައި ކުދިކޮށް ކޮށާން ޖެހުނީމާ ވާނީ ކިހިނެއް؟ ޑަކްޓަރަކަށް ވާން ބޭނުމިއްޔާ މި ހުރިހައި ކަމެއް ކުރަން ޖެހޭނެ. މިތާގައި މަޑުކޮށްލާ. އަހަރެން ކެންޓީނަށް ގޮސް ކޯކް ގަނެގެން އަންނާނަން."

ފޮތްތައް ޑެސްކުމަތީގައި ބަހައްޓައިފައި ފަރްޒާނާ ކެންޓީނާ ދިމާއަށް ހިނގައްޖެއެވެ. މާ ގިނަ އިރުތަކެއް ނުވެ ފިނިކުރި ދެ ފުޅި ހިފައިގެން އައިސް ދެމީހުން ދެ ފުޅި ބޯން ފަށައިފިއެވެ. އެވަގުތު ފަރްޒާނާގެ ލޮލުގައި އަޅައިގަތީ އޭނާގެ ފޮތެއްގެ ތެރެއިން ބޭރަށް ނުކުމެފައި އޮތް ކަރުދާސްކޮޅެކެވެ. އޭނާ އެ ކަރުދާސްކޮޅު ނަގައިގެން ކިޔައިލިއެވެ.

"ލޯބިވާ ފަރީއަށް. އަހަރެން ބޭނުންވަނީ އަންދައިލާ ކަހަލަ ރީތިކަމެއް ނޫނެވެ. ހިތަށް އަރާމު ހޫނުކަމެއް ވެރިވާ ކަހަލަ ރީތިކަމެކެވެ. އަހަރެންގެ ލޯބީގެ ޖަވާބު ލޯބިން ދޭނުހެއްޔެވެ؟"

ފަރްޒާނާ އެ ކަރުދާސްކޮޅު ރުޚްސާނާއަށް ފޯރުކޮށްލިއެވެ. "ނިކަން ބަލާބަލަ. އެ ލާނެތް ސޮރު މިއޮތީ އަހަންނަށް ސިޓީއެއް ފޮނުވާފައި."

ރުޚްސާނާ އެ ސިޓީ ކިޔައިލުމަށް ފަހު ބޮނޑިކޮށްލިއެވެ. އަދި ފަރްޒާނާގެ އަތަށް ދެމުން ބުންޏެވެ. "އަމިއްލަ ނަފުސު ތިޔަހައި ދެރަކޮށްލަނީ ކީއްވެގެން؟ މީގެ ދެގަޑިއެއްހައި އިރު ކުރިން އަހަންނަށް ލިބުނު ސިޓީ އަހަރެން ފަރްޒާނާއަށް ދެއްކިން. މިއީ އެހެން ވެގެން ކުރި ކަމެއްތަ؟ ތެދަށް ބުނޭ. މި ސިޓީ ލިޔުއްވީ ކާކު ލައްވައި؟"

ފަރްޒާނާ ބުންޏެވެ. "ރުޚްސާނާ. ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟ އަހަރެން މިއީ އަހަންނަށް ފިރިހެން ކުދިން ސިޓީ ލިޔެއޭ ކިޔައިގެން އިޝްތިހާރު ކުރަމުން ދުވާ މީހެއްތަ؟ އެހައި ގޮތްކުޑަ ކަމެއް އަހަރެން ކޮށްފާނޭ ކަމަށް ރުޚްސާނާ ގަބޫލު ކުރަނީތަ؟"

"އަހަންނަށް ރަނގަޅަށް އެނގޭ. ފަރްޒާނާ ތިޔަ މަސައްކަތް ކުރަނީ އަހަރެން ދެރަ ކުރަން. އަހަންނަށްވުރެ ކުރިއަށް އަރަން. ތިޔަ އުޅެނީ އަހަންނަށް ވުރެ ތިމަން ރީތިކަމަށާއި މޮޅު ކަމަށް ދައްކަން. ތިމަން މިއީ ވަށައިގެން ޕަރުވާނާ އެނބުރޭ އަލިގަދަ ބައްތިއެއް ކަމަށް ދައްކާން ވެގެން."

"ވިޔާނުދާ އަނގަ ނުތަޅާ. އަހަރެން މި ސިޓީ މީހަކު ލައްވައި ލިޔުއްވިއްޔާ ނުވަތަ އަމިއްލައަށް ލިޔުނިއްޔާ އެކަމެއް އަހަރެން ކުރީ ކޮން އިރަކު؟ އަހަރެން މުޅި ދުވަސް މި ހޭދަކުރީ ރުޚްސާނާއާއެކު. ކެންޓީނަށް ގޮސްފައި އަންނާން ހޭދަވީ ދިހަ ވަރަކަށް މިނިޓު ނޫނީ ދެމީހުން ވަތްކެއް ނުވޭ. އެވަގުތު ރުޚްސާނާ އިނީ މިތާނގައި. އަހަރެންގެ ފޮތްތައް މިހިރީ މިތާނގައި. ރުޚްސާނާ އިސްޖަހައިލައިގެން، އަހަރެންގެ ފޮތްތަކަށް ސަމާލުކަމެއް ނުދީ އިން ވަގުތު ކޮންމެވެސް މީހަކު މި ސިޓީ ފޮތަށް ލީކަމަށް ވެދާނެ... އެކަމަކު އަހަރެން މި ހުރިހައި ވާހަކައެއް މި ދައްކަނީ ކީއްކުރަން؟ ތިޔައީ އަހަރެންގެ މަންމަތަ؟ ރުޚްސާނާއަކީ މި ޒަމާނުގެ ކްލިއޮޕެޓްރާތަ؟ އަހަރެން މާ ދެރަކަމަށް ހީކުރަން ޖެހޭ ސަބަބަކީ ކޮބާ؟"

"އަސްލު ސަބަބަކީ ތިޔައީ. އަހަރެންގެ ކުރިމަތީގައި ތިމާއަކީ މާ ދެރަ މީހެއް ކަމަށް އިހުސާސް ކުރެވެނީ."

ފަރްޒާނާ "ހުނ..." އޭ ބުނެލުމަށް ފަހު ތުން އަނބުރައިލާފައި ފޮތްތައް ހިފައިގެން ދުރަށް ހިނގައްޖެއެވެ. އެ އުފެދުނު ދުރުކަން ދުރުވެފައި އޮވެއްޖެއެވެ. ބަހުގައި ދަތުރު ކުރާއިރުވެސް ދެމީހުން ތިބެނީ ދުރުދުރުގައެވެ. ގެއަށް ގޮސްފައިވެސް ދެމީހުން ވާހަކަ ދައްކައެއް ނޫޅެއެވެ. ދެމީހުންގެ މައިންނަށް މިކަން ވަރަށް ރަނގަޅަށް ފާހަގަ ކުރެވިއްޖެއެވެ. ދެ އެކުވެރިންގެ މެދުގައި ކޮންމެވެސް ހަމަނުޖެހުމެއް އުފެދިއްޖެކަން ދެނެގެންފިއެވެ. އެކަމަކު ދެމީހުން ސުލްހަވެރި ކުރުމަކަށް މަސައްކަތެއް ނުކުރެއެވެ. ދެމީހުންނަށް އެކަކު އަނެކަކާ ނުލައި ނޫޅެވޭނޭކަން މައިންނަށް އެނގެއެވެ.

ރޭގަނޑު ކާގަޑި ޖެހުނީމާ ރުޚްސާނާ އޭނާގެ ގޭގައި ކެއްކި ކާ އެއްޗެހި ހިފައިގެން ފަރްޒާނާގެ ގެއަށް ހިނގައްޖެއެވެ. "ވަރަށް ރުޅި ދެއްކިއްޖެއެއްނު؟ ދެން ކާން ހިނގާ."

ފަރްޒާނާ ބުންޏެވެ. "ނުކާނަން. އަހަރެން ބަނޑުހައެއް ނުވޭ. ގެއަށް ގޮސް އެކަނި އިނދެގެން ކައިލާ."

"ދާންވީ ކީއްވެގެން؟ މިއީވެސް އަހަރެންގެ ގެއެއް ނޫންތަ؟ މާ ކަންތައްގަނޑު ބޮޑު ނުކޮށް..."

ފަރްޒާނާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ރުޚްސާނާ އޭނާގެ ފަހަތުން ކޮޓަރިއަށް އަތުވެއްޖެއެވެ. ފަރްޒާނާ ރުއްސޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ. އެކަމަކު އޭނާ ރުޚްސާނާއާ ދިމާއަށް ބަލައިވެސް ނުލިއެވެ.

ރުޚްސާނާ އޭނާގެ އަމިއްލަ މޫނުގައި ރަތް ކުލަ އުނގުޅައިފިއެވެ. ސިފަ ހުތުރުވާ ވަރަށް ކުލަ އުނގުޅުމަށް ފަހު ބުންޏެވެ. "އަހަރެން ދެކެ އެހައި ބޮޑަށް ރުޅި އަންނަންޏާ އަހަރެން ހިނގައިދާނަން. އަހަންނާ ދިމާއަށް އެއްފަހަރު ބަލައިލަބަލަ."

"އަހަރެން ބޭނުމެއް ނޫން ބަލާކަށް. ރުޚްސާނާއަކީ ވަރަށް ބޮޑާ މީހެއް."

"ނިކަން ބަލާލަބަލަ. އަހަރެންގެ ބޮޑާކަން މިހިރީ ފިލުވައިފައި."

ފަރްޒާނާ އިސް އުފުލައި ބަލައިލިއެވެ. އޭނާ ދިޔައީ ސިއްސައިގެންނެވެ. ރުޚްސާނާ ފެންނަނީ ކާޓޫނެއް ހެންނެވެ. އޭނާގެ ގާތަށް ހިނިއަތުވެއްޖެއެވެ. އަދި ތެދުވެ ރުޚްސާނާގެ ގައިގައި ބައްދައިލިއެވެ.

ރުޚްސާނާ ބުންޏެވެ. "ވަރަށް ރަނގަޅު. ފަރީއަށް ރަނގަޅީ އަހަރެންގެ މޫނު ހަޑިކޮށް ހުރީމާކަން އެނގިއްޖެ. ދެމީހުން ވަކި ނުވެ އަހަރެންގެ މޫނު ހަޑިވާނެ ގޮތެއް މެދުވެރި ކުރައްވައިފިއްޔާ އަހަންނަށް މާ ރަނގަޅު."

ފަރްޒާނާ އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ. "ތިޔަ ކަހަލަ ސުންޕާ ވާހަކަ ނުދައްކާ. ހިނގާ ކާން ދާން. ބަނޑުހައި ވެއްޖެ."

އަނެއް ދުވަހުގެ މާހައުލު އޮތީ ވަރަށް ތަފާތު ވެފައެވެ. ކުލާހު ކުދިން ތިބީ ވަރަށް ހިމޭން ވެފައެވެ. އެ ދުވަހަކީ ގަބުރު ފަޅާން ޖެހޭ ދުވަސް ކަމުގައި ވާތީ ކަންބޮޑު ވެފައެވެ. ހުރިހައި ކުދިން ހެދުން ބަދަލުކުރާ ކޮޓަރިއަށް ވަދެއްޖެއެވެ. ގަބުރުތައް ހުންނަ ތަނަށް ދިއުމުގެ ކުރިން ވަކި ކަހަލަ ހެދުމެއް އަޅަން ޖެހެއެވެ.

ހެދުން ބަދަލު ކޮށްގެން ހުރިހައި ކުދިން ގަބުރު އޮތް ތަނަށް އަތުވެއްޖެއެވެ. ގަބުރު އޮތީ މޭޒެއްގެ މަތީގައި ބާއްވައިފައެވެ. މަތީގައި އޮތީ ހުދު ފޮތިގަނޑެއް އަޅައިފައެވެ. މޭޒުގެ ވަށައިގެން ތަބަށްގާޑިޔާ ހުއްޓެވެ. އެ ގާޑިޔާ ތަކުގައި ހުރީ ގަބުރު ފަޅަން ބޭނުން ވާނޭ އާލަތެވެ. މޭޒާ ދިމާ މަތީގައި ވަރަށް އަލިގަދަ ބޮތްކެއް ދިއްލާފައި އޮތެވެ. އެ ދުވަހަށް ހޮވާފައި ތިބި ދަރިވަރުން މޭޒުގެ އެއް ފަރާތުގައި އެތުރިލިއެވެ.

ކިޔަވައިދޭ ޑަކްޓަރު ހުރީ މޭޒުގެ އަނެއް ފަރާތުގައެވެ. ފުރަތަމަ ކިޔައިދިނީ ތަބަށްމޭޒުގައި ހުރި އާލަތް ބަހައްޓާނޭ ތަރުތީބެވެ. އޭގެ ފަހުން އެ ނަގައިދޭނޭ ގޮތާއި، ބޭނުން ކުރާނޭ ގޮތް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އެޔަށް ފަހު ދަރިވަރުން ދެ ޖަމާއަތަކަށް ބަހައިލިއެވެ. ފުރަތަމަ ޖަމާއަތުގެ ކަމަކަށް ހަމަޖެއްސީ ގަބުރު ފަޅައި ކުދިކޮށް އަމަލީ ތަޖުރިބާ ހޯދުމެވެ. ދެވަނަ ޖަމާއަތުގެ ކަމަކީ ގަބުރު ފަޅާ ކުދިންނަށް އާލަތް ފޯރުކޮށް ދިނުމެވެ. އިރުޝާދު ދިނުމަށް ފަހު ގަބުރުގެ މަތީގައި އަޅައިފައި އޮތް ފޮތިގަނޑު ނަގައިފިއެވެ. ފޮތިގަނޑު ނެގުމާއެކު ބައެއް ކުދިން އަނގމަތީގައި އަތް އެޅިތަންވެސް ފެނުނެވެ. ފަރްޒާނާ ތުރުތުރުއަޅާ އަތަކުން ރުޚްސާނާގެ ކޮނޑުގައި ހިފައިލިއެވެ. ގަބުރު އޮތީ ލޯ ހުޅުވައިގެން އޭނާޔާ ދިމާއަށް ބަލަހައްޓައިގެންނެވެ.

އިންސާނާ މަރުވާ ވަގުތު ލޯ މަރައިލައެވެ. ދިމާވާ ގޮތަކުން ލޯ މަރައިނުލައިފިނަމަ ކައިރީގައި ތިބި މީހުން ލޯ މަރުވައިލައެވެ. އެކަމަކު ބައެއް ފަހަރަށް އެކަން ނުކުރެވިވެސް ދެއެވެ. އެހެން ދިމާވެއްޖެ ނަމަ ޅެންވެރިޔާ މި ބުނާ ގޮތަށް ވެދެއެވެ.

"މަރުވުމަށް ފަހުވެސް އަހަރެން މިހިރީ ވަފާތެރިކަންމަތީގައެވެ.

ކަލާގެ އިންތިޒާރުގައި އަދިވެސް މި އޮތީ ލޯ ހުޅުވައިގެންނެވެ."

ރުޚްސާނާ ހުއްޓިގެން ހުރީ ފަރްޒާނާއާ ޖެހިގެންނެވެ. ދެމީހުން ހިމެނުނީ އެއް ޖަމާއަތެއްގައެވެ. އެއީ ގަބުރު ފަޅާ ޖަމާއަތެވެ.

ގަބުރު ފެޅުމުގެ މަސައްކަތް ކުރާއިރު އާއްމު ގޮތެއްގައި ފަށަނީ ހިތާ ކައިރިން މެއިންނެވެ. ފެށުމާއެކު އެއް ކުއްޖަކު އަނބުރައިގެންފިއެވެ. "އަހަރެން މި ދަނީ ބޭރަށް." އެ ކުއްޖާ ނުކުމެގެން ހިނގައްޖެއެވެ.

