(23 އޮކްޓޯބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އިންޖިނޭރުބޭބެ ބޯ ކަހައިލާފައި ވިސްނާން ފަށައިފިއެވެ. އަދި ތަންކޮޅެއް ދުރަށް ގޮސް ދެކޮޅަށް ކުރުމާލިކަނޑާން ފަށައިފިއެވެ. ބާދްޝާ ޖާނީ ސުވާލުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. "އެންމެ ރަނގަޅު. ހިނގާ އަހަރެން ކަލެޔާއެކު ދާނަން. އެއީ ފުރަތަމަ ދުވަހު ފެނުނު ރުޚްސާނާތޯ ނުވަތަ ނޫންތޯ އަހަރެން ބަލާފައި ބުނާނަން."
ބާދްޝާ އުފަލުން ފޮޅިއްޖެއެވެ. "ވާހް...ވާހ... އިންޖިނޭރުބޭބެ ޒިންދާބާދު. ތިޔަހެން ވާން ޖެހޭނެ. ބޭބެ ކޮންމެވެސް ތަދުބީރަކުން ހަގީގަތް ދެނެގަންނާނޭކަން އަހަންނަށް ޔަގީން."
ދެމީހުން އެކުގައި ނާގިން ޗޯރަންގީއަށް އަތުވެއްޖެއެވެ. މަންމައާއި ދަރިފުޅާ ދެމީހުން އޭނާގެ އިންތިޒާރުގައި ތިއްބެވެ. އިންޖިނޭރުބޭބެ ފެނުނީމާ ދެމީހުންވެސް ބުރުގާ ރަނގަޅުކޮށްލިއެވެ.
ބާދްޝާ ބުންޏެވެ. "ބޭބޭ. އާދޭ. މިއީ ބޭބެގެ ގެއެއްނު؟ ބޭބެގެ ޅީދަރިފުޅު. ހިލޭ މީހަކު މިތާކު ނެތް."
މަންމަ ބުންޏެވެ. "އާނ. އެއީ ތެދެއް. އާދޭ... އާދޭ."
އިންޖިނޭރުބޭބެ ގޭތެރެއަށް ވަދެއްޖެއެވެ. އިށީންނާން ގޮނޑިއެއް ގެނެސްދިނީމައި އިށީނދެއްޖެއެވެ. ރުޚްސާނާ އިސްޖަހައިލައިގެން އިނދެ ސަލާން ގޮވައިލިއެވެ. ބޭބެ ހެޔޮ ދުޢާކުރުމަށް ފަހު އޭނާޔާ ދިމާއަށް އެއް ފަހަރު ބަލައިލުމަށް ފަހު އިސް ދަށަށް ޖަހައިލިއެވެ.
ރުޚްސާނާގެ މަންމަވެސް ގޮނޑިއެއްގައި އިށީނުމަށް ފަހު ބުންޏެވެ. "ރަނުގެ މައްސަލައިގައި ބޭބެޔާ އަހަންނާ ދެމެދު އޮތީ ކުޑަވަރެއްގެ އަރައިރުމެއް ވެވިފައި. ރަނުގެ ގޮތުގައި ފަންސާސް ހާސް ރުފިޔާ ޖެހީ އަހަރެންގެ ބުއްދިވެރިކަމުގެ ސަބަބުންކަން މިހާރު ގަބޫލު ކުރެވޭނެ. މި ޒަމާނުގެ ޒުވާން ފިރިހެން ކުދިންނަކީ ވަރަށް ރުޅިގަދަ އަދި މިޒާޖުގައި މާ ވަރުގަދަ ހޫނުކަމެއް ހުންނަ ބައެއް. ބާދްޝާ ޖާނީ ރުޅި އައިސްގެން އަހަރެންގެ ދަރިފުޅު ވަރިކުރިނަމަ މީހުންގެ ތެރެއަށް ނުކުމެ އުޅޭންވެސް ލަދު ގަތީސް. ސަލާމަތް ވެފައި އެހެރީ ފަންސާސް ހާސް ރުފިޔާގެ ސަބަބުން. ބޭބެ ގަބޫލު ކުރޭ. އަހަރެމެން މިއީ އަބުރުވެރި، ތެދުވެރި ބަޔަކީމު. އަހަރެމެންގެ ތެރޭގައި ވަރިއަކީ އެހައި ރަނގަޅު ކަމެއް ކަމަކަށް ނުބެލެވޭ. ކޮންމެ ސިފައެއްގައި ހުއްޓަސް އަހަރެންގެ ދަރިފުޅަކީ މިހާރު ބާދްޝާގެ އަބުރާއި އިއްޒަތް. އަބުރުވެރިކަމާއެކު ލޯބިން ގެންގުޅުނު ކަމުގައި ވިޔަސް ނުވަތަ ތަޅައި މަރައިގެން ގެންގުޅު ކަމުގައި ވިޔަސް ރުޚްސާނާ އެހެރީ ބާދްޝާއާއެކު މުޅި ދިރިއުޅުން ހޭދަކުރަން ކަނޑައަޅައި ނިންމައިގެން. އޭނާ ދުވަހަކުވެސް ވަރިއަކަށް ނޭދޭނެ."
އިންޖިނޭރުބޭބެ އިސް ޖަހައިލައިގެން އަޑުއަހާން އިނެވެ. ދޭތެރެދޭތެރެއިން ރުޚްސާނާއާ ދިމާއަށް ބަލައިލައެވެ. އެއީ އެއްކަހަލަ ދުވަހު ގަރާޖަށް އައި ކުއްޖާތޯ ނުވަތަ ނޫންތޯ ކަނޑައަޅަން މަސައްކަތް ކުރަނީއެވެ. އޭނާއަށް ރުޚްސާނާ ފެނިފައި ވަނީ އެންމެ ފަހަރަކުއެވެ. އެހެންވީމާ އެހެން ބަލައިގެން ފާހަގަ ކުރެވޭ ވަރެއް ނުވިއެވެ. ދެން އޮތީ ބުއްދީގެ ބޭނުން ކުރުމެވެ. "ދަރިފުޅާ. ބޭބެ ދެތިން ސުވާލެއް ކޮށްލާނަން. ހިތުގައި ނުލާތި. ދަރިފުޅު އެންމެ ފުރަތަމަ ގަރާޖަށް އައި ދުވަހު ކާރުގެ ކައިރިއަށް އައިސްފައި ބާދްޝާ ކުރެން އެހީ ކީކޭ؟"
ރުޚްސާނާ ޖަވާބު ދިނެވެ. "ބޭބޭ. ތިޔައީ ކުޑަ ކުއްޖަކަށްވެސް ޖަވާބު ދެވޭ ކަހަލަ އާދައިގެ ސުވާލެއް. ކުލީކާރެއްގެ ކައިރިއަށް އައިސްފައި ކާރު ހުސްހެއްޔޭ އެހުން ނޫން ސުވާލެއް މީހަކު ކުރާނެތަ؟"
"ދަރިފުޅާ. ތިޔައީ ތެދެއް. ދެވަނަ ސުވާލު ކޮށްލާނަން. އޭގެ ފަހުން ދަރިފުޅު އިނގިރޭސި ބަހުން ކޮންމެވެސް އެއްޗެކޭ ބުނި. ކީކޭ ބުނީ؟"
"އަހަރެން ދިޔައިރު ކާރުގެ ފުރޮޅު ބަދަލު ކުރަނީ. އަހަރެން އަތުކުރީ ގަޑިއަށް ބަލައިލާފައި ބުނީ އައިމް އޭމް ގެޓިން ލޭޓް އޭ..."
މިހެން ބުނެފައި ރުޚްސާނާ ހީނގެންފިއެވެ. "އަހަރެން އެހެން ބުނީމާ ބާދްޝާ ބުނީ ތިމަންވެސް އިނގިރޭސިބަސް ދަންނަމޭ. އިނގިރޭސިއަކު ކާރަށް އެރީމާ ތިމަން ބުނަމޭ މީޓަރު ޖައްސައިގެން ނުދާނަމޭ... އަންނާން ބޭނުމިއްޔާ ކަމް... އެހެން ނޫނީ ގޯ..."
ރުޚްސާނާ އަނެއްކާވެސް ހީނގެންފިއެވެ.
އިންޖިނޭރުބޭބެ ތާއީދު ކުރުމުގެ ގޮތުން ބޯޖަހައިލިއެވެ. "ދަރިފުޅާ. ތިޔަ ދެއްކީ ހައްތަހާވެސް ތެދު ވާހަކަ. ކަންތައް ހިނގައިދިޔައީ ހަމަ ތިޔަ ބުނި ގޮތަށް. ތިޔައީ ރުޚްސާނާ ކަމަށް އަހަރެން ގަބޫލު ކޮށްފިން. މި ސޮރުގެ ބޮލަށް އެހެރީ ގުޑުން އަރައި ހަލާކުވެފައި."
ރުޚްސާނާގެ މަންމަ ބުންޏެވެ. "އަހަރެންގެ ދަރިފުޅު ދެން ދާނީ ބާދްޝާއާއެކު ކޮލެޖަށް. އެތަނަށް ގޮސް ބެލީމާ މިއީ އެތާގެ ދަރިވަރެއްކަމާއި މިހާރު ކިޔަވަނީ އެންމެ ފަހު އަހަރުކަން އެނގޭނެ. އަދި ނަމަކީ ރުޚްސާނާކަންވެސް ސާބިތު ވެގެން ހިނގައިދާނެ. މި ހުރިހައި ކަމެއް އެނގި ސާބިތުވީމާވެސް ގަބޫލު ނުކުރިއްޔާ ދެން ހަދާނޭ ގޮތެއް އަހަންނަކަށް ނޭނގޭ."
އިންޖިނޭރުބޭބެ ތެދުވެއްޖެއެވެ. "އެންމެ ރަނގަޅު. އަހަންނަށް މިހާރު ޔަގީންވެއްޖެ. ބާދްޝާއަކީ ފެށުނީއްސުރެ ސިކުނޑު އެކޮޅުކޮޅުން ޖެހިފައި ހުންނަ ކުއްޖެއް. ކަންތައްތައެް ވިސްނޭނީ ތަންކޮޅެއް ލަހުން. އެކަމަކު ކަންބޮޑު ނުވޭ. މަޑުމަޑުން ގޮސް ވިސްނިދާނެ."
އޭނާ ރުޚްސާނާ ގާތަށް ޖެހިލައި ބޮލުގައި ފިރުމައިލިއެވެ. "ދަރިފުޅުގެ މޫނަށް ތިޔަހެންވީ ކަމީ ވަރަށް ދެރަ ކަމެއް. އެކަމަކުވެސް ދަރިފުޅުގެ ރީތިކަމަކަށް ބަދަލެއް ނާދޭ. ދަރިފުޅާއޭ ކިޔޭތީވެސް ބޭބެ މި ހުންނަނީ ވަރަށް އުފަލުން."
އެޔަށް ފަހު ޖީބުން ސަތޭކަ ރުފިޔާގެ ނޫޓެއް ނަގައި ރުޚްސާނާގެ އަތަށް ދީފައި ބުންޏެވެ. "ބޭބެއަކަށް ހަދިޔާއެއްވެސް ނުގެނެވޭ. މި ފަގީރު ބޭބެގެ ކިބައިން ހަދިޔާއެއްގެ ގޮތުގައި ގަބޫލު ކުރޭ."
ބާދްޝާ ހުރިހައި ދަތެއް ފެންނަ ވަރަށް ހީނގަތެވެ. "ތިޔައީ އަހަރެންގެ ރުޚްސާނާކަން އެންމެ ފުރަތަމަ ވަގުތުން ފެށިގެންވެސް އަހަންނަށް އެނގޭ. ހިތުގައި ކުޑަވަރެއްގެ ޝައްކެއް އުފެދުނީ. ބޭބެ ގަބޫލުކުރީމާ މިހާރު އެ ޝައްކުވެސް ފިލައިފި. އަހަރެންވެސް ގަބޫލު ކޮށްފިން."
ރުޚްސާނާގެ މަންމަޔާ ދިމާއަށް ބަލައިލާފައި އިންޖިނޭރުބޭބެ ބުންޏެވެ. "ކޮއްކޯ. ހިނގާ ބޭބެ ކޮއްކޮ ގެޔަށް ގެންގޮސް ދޭނަން. ވާހަކަދައްކައި ސުލްހަމަސަލަސްވާން މި ދެމަފިރިން އެކަނި ބައިތިއްބާ."
އޭނާ ނުކުންނާން ގޮސް ދޮރުމައްޗަށް އަރައި ހުއްޓިފައި އެނބުރި ބަލައިލިއެވެ. "ބާދްޝާ. އަހަރެން މިދަނީ ކާރުގައި. ކޮންމެވެސް ކުއްޖެއްގެ ހަވާލުގައި ކާރު އަނބުރައި ފޮނުވައިލާނަން. ފޮނުވާނީ ފުރެންދެން ތެޔޮވެސް އަޅާފައި."
މިހެން ބުނެފައި ބޭރަށް ނުކުމެއްޖެއެވެ. އޭނާގެ ފަހަތުން ރުޚްސާނާގެ މަންމަވެސް ބޭރަށް ނުކުމެއްޖެއެވެ.
ބާދްޝާ ކޮޓަރިއަށް ވަދެ ވަރަށް ބާރަށް ދޮރު ލައްޕައި ތަންޑު އަޅުވައިފިއެވެ. ރުޚްސާނާ ހައިރާންވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ކިހިނެއްވީ؟ ތިޔަހައި ބާރަށް ދޮރު ލެއްޕީ ކީއްވެގެން؟ މަންމަ ހީކުރާނީ ކީކޭ؟"
"އެއީ ޖޯޝުގައި ކުރެވުނު ކަމެއް. އަރައިގަތް ފޯރީގައި މާ ބާރަށް ލެއްޕުނީ. މީގެ ފަހުން އެހެންނެއް ނުހަދާނަން." ބާދްޝާ އޭނާގެ އަތުގައި ހިފައި ގަޔާ ކައިރި ކޮށްލިއެވެ. "އަހަރެން ވަރަށް ދެރަވެއްޖައިން. ރޭ ރުޚްސާނާއަށް ވަރަށް ބޮޑަށް އުނދަގޫކުރެވުނު. މިހާރު އަހަންނަށް މުޅިން ޔަގީންވެއްޖެ. މީގެ ފަހުން އޮޅިގެންވެސް ޝައްކެއް ނުކުރާނަން."
"ތިޔަ ވާހަކަ ބާއްވާފައި ކޮލެޖަށް ހިނގާ."
"މިއަދަކީ ކާވެނި ކުރިތާ ދެވަނައަށްވީ ދުވަސް. މިއަދު ކިޔަވަން ދާނެ ކަމެއް ނެތް."
ރުޚްސާނާ އޭނާގެ އަތުތެރެއިން ވީއްލިގެންފިއެވެ. "އަހަރެން މިއަދު ކޮލެޖަށް ދަނީ ކިޔަވާކަށް ނޫން. އަހަރެން މިއީ ރުޚްސާނާކަން ބާދްޝާއަށް ޔަގީންކޮށްދޭން."
ބާދްޝާ އަނެއްކާވެސް އޭނާގެ އަތުގައި ހިފައިފިއެވެ. "ޔަގީންކޮށް ދިނުމުގެ ބޭނުމެއް ދެނެއް ނެތް. މިހާރު ޔަގީންވެއްޖެ. ﷲ ފިޔަވައި އަހަރެން އިތުބާރު ކުރާ މީހަކީ އިންޖިނޭރުބޭބެ. އެއީ ވަރަށް ބުއްދިވެރި މީހެއް. ރުޚްސާނާ ވަރަށް ގިނަ ފޮތް ކިޔަވައިފީމެއްނު؟ އެކަމަކު ރުޚްސާނާއަށްވުރެވެސް ބޭބެ ބުއްދިވެރިވާނެ. ބޭބެ ދުވަހަކުވެސް ދޮގެއް ނުހަދާ. އަހަރެން މިހާރު މުޅިން ޔަގީންކޮށްފިން."
ރުޚްސާނާ ބުންޏެވެ. "ނޫނޭ. ތިޔަހެން ޔަގީންކޮށްގެން އަދި ނިންމައެއް ނުލެވޭނެ. ރަނގަޅަށް ސާބިތު ކުރެވެން ވާނެ. އަހަންނާއެކު ކޮލެޖަށް ހިނގާ."
"ކޮލެޖަށް ގޮސް އަހަރެންގެ އަގު ވައްޓައިލާން އުޅެނީ ކީއްވެގެން؟ އަހަރެން މިއީ އަކުރެއްބަކުރެއް ދަންނަ މީހަކީމެއް ނޫން. ބޮޑު ޖާހިލަކީން. އެތަނުން ކުއްޖަކު އަހަންނާ އިނގިރޭސިބަހުން ވާހަކަ ދައްކަން ފަށައިފިއްޔާ އަހަރެން އަނގަ ހުޅުވައިގެން ހުންނާނީނު؟ މިހާރު ބުނެފީމެއްނު؟ ތިޔައީ އަހަރެންގެ ރުޚްސާނާ..."
ރުޚްސާނާ ބާރަށް ހީނގެންފިއެވެ. އެކަމަކު ދެވަނަ ސިކުންތުގައި އުދާސްވެއްޖެއެވެ.
* * *
އިންޖިނޭރުބޭބެ ފުރަތަމަ ދިޔައީ ނާޒިމްއާބާދަށެވެ. ރުޚްސާނާގެ މަންމަ ގެއަށް ބާލާފައި އައި މަގުމަތީގައި ފިހާރައަކަށް ވަދެ ބައު ކާރެއް ގެންފިއެވެ. އެތަނުން ނިމިގެން ދިޔައީ ގަރާޖަށެވެ. ކާރަށް ގަރާޖުން ކުއްޖަކު އަރުވައިގެން ދިޔައީ ގެއަށެވެ. އަދި އެކުއްޖާ ގާތު ކާރު ގެންގޮސް ބާދްޝާއާ ހަވާލުކޮށްފައި ބަހުގައި ގަރާޖަށް ދާށޭ ބުނެފިއެވެ.
އެއީ ވަރަށް ހޫނުގަދަ ދުވަހެކެވެ. އިންޖިނޭރުބޭބެ ކޮޓަރިއަށް ވަދެ ފަންކާގެ ދަށުގައި އިށީނދެއްޖެއެވެ. އޭނާގެ އަންހެނުން އަހައިލިއެވެ. "ތިޔަ އައީ ބާދްޝާގެ ކާރުގައި. އޭނާގެ ކަންތައްތަކުގެ ތެރެއަށް އަނެއްކާވެސް ވަދެގަތީތަ؟"
އޭނާ ބުންޏެވެ. "ތިޔަހެން ނުބުނޭ. އެއީ ރަނގަޅު ކުއްޖެއް. އޭނާއަށް މެދުވެރިވީ އަޖައިބެއް ކަހަލަ ކަމެއް. އޭނާ އިން ކުއްޖާގެ މޫނަށް އަލިފާންއާވި ބުރައި، މޫނުގެ އެއްފަޅި އެނދީ."
އަންހެނުން ކަންބޮޑުވެފައި އަހައިލިއެވެ. "ޔާރައްބީ. ދެން ކިހިނެއްވީ؟"
"ވާނީ ކިހިނެއް؟ އަހަރެމެންގެ ސޮރަކީ ސިކުނޑި ހޫނު ސޮރެއް. އެހެންވީމާ އަނބިމީހާ ގަބޫލެއް ނުކުރި. ބުނީ އެއީ ތިމަންގެ ރުޚްސާނާއެއް ނޫނޭ. އެމީހުން އަންހެންކުއްޖާ ބަދަލުކުރީއޭ. އަހަންނަށްވެސް ޝައްކު ކުރެވުނު. އަހަރެން މި އައީ އަންހެންކުއްޖާ ބަލާފައި. އެއީ ވަރަށް ރަނގަޅު ކުއްޖެއް. އަހަރެންގެ ސުވާލުތަކަށް އެ ކުއްޖާ ވަރަށް ރަނގަޅަށް ތެދުބަހުން ޖަވާބު ދީފި. ދެން އޮތީ ކޮލެޖަށް ގޮސް އެއީ ހަމަ ހަގީގަތުގައިވެސް ރުޚްސާނާކަން ސާބިތުކޮށް ދިނުން. އެ ކުއްޖާ މިއަދު އެކަންތައްވެސް ކުރާނެ. މިއީ އެ ކުއްޖާގެ ކިޔެވުމުގެ އެންމެ ފަހު އަހަރު."
"ވަރަށް ރަނގަޅު. އެންމެ ފަހުން އެ ސޮރަށް ހެޔޮ ވިސްނުން އަތުވެއްޖެތާ."
"އާނ. އެއީ ރުޚްސާނާ ކަމަށް މިހާރު ގަބޫލުކޮށްފި."
އަންހެނުން އަހައިލިއެވެ. "އެ މަންޖެގެ ގޭގެ މީހުންނަކީ ކޮން ކަހަލަ ބައެއް؟"
"ރަނގަޅު ބައެއް. އެމީހުން ބާދްޝާއަކަށް މަކަރެއް ނުހަދާ. މަކަރު ހަދަން ބޭނުންނަމަ ދަރިފުޅު ވަރިކުރުވާފައި ބާދްޝާގެ އަތުން ފަންސާސް ހާސް ރުފިޔާ ދަމައިގަތީސް. ކަންތައް ހިނގައި ދިޔަގޮތުން ހުރިހައި ފައިދާއެއް ވާން އޮތީ އަންހެންކުއްޖާގެ ކޮޅަށް. ބާދްޝާގެ ދެ ގޯއްޗާއި ގެވެސް އެ މަންޖެގެ މައްޗަށް ރަޖިސްޓަރީކޮށް ނިންމައިފި. ބާދްޝާއަށް މަކަރެއް ހަދައިގެން އެމީހުން އަތުލާނޭ އެއްޗެއް ދެނެއް ނެތް. އެއީ އެކަހަލަ ބައެއް ނޫން. އެމީހުން ބޭނުން ވަނީ ބާދްޝާ އެމީހުންގެ ދަރިފުޅާއެކު ސުލްހަވެރިކަމާއި ލޯތްބާއެކު ދިރިއުޅޭތަން ދެކެން."
އޭނާ ވިސްނާން ފަށައިފިއެވެ. އެވަގުތު އޭނާގެ ޅީދަރިފުޅު އައިސް ބުންޏެވެ. "ބައްޕާ. ކާން ހެދިއްޖެ."
އޭނާ ތެދުވެއްޖެއެވެ. ހިނގައިގަންނަމުން އަނބިމީހާޔާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "އެމީހުން އަންހެންކުއްޖާ ބަދަލު ކުރިނަމަވެސް އަހަރެން ބާދްޝާ ގާތު ބުނާނީ ކީކޭކަން އެނގޭތަ؟"
"ކީކޭ؟"
"އަހަރެން ހަދާނީ ދޮގެއް. އަހަރެން ބުނާނީ އަންހެންކުއްޖާ ބަދަލެއް ނުކުރެއޭ. އެއީ ހަމަ އެ ރުޚްސާނާއޭ."
(ނުނިމޭ)
Varah?????reeti???