ފަޅިމޫނު - 6

(5 އޮކްޓޯބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ނީންނަން. އަހަންނަށް ބައެއް ފަހަރު ގަބޫލު ކުރެވޭ ގޮތުގައި އަހަރެން މިއީ އާދަމުގެ ދަރިއެއް ނޫން. ޑިރައިވަރެއް. އާދަމުގެދަރިއަކަށް ވިޔަސް، ފުރިހަމަ އާދަމުގެ ދަރިއެއް ނޫން. ދެންމެ ދެއްކީ ވަރަށް ރަނގަޅު ވާހަކައެއް. އަހަރެމެންކުރެ ކޮންމެ މީހެއްގެވެސް މި ހުންނަނީ ފަޅިމޫނެއް. މިތިބެނީ އެއްފަޅި ފޮރުވައިގެން. އަހަރެންވެސް ބޭނުން ވަނީ އަހަރެންގެ ކުލީކާރު ދުއްވާމީހާގެ މޫނު ފޮރުވަން. އެކަމަކު އެކަމެއް ނުވި. އެ ފަޅި ފޮރުވުނީމާ އަހަންނަށް ވަރަށް ގިނަ ކަންތައްތައް ކުރެވޭނެ. ރަނގަޅު އަބުރުވެރި ގެއެއްގެ އަންހެން ކުއްޖަކުވެސް ލިބިދާނެ."

"ލިބިއްޖެއެއްނު؟"

ބާދްޝާ ކުޑައިރުކޮޅަކު ހިމޭނުން އިނުމަށް ފަހު ބުންޏެވެ. "މިއަދު ޖެންޓްލްމޭން އަކަށް ވެގެން އާދެވުނީމާ ވަރަށް އާދަޔާ ޚިލާފު އުފާވެރިކަމެއް އެބަ އިހުސާސް ކުރެވޭ. މީރުވަހަކީ ހިތަށް އަރާމު ލިއްބައިދޭ އެއްޗެއް. އަހަރެން ބޭނުންވީ މުޅި ކާރު ފުރެންދެން މާ އަޅާން. އެވަރުކޮށްގެންވެސް ހިތުގެ އެދުން ނުފުއްދިއްޖެއްޔާ އަހަރެން މަރުވެދާނެ."

ފަހަތުން އަޑެއް ނީވި އިރުކޮޅެއް ފާއިތު ވެގެން ހިނގައްޖެއެވެ. ކާރު ބާރަށް ދުވެފައި އެ ދަނީ ކްލިފްޓަންއާ ދިމާއަށެވެ. ކުޑައިރުކޮޅަކަށް ފަހު އަންހެން ކުއްޖާ ސުވާލެއް ކޮށްލިއެވެ. "މަޚްމަލުގައި އާދައިގެ ސަތަރި އުރައެއް ލައްވާނީ ކާކު؟"

ބާދްޝާ ކުޑަކޮށް ވިސްނައިލުމަށް ފަހު ބުންޏެވެ. "ތިޔަ ވާހަކަ އަހަރެން ބުނަނީ އެހެން ގޮތަކަށް. ގޯނި ފޮތީގެ ހެދުމެއްގައި ޖަވާހިރެއް ހަރުކުރާނީ ކާކު؟"

ވާހަކަ ދެކެވެމުން ދަނީ މިސާލު ބަހުންނެވެ. އަންހެންކުއްޖާ އިރުކޮޅަކު ވިސްނައިލާން ހިމޭނުން އިނުމަށް ފަހު ބުންޏެވެ. "އަންހެންކުއްޖެއްގެ ސިކުނޑިން ނިކަން ވިސްނައިލަބަލަ. އެ ކުއްޖާއަކީ މަތީ ތައުލީމު ހާސިލު ކޮށްގެން އިން ކުއްޖަކު ކަމުގައި ބަލާ. އެ ކުއްޖާ އުޅެނީ މަތީ ފެންވަރުގެ މީހުނާ އެކީގައި. ތިމަން ކުލީކާރު ދުއްވާ މީހަކާ އިނދެފީމޭ ބުނަން އެފަދަ ކުއްޖަކަށް ކެރޭނެތަ؟ އަހަރެމެންގެ މުޖުތަމަޢުގައި މީސްމީހުން ދަރަޖަކޮށެއް ނުހަދާތަ؟"

ބާދްޝާ ފުން ނޭވައެއް ލިއެވެ. "އަހަރެން މިއީ ފުރިހަމަ އާދަމުގެ ދަރިއަކީމެއް ނޫނޭ ބުނަނީ ތިޔަހެން ވީމާ. އަހަރެން މިއީ ފަޅިމީހެއް. ބައި މީހެއް. ފުރިހަމަ މީހަކަށް ވީނަމަ ކުލީކާރެއް ނުދުއްވީމުސް. އަންހެންކުއްޖާގެ ގެއަށް ދާނީ ފިނިކުރި، އަގުބޮޑު ކާރެއްގައި."

"ތިޔަ އުޅެނީ އެހެން ދެވޭ ފެންވަރެއްގައެއް ނޫނެއްނު؟ ދެން ހަދާނީ ކިހިނެއް؟"

"އަހަރެންގެ އެނިވަސިޓީން ދަސްވީ ފިލާވަޅެއް އެބައޮތް. އެއީ ގުދުވެފައި ބިންމަތީގައި އޮތް މީހަކު ނަގައި ކޮޅަށް ޖެހުމަށް ފަހު ޚުދު ތިމާޔާ އެއްހަމައަކަށް އެމީހާ ގެނައުމުގެ ފިލާވަޅު. ފޮތުން ކިޔަވައިދޭ އެނިވަސިޓީގައި މިކަހަލަ ފިލާވަޅެއް ދަސްކޮށެއް ނުދޭތަ؟"

އޭނާ ލޯގަނޑުން ފަހަތް ބަލައިލުމަށް ފަހު ޖަވާބަކަށް އިންތިޒާރު ކުރާން ފަށައިފިއެވެ. ކާރު ތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ. މި ގޮތުގައި އިރުކޮޅެއް ވުމަށް ފަހު އަންހެންކުއްޖާ ބުންޏެވެ. "ތިޔައީ ނުކިޔަވާ ހުރި މީހަކު ހެންނެއް ހިޔެއް ނުވޭ. އަހަރެންގެ ވާހަކައަށް ވަރަށް ސާދާކޮށް އެބަ ޖަވާބު ދެމު."

އޭނާ ބުންޏެވެ. "އިންޖިނޭރުބޭބެ ބުނާ ގޮތުގައި އަހަރެމެންގެ މާތް ރަސޫލާވެސް ހުންނެވީ ކިޔަވައި ވިދާޅުވެގެންނެއް ނޫން. އެކަމަކު އެކަލޭގެފާނު މުޅި ދުނިޔެއަށް ކިޔަވައިދެއްވައިފި. މީސްމީހުން ނުކިޔަވައި ތިބެނީ ދިމާވާ މަޖުބޫރީ ހާލަތެއްގެ ސަބަބުން ކަމުގައިވެސް ވެދާނެ. އެކަމަކު ޖާހިލުވުމަކީ ވަރަށް ވިޔާނުދާ ކަމެއް. ބޭބެ ބުނާ ގޮތުގައި އަހަރެން މިއީ ޖާހިލެއް ނޫން. ހަމައެކަނި ނުކިޔަވައި ހުރީ."

އޭނާ ކްލިފްޓަންގެ ޕާކިން ސަރަހައްދަށް ކާރު މަޑުކުރުމަށް ފަހު އަހައިލިއެވެ. "މެންދުރު ކައިފިންތަ؟"

އެ ކުއްޖާ އަހައިލިއެވެ. "މެންދުރު ނުކައި ހުރީ އަހަރެން އެކަނިތަ؟"

އޭނާ ހިނިތުންވެލިއެވެ. "މިއަދަކީ އަހަރެން ނުކައި ހުރި ފުރަތަމަ ދުވަސް."

"ނުކައި ހުރީ ކީއްވެގެން؟"

"ބުނާނީ ކީކޭ؟ ހެނދުނުއްސުރެ މި ހުންނަނީ ވަރަށް ބޮޑަށް އުފާވެފައި. ކާން ހަނދާން ހުންނާނީ ކިހިނެއް؟"

އަންހެންކުއްޖާ އިސްޖަހައިލިއެވެ. "ބަނޑުހައި ވެފައި ހުރިއްޔާ ގޮސް ކައިގެން އާދޭ."

"އަހަރެން އެކަނިތަ؟"

"އަހަރެން ކާނީ ތަންކޮޅެއް ފަހުން. މި އައީ ގަބުރެއްގެ މަސައްކަތް ކޮށްފައޭ ބުނީމެއްނު؟ އެ ގަބުރު ކޮށައި، ފަޅައި ހެދީ އަހަރެންގެ ދެ އަތުން. އެހެންވީމާ އަދި ކާ ހިތެއް ނުވޭ."

"މައްސަލައެއް ނެތް. އަހަރެންވެސް ކާނީ ފަހުން. އަދި ބަނޑުހައެއް ނުވޭ."

އޭނާ ކާރު އަތިރިމައްޗާ ދިމާއަށް ދުއްވައިލިއެވެ. ދޮރުފަތުގެ ބިއްލޫރި ހުރީ ތިރިކޮށްފައެވެ. އެހެންވީމާ ފިނި ވައިރޯޅި އެތެރެއަށް ވަންނާން ފަށައިފިއެވެ. އޭނާ ލޯގަނޑުން ފަހަތަށް ބަލައިލިއެވެ. އަންހެންކުއްޖާގެ ފަން އިސްތަށިގަނޑު ވަޔާ ވިހުރުވެނީއެވެ. ކަޅު އިސްތަށިގަނޑުގެ ތެރެއިން އެ ކުއްޖާގެ ދޮންދޮން މޫނު ފެންނަނީ ވަރަށް ރީތިކޮށެވެ. ލޯގަނޑުން ލޯ އެއްފަރާތްކުރާ ހިތެއް ނުވެއެވެ. އެ ކުއްޖާގެ ރީތި ދެލޮލާއި، ނޭފަތާއި ތުންފަތް ފެނުނީމާ ހިތަށް އެރިއެވެ. ޅެންވެރިން މިފަދަ ރީތި އަންހެންކުދިން ފެނުނީމާ ހާދަހާ ވަރެއް ދައްކައިލައެވެ. ރީތި ލަފުޒުތައް ބޭނުންކޮށްގެން ހިތުގެ ޖަޒުބާތު ފާޅު ކުރެއެވެ. އެކަމަކު އަހަންނަކަށް ޅެމެއް ހަދާކަށްވެސް ނޭނގެއެވެ. މިވަރުގެ ރީތި ކުދިން ފެނުނީމާ އެކަށިގެންވާ ތައުރީފެއް ކުރެވުނު ކަމަށް ވާނީ އަނގައިން ނުބުނެ ބަލަހައްޓައިގެން އިނީމާ ކަމުގައިވެސް ވެދާނެއެވެ.

އަތިރިމައްޗަށް ނުކުމެވިއްޖެއެވެ. ގޮނޑުދޮށުގައި އެކި އުމުރުގެ ދެ ޖިންސުގެ މީހުން ހަރަކާތްތެރިވަމުން އެބަދެއެވެ. ކުޑަކުދިން ކުޅެން އުޅޭތަންވެސް އެބަފެނެއެވެ. ތަންކޮޅެއް މީހުން މަދު ހިސާބަކަށް ދެވުނީމާ އޭނާ ކާރު މަޑުކޮށްފިއެވެ. އެހައި ދުރަށް ގޮސް، މީހުން މަދު ހިސާބަކަށް މަޑުކުރީ ކީއްވެގެން ހެއްޔޭ އެކުއްޖާ ސުވާލެއް ނުކުރެއެވެ. ކާރުގައި އިނީ އެހެން ކުއްޖަކު ނަމަ ސުވާލު ނުކުރީތީ ބާދްޝާގެ ހިތަށް ބާވަތްބާވަތުގެ ވަސްވާސް ވަނީހެވެ. އެއީ ވިޔާނުދާ ކުއްޖެކޭ ހިތަށް އެރީހެވެ. އޭނާގެ ރެޔާއި ދުވާލުގެ މަސައްކަތަކީ ކުލީކާރު ދުއްވުމެވެ. ހިލޭ ފިރިހެނުންނާއެކު ފަޅު ތަންތަނަށް ދާ ކުދިން އޭނާއަށް ވަނީ ފެނިފައެވެ. އެފަދަ ކުދިންނަށް އޭނާ ނަފުރަތު ކުރެއެވެ. އެކަމަކު މި ވަގުތު ކާރުގައި އިން ކުއްޖާޔާ މެދު އެކަހަލަ އެއްވެސް ޚިޔާލެއް އޭނާއަކަށް ނުކުރެވެއެވެ. އަނގައިން ނުބުނީމާވެސް ލޯބި އިތުރު ވެގެން ދިޔައީއެވެ.

ދެމީހުން އެކީގައި ކަހަލަ ގޮތަކަށް ކާރުން ފައިބައިފިއެވެ. ތޮށިގަނޑު މަތީން ފައިބައިގެން ގޮނޑުދޮށަށް ފައިބައިފިއެވެ. މަޑުމަޑުން ހިނގަމުން ދިޔައީ ރާޅުފަށުންނެވެ. ބީއްސައިލާ ރާޅުގެ ލޮނުގަނޑު ބައެއް ފަހަރަށް ފައިތިލަޔާ ހަމައަށް އާދެއެވެ.

ބާދްޝާ ޖާނީ ބުނެލިއެވެ. "އަމިއްލަ އެއްވެސް ވާހަކައެއް އަދި ކިޔައެއް ނުދެމެއްނު؟"

"ކިޔައިދޭނީ ކޮން ވާހަކައެއް؟ ކާރަށް އެރީއްސުރެ ދެއްކި ހުރިހައި ވާހަކައަކީވެސް ވަރަށް ޝައުގުވެރި ވާހަކަ. އެހެންވީމާ އަޑުއަހަން އިނީ. ކުލީކާރު ދުއްވާ މީހަކު އެހައި ސާދާކޮށް އެހައި އިޚްލާސްތެރި ގޮތަކަށް ވާހަކަދެއްކި އަޑެއް އަހަރެން ދުވަހަކުވެސް ނާހަން. އެކަމަކު ކޮލެޖަށް ގޮސް މާގިނަ އިރެއްނުވެ ހަނދާން ނެތިއްޖެ. ޑިސެކްޝަންގެ ފަހުން އަހަރެންގެ ތަބީއަތު ހުރީ މުޅީން ޚަރާބު ވެފައި. ބާވަތެއްގެ ބިރުވެރިކަމެއް ހިތަށް ވެރިވި. ފަންކާގެ ދަށުގައި އިށީނދެގެން އެތައް އިރަކު އަހަރެން އިނިން. އެޔަށްފަހު ބޭރަށް ނުކުތީ. ހިތުގައި އޮތީ އަރާމުކޮށް ހުރެވޭ ކަހަލަ ކާރެއްގައި ގެޔާ ހަމައަށް ދެވޭނެ ނަމައޭ. ކޮލެޖު ބަހުގައި އަޑުގަދަކަމުން ބޯ ފަޅައިގެންދާވަރުވޭ. އެވަގުތު ފެނުނީ މަނިކުފާނު ވަރުގެ ކޮޅަށް ނަލަހެދިގެން ވަޑައިގަތް ތަން." އޭނާ ހިނިތުންވެލިއެވެ. "ކާރުގެ ދޮރު ހުޅުވައިލުމާއެކު އެރި މީރު ވަހަކުން ހިތްހަމަ ޖެހިއްޖެ. ގަބުރަކާ ކުޅެފައި އައިތަނުން ފެނުނު މަންޒަރާއި ލިބުނު އަރާމެއްގެ ބޮޑުކަމުން ހިތްހަމަ ޖެހިއްޖެ. ހިތަށް އެރީ ގޮނޑީގައި އޮށޯވެ ނިދައިލާންވީއޭ."

އެކުއްޖާ ފައިވާން އަތަށް ނަގައިފިއެވެ. މިހާރު ހިނގަމުން ދަނީ ހުސްފަޔާއެވެ. "ކޮލެޖަށް އައި އިރު އަހަރެންގެ އަތުގައި އޮތީ އެންމެ ފަނަރަ ރުފިޔާ. ކުލި ނުނެގީމާ އެ ލިބުނީ ވަރަށް ބޮޑު ލުޔެއް. އެއްވެސް ކަމަކާ ނުލައި ތިމަން މިހިރީ އުފާވެފައޭ، ކުއްޔެއް ބޭނުމެއް ނޫނޭ ބުނީމާ އަހަރެން ނުރުހުންވި. އަހަރެން ރުޅި އައިސްގެން ސުވާލު ކުރީމާ ދެއްކި ވާހަކައިން އަހަރެންގެ ހިތަށް އެރީ މިއޮތީ ސޭކަކާ ޖެހިފައޭ، ފައިސާކޮޅު ސަލާމަތް ވެއްޖެއޭ. އަހަރެންގެ މަންމައަކީ އިސްކޫލު މުދައްރިސާއެއް. ލިބެނީ ވަރަށް ކުޑަކުޑަ އާމްދަނީއެއް. އެހެންވީމާ ޚަރަދު ކުރަން ޖެހެނީ ވަރަށް ބޮޑަށް ބަލައިގެން. މަންމައަށް އޮތް ބުރައަކަށް ވުމަކީ އަހަރެން ބޭނުންވާ ކަމެއް ނޫން. މިއީ އަހަރެންގެ ކިޔެވުމުގެ އެންމެ ފަހު އަހަރު. މި އަހަރު ނިމުނީމާ މަސައްކަތު ނުކުންނަންވީ. އެހައިތަނުން ރަނގަޅު އާމްދަނީއެއް ލިބެން ފަށާނެ."

އެކުއްޖާ ކުޑަކޮށް ސިހިފައި ބުންޏެވެ. "މިހާރު މި ދައްކަނީ ކޮން ކަހަލަ ވާހަކައެއް. މި ބުނެވުނީ ބުނަން އުޅުނު ވާހަކައެއް ނޫން. އަހަރެން ބުނަން އުޅުނީ އެއް ފަހަރު ހިލޭ ދަތުރުކޮށްފައި ދެވަނަ ފަހަރު ކާރަށް އެރުމަކީ އަހަރެން ކޮށްގެން ވާނެ ކަމެއް ނޫނޭ. އެކަމަކު ހާލަތު ނިޔާކުރި ގޮތަކުން އެރީ. އަހަރެން ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައި. ކަންބޮޑުވެފައި. އަރާމުގައި ދަތުރުކޮށްފައި ގެއަށް ދާން ބޭނުން ވެފައި. ދެވަނަ ކަމަކީ..."

އެކުއްޖާ ވާހަކަ ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ. އަދި ބާދްޝާ ޖާނީއާ ދިމާއަށް ބަލައިލިއެވެ. "އެނބުރި އައި އިރު ހުރި ސިފަ ފެނިފައި އަހަންނަށް ހުރިހައި ކަމެއް ވަރަށް ރަނގަޅަށް ދޭހަވެއްޖެ. ސިފައަށް ގެނައި ބަދަލަކީ އަހަންނަށްޓަކައި ގެނައި ބަދަލެއްކަން އެނގުނު. ކާރުގައި އެހެރަ މަލާއި ޖަހާފައިހުރި އަތަރަކީ އަހަންނަށްޓަކައި ކުރި ކަންތައްތަކެއްކަން އެނގުނު. އަހަރެން ހިމޭނުން އިނީ ދައްކާނީ ކޮން ވާހަކައެއްކަން ނޭނގިގެން. ތިޔަ ދެކޭ ހުވަފެން ވިއްސިވިހާލިކޮށްލުމަކީ ކޮން ކަހަލަ ކަމަކަށް ވާނެބާވައޭ ހިތައި ވިސްނައިލީ. އެވަގުތު އަހަރެންގެ އެތެރެހަށިން އަޑެއް އިވުނު. އެ އަޑުން ބުނަމުން ދިޔައީ އަހަރެންގެ ކުރިމަތީގައި ހުރި ފިރިހެންމީހާއަކީ ނުބައި މީހެއް ނޫނޭ. މުނާފިގުކަމެއް ނެތޭ. ކިޔަވައިގެން ތިބޭ މޮޅު މީސްމީހުންވެސް ލޯބި ފާޅުކޮށް އުޅެނީ މުނާފިގުކަމާވެސް އެކު. ދެއްކުންތެރިކަން ކުރިއަށް ނެރެގެން. އެކަމަކު އަހަރެންގެ ކުރިމަތީގައި ހުރި މީހާއަކީ ތަފާތު މީހެއް. އެންމެ ބައްދަލުވުމަކާއެކު މަލާއި މީރު ވަހުގެ ބޭނުން ކޮށްގެން ހިތުގެ އިހުސާސްތައް ބޭރުކޮށްލީ. އަނގައިން ނުވެސް ބުނެ. އެއީ އަހަންނަށް ވަރަށް ކަމުދިޔަ ކަމެއް. މި ކަހަލަ ފަޅު ހިސާބުގަނޑަކަށް މި އައީވެސް އެ އިތުބާރާއެކު. އަހަރެންގެ ކުރިމަތީގައި ހުރީ ވިޔާނުދާ މީހެއް ނޫނޭ... ވިޔާނުދާ ޚިޔާލެއްގެ ތެރޭގައި އެނބުރެމުންދާ މީހެއް ނޫން ކަމަށް ގަބޫލު ކުރެވުނީމާ."

ދެމީހުން ހިނގަމުން ހިނގަމުން ވަރަށް ދުރަށް ނުކުމެއްޖެއެވެ. ބާދްޝާ ޖާނީގެ ބޫޓު ތެމިއްޖެއެވެ. އެހެންވީމާ ވެލިގަނޑުމަތީގައި އިށީނދެ ބޫޓު ބާލަން ފަށައިފިއެވެ.

އަންހެންކުއްޖާ ބުންޏެވެ. "މާ ދުރަށް އާދެވިއްޖެ. އެނބުރި ދަމާ ހިނގާ."

އޭނާ އިސްޓާކީނާއި ބޫޓާ ހިފައިގެން ތެދުވެ ހިނގައިގެންފިއެވެ. "އަދި ވާހަކަ ދައްކާ."

"ދެން ދައްކާން އޮތީ ކޮން ވާހަކައެއް. އަހަންނާ ހެދި މިއަދު ވަރަށް ބޮޑަށް ގެއްލުން ވެއްޖެއެއްނު؟ ކާރަށް އިތުރު މީހަކު ނާރުވާ. އަހަންނަށްޓަކައި ހިލޭ ޕެޓްރޯލު އަންދައިފި."

"އެހެން ނުބުނޭ. ޕެޓިރޯލަކީ ކޯޗެއް؟ އަހަރެން މިހިރީ އަމިއްލަ ގެވެސް ހުޅުޖަހައި އަންދައިލާން ތައްޔާރަށް. އަމިއްލަ ދިރިއުޅުންވެސް އަންދައިލާން ތައްޔާރަށް. ތިޔަ ދައްކަނީ ވަރަށް ހިތްހަމަ ޖެހޭ ކަހަލަ ވާހަކަ. ކުރިއަށް ގެންދޭ. އަހަރެން އަޑު އަހާނަން. މިރޭ އަހަރެން ހޭދަކުރާނީ ތިޔަ ވާހަކައިގެ ހަނދާނުގައި. މާދަމާ ހެނދުނު އަނެއްކާ ވާހަކަ އަޑު އަހާނީ. އަހަރެންގެ ދިރިއުޅުން މިހެން ވޭތުވެގެން ދާނޭ ގޮތް މެދުވެރި ކުރައްވާތޯ އަހަރެން ދުޢާ ކުރާނަން. އިތުރު އެހެން ދިމާއަކަށް ބަލާކަށްވެސް އަހަރެން ބޭނުމެއް ނޫން."

"އަހަރެން މިއީ އެހައި ރީތި މީހަކީތަ؟"

"އާނ. ވަރަށް ރީތި."

"ވާހަކައެއް ބުނަންތަ؟ އަހަރެން މިއީ ތިޔަ ހީކުރާހައި ރީތި މީހެއް ނޫން. އަހަރެން މިހިރީ ފެންނާކަށްނު؟ ތިޔަ ފެންނަނީ އެއްބައި. އެއްފަޅި. އަހަރެންގެ މޫނުގެ އަނެއް ފަޅި ވަރަށް ހުތުރު."

ބާދްޝާ އެ ކުއްޖާޔާ ދިމާއަށް ބަލައިލާފައި ހީނގެންފިއެވެ. "އަދިވެސް ތިޔަ ފެންނަނީ އެނިވަސިޓީގައި ފަޅައިލީ ގަބުރު ދޯ؟ އެއީ ވަރަށް ރީތި ކުއްޖެކޭ ބުނީމެއްނު؟"

"އާނ. އެ ކުއްޖާގެ މޫނުގެ ރީތި ފަޅިއާއި ހުތުރު ފަޅި ފެނުނީމާ މި ރީތިކަމަކީ ސައިބޯނި ބޮތްކެއްކަން އަހަންނަށް ޔަގީން ކުރެވިއްޖެ. ބަލަބަލައި ހުއްޓައި ނެތި ފަނާވެގެން ހިނގައިދާނެ. އަހަރެންގެ މޫނު ހުތުރު ވެއްޖެއްޔާ ހަދާނީ ކިހިނެއް؟ މިހާރު ތިޔަ ބޭނުންވާ ވަރަށް ބޭނުންވާނެތަ؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.