
ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް މިދިޔަ ފަސް އަހަރަށް ވުރެ މިހާރު މަތިކަމަށް ޔަގީން ކަމާއެކު ވިދާޅުވާން ކެރޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ބެންޗުމާކަކީ ތިން މަސްދުވަހުގެ އަސާސީ ތަކެއްޗަށް ބޭނުންވާ ވަރު ޔޫޒަބަލް ރިޒަރވްގައި ހުރުން ކަމަށެވެ.
އެހެންނަމަވެސް ރާއްޖޭގެ ބޭނުންކުރެވޭ ރިޒަރވްގައި ފަސް މަސްދުވަހުގެ ކާޑާއި ތެލާއި ބޭހަށް ބޭނުންވާ މިންވަރަށް ފައިސާ އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ ޚަރަދުތައް ކުޑަކުރުމުގައި އުނދަގޫތަކެއް ހުންނަކަމަށާއި އެއީ އޭގެ ސަބަބުން އާންމު ރައްޔިތުންނަށް ވެސް އޭގެ އަސަރު ކުރާނެތީ ކަމަށެވެ. އެކަމަކު ޚަރަދު ކުޑަކުރަން ޖެހޭ ހާލަތްތަކުގައި އެކަން ވެސް ކޮށްފައިވާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު އިތުރަށް ވިދާޅުވީ ބަޖެޓް އޯވަރޑްރޯ ކުރަން ނުވަތަ ފައިސާ ޗާޕުކުރަން މަޖިލީހުން ހުއްދަ ދީފައިވާ 4.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް ނުކުރާ ކަމަށާއި ފައިސާ ލިބޭ ވަރަކުން ލަމުން ދާ ނަމަ އެކަމުގެ މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ.