ފަޅިމޫނު - 10

(11 އޮކްޓޯބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މިއީ އަހަރެމެންގެ އަވަށް. މި ސަރަހައްދުގައި އުޅޭ މީހުން އަހަރެން ދަންނާނެ. މި ސަރަހައްދުން ނުކުމެވުނީމާ މަޑުކުރޭ. އަހަރެން ކުރިއަށް އަންނާނަން."

އޭނާ ކާރު ދުއްވަމުން ގެންދިޔައެވެ. "އަހަރެންގެ ހިތަށް ބާވަތެއްގެ ބިރުވެރިކަމެއް އެބަ ވަދޭ. އުފާވެރި ޚަބަރެއް އިއްވާ."

"ބިރުގަނެގެންނެއް އެއްވެސް ކަމެއް ނުކުރެވޭނެ. ތިޔައީ ފިރިހެނެއް. ހިތްވަރު ކުރޭ. ބައެއް ފަހަރަށް ކުރިއަށްދާ މަގަށް ހުރަސް އެޅޭނެ. އެ ހުރަސްތައް ނެތިގެންވެސް ދާނެ. ހިތްވަރާއެކު މަސައްކަތް ކުރުމަކީ އެންމެ ބުއްދިވެރި ގޮތް."

"އަހަރެންގެ ސުވާލަށް ތެދު ބަހުން ޖަވާބެއް ދީ."

"ކޮން ސުވާލެއް؟"

"ރުއީ ކީއްވެގެން؟"

"ތިޔައީ ކުށް ހިއެއް. އަހަރެން ނުރޮން."

"ދޮގު ނުހަދާ. ލޮލަށް ބަލައިލީމާ ސާފުކޮށް އެބަ އެނގޭ."

"އެއީ އަހަރެން ރޭ ނުނިދައި ހޭލައި ހުރީމާ ލޮލަށް ވެފައި ހުރި ގޮތެއް. ރަތްވީ. އަހަރެން ބުނާ ގޮތަކަށް ހަދާނަންތަ؟"

"އާނ. ބުނޭ. ކޮން ގޮތެއް؟"

"އެއްވެސް މީހަކު ދެކެވެސް އަދި ކަމެއް ދެކެވެސް މާ ބޮޑަށް ލޯބި ނުވޭ. އެހެން ހަދައިފިއްޔާ އެ މީހަކު ނުވަތަ އެކަމެއް ހާސިލު ނުކުރެވުނީމާ ކެތް ނުކުރެވޭވަރުގެ ބޮޑު ހިތާމަޔަކާ ކުރިމަތިލާން ޖެހިދާނެ."

"އަހަރެން މީގެ ކުރިން ދުވަހަކުވެސް މީހަކު ދެކެ ލޯތްބެއް ނުވަން. މިއީ ލޯބިވީ ފުރަތަމަ ފަހަރު. ރުޚްސާނާއަށް ފަހު އެހެން މީހަކު ދެކެ ލޯތްބެއް ނުވެސް ވާނަން. ސާފުކޮށް ބުނޭ. މަންމަ ނުގަބޫލުވީތަ؟"

"ބައްޕަޔާއި މަންމަ ތިބީ ބާދްޝާގެ އިންތިޒާރުގައި. އަހަރެން ކޮލެޖަށް ލާފައި އަހަރެންގެ ގެއަށް ދޭ. ދެން ބައްޕަ ބާދްޝާގެ ގެއަށް ދާނެ. ބައްޕަ ބޭނުންވަނީ ބާދްޝާގެ ގެއާއި ކާރުގެ ލިޔުންތައް ބަލަން. ދޭއް ޖަހާއިރު ކޮލެޖު ދޮށުގައި އަހަރެން އިންތިޒާރުގައި ހުންނާނަން."

ސީދާ ޖަވާބެއް ނުލިބުނު ނަމަވެސް ބާދްޝާއަށް އެއްޗެއް ވިސްނިއްޖެއެވެ. ލިޔުންތައް ބަލަން ބޭނުންވާނީ އޭނާޔާ ރުހުނީމައެވެ.

ރުޚްސާނާ ކޮލެޖު ދޮށަށް ބާލައިފައި ބާދްޝާ ދިޔައީ ރުޚްސާނާގެ ގެއަށެވެ. ފުރަތަމަ ބައްދަލުވީ މަންމަޔާއެވެ. މަންމަ އޭނާއަށް ރުޚްސާނާގެ ބައްޕަ ތައާރަފުކޮށް ދީފިއެވެ. ބައްޕަގެ ނަމަކީ ފަރީދު އަޙްމަދެވެ. އެއީ އިސްކޮޅުން ކުރު މީހެކެވެ. މޫނުގައި ހިސާބަކަށް ރޫޖެހިފައި ހުރި މީހެކެވެ. ލޯ ހުރީ ކުޑަކޮށް ވަޅުވަދެފައެވެ. ލައިގެން ހުރީ ރޫބޮނޑިއެއްހެން އޮތް ގަމީހެކެވެ. ހެދުމާ އެއްވަރަށް އޭނާގެ ޝަޚްސިއްޔަތުގައިވެސް ހުރީ ރޫޖެހިފައި ކަހަލައެވެ. ފެންނަފެނުމުގައި އެ ގޭގައި އޭނާގެ މާ ބޮޑު އަހަުމިއްޔަތުކަމެއް ނެތެވެ.

ތިންހަތަރު ސުވާލެއް ކޮށްލުމަށް ފަހު ބާދްޝާއާއެކު އައިސް ފަރީދު ކާރަށް އަރައިފިއެވެ. ބާދްޝާ ކާރު ދުއްވައިލިއެވެ. ތަންކޮޅަކަށް ދެވުނުތަނާ ފަރީދު ބުނެފިއެވެ. "ކިހައި ދެރަ ކަމެއް. އަހަންނަށް މި އާދެވުނީ ސިގިރޭޓުފޮށި ގޭގައި ބާއްވާފައި."

ބާދްޝާ ޖާނީ ފިހާރައެއްގެ ދޮށަށް ކާރު މަޑުކޮށްފިއެވެ. "ކޮން މަރުކާއެއްގެ ސިގިރޭޓެއްތޯ ރަނގަޅީ؟"

"ދަރިފުޅާ. ތިޔަހައި ބޮޑު ބުރައެއް އުފުލާނެ ކަމެއް ނެތް. އަހަރެން ގެއަށް ގޮސް ސިގިރޭޓު ބޮއިފާނަން."

"ދަރިފުޅާއޭ ކިޔުއްވައިފީމު. ދެން އޮންނާނީ ކޮން ބުރައެއްތޯ؟ އަމުރު ކުރައްވާ. ކޮން މަރުކާއެއްތޯ؟"

ފަރީދު އޭނާގެ ރީނދޫ ދަތްޕިލާ އެކީގައި ފެންނަ ވަރަށް ހީނގެންފިއެވެ. "ހީހީހީ... ގޯލްޑް ލީފް."

ބާދްޝާ ގޯލް ލީފް ސިގިރޭޓު ފޮށްޓަކާއި އަލިފާން ފޮށްޓެއް ގަނެގެން ގެނެސް ދީފައި އަނެއްކާވެސް ކާރު ދުއްވައިލިއެވެ. އޭނާ އެންމެ ފުރަތަމަ ދިޔައީ ގަރާޖަށެވެ. އިންޖިނޭރުބޭބެ ބޭންކުން ނަގައިގެން ގެނެސްދިން އަށްހާސް ރުފިޔާ އަތުލައިފިއެވެ. އަދި ފަރީދު އަޙްމަދު ތައާރަފުކޮށް ދިނެވެ. އިންޖިނޭރުބޭބެ ވަރަށް އިޚްލާސްވެރިކަމާއެކު ކަރާކަރު ޖައްސައި ސަލާންކޮށްލިއެވެ. އެޔަށްފަހު ސައި ގެންނަންތޯ ސުވާލުކުރީމާ ފަރީދު އަޙްމަދު ބުންޏެވެ. "މިހައި ހޫނު ގަދަ ވަގުތަކު ސައެއް ނުބޮވޭނެ."

"އެންމެ ރަނގަޅު. ފިނިކުރި ފުޅި ގެންނަމާ ބަހީ."

ފިނިކުރި ފުޅިގެނެސްފައި، ޖެހިގެން ހުރި ފިހާރައިން ގޮނޑިއެއް ގެނެސް ފަރީދު އެ ގޮނޑީގައި ބައިންދައިފިއެވެ. އަދި ބާދްޝާ އެއް ފަރާތަކަށް ގެންގޮސްފައި އިންޖިނޭރުބޭބެ އަހައިފިއެވެ. "މިއީ ކޮން ކަމެއް؟ އަންހެން ކުއްޖާގެ ބައްޕަ ގޮވައިގެން ތިޔަ އެނބުރެނީ ކީއްކުރަން؟"

"ބޭބޭ. އަހަރެން މި އުޅެނީ ފެންވަރު ރަނގަޅު ގެއެއްގެ ކުއްޖަކާ އިންނަން. އިނގިރޭސި ބަހުން ކިޔަނީ ކީކޭތަ؟ އާ... އިންކުއަރީ. އެމީހުން އަހަރެންގެ އިންކުއަރީ ކުރަނީ. އަހަރެން މިއީ ރަނގަޅު މީހެއްތޯ ނުބައި މީހެއްތޯ ބަލަނީ. އަހަރެންގެ އަތުގައި ގެދޮރާއި މުދާ ހުރިތޯ ބަލަނީ. މަގުމަތީގައި ނިދައިއުޅޭ ސަލާންޖަހާ މީހަކު ނޫންކަން ޔަގީން ކުރަނީ. އެއީ އެމީހުން ކުރަން ޖެހޭ ކަމެއްނު؟"

އިންޖިނޭރުބޭބެ ފަރީދާ ދިމާއަށް ބަލައިލިއެވެ. އޭނާ ފިނިކުރި ފުޅިއާއި ސިގިރޭޓު ބޮނީއެވެ. "ދަރިފުޅާ. އެއީ ބަލަން ޖެހޭ ކަމެއް. އެކަމަކު މިއީ އެ އަންހެން ކުއްޖާގެ ބައްޕަ ހެންނެއް ބޭބެއަކަށް ހިޔެއް ނުވޭ. އެ ކުއްޖާ ހުރީ ކިހައި ރީތިކޮށް. ނަލަހެދިގެން. މި ކަލޭގެ ލައިގެން ހުރި ހެދުން ކީއްކުރަން... މުޅި މީހާ އެހެރީ އިސްތިރި ކުރަން ޖެހިފައި. އެހާލުގައި ހުރި މީހަކު ގޯލްޑް ލީފް ކަހަލަ އަގު ބޮޑު ސިގިރޭޓު އެ ބޮނީ. ސިގިރޭޓު ގަތީ ލަދުހަޔާތް ވިއްކާފައިކަން ގައިމު. އަހަރެންގެ ތަޖުރިބާ ދޮގެއް ނުހަދާނެ."

ސިގިރޭޓު ގަނެދިނީ ތިމަންނާއޭ ބުނާކަށް ބާދްޝާއަކަށް ނުކެރުނެވެ. އެހެން ބުނެފިއްޔާ އިންޖިނޭރުބޭބެ އޭނާއަށް ދެވަރުން އެއްވަރު ކޮށްލާނެއެވެ. "ބޭބެއަކަށް ނޭނގޭނެ. ޅެންވެރިންނަކީ އެހެން އުޅޭ ބައެއް. ހެދުންއެޅުމަކީ އެމީހުން އެހައި ބޮޑު ސަމާލުކަމެއް ދޭ ކަމެއް ނޫން. އެއީ ވަރަށް ބޮޑު ޅެންވެރިއެއް."

"އެންމެ ރަނގަޅު. އަންހެންކުއްޖާގެ އާއިލާގެ މީހުން ކަލޭގެ ކަންތައްތައް ބަލާފަދައިން އަހަންނަށް އެމީހުންގެ ކަންތައްތައް ހުރިނެތް ގޮތް ބެލިޔަދީ. ކަންތައްތައް ނުބަލައި ހަމައެކަނި އަންހެންކުއްޖާ ލިބުނީމާ އެންމެ ރަނގަޅު ކަމަށް ހަދައިގެން އުޅެނިކޮށް ވަރުގަދަ ބޮނޑިއެއް ލިބިދާނެ. ހާލަތު އޮތްގޮތް އަހަންނަށް އެބަ ވަޒަން ކުރެވޭ. އަހަރެން މިއީ މުސްކުޅިއެއް. އަހަރެންގެ ތަޖުރިބާ ނުބައެއް ނުވާނެ."

އިންޖިނޭރު ބޭބެޔާ އިރުކޮޅަކު ވާހަކަ ދައްކާން ހުރުމަށް ފަހު އޭނާ ފަރީދު ގޮވައިގެން ނާގިން ޗޯރަންގީއާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. ފުރަތަމަ ދިޔައީ ބިންވިއްކާ މީހާގެ އޮފީހަށެވެ. ބިމުގެ އަގަކީ ފަސް ހާސް ފަސް ސަތޭކަ ރުފިޔާއެވެ. އެތާގައި ކުޑައިރުކޮޅަކު މަޑުކޮށްލާން ޖެހުނެވެ. ލިޔުންތައް ފުރިހަމަވެ ނިމުނީމާ އަގު ދީފައި ލިޔުންތައް ހިފައިގެން ގެއަށް އަތުވެއްޖެއެވެ. "މިހާރު ގޭގައި މިހިރީ އެންމެ އެނދަކާއި މޭޒަކާއި ގޮނޑިއެއް. ގޭގައި އުޅެނީ އަޅުގަނޑު އެކަނިކަމަށް ވާތީ އިތުރު އެއްޗެއް ނުހޯދީ. ބޭނުންވާ ފަރުނީޗަރާއި އެހެން ސާމާނު ވަރަށް އަވަހަށް ގެންނާނަން. ގެ ބައްލަވައިލައްވާ."

ފަރީދު އަޙްމަދު ބުންޏެވެ. "އެންމެ ރަނގަޅު. އަހަންނަށް ފެނިއްޖެ. ޖެހިގެން އޮތް ގޯތި ތިޔަ ގަތީވެސް އަހަރެންގެ ކުރިމަތީގައި. ދެން މި ގެޔާއި ކާރުގެ ލިޔުން ދައްކާ."

ބާދްޝާ އޭނާގެ އަތްމަތީ ފޮށިން ކަރުދާސްތައް ނަގައި ފަރީދުގެ އަތަށް ދީފިއެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު ލިޔުންތައް ބަލައި ނިންމާފައި ބުންޏެވެ. "ރަނގަޅު... ރަނގަޅު. ދެން ގެއަށް ހިނގާ. ވާހަކަ ދައްކާނީ ގޭގައި ތިބެގެން."

ކާރު މިހާރު ހީވަނީ މަތިންދާބޯޓެއް ހެންނެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އެގެއަށް ދެވިއްޖެއެވެ. ބާދްޝާ ކާރުގައި އިނީއެވެ. ފަރީދު އަޙްމަދު ގެއަށް ވަދެއެްޖެއެވެ. އަނބިމީހާ ގާތު ހުރިހައި ވާހަކައެއް ދައްކާން ކަމުގައި ވެދާނެއެވެ. ކުޑައިރުކޮޅަކަށް ފަހު އިވުނީ އަންނާށޭ ގޮވައިލީ އަޑެވެ. ބާދްޝާ ކާރުން ފައިބައިގެން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ފަރީދު އަޙްމަދު ފެންނާކަށް ނެތެވެ. ކޮޓަރީގައި އިނީ ރުޚްސާނާގެ މަންމައެވެ. ފަރީދުގެ މަސައްކަތް ނިމުނީކަން ނޭނގެއެވެ. މަންމަ ބުންޏެވެ. "އަހަރެންގެ ފިރިމީހާ އެ އައީ ހުރިހައި ކަމެއް ބަލައިފައި. އޭނާ ހުރީ ހިތްހަމަ ޖެހިފައި. ރުޚްސާނާއާ ދެވަން އަހަރެމެން ރުހިއްޖެއްޔާ ކާވެނީގެ ވާހަކަ ދައްކަން ބާދްޝާގެ އާއިލާއިން އެއްވެސް މީހަކު އަންނާނެތަ؟ އަންނާނީ ގާތްތިމާގެ ބަޔަކުތަ؟ ނޫނީ އެކުވެރިންތަ؟"

"އަޅުގަނޑު ކުރިންވެސް ނަންގަތީމެއް ނޫންތޯ؟ އަޅުގަނޑުގެ އާއިލީ އެއްވެސް މީހަކު ނެތް. ހުރިހައިވެސް މީހަކީ އިންޖިނޭރުބޭބެ. އެއީ ގަރާޖުގެ ވެރިމީހާ. އަޅުގަނޑުގެ އާއިލާގެ އިސްމީހަކީ އެއީ. އެންމެ ރަނގަޅިއްޔާ އޭނާ ގެނެސްފާނަން."

މަންމަ ބުންޏެވެ. "ގާތްތިމާގެ މީހަކު ނެތިއްޔާ ބާދްޝާ ތިޔައީ ކާކުކަންވެސް އަހަރެމެންނަކަށް ޔަގީނެއް ނުކުރެވޭނެ. އާއިލާގެ މީހަކު ހުރިއްޔާ އެފަދަ ބަޔަކާ ދަރިފުޅު ހަވާލު ކުރުމުގައި މާ ބޮޑު މައްސަލައެއް ނޯންނާނެ. އަހަރެން މި ވާހަކަ ދައްކަނީ ބާދްޝާ މާޔޫސް ކުރާކަށް ނޫން. މި ދައްކަނީ އުސޫލުގެ ވާހަކަ. ގާތްތިމާގެ މީހަކު ނެތިއްޔާ ދުރުހިލޭ ބަޔަކާ ވާހަކަ ދައްކާކަށް އަހަރެމެން ބޭނުމެއް ނޫން. ބަޔަކު ނެތިއްޔާ އަހަރެމެން މިއީ ގާތްތިމާގެ މީހުން ކަމުގައި ބަލާ. އަމިއްލައަށް ކަންތައެްތައް ނިންމައި ވާހަކަވެސް ދައްކާ."

ބާދްޝާ ބޯޖަހައިލިއެވެ. "ބުނުއްވި ގޮތަކަށް ހަދަން އަޅުގަނޑު މިހިރީ ތައްޔާރަށް. ހަދަންވީ ގޮތެއް ބުނުއްވާ."

"އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އަހަރެމެންގެ ދަރިފުޅަށް މަކަރެއް ނުހަދާ ކަމުގެ ޔަގީންކަން ލިބޭނޭ ގޮތެއް ހަދާ. އޭނާ އެއްލައިނުލާނޭ ކަމުގެ ޔަގީންކަން ލިބޭނޭ ގޮތް ހަދާ. އޭނާގެ ހިތުގައި ނުޖައްސާނޭ ކަމުގެ ޔަގީންކަން ލިބޭނޭ ގޮތް ހަދާ. އޭނާ ބަނޑަށް ނުބަހައްޓާނޭކަމާއި އަނިޔާއެއް ނުކުރާނޭ ކަމުގެ ޔަގީންކަން ލިބޭނޭ ގޮތް ހަދާ. މަގުމަތިކޮށް ނުލާނޭ ކަމުގެ ޔަގީންކަން ލިބޭނޭ ގޮތް ހަދާ."

"ތިޔަ ދައްކަވަނީ ކޮން ކަހަލަ ވާހަކައެއްތޯ؟ ތިޔަ ބުނުއްވާ ކަހަލަ ނިކަމެތި ކަމެއް ރުޚްސާނާއަށް ކުރާކަށް އަޅުގަނޑު ހިތަކަށްވެސް ނާރުވާނަން."

"އެންމެ ރަނގަޅު. ތިޔައީ ރަނގަޅު ކުއްޖެއްކަމަށް އަހަރެން ބަލައިފާނަން. އެކަމަކު އެއްވެސް މީހެއްގެ ހިތް ފަޅައިގެން ބެލުމަކީ ކުރެވޭނެ ކަމެއް ނޫން. މާދަމާ ކަންތައް ކުރާނީ ކިހިނެއް ކަމެއް އަހަންނަކަށް އެއްގޮތަކަށްވެސް ނޭނގޭ. އެހެންވީމާ މި ބުނި ކަހަލަ ދެރަ ގޮތެއް ނުވާނޭ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ދެ ގޯއްޗާއި، ގޯތީގައި ހުރި ގެ އަހަރެންގެ ދަރިފުޅުގެ ނަމަށް ބަދަލުކޮށްދީ. އަދި ކޮންމެ މަހަކު..."

މިހެން ބުނެފައި ކުޑަކޮށް މަޑުޖެހިލުމަށް ފަހު ސުވާލު ކޮށްލިއެވެ. "އަހަރެން މިހިރީ އަހައިލާން ހަނދާން ނެތިފައި. މަހަކު ކިހައި ވަރެއްގެ އާމްދަނީއެއް ލިބޭތަ؟"

"އާމްދަނީ ލިބޭ ވަކި ވަރެއް ނޯވޭ. ބައެއް މަސްމަހު މަދުން އަދި ބައެއް މަސްމަހު ވަރަށް ގިނައިންވެސް ލިބޭ. މަހަކު މަދުވެގެން ފަސް ހާސް ރުފިޔާ ހޯދަން. އެ މަހަކު ކާރު މަރާމާތު ކުރަން ޖެހިއްޖެއްޔާ ދެހާސް ރުފިޔާވަރު ޚަރަދު ކުރަން ޖެހިދާނެ. އެހެންވީމާ ހަމަގައިމުވެސް މަހަކު ދެ ހާސް ރުފިޔާ މަދުވެގެން ރައްކާ ކުރެވޭނެ."

"އެ ހުރިހައި ފައިސާއަށް ހަދަނީ ކިހިނެއް؟"

"އެކުވެރިންނަށް ޚަރަދުކޮށް ހުސްކޮށްލަނީ. ރައްކާ ކުރާކަށް މީގެ ކުރިއަކުން ނުވިސްނަން. އިންޖިނޭރުބޭބެގެ ގަދައެޅުމުގެ ސަބަބުން ބާރަ ހާސް ރުފިޔާ ރައްކާ ކުރެވުނު. މިއަދު އެތަނުން އަށް ހާސް ރުފިޔާ ނަގައިފިން. ރުޚްސާނާގެ ބައްޕަގެ ކުރިމަތީގައި ގޯތިގަތީ އޭގެ ތެރެއިން ބަޔަކަށް."

މަންމަ ބޯ ޖަހައިލިއެވެ. "އާނ. ތިޔަކަން ދެނަހުރިން. އެހެންވީމާ ގޭގެ ޚަރަދަށް މަހަކު ދެ ހާސް ރުފިޔާ ރުޚްސާނާއަށް ދޭނޭ ކަމަށް ލިޔެ ސޮއި ކުރާނަންތަ؟"

"ލައްބަ. ލިޔެ ސޮއިކޮށްދީފާނަން."

"ދަރިފުޅާ. އަހަރެން މި ކުރަނީ ވިޔަފާރިއެކޭ އެއްގޮތަކަށްވެސް ހީނުކުރާތި. ދަރިފުޅުގެ ރައްކާތެރިކަމާމެދު ވިސްނުމަކީ އަންހެން ދަރިންގެ މައިންބަފައިންނަށް ކުރަން ޖެހޭ ކަމެއް. ކާވެނި ކުރުމަށް ފަހު ހުރިހައި އެއްޗެއްވެސް ވާނީ ދެމަފިރިންގެ އެއްޗިއްސަށް. ގެއްލުންވެސް އަދި ފައިދާވެސް ދެމީހުންނަށް. ރުޚްސާނާ ފުރިހަމައަށް ދަރިފުޅަށް ކިޔަމަންތެރިކަން އަދާކުރާނެ. އަމުރަށް ކިޔަމަންވާނެ... އަދި އޭނާގެ ކިޔެވުމަށް ހުރަސް ނާޅާނޭ ކަމަށްވެސް ލިޔެ ސޮއި ކުރަން ވާނެ. މިއީ ކިޔެވުމުގެ އެންމެ ފަހު އަހަރު. އޭނާ ޑަކްޓަރަކަށް ވީމާ ފައިދާ ވާނީ ދަރިފުޅަކަށްނު؟ އާމްދަނީ ލިބޭނޭ ދޮރެއް ހުޅުވޭނެ. ކީކޭ ބުނަނީ؟"

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.