
ސިޔާސީ އަދި އިންތިޚާބީ ބޭފުޅުން ބިޑް ކޮމެޓީތަކުގައި ނުހިމަނަން ޕްރޮކިޔުމެންޓް ޕޮލިސީ ބޯޑުން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ޕްރޮކިޔުމެންޓް ޕޮލިސީ ބޯޑުން މި ނިންމުން ނިންމާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާއަށް ރިއާޔަތްކޮށް ކަމަށެވެ. މި ގޮތަށް ނިންމުމުން ދައުލަތުގެ އެކި އޮފީސްތަކުގައި ގާއިމްކުރާ ބިޑް ކޮމިޓީތަކަށް ސިޔާސީ ގޮތުން އައްޔަނުކުރެވޭ ބޭފުޅުންނާއި އިންތިހާބީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން އައްޔަން ނުކުރެވޭނެއެވެ.
މާލިއްޔަތު ގަވައިދުގެ 10.13 ގައި ބުނާގޮތުން، ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިޔުމެންޓް މަސައްކަތުގެ ތެރެއިން ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމެޓީތަކުން ހުއްދަ ދޭންޖެހޭ ޕްރޮކިޔުމެންޓް މަސައްކަތް ކުރުމަށް ކޮންމެ އޮފީހެއްގައިވެސް ބިޑް ކޮމެޓީ އެއް އޮންނަން ޖެހެއެވެ. މިމާއްދާގައި ބުނަނީ ބިޑް ކޮމެޓީ އުފައްދައި، އެ ކޮމެޓީ އެކުލަވާލައި ކޮމެޓީ އައްޔަނު ކުރާނީ އެ އޮފީހެއްގެ އެންމެ އިސްވެރިޔާކަމަށެވެ. އަދި އެ ކޮމެޓީ އަށް އައްޔަނު ކުރާ މީހުންނަކީ އެ ކޮމެޓީގެ މަސައްކަތް ކުރުމަށް ބޭނުންވާ ފަންނީ ހުނަރާއި މައުލޫމާތައި ތަޖުރިބާ ހުރި މީހުންނަށް ވާންޖެހޭނެ ކަމަށެވެ. އަދި ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިޔުމެންޓް ޔުނިޓުތަކުގެ ނުވަތަ ޕްރޮކިޔުމެންޓުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ސެކްޝަނުގެ އެއްވެސް މުވައްޒަފަކު އެ ކޮމެޓީގައި ހިމެނިގެން ނުވާނެ ކަމަށެވެ.
ސިޔާސީ އަދި އިންތިޚާބީ ބޭފުޅުން ބިޑް ކޮމެޓީތަކުގައި ނުހިމަނަން ޕްރޮކިޔުމެންޓް ޕޮލިސީ ބޯޑުން ނިންމައިފައި މިވަނީ ކޯވިޑާ ގުޅިގެން ވެންޓިލޭޓަރތައް ގެނައުމުގައި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީން ބޮޑެތި ގޯސްތަކެއް ހަދައިފައިވާކަމުގެ ތުޙުމަތު ކުރެވިފައިވަނިކޮށެވެ. އެފަދަ ތުޙުމަތު ތަކެއް ބިޑް ކޮމެޓީއަށް ކުރެވިފައިވާއިރު އެބިޑް ކޮމެޓީގައި ސިޔާސީ ބޭފުޅުންވެސް ހިމެނިވަޑައިގެންނެވިއެވެ.