ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓުގައި ހިމަނައިގެން ބޭރު ދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ މަތިން އިޝޫކުރުމަށް މަސައްކަތް ކުރަމުން އަންނަ އިސްލާމިކް ފައިނޭންސިން އިންސްޓްރޫމަންޓެއް ކަމަށެވެ. އަދި މިދިޔަ އަހަރުގެ ބަޖެޓް ބަޔާނުގައި ވެސް އެކަމަށް އަލި އަޅުވާލައި، ބަޖެޓް ކޮމިޓީއަށް ވެސް އެސުކޫކުގެ އެކި ކަންކަން ސާފުކޮށްދެވިފައި ވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އިސްލާމިކް ފައިނޭންސިން އިންސްޓްރޫމަންޓުތަކަކީ ކޮންވެންޝަނަލް ފައިނޭންސިން އިންސްޓުރޫމަންޓުތަކާ ޚިލާފަށް ޝަރީއާ ކޮމްޕްލައަންސް ކުރުމަށްޓަކައި އިންސްޓުރޫމަންޓުގެ ސްޓްރަކްޗާގައި އެސެޓެއް ބެކް ކުރެވިގެން އިޝޫކުރެވޭ އިންސްޓުރޫމަންޓުތަކެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.
އިސްލާމިކް ކޯޕަރޭޝަން ފޯ ދި ޕްރައިވެޓް ސެކް (އައިސީޑީ) އާއެކު ވިއްކުމަށް މަސައްކަތް ކުރާ މި ސުކޫކުގެ މައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކެއް ކަމަށް ފިނޭންސްގެ ބަޔާނުގައި ވެއެވެ. އެއީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާރޕޯސް ވެހިކަލް (އެސްޕީވީ) އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކޮށް، ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޓީވީގެ ބެނެފިޝަލް އޯނަޝިޕްގައިވާ އެސެޓް ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ދަރަންޏަށް ނަގާ ފަރާތަށް ލީސް ކުރުން ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން މި ސުކޫކް ވިއްކުމަށް އެސެޓެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނާޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ޤާނޫނީ ގޮތުންވެސް ދަރުމަވަންތަ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުމެއް ނޫންކަމަށްވެސް ބަޔާނުގައި ވެއެވެ.
"އަދި މި ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން މި މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެ. އަދި ހަމައެހެންމެ މި ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްވެސް ނުކުރެވޭނެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މިނިސްޓްރީގެ ބަޔާނުގައި ވަނީ 2017 ވަނަ އަހަރުވެސް ދައުލަތަށް ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީގެ އިމާރާތް ބޭނުންކޮށްގެން މިފަދަ ސްކޫކެއް ވިއްކުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ. ނަމަވެސް ޤާނޫނީ ގޮތުން ދިމާވި ގޮންޖެހުންތަކަކާ ހެދި އެސުކޫކު އިޝޫކުރެވޭ ގޮތް ނުވީ ކަމަށެވެ.
"ދައުލަތުން މަސައްކަތް ކުރަމުން ދަނީ ދައުލަތުގެ ބަޖެޓް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ އެންމެ އެކަށީގެންވާ އަގެއްގައި ދައުލަތުގެ ދަރަންޏަށް ދިމާވެދާނެ ހިރާސްތަކަށް ރިއާޔަތް ކުރުމަށްފަހު ހޯދޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުކޫކު ފަދަ އިސްލާމިކް ޑެޓް އިންސްޓުރޫމަންޓުތަކަކީ ދުނިޔޭގެ އިސްލާމީ އަދި އިސްލާމީ ނޫން ދައުލަތްތަކުންވެސް ހާއްސަކަމެއް ދީގެން އިޝޫކުރަމުން އަންނަ ޑެޓް އިންސްޓުރުމަންޓެކެވެ. " މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކޮށް ސްކޫކެއް ވިއްކަން އުޅޭކަމަށް ދެކެވޭ ވާހަކައިގެ ޙަޤީޤަތް ސާފުކޮށްދީ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ދޮގު މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
މިހާރު ހެލްތް މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ރަޖިސްޓްރީ ފިނޭންސް މިނިސްޓްރީގެ ނަމުގެ މައްޗަށް ، ބަދަލު ކޮށްދެއްވުމަށް، ސިޓީ ކައުންސިލްގައި އެދިވަޑައި ގެންނެވުމަށް އެދި ފިނޭންސް މިނިސްޓަރ ރައީސް ޞާލިޙަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.