ފެޅުމުގެ މަސައްކަތް ދިޔައީ ކުރިއަށެވެ. ކުރިއަށް ދަނީ ކިހިނެއްކަން އެނގޭނީ އެކަން ކުރާ ބަޔަކަށެވެ. ފަރްޒާނާއާއި ރުޚްސާނާގެ ހާލު މުޅިއަކުން ރަނގަޅެއް ނޫނެވެ. ގަބުރުގެ މޫނަށް ބަލައިލާކަށް ދެމީހުންކުރެ މީހަކަށް ނުކެރުނެވެ. ގަބުރުގެ ހުޅުވިފައިވާ ލޯ ފެނުނީމާ ހަމަ މިހާރު ތެދުވެ އިށީނދެދާނެއޭ ހިތަށް އަރާ ވަރުންނެވެ.

ރުޚްސާނާގެ ހިތްވަރު ތަންފުކެއް ރަނގަޅެވެ. ފަރްޒާނާއަކީ އެހައި ހިތްވަރު ގަދަ މީހެއް ނޫނެވެ. އެހެންވީމާ ބިރުގަތުން މާ ބޮޑެވެ. އޭނާ ގޭގައި އެކަނި ކޮޓަރީގައި ވަގުތު ހޭދަ ކުރެއެވެ. އެކަމަކު ގަބުރަކާ އެކީ ވަގުތު ހޭދަ ކުރާކަށް ނުކެރޭނެއެވެ. މި ވަގުތު އޭނާ ހުރީއަކީ އެކަންޏެއް ނޫނެވެ. އެކަމަކު މިހާރުވެސް ހިތަށް އަރައެވެ. އިރުކޮޅަކުން ކަރަންޓު ކެނޑިދާނެއެވެ. އަނދިރީގެ ތެރޭގައި ގަބުރު ތެދުވެދާނެއެވެ.

އޭނާ ބިރުގެންފައި ބޭރަށް ނުކުންނާން ހުރި ދޮރާ ދިމާއަށް ބަލައިލިއެވެ. އޭނާ ގެންދިޔައީ އޭނާ ހުރި ތަނާއި ދޮރާ ދެމެދު ހުރި ދުރުމިން ލަފާ ކުރަމުންނެވެ. އެއީ ކަރަންޓު ކެނޑި އަނދިރިވުމާއެކު ދުވެފައި ގޮސް ނުކުމެވޭނޭ މަގު ތަނަވަސް ކޮށްގެން ހުރުމަށްޓަކައެވެ. ޑަކްޓަރުންނަށް ވާ ހުރިހައި މީހުންނަކީ ހިތްވަރުގަދަ ބައެއް ނޫނެވެ. ގިނަ މީހުން ކުރާ ކަމަކީ ފިނޑިކަން ފޮރުވުމެވެ. ފަރްޒާނާވެސް މި ވަގުތު ކުރާ ކަމަކީ އެއީއެވެ. ހިތްވަރުގަދަ ކަމަށް ހެދިގެން ހުރެ ކުލާހުގައި ބައިވެރިވީއެވެ.

މަޑުމަޑުން ގޮސް ގަބުރު ފަޅައި ނިމިއްޖެއެވެ. ގަބުރު މިހާރު އޮތީ ކުދި އެތިކޮޅުތަކަކަށް ވެފައެވެ. އެއިން އެއްވެސް އެތިކޮޅެއް ބޭރަށް ގެންދިއުމަކީ މަނާ ކަމެކެވެ. އެހެންވީމާ ކުރާ ކަމަކީ އަލިފާންއާވި ޖަހައިގެން އަންދައިލުމެވެ. އެތާނގައި އަލިފާން ފުޅިފުޅިއަށް އަޅައިފައި ހުއްޓެވެ. ފަރުޒާނާ އެއިން ފުޅިއެއްގެ މަތި ނަގައިގެން މަސްކޮޅުތަކަށް އަލިފާން އާވި އަޅާން އުޅެގެންފިއެވެ. އޭނާގެ ކަނާތްފަރާތުގައި ހުރީ ފިރިހެން ކުއްޖެކެވެ. ވައަތް ފަރާތުގައި ހުރީ ރުޚްސާނާއެވެ. ފުޅި ހުރީ ވައަތް ފަރާތުގައެވެ. ގަބުރުގެ އަތްވެސް އޮތީ އެ ފަރާތުގައެވެ. އޭނާ މަޑުމަޑުން އަތަށް އަލިފާންއާވި އަޅާން ފަށައިފިއެވެ. ބަލަން ހުރީ ސީދާ ފުޅިއާ ދިމާއަށެވެ. ކުއްލިއަކަށް ކަނާތްފަރާތުގައި ހުރި ކުއްޖާ ކުރި ކަމަކުން އަތަށް ހަރަކާތެއް އަތުވެއްޖެއެވެ. ފަރްޒާނާއަށް ހީވީ ގަބުރު ހަރަކާތްކުރީ ކަމުގައެވެ. އިސާހިތަކު ތެދުވެދާނޭ ކަމުގައެވެ. އޭނާއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. އަތުގައި ހުރި ފުޅި އަތުން ދޫވެއްޖެއެވެ. ފުޅި ވެއްޓިގެން ދިޔަ ވަގުތު ރުޚްސާނާގެ މޫނަށް އަލިފާންއާވި ބުރައިފިއެވެ. އޭނާ ދޮރާ ދިމާއަށް ދުއްވައިގެންފިއެވެ. އެ ވަގުތު ރުޚްސާނާގެ ވޭންދެނިވި ހަޅޭކާއި ރުއިމުގެ އަޑު އިވެއެވެ. ދޮރާ ދިމާއަށް ދުވެފައި ދިޔައީ އޭނާ އެކަންޏެއް ނޫނެވެ. އޭގެ ކުރިންވެސް ބިރުން އަވަދިވޭވެ ތިބި އެހެން ކުދިންވެސް އޭނާގެ ފަހަތުން ދުވަމުން ދިޔައެވެ. އެ ވަގުތު ރުޚްސާނާއަށް ވީ ގޮތެއް އެކަކުވެސް ނުބަލައެވެ.

ރުޚްސާނާ އޮތީ ބިންމަތީގައި ތެޅިތެޅިއެވެ. ޑަކްޓަރާއި ދެ ފިރިހެން ކުއްޖަކު އޭނާއަށް އެހީތެރިވާން އުޅެގެންފިއެވެ. ވެގެން އުޅޭ ގޮތް އެމީހުންނަށް އެނގުނީވެސް ރުޚްސާނާގެ މޫނު ފެނުނީމައެވެ. އޭނާގެ މޫނުގެ އެއްފަޅި ހުރި އަނދައިފައެވެ. އެމީހުން އޭނާ ނަގައިގަނެގެން އެހެން ކޮޓަރިއަކަށް ގެންގޮސް ސިއްހީ ފަރުވާ ދޭން ފަށައިފިއެވެ.

ރުޚްސާނާ ކޮޓަރިއަށް ގެންދެވުނު އިރު އޮތީ ހޭނެތިފައެވެ. ހޭއެރި ފަހުންވެސް އޭނާގެ މޫނު، އޭނާއަކަށް ނުފެނެއެވެ. އޭނާއަށް ގޮވައިލާން އަންނަ އެހެން ކުދިން ސުވާލު ކުރަމުން ގެންދެއެވެ. އޭނާގެ މޫނަށް ބަލައި ހަދައެވެ. އަދި ބައެއް ކުދިން މޫނުގެ ހެޔޮ ފަޅީގައި ފިރުމައިވެސްލައެވެ. ބައެއް ކުދިން ސުވާލު ކޮށްފައި ހަމަ އެ ސުވާލުގެ ޖަވާބުވެސް ދެއެވެ. ފަރްޒާނާގެ އަތުން އަލިފާންއާވި ފުޅި ދޫވީއެވެ. އޭގައި ހުރި އަލިފާންއާވި ރުޚްސާނާގެ މޫނަށް ބުރީއެވެ. މި އަޑު އިވިފައި ރުޚްސާނާގެ ހިތަށް އާދަޔާ ޚިލާފު ހިތި އަސަރެއް ކުރިއެވެ.

(ނުނިމޭ)

4 ޚިޔާލު

  1. އަޚް ނަޢީމްގެ މިވާހަަކަވެސް ރީތިވީމަ ގެނެސްދެވޭލެއް ލަސްކަމުން ވަރަށް ހިތާނަކުރަމެވެ. އެހެން ނުހައްދަވާ ތަންކޮޅެއް އަވަސްކޮށްދެއްވާ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.