އެހެން ކޮލަމުތަކެކޭ އެއްގޮތަށް މިއަދުގެ ކޮލަމުގައި ވެސް ސުވަދުންމަތީގެ ޞަފުޙާތަކުގެ ތެރެއިން ވަކި އައު ޞަފުހާއެއް ހުޅުވައިގެން ވިދާޅުވާން ފުރުސަތު އަރުވަން ގަސްތުކުރަމެވެ. މިގޮތުން މިއަދު ތިޔަ ބޭފުޅުން ވިދާޅުވުމަށް ޓަކައި މި ހުޅުވައިލަނީ، އޭރު އައްޑޫގެ އުދަރެސް ބަނަކުރަމުން ދިޔައީ ކޮން ސަބަބުތަކަކާ ހެދި އަދި ކީއްވެގެން ކަމެވެ. މި ކޮލަމަކީ، އެތައް ބަޔެއްގެ އިހުސާސާ ގުޅިފައިވާ ޙަޤީޤީ ހާދިސާތަކެއް ގެނެސްދެވޭ ކޮލަމަކަށް ވާތީ މި ހާދިސާތަކުން އަސަރުކޮށްފައިވާ، ނަފުސާނީ ދުޅަހެޔޮކަން ނެތް މީހުން މި ލިޔުން ވިދާޅުވުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ހޯދުން ރަނގަޅުވާނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމުން މިއަދުގެ ކޮލަމް ވެސް ފަށާނަމެވެ. މީގެ އިތުރުން، މި ދިރާސާގެ ބައިވެރިންގެ ބައެއް ބުނުންތަކާއި އަދި ތާރީޚީ ޞަފުހާތަކުން މި ލިޔުމަށް ބާރުދޭ އިތުރު ތަފުސީލުތައް ދިރާސީ ނޯޓްގެ ގޮތުގައި ހިމަނާލާފައިވާނެކަން ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަމެވެ.
އައްޑޫ، ފުވައްމުލައް އަދި ހުވަދޫ މީހުން ކުރަމުން ދިޔަ މިނިވަން ވިޔަފާރިއާއި ދަތުރުފަތުރު ސަރުކާރުން ކޮންޓްރޯލުކުރުން ވީ ސުވަދުންމަތީގެ މީހުންގެ ހިތްހަމަނުޖެހުމުގެ ފެށުމަށެވެ. ހަމައެއާ އެކު، މުޅި ސުވަދުންމައްޗަށް ހިތާމައާއި މޮޅިވެރިކަން ވެރިކުރުވި ކަމަކަށެވެ. ހަމަ މި ދުވަސްވަރު އައްޑު އަތޮޅުގެ އުދަރެސް ބަނަކުރަމުން ދިޔައީ ނުހަނު ބޯ ކަޅު ވިލާގަނޑެއް ބޯމަތިކުރުވަމުންނެވެ. މި ވިލާގަނޑުގެ ވިލާތައް ޖަމާވެ، މި ވިލާގަނޑުން ވާރޭވެހި، އަޅުގަނޑުމެންގެ ދިރާސާގެ ތެރޭގައި، އައްޑޫގެ މަސްރަހު ބަދަލުވެގެން ދިޔަ ގޮތް މި ކަން ތަޖުރިބާކުރި މީސްމީހުންގެ ދުލުން އެ އިހުސާސާއެކު ކިޔައިދީފައިވެއެވެ. ވިދާޅުވަމުން ގެންދަވާށެވެ.
މިހިސާބުން މި ކޮލަމުގެ ޚިޔާލީ ދެ ޝަޚުޞިއްޔަތާ އެކު ކުރިއަށް ދަމާތޯއެވެ؟
ދޮންކަނބުލޮ: މާފަ ހިނގާ ވާހަކަ ފަށަމާ!
މާފަ: ދޮންކަނބުލޯ މިއަދު ފަށަންވީ ކޮން ހިސާބަކުން.
ދޮންކަނބުލޮ: މާފަ ބުނީމެއްނުން ވިޔަފާރިވެރިންނާއި އޮޑިވެރިން ސަރުކާރާ މެދު ހިތްހަމަނުޖެހުމުގެ އަސްލަކީ އޮޑިދޯނިފަހަރުން ފީ ނެގުމާއި ވިޔަފާރި ކޮންޓްރޯލްކޮށް ޓެކުސް ނަގަން ފެށުމޭ. އަދި އޭރު އައްޑޫގައި ތަފާތު ކަންތައްތަކެއް ހިނގަމުން ދިޔައޭ ވެސް ބުނީމެއްނުން. މާފާ! މިއަދު ހިނގާ އައްޑޫގައި ހިނގި ކަންކަމުގެ ވާހަކަ ކިޔަމާ.
މާފަ: އާނ! ދޮންކަނބުލޮ... މި ވާހަކަ ފެށޭނީ އައްޑޫ އަތޮޅު ގަމަށް އިނގިރޭސިން އައި ހިސާބުން އިނގޭ. އޭރު މި ހާދިސާގެ މާ ގިނަ ވާހަކަތަކެއް ލިޔެ ނަކަލުކޮށް ހަދާފައެއް ނުވޭ...
ދިރާސީ ނޯޓު: ފުރަތަމަ، ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި 1939 އިން 1946 އަށް އިނގިރޭސިން ގަމުގައި ތިއްބެވެ. އޭގެ 10 އަހަރު ފަހުން، 15 ޑިސެންބަރު 1956 ގައި އައްޑު އަތޮޅު ގަމާއި ހިތަދޫ މާންމެންދޫން 110 އޭކަރުގެ ބިން 100 އަހަރަށް އިނގިރޭސިންނަށް ކުއްޔަށް ދިނުމަށް ނިންމަވައި އިނީޝިއަލް (ފުރަތަމަ) އެގްރީމަންޓުގައި އޭރުގެ ބޮޑުވަޒީރު އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ސޮއިކުރެއްވިއެވެ. (އަލީ ފަހުމީ އަހުމަދު، 2012؛ ކަށިމާ އަޙުމަދު ޝާކިރު،2004). ކުއްޔަކީ އަހަރަކު 2000 (ދެ ހާސް) ޕައުންޑެވެ. ތާރީޚީ ފަތްފުށްތަކުން ދެން ފާހަގަކުރެވޭ ކަމަކީ މި އިނީޝިއަލް އެގްރީމަންޓުގެ ވެސް ކުރިން 17 ސެޕްޓެންބަރު 1956 ގައި އިނގިރޭސިން ގަމަށް އައިކަމެވެ. އަދި ރަސްމީ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މި އެގްރީމަންޓް ފާސް ވެސް ނުވަނީސް، އިނގިރޭސިން ގަމުގައި މަސައްކަތް ފެށިއެވެ. ވީމާ، ދެވަނަ ފަހަރަށް އިނގިރޭސިން ގަމަށް އައުމުގެ ކަންކަން ހިނގަމުން ދިޔައީ ރަސްމީ ހައިސިއްޔަތެއް ނެތިއޭ ވެސް ދެންނެވިދާނެއެވެ.
ދޮންކަނބުލޮ: އަދި ސަތޭކަ އަހަރެއް ނުވޭނުން މާފާ.... ކިހިނެއްވީ މާ ކުރިން އިނގިރޭސިން ދިޔައީ.
މާފަ: އެއީ.... ވަރަށް ގިނަ ކަންކަން ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ހިނގަމުން ދިޔަ، އެންމެ ފަހުން، އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އިސްތިޢުފާދެއްވަން ޖެހިވަޑައިގަތީ ވެސް މިކަންކަމުގެ ތެރޭގައި. މި ބުނި އިނީޝިއަލް އެގްރީމަންޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުރެވުނު ހޫނު މަޝްވަރާއާއި ބަހުސްތަކަށްފަހު 11 ޑިސެންބަރު 1957 ގައި އިސްތިޢުފާ ދެއްވީ. އެ ކިލެގެފާނުގެ އިސްތިޢުފާގެ ސީޓީފުޅުގައި ވަނީ ޞިއްޙީ ހާލުކޮޅު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވެން ނެތީކަމަށް. އެހެނަސް ޙަޤީޤީ މައްސަލައަކީ އިނގިރޭސިންގެ މައްސަލަ ކަމަށް ތާރީޚީ ޢިލްމުވެރިން ލިޔުއްވާ. ދެން މި ވާހަކަ އެހެން ދުވަހަކަށް ބާއްވާފައި މިއަދުގެ ވާހަކަ އައްޑު އަތޮޅު ގަމުގެ ވާހަކައިން ފަށަމާ.
ދޮންކަނބުލޮ: އާނ! މާފާ... ބުނެބަލަ އޭރު އައްޑު އަތޮޅު ގަމަކީ ފަޅު ރަށެއްތަ؟
މާފަ: ނޫނޭ އެއީ ފަޅު ރަށެއް ނޫން. މީހުން އުޅުނު. އައްޑު އަތޮޅުގެ އެންމެ ތިޔާގި އެންމެ ގިނަ ދަނޑުވެރިން ތިބި ރަށަކީ ވެސް ގަން.
ދޮންކަނބުލޮ: ދެން ކިހިނެއް އައްޑު އަތޮޅު ގަން އިނގިރޭސިންނަށް ކުއްޔަށް ދެވުނީ؟
މާފަ: ދޮންކަނބުލޯ! އޭރުގައި ހުންނަވާ ވެރިޔަކަށް ފެނިވަޑައިގަތުމުން، ކޮންމެ ކަމެއް ވެސް ކުރެވޭ ގޮތަށޭ އޮންނަނީ...! އެކަން ތާރީޚީ އެތައް ހާދިސާއަކުން ފެންނަން އެބަ އޮތް... ބޭނުންވީމާ ބޭނުން ރަށެއް ފަޅުކޮށްލެވޭ. ބޭނުން ރަށަކަށް މީހުން ބަދަލުކުރެވޭ.
ދޮންކަނބުލޮ: އެހެންތަ؟ އެހެންވީމާ ގަމުގައި އުޅުނު މީހުންނަށް ވީ ގޮތް ކިޔާބަލަ މާފާ. ހާދަ އަޑުއަހާ ހިތްވެޔޭ.
މާފަ: (ހީނލާފައި!) ކަނބުލޯ ދަރިފުޅާ! އެއްވެސް ބަޔަކު އެމީހުން މުޅި ޢުމުރުގައި ކުރި މަސައްކަތުން ބިނާކުރި ގެދޮރު ދޫކޮށް، ދިރިއުޅުމަށް ޓަކައި ކުރާ މަސައްކަތްތައް ވެސް ދޫކޮށް ހިތުން ރުހުމުން ދާ ހިތުން ދާނެތަ؟
ދޮންކަނބުލޮ: (ކުޑަކަށް ވިސްނަން އިނދެފައި) ހޫނހޫނ...! ނުދާނެދޯ..
މާފަ: އޭރު އައްޑޫގެ އެންމެ ތަނަވަސް ރަށަކީ، ގަމޭ ބުނާތީ މާފަ އަޑުއަހަނީ. ގަމުގެ މީހުންނަކީ މަސައްކަތްތެރި ހީވާގި ބައެއް. މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަން. މިނޫނަސް ދިވެހިން އާންމުކޮށް ކޮށް އުޅުނު ހުރިހާ މަސައްކަތެއް ގަމު މީހުން ކުރި.
ދިރާސީނޯޓު: ގަމުގެ މީހަކު،(ހަސަންބެ (އަސްލުނަމެއްނޫން)، އައްޑޫ) އޭނާގެ ކުޑައިރުގެ ހަނދާންތައް ވަރަށް އަސަރާއެކު ކިޔައިދެމުން ބުނި ގޮތުގައި "ގަމުގެ މީހުން ގަމުގައި ތިބީ ވަރަށް ތަނަވަސްކޮށް. އެ ތަނަވަސްކަމަކީ އަމިއްލަ އުފެއްދުންތައް އުފައްދައިގެން ކައިބޮއެގެން އުޅުނީ އެއްވެސް އެއްޗެއް އިމްޕޯޓްކޮށްގެނެއް ނޫން. އެއީ އިނގިރޭސިން އައުމުގެ ކުރިން. ދެވަނަ ބޮޑު ހަނގުރާމައިގައި މުޅި ދުނިޔެ ބަނޑަށް ޖެހުނުއިރު ވެސް މިއަތޮޅު ބަނޑަކަށް ނުޖެހޭ. މި އަތޮޅުން ފުވައްމުލަކަށާއި ހުވަދުއަތޮޅަށް ވެސް ކާއެއްޗެހި ލިބުނު. ކާ އެއްޗިއްސަކީ ފަލަމަޑީގެ އެއްޗިހި. ކައްޓަލަ، އަލަ، ބަނބުކެޔޮ، ޒުވާރި، މިފަދަ... އެ ... ބާވަތު އެއްޗެހިތައް. އެއީ އަޅުގަނޑުމެންގެ ކާބަފައިން ހެއްދި އެއްޗެހި. އަޅުގަނޑުމެންނަށް އެ އެއްޗެހި ފެނުނީމާ ނޭނގޭ އެއީ ދުނިޔޭގެ ފެންވަރުގައި ކުރެވިފައި ހުރި ކަންކަން ކަމެއް. އަޅުގަނޑުމެން ބޮޑުވެގެން ބޭރުތެރެއަށް ނުކުމެ ދަނޑުތައް ފެނުނީމާ މިއެނގުނީ އެމީހުން މިކަންކަން ކޮށްފައި މި ވަނީ ދުނިޔޭގެ ފެންވަރުގައިކަން." ކާބަފައިންގެ ކުޅަދާނަކަމާ މެދު މިއަދު ވެސް ހަސަންބެ ފަޚުރުވެރިވެއެވެ.
ދޮންކަނބުލޮ: މިހާރު ވެސް އެމީހުން ހަނދާން ހުރޭތަ؟ ކާބަފައިން ދަނޑުވެރިކަން ކުރި ގޮތް...؟
މާފާ: ކޮންމެ ބަޔަކު ވެސް އެބައެއްގެ ކާބަފައިން އުޅުނު ގޮތް ހަނދާން ހުންނާނެ. އަމުދުން އެތަން ލޮލުން ދެކެފައިވާތީ، އެ މަންޒަރު މިއަދު ވެސް އެމީހުންގެ ސިކުނޑީގައި ބިންވަޅުނެގިފައި ހުންނާނެނުން. ކަނބުލޮމެން ޖެހޭނީ މިކަހަލަ ކަންކަމުން ފިލާވަޅުތައް ލިބިގަންނަން. ވަރަށް މޮޅަށް އެބައިމީހުން ދަނޑު ހެއްދިކަމަށް ވަނީ..
ދޮންކަނބުލޮ: (ވަރަށް ޝައުގުވެރިކަމާ އެކު.. ގަޔާވެ އިނދެ ހަމަޖެހިލަމުން) ދެން މާފާ! ކިހިނެއް އެ ދަނޑުތަކަށް ވީ؟ ކޮބާ މިހާރު ގަމު މީހުން؟
މާފަ: އާނ! ކަނބުލޯ ތީ ވެސް ވަރަށް އަސަރުކުރާ ވާހަކައެއް. އިނގިރޭސިންނަށް ގަން ދޭންވެގެން ގަމުގެ މީހުން ބަދަލުކުރީ ފޭދޫއަށް...
ދޮންކަނބުލޮ: (ވަރަށް ކެތްމަދު ރާގަކަށް) ފޭދޫއަކީ އޭރު ފަޅު ރަށެއްތަ މާފާ..؟
މާފަ: (ހީނލަމުން ކަނބުލޮ ބޮލުގައި ފިރުމާލަމުން) މާފަގެ ދޮންކަނބުލޯ! އަޑުއަހާ އިނގޭ ކިޔައިދޭނަމޭ... ފޭދޫ މީހުން ބަދަލުކުރީ މަރަދޫއަށް... އެއީ މަރުދޫއާއި ފޭދޫ ގުޅޭ ހިސާބުގައި އޮތް ހުސްތަނެއް... އެތަނަށް މިހާރު ކިޔަނީ މަރަދޫފޭދުއޭ... ދެން ފޭދޫ ހުސްކޮށްފައި ގަމު މީހުން މި ބަދަލުކުރީ ފޭދޫއަށް...
ދޮންކަނބުލޮ: އެއީ ކީއްވެ؟ ފޭދޫ މީހުން ބައިތިއްބާފައި ގަމު މީހުނެއްނު މަރަދޫއަށް ގެންދަންވީ؟
މާފަ: އެކަން ވީ ގަމު މީހުން ތިބީ ވަރަށް ހިތްހަމަނުޖެހައި... ވަރަށް މައްސަލަ ވެސް ޖެއްސި... ދެން ސަރުކާރުން ބުނަނީ ގަމާ ކައިރީގައި ތިބޭށޭ. އޭރުން އަނެއްކާ ވެސް އެނބުރި ގަމަށް ދެވޭނެޔޭ. ގަމާ އެންމެ ކައިރި ރަށަކަށް އޮންނާނީ ފޭދޫ. ދެން ގަމު މީހުން ނުރުހި ތިބެ ވެސް އެ ގޮތް ގަބޫލުކުރީ... އެމީހުން އުންމީދުކޮށްގެން ތިބީ ގަމުން އިނގިރޭސިން ފޭބި ދުވަހަކުން އަލުން އެނބުރި ގަމަށް ދާން. މި އުންމީދުގައި ތިބީ... އެކަމަކު ފަހުން އެހެނެއް ވެސް ނުވިތާދޯ؟
ދިރާސީ ނޯޓު: ތާރީޚީ ފަތްފުށްތަކުންނާއި ބަސްދީގަތުންތަކުން ވެސް ފާހަގަކުރެވޭ ގޮތުގައި، ދެވަނަ ބޮޑުހަނގުރާމައިގެ ތޭރޭގައި ވެސް އިނގިރޭސިންނަށް ގަން ދިނުމަށް ޓަކައި ގަމުގެ މީހުން ހިތަދޫ އިރުމަތީކޮޅުގައި އޮންނަ މާމެންދޫ ކިޔާ ތަނަށާއި މީދޫ އަރުބަ މިސްކިތް ކައިރީގައި އޮންނަ އަރުބަ ވަލަށް ބަދަލުކުރިއެވެ (ހަސަންބެ، އައްޑޫ) އިނގިރޭސިން 1946ގައި ގަން ދޫކޮށްލުމުން އަނެއްކާ ވެސް ސަރުކާރުގެ ހުއްދައާ އެކު 1948 ގައި ގަމުގެ މީހުން ގަމުގައި ވަޒަންވެރިވެ، އުފާވެރިކަމާ އެކު ދިރިއުޅެން ފެށިއެވެ. މީހެން އުޅެނިކޮށް، އިނގިރޭސިންގެ 13 މީހުންގެ ޓީމެއް 1954 ގައި ގަމަށް އައެވެ. ސަރުކާރުގެ ފަރާތުން މި ޓީމުގައި މާލޭ ހުޅަނގުގޭ އަލްފާޟިލް ފާރޫޤު އިސްމާޢީލް ވަޑައިގެންނެވިއެވެ. ވީމާ، ދެވަނަ ފަހަރަށް އިގިރޭސިން ގަމަށް އައުމުގެ ޚިޔާލު މި ހިސާބުން ވެސް ފެށިފައިވާ ކަމަށް ބެލެވެއެވެ. އަދި އެގްރީމެންޓެއްގައި ސޮއިކުރުމުގެ ކުރިން، 17 ސެޕްޓެންބަރ 1956 ގައި ދެވަނަ ފަހަރަށް އިނިގިރޭސިން ގަމަށް އަތުވެއްޖެއެވެ. (ޢަބްދުﷲ ޢަފީފު، 2006). އެހެންވީމާ، ދެވަނަ ފަހަރަށް އިނގިރޭސިން ގަމަށް އައިސް، ގަމުގެ މީހުން ބަދަލުކުރި އިރު ވެސް ގަމުގެ މީހުންގެ އުންމީދަކަށް ވީ އަލުން އަނބުރާ ގަމަށް ގޮސް ވަޒަންވެރިވުމެވެ.
މިކަން ހިނގި ގޮތް ކިޔައިދެމުން "ދެން އަޅުގަނޑުމެން ފުރަތަމަ ގަމުން ބާލަންވެގެން މިތަނަށް ކިލެގެފާނު ވަޑައިގެން ވާހަކަ ދެއްކީމާ މި އަތޮޅުގެ ބޮޑެތި މީހުން، ވިސްނޭ މީހުން ބުނީ ތިމަންނަމެން މީގެ ކުރިން ވެސް ވަނީ ގަމުން ބާލާފައޭ ދެފަހަރެއްގެ މަތީން. ބޮޑު ހަނގުރާމައިގެ ތެރޭގައި ވެސް ރަށުން ބޭލިފައިވަނީ. އެހެންވީމާ ތިމަންނަމެން ބޭނުމެއް ނޫނޭ މިތަނުގައި އުޅޭކަށް. ތިމަންނަމެން ދާން ބޭނުމީ ހުވަދުއަތޮޅުގައި އޮތް ގަމަށޭ. އެއީ މިތަނުގައި ތިބި ހަރު ބޮޑެތި މީހުން އެހެން ބުނީ. ބުނީމާ ސަރުކާރުން ބުނީ އިނގިރޭސިން ގަމުން ފައިބައިގެން ދާއިރަށް ކަލޭމެނަށް އަނބުރާ ގަމަށް ދެވިދާނޭ. އެހެންވީމާ އެމީހުންނާ (އިނގިރޭސިންނާ) ކައިރީގައި ތިބީމައޭ އެންމެ ފުރަތަމަ ކަލޭމެންނަށް ލިބޭނީ ފައިދާ ވެސް ނަފާ ވެސް އެންމެ ފުރަތަމަ ލިބޭނީ ވެސް ކަލޭމެންނަށޭ. އެހެން ކިޔައިގެން ގަމު މީހުން މިކޮޅުގައި ތިބެން އެއްބަސްވީ. އެއްބަސްވީމާ ފޭދޫއަށް ބޭލީ. ފޭދޫގައި ތިބި މީހުން މަރަދޫގެ އެއްކޮޅަށް ބޭލީ. އަޅުގަނޑަކީ ވެސް ގަމުގެ މީހެއް." (ހަސަންބެ، އައްޑޫ)
ދޮންކަނބުލޮ: ދެން ކިހިނެއްވީ؟ ސަރުކާރުން އެއްވެސް ބަދަލެއް ނުދެއްވާތަ؟
މާފަ: ކޮންމެ ފަހަރަކު ވެސް ސަރުކާރުން ކާޑުގެ ބާވަތްތައް ދިންކަމަށް ތާރީޚީ ފަތްފުށްތަކުގައި ލިޔެވިފައި އެބަހުރި. އެހެންނަމަވެސް ބައެއްގެ މުޅި ދިރިއުޅުމުގެ ބަދަލުގައި އެ ގޮތަށް ދޭ ކާޑުކޮޅެއް ލިބިގެނެއް ހިތްހަމައެއް ނުޖެހޭނެނުން. މިހާރު ވެސް އެ މީހުންގެ ޝަކުވާއެއް އޮވޭ. އެ މީހުންނަށް އެ ދަނޑުތަކާއި އެ މީހުންގެ ދިރިއުޅުމުގެ ބަދަލެއް ނުލިބެޔޭ.... އެކަމަކު، އެކި މީހުން ދިރިއުޅުނު ގޭގޭގެ ފެންވަރަށް ބަލައި ގެ އަޅައިދީފައި ބަދަލުކުރީ...
ދިރާސީ ނޯޓު: ޙަސަންބެ ބުނީ، ވަރަށް ފަހުން ދިވެހި ސަރުކާރުގެ ވެރިޔަކު ވިދާޅުވި ގޮތުގައި އިނގިރޭސިން ގަމު މީހުންނަށް ބަދަލުދީފައި އޮތް ލިޔުމެއް ސްރީލަންކާއިން އޭނާއަށް ފެނިވަޑައިގަތްކަމަށެވެ. އެކަމަކު މިއަދާ ހަމައަށް ވެސް ދިވެހި ސަރުކާރުން އެއްވެސް ބަދަލެއް ގަމު މީހުންނަށް ދީފައެއް ނުވެއެވެ. އަދި އިނގިރޭސި ސަރުކާރުން އަޅައިދިން ގެއާއި ބަހައްޓައިދިން ވަޅުތަކާ މެދު ވެސް ޙަސަންބެ ހިތްހަމަނުޖެހި ހުރެ ބުނީ "ގެތައް ވަރަށް ފެންވަރު ދަށްކޮށް ހުރީ.. އިނގިރޭސިންނަކީ ދުނިޔޭގައި ތިބި އެންމެ ތަނަވަސް ލިސްޓްގައި ހިމެނޭ ބަޔެއް. އެމީހުން އައިސް ބަޔަކު އަމިއްލަ ވަޒަނުން ބޭރުކޮށްފައި 45 ގިލަން ފީފާއިން ވަޅެއް ބަހައްޓައިފައި، އެ ދޭނެ ކަމަކަށް އެއްވެސް ބަޔަކު ހިޔެއް ނުކުރާނެ... އެމީހުން ކޮންމެ ގެއަކަށް ދެ ވަޅު ދިން." މިހާރު ވެސް ފޭދޫގައި ހުރި މީގެ ގެއެއް ދައްކާފައި ޙަސަންބެ އަޅުގަނޑުމެންގެ ދިރާސާ ޓީމަށް އޮޅުންފިލުވައިދިނެވެ.
ދޮންކަނބުލޮ: އިނގިރޭސިން ފޭދޫގެ މީހުންނަށް ވެސް ގެ އަޅައިދިންތަ؟
މާފަ: އާނ! ފޭދޫ މީހުންނަށް ވެސް ގަމުގެ މީހުންނަށް ވެސް ގެ އަޅައިދިން. ހަތަރު ފެންވަރުގެ ގެ ހުރީ... އެ ބަޔަކު ދިރިއުޅުނު ގޭގެ ފެންވަރަށް ބަލައި އެބަޔަކަށް ގެ ލިބުނީ.. އެއް ނަންބަރު ގެއާއި، ދެ ނަންބަރު ގެއާއި، ތިން ނަންބަރު ގެއާއި، ހަތަރު ނަންބަރު ގެ ވެސް ހުރި.
ދިރާސީ ނޯޓު: ގަމު ޙަސަންބެއްޔާ ބުނި "... އެކި ފެންވަރާ ގުޅިގެން ގޭގޭގެ ގޯތި ވެސް ބޮޑުވާނެ. ގެތައް ވެސް ވަރަށް ބޮޑެތި ވާނެ. ސައިޒް ވެސް ތަފާތުކޮށް ހުރީ. އެއް ނަންބަރު ގެތައް ލިބުނީ ރާނާ އުވަ ޖަހާފައި ހުންނަ ގޭގޭގެ ބަދަލުގައި.. މުޙައްމަދު އަމީން އިޢުލާން ކުރެއްވީ އެއްވެސް ބަޔަކު ފަންގޭގޭގައި ތިބެގެން ނުވާނޭ. ސަރުކާރުން ދޭނަމޭ ދަރާ އަކިރިއާ. އަމިއްލައަށް މަސައްކަތްކޮށްގެން ގެ ރާނާށޭ. އެގޮތުން ރާނަން ފެށި ގޭގެ ހުންނަނީ ދެބައިކުޅައެއްބަޔަށް ރާނާފައި ދެން އޭގެ މަތި ނުނިމި ހުރި ގޭގެ ގިނައީ... މިގޭގެއަކީ ދެ ނަންބަރު ގޭގެ. ދެން ފަނުން ހުރި ގޭގެތަކަކީ ތިން ނަންބަރާއި ހަތަރު ނަންބަރު ގޭގެ." އެހެންވީމާ، މި ވާހަކައަށް ބަލާއިރު މުޙައްމަދު އަމީނުގެ ވެރިކަމުގައި ގަމު މީހުން ރާނައި އުވަޖަހައިގެން ގެދޮރު ބިނާކުރަން ފެށިކަން ފާހަގަކުރެވެއެވެ. އަދި އޭރު، ގަމުގައި ރާނާ އުވަޖަހާފައި ހުރި ގޭގެއާއި ފަނުން ވަރަށް އާދައިގެ ގޮތްގޮތަށް ހުރި ގޭގެ ވެސް ހުރިކަން ފާހަގަކުރެވުނެވެ.
ދެވަނަ ފަހަރަށް ގަމުން މީހުން ބޭލި އިރު ގަމުގައި 880 މީހުން ދިރިއުޅުނެވެ. އަދި އޭރު މި ރަށުގައި 214 ގެ ހުއްޓެވެ. އޭގެ ތެރޭގައި މަޝްހޫރު ހަތަރު ގަނޑުވަރު ވެސް ހިމެނެއެވެ. 7 މިސްކިތާއި ކިޔަވައިދޭ މަދަރުސާއަކާއި މަކުތަބެއް ވެސް ހުއްޓެވެ. އޭރު ގަމު މީހުންގެ އަރުމާދު އޮޑިފަހަރެއް ނުހުރެވެ. އެ މީހުން ރާއްޖެއިން ބޭރަށް ދަތުރުކުރީ ހިތަދޫ، މީދޫ އަދި ހުޅުދޫގެ އޮޑިފަހަރުގައެވެ. ގަމުގައި 8 މަސްދޯންޏާއި 10 ވަދު ދޯނި ދުއްވިއެވެ. މީގެއިތުރުން ގަމަކީ "ގެމަ"ރަށެކެވެ. (ޢަބްދުﷲ ޢަފީފު، 2006).
ދޮންކަނބުލޮ: މާފަ ގެމަރަށަކަށްވީ ކީއްވެ؟
މާފަ: ފަތްފުށްތަކުން ފެންނަ ގޮތުގައި. ރާއްޖޭގެ ރަށްތައް ބެހިފައި މި ހުންނަނީ، ފަޅުރަރަށްރަށް. ފުށިރަށްރަށް އަދި ގެމަރަށްރަށް.. މި ގޮތަށް.. ފަޅުރަށަކީ މީހުން ނޫޅޭ ރަށްރަށް. ފުށިރަށްރަށަކީ މީހުން އުޅޭ އާދައިގެ ރަށްރަށް.. ގެމަރަށެކޭ ބުނެވެނީ، ރަސްކަމުގެ ޚާންދާނީ ކުށްވެރިން ފޮނުވުމުގެ އިމްތިޔާޒު އޮންނަ ރަށްރަށަށް. ގެމަރަށްރަށުގެ ފަޅުން ރިޔަލު ދަތުރާއި ފަލި ދަތުރުކުރުމަކީ އެދުވަސްވަރު މަނާކަމެއް. ރިތްދަނޑިން ކަނބާފައި ފަޅުން ނުކުންނަންޖެހޭނީ... މި އާދަ އުވުނު ކަމަށް ވަނީ އަލްއަމީރު މުޙައްމަދު ފަރީދުގެ ރަސްކަމުގައި.
ދޮންކަނބުލޮ: އެހެންވީމާ، ގަމަކީ ވަރަށް ޚާއްޞަ ރަށެއް ދޯ... ކީއްވެތަ ދެވަނަ ފަހަރަށް ވެސް އިނގިރޭސިން ގަމަށް އަންނަން ބޭނުންވީ.
މާފަ: އާނ! ކަނބުލޯ.. ހުރިހާ ގޮތަކުން ބެލި ކަމުގައި ވިޔަސް ގަން އެއީ ވަރަށް ތާރީޚީ ޚާއްޞަ ރަށެއް. އިނގިރޭސިން ދެވަނަ ފަހަރަށް ގަމަށް އައި ސަބަބެއް ކަމަށް މާފައަށް ބެލެވެނީ.. އެ ދުވަސްވަރު ސިލޯނު މިނިވަންވެ މި ސަރަހައްދުން އިނގިރޭސިންގެ ބާރު ކުޑަވަމުން ދިޔައީ... އެހެންނަމަވެސް ދަތުރުފަތުރަށް ޓަކައި މި ސަރަހައްދުގައި އެމީހުންގެ އަމިއްލަ އަމާން ތަނެއް ބޭނުންވީ...
ދިރާސީ ނޯޓު: "ސިލޯނުން ވެސް ފައިބަން އަންގާފައި. މިހިސާބުގަނޑުގައި އެމީހުންގެ ބާރުވެރިކަމެއް ނެތް. ސިންގަޕޫރުން ވެސް ފޭބުމުގެ ކޮޅުމަތީގައި އޮތީ..." (ދޮންބެއްޔާ، (އަސްލު ނަމެއް ނޫން)، އައްޑޫ). މިކަން މިހެން އޮތް އިރު އޭރު ދަތުރުފަތުރުގައި މަޑުކޮށް ތެޔޮއަޅައި ހަދަން އަމާން ބަނދަރެއްގެ ބޭނުން އިނގިރޭސިންނަށް އޮތީ ވަރަށް ބޮޑުވެފައެވެ. އެއީ އެފްރިކާއާއި މެދުއިރުމަތިން އޮސްޓްރޭލިއާއާއި ދުރުއިރުމައްޗާ ދެމެދު ދަތުރުކުރި އިނގިރޭސި ނައުޒޯނގުފަހަރުގެ ބޭނުންތައް ފުއްދުމަށެވެ. އިނގިރޭސިންގެ އަސްކަރީ މަރުކަޒުތައް ހުރި އަދަނާއި ސިންގަޕޫރާ ދެމެދު ކުރެވޭ ދަތުރުތަކަށް ތެލާއި ފެން ދިނުމަށެވެ. މިދެމެދު ގުޅުވައިދޭ ކޮމިއުނިޝަން އާތްސްޓޭޝަނަކާއި އެއަރޕޯޓެއްގެ މުހިންމުކަން ވެސް އިނިގިރޭސިންނަށް އޮތީ ވަރަށް މުހިންމު ވެފައެވެ. (އަލީ ފަހުމީ، އަހުމަދު، 2012)
ދޮންކަނބުލޮ: އެހެންދޯ މާފާ... ދެވަނަ ފަހަރަށް ގަމުން މީހުން ބަދަލުކުރި އިރު ދިވެހިރާއްޖޭގެ ވެރިޔަކީ ކާކުތަ މާފާ؟ އިބްރާހީމް ނާސިރުތަ؟
މާފަ: ގަމު މީހުން ބަދަލުކުރުމަށާއި ކަންކަން ހަމަޖެއްސެވުމަށް އޭރުގެ ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ވަޑައެގެންނެވިކަމަށް ވަނީ... އޭރު ކަންކަން ދިޔައީ ވަރަށް އޮމާންއަމާންކޮށް... އިނގިރޭސިންގެ އެކުވެރި ބޮޑުވަޒީރު އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އެ ދަތުރު އައްޑޫގައި ހުންނަވަނިކޮށް ކުއްލިއަކަށް މާލެ ފުރާވަޑައިގަންނަވަން ޖެހިވަޑައިގަތީ... ދެން ވަޑައިގެންފައި އެހިނގި ކަންތައްތަކަކަށް ފަހު، އިސްތިޢުފާ ދެއްވީ... މި ވާހަކަ އެހެން ދުވަހަކުން ކިޔާނީ ދޯ... ދެން އެހިސާބުން މައްސަލަތައް ފެށުނީ...
ދޮންކަނބުލޮ: (ވަރަށް ހާސްކަމާ އެކު) ކޮން މައްސަލައެއްތަ މާފާ؟ އޭރު ދެން ކިހިނެއްވީ؟
މާފަ: ދެން ބޮޑުވަޒީރުކަމަށް ވަޑައިގަތީ ވެލާނާގޭ އަލްފާޟިލް އިބްރާހީމް ނާސިރު... ނާސިރު ބޭނުންފުޅެއް ނުވި އިނގިރޭސިން ގަމުގައި ކުރަން ފަށާފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދާކަށް...
ދިރާސާ ނޯޓު: އިބްރާހީމް ނާސިރު ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، 6 ޖެނުއަރީ 1958 ގައި ސަރުކާރުން ފޮނުވި ސިޓީފުޅުގައި، ވަކި ގޮތަކަށް އަންގަވަންދެން ގަމުގެ ރައްޔިތިން ފޭދުއަށް ބަދަލުކުރުން ހުއްޓާލުމަށް އަންގަވާފައިވެއެވެ. އޭރު ގަމުން ފޭދޫއަށް 122 ގެ ވަނީ ބަދަލުކުރެވިފައިވެއެވެ. އިނގިރޭސިންނަށް އެ މަސައްކަތް ހުއްޓާލެވޭކަށް ވެސް ނެތެވެ. އެއީ އޭރު، އިނގިރޭސިން ގަމުގެ މަސައްކަތް އިނގިރޭސި ކުންފުންޏަކާ ހަވާލުކޮށް ދެ އަހަރުން މަސައްކަތް ނިންމާ ގޮތަށް ވަނީ ކޮންޓްރެކްޓް ވެސް ކުރެވިފައެވެ. މި ކޮންޓްރެކްޓްގެ ދަށުން ޕާކިސްތާނުން 1300 މަސައްކަތު މީހުން ވެސް ގެނެސްފައިވެއެވެ. (އަލީ ފަހުމީ އަހުމަދު، 2012).
ދިރާސާގެ ބައިވެރިޔަކު ކިޔައިދިނީ، "ސަރުކާރުން އިނގިރޭސިންނާ ވާހަކަ ދައްކާ. ސަރުކާރުން އިނގިރޭސިންނަށް އަންގަމުން ދިޔައީ. އެންމެ ފުރަތަމަ ގަމުން މީހުން ބާލަން ފެށީމާ ވެސް ސަރުކާރުން އެންގެވި ގަމުން ގެއެއް ވެސް ނުނަގާށޭ، ރުއްގަސް ވެސް ނުކަނޑާށޭ އެއްވެސް ކަމެއް ނުކުރާށޭ. އެމީހުން އެކަމެއް ގަބޫލެއް ނުކުރި." (މާބެއްޔާ (އަސްލު ނަމެއްނޫން)، އައްޑޫ)
ދޮންކަނބުލޮ: އޭރު އިނގިރޭސިން ގަމުގައި ކޮން މަސައްކަތެއްތަ ފަށާފައި އޮތީ؟
މާފަ: އިނގިރޭސިންގެ މިލިޓަރީ ބޭސްހެދުމަށް ޓަކައި އެއަރޕޯޓް ހެދުމާއި، ފާލަމާއި މަގުތައް ހެދުމާއި، ކަރަންޓާއި ފެނާއި ފާޚާނާގެ ނިޒާމުތަކާއި މިހެން ގޮސް ވަރަށް ގިނަ މަސައްކަތް އޭރު ހުރީ ފަށާފައި. މީގެއިތުރުން ފޭދޫއާއި މަރަދޫ ފޭދުގައި ގެތައް ވެސް އަޅަމުން ދިޔައީ.... ޕާކިސްތާނުގެ މީހުންގެ އިތުރުން އައްޑޫ ރައްޔިތުން ވެސް ގަމުގެ މަސައްކަތަށް ދޭ.. މިހުރިހާ ކަމެއް ހުއްޓާލާކަށް އިނގިރޭސިންނެއް ބޭނުމެއް ނުވި... ދެން.
ދޮންކަނބުލޮ: ދެން ވީ ކިހިނެއް؟
މާފަ: އޭރު އިނގިރޭސިން ދިވެހިސަރުކާރާ ދެކޮޅަށް މަސައްކަތް ފެށީ...އެހެނަސް ފާޅުގައެއް ނޫން... އެމީހުންގެ މަޤުޞަދަކަށްވީ ކޮންމެ ގޮތެއް ހަދައިގެން ވެސް އެމީހުންގެ މަސައްކަތް ނުހުއްޓި ކުރިއަށްގެންދިޔުން.. ދެން ދިމާވި ގޮތަކީ.. އިނގިރޭސިން ފޭދޫއާއި ގަމުގައި އެޅި ގެތައް ދިވެހި ސަރުކާރަށް ކަމުނުދިޔައީ... އެވާހަކަ ދެއްކީމާ.... އިނގިރޭސިން އައްޑޫ ރައްޔިތުންނަށް ކިޔައިދިނީ ގަމަށް މަސައްކަތު ދާ މީހުންގެ އުޖޫރައަށް ޕައުންޑުން ފައިސާ ދޭ ވާހަކަ... ދިވެހި ސަރުކާރުން އައްޑޫ ރައްޔިތުންނަށް ދިނީ ދުވާލަކަށް ދެރުފިޔާ ބަޔާއި، ހަނޑޫ ނާޅިއެއް...
ދިރާސީ ނޯޓު: އޭރު ގަމުގެ ވެއިޓަރެއްގެ މަސައްކަތްކުރަމުން ދިޔަ (އަލިފުތާބެއްޔާ (އަސްލު ނަމެއް ނޫން)، ފުވައްމުލައް) ބުނީ "ދެން މި ވާއެއްޗަކީ... ފުރަތަމައިނުން ވެސް ސާމްޕަލަކަށް، ދެ ރަށުގައި ވެސް އެންމެ ކުރިން އެޅި ގެއަކީ ފޭދޫ އެސް.ޓީ.އޯ ކުރިމަތީގައި އެ އޮންނަ ގޯޅި ކަންމަތީގައި އޮންނާނެ ފާތުމާފުޅުގެ އަލިފުތުގެ ގެ ކިޔާނީ... އޭރު ލެއިޒަން އޮފިސަރަކަށް ހުންނަވަނީ ޢަބްދުއްސަތާރު މޫސާ ދީދީ... މި ވާއެއްޗަކީ ގެ ނިމުނީމާ ސަރުކާރަށް ގެ ދައްކަން އެމީހުން ޢަބްދުއްސަތާރު މޫސާ ދީދީއަށް ދަޢުވަތު ދީގެން ވަޑައިގަތީ... ދެން އަރައިގެން ހުންނެވި ބޫޓުކޮޅުން.. ބިތްގަނޑެއްގައި ޖެއްސެވީމާ ބިންގަނޑު ފަޅައިގެން ދިޔައީ... މި ހުންނަނީ ހަނޑޫ ކުނޑިއާއި ދަނޑިއާ ހަތާ މެޝިނަކަށް ލައްވާފައި ފެން އަޅާފައި ހަދާފައި ހުރި ފާޑެއްގެ ބިތްތަކެއް. އޭތި އެތެރެއަށް މިހެން ވަކަރު ޖަހާފައި މެއްލަ، ދިވެހިބަހުން ކިޔާނީ. މެއްލަ ޖަހާފައި، މެއްލައިގެ ބޭރުން ފަތިކޮޅެއް އަޅާފައި އެތެރެއިން އެ ފަތިކޮޅާ އެއްކޮށް ޖަހާފައި މީތި ހަދާފައި ހުރީ. ވީމާ، މިގޮތަށް ޖަހައިލީމާ ބަޔަކަށް ނޭނގޭނެތާ ވާނުވާއެއް. ދެން... ޢަބްދުއްސައްތާރު މޫސާ ދީދީ އަކީ ވަރަށް ވިސްނުންތޫނު، ކުރީގައި މި ރާއްޖޭގައި އުފެދުނު ސިޔާސީ ބޭފުޅުންގެ ތެރެއިން އަރައިހުންނެވި ފުންނާބު އުސް ބޭފުޅެއް... ދެން ފައިލު ހުޅުވާފައި ވިދާޅުވީ ގޭގެ ހެދޭނީ ސިމެންތި ގައު ޖަހާފައި ފައުންޑޭޝަން އަޅާފައި ކޮންމެ ގެއެއްގެ ވެސް މަތިކަނުގައި ބޮށި އަޅާފަ. 2 ނަންބަރު ގޭގެ ވެސް، 3 ނަންބަރު ގޭގެ ވެސް، 4 ނަންބަރު ގޭގެ ވެސް، 1 ނަންބަރު ގޭގެ ވެސް އެގޮތަށޭ ހުރިހާ ގެ ތައް ހުންނާނީ... އެހެންވީމާ... އެ މީހުން މި ހެދި އެއްޗަކީ ފުރަތަމަ ގެ އެމީހުން އައްޑު އަތޮޅުގެ މަސައްކަތް ކުރާ ލޭބަރުންގެ މުސާރައިގެ .. އެގްރީމެންޓު ދައްކާލީ.... އެ ދުވަހު އެތާ ވަގުތުން... އެތަނަށް އެ މުސާރައިގެ އެގްރީމެންޓު އައްޑު އަތޮޅު ރައްޔިތުންނަށް ފެނުނީމަ އެމީހުން ކެކި އަރައިގެންފި.
ރަހާ ބެއްޔާ ކިޔައިދިން ގޮތުގައި "އެކަމަކު އެބަޣާވާތަކާ ހުވަދުއަތޮޅަކާ ތިނަދޫއަކާ އެއްވެސް ގުޅުމެއް އޮންނަންޖެހޭ ކަމެއް ނޫން. އެހެންނަމަވެސް އޭރު މިތާނގައި (އައްޑޫގައި) ލިއޭޒަން އޮފިސަރަކަށް ހުންނެވި ފާރޫޤް އިސްމާޢީލް (ހުޅަނގުގެ) މިއަތޮޅު މީހުން ލައްވާ މަސައްކަތްކުރުވާފައި މުސާރަ ނުދޭތާ 3 މަހާ ކައިރިވެއްޖެ. ފާރޫޤް ވިދާޅުވަނީ "ތިމަންނަ ކީއްހޭ ކުރާނީ، ދިވެހި ދައުލަތުން ނުފޮނުވައޭ ފައިސާއެއް" އެހެންނަމަވެސް އެމީހުންގެ މުސާރައަށްވާ ވަރަށް އިނގިރޭސިން ޕައުންޑްދޭ ދިވެހި ދައުލަތަށް." (ރަހާބެއްޔާ (އަސްލު ނެމެއް ނޫން)، އައްޑޫ)
ދިރާސާގެ އެހެން ބައިވެރިޔަކު ބުނީ "ޔަޤީންވާ މިންވަރަށް އަހަރުމެންނަށް އެނގޭ އިނގިރޭސިން ސަރުކާރު ބޭނުންވެގެން ސުވާދީބު ސަރުކާރު ހެދިކަން. އެމީހުން ބޭނުންވީ އެންމެ ކަމެއް. އެ ސަބަބަށްޓަކައި އެކަން ކުރުމުގެ ގޮތުން ސަރުކާރެއް ހެދީ... ގަމުގައި ސްޓޭޝަން ހަދަން. އެނޫން އެއްވެސް ކަމެއް އެމީހުން ބޭނުމެއް ނުވޭ." (ކުދުބެއްޔާ (އަސްލު ނަމެއް ނޫން)، އައްޑޫ)
ކުދުބެއްޔާ އިތުރަށް ކިޔައިދިނީ: "އާނ. އެހެންނު ވާނީ. ނުކައި ނުބޮއި އެންމެން ބަނޑަށް ޖެހިގެން ތިއްބާ އެއްޗެއް ލިބުނީމާ އެކަމާ އުފާނުވާނީ ކާކު؟. އެހެންނު. ލާރިއެއް ލިބެނީކީއެއް ނޫން. އެއްޗެއް ގަންނާނެ އެއްޗެއް ލިބެނީކީ ނޫން. އަލަބުރިއަކާއި ބަނބުކެޔޮ މޫސުމުގައި ބަނބުކެޔޮ ކައިގެން ތިބި ބައެއް. ތިން ރުފިޔާ އަކީ ވެސް އެ ޒަމާނުގައި ވަރަށް ބޮޑު އެއްޗެއް. އެހެންނު. ދެން ހަނޑޫ ނާޅިއެއް އެއީ ވަރަށް ބޮޑު އެއްޗެއް. އެހެންވީމާ ކައިގެން ބޮއެގެން. އެހެންނު. ދެން އެވެރިން (އިނގިރޭސިން) މެޓާ ބަހާނެ ކުކުޅަށް ކާންދޭ ގޮތަށް ބަހާނެ. އެވެރިން ޖީބުގަ ހުންނާނީ މެޓާ." (ކުދުބެއްޔާ، އައްޑޫ)
ދޮންކަނބުލޮ: އެހެންވީމާ، ސުވާދީބު ސަރުކާރު އުފެއްދުމުގައި އިނގިރޭސިންގެ ދައުރެއް އޮތްކަމަށްތަ މާފަ ވެސް ގަބޫލުކުރަނީ؟
މާފަ: އާނ! ވަރަށް ބޮޑަށް ވެސް އޮތް. ހަމަމިއާ އެކު ވިސްނަންވާނެ، ބޭސްފަރުވާއާއި ތަޢުލީމާ މިފަދަ އެތައް ކަމެއް އިނގިރޭސިންގެ ސަބަބުން އައްޑު އަތޮޅުގެ ރައްޔިތުންނަށް ލިބިލިބި ހުރީ. އެހެންވީމާ، އައްޑު އަތޮޅުން މި ނަގައި ބޯމަތިކުރުވި ވިލާގަނޑުން ވާރޭވެހެން ފެށީ ކޮންއިރަކު ކީއްވެކަން ދެން އަންނަ ހަފުތާއަކަށް ބާއްވާފައި މިހަފުތާއަށް ކުރުކޮށްލަމާ!
ދިރާސީ ނޯޓު: އޭރު، ހުވަދޫ އަތޮޅާއި ފުވައްމުލަކު މީހުން ދިވެހި ސަރުކާރާ ނުރުހުނީ ސަރުކާރުން ނަގަންފެށި ޓެކުހާއި ބޮޑެތި ފީތަކުގެ ސަބަބުންނެވެ. ނަމަވެސް މި ދެ އަތޮޅުގެ ރައްޔިތުން ވަކި ސަރުކާރެއް އުފެއްދުމެ ޚިޔާލެއް ގެންގުޅުނު ކަމެއް އެނގޭކަށް ނެތެވެ. ގިނަ ބައިވެރިން ބުރަވާ ގޮތުގައި ސުވާދީބު ސަރުކާރުގެ ޚިޔާލާއި އެ ފިކުރު އުފެއްދީ އިނގިރޭސިންނެވެ. ހަމަމިއާ އެކު އޭރު ދިވެހިސަރުކާރުން ވެސް ގޯސްތަކެއް ހެދިފައި ވާކަން ވެސް އައްޑު އަތޮޅުގެ ހިތި އަދި ފޮނި ހާދިސާތަކުގެ ތެރެއިން ފާހަގަކުރެވެއެވެ. އެތައް ބައިވަރު ސަބަބުތަކެއް ހުއްޓެވެ. ނަމަވެސް ސުވާދީބު ސަރުކާރުގެ ރައީސް ޢަބްދުﷲ އަފީފު ދީދީ އިނގިރޭސިވިލާތުގެ ޓައިމްސް އޮފް ލަންޑަން ނޫހުގެ އެޑިޓަރަށް 25 މެއި 1959 ގައި ފޮނުއްވި ސިޓީގެ ޚުލާސާ ތަރުޖަމާގައި ވަނީ، "އައްޑު އަތޮޅުގައި އިނގިރޭސި ދައުލަތުގެ ސިފައިން ތިބޭ ތިބުމަކީ މާލޭ ސަރުކާރުގެ ދަށުން ނެއްޓިގަތުމަށް އަޅުގަނޑުމެން ނިންމި ނިންމުމާ އެއްގޮތަކުން ވެސް ބެހުން ހުރި ކަމެއް ނޫނެވެ" (ޙުސައިން ޒަހީން، 2015). މިހިސާބުން އުފެދޭ ސުވާލަކީ އަފީފުދީދީ މިހެން ލިޔުއްވި ސަބަބަކީ ކޮބައިބާއެވެ؟ ކޮންމެއަކަސް ވަރަށް ގިނަ ސުވާލުތަކާއި އޭގެ ޖަވާބުތައް މި ވާހަކަ ކުރިއަށް ދިޔަވަރަކަށް ނިއުޅެމުން ހާމަވަމުން ދާނެއެވެ. ވީމާ، އަންނަ ހަފުތާގައި ވެސް އާ ޞަފުހާއެއް ހުޅުވާލުމުގެ އުންމީދުގައި ވަކިވެލަމެވެ. އަންނަ ހަފުތާއަށް އިންތިޒާރުކޮށްލައްވާށެވެ.
ލިޔުމުގައި ހިމެނުނު ދޭހަވުމަށް ދަތިވެދާނެ ބައެއް ބަސްކޮށާރު
ނައުޒޯނގުފަހަރު: ބޭރުދަތުރުކުރާ ފުރާދުއްވާ އުޅަނދު
ރިތްދަނޑި: އޮޑިދޯނިފަހަރު ކަނބަން ގެންގުޅޭ ދަނޑި
އޭކަރު: ބިމުގެ ބޮޑުމިން ބަލަން ބޭނުންކުރާ މިނެއް. އޭކަރުގެ ބޮޑުމިނަކީ ސާޅީސް ތިން ހާސް ފަސް ސަތޭކަ ފަސްދޮޅަސް އަކަ ފޫޓެވެ.
މެއްލަ: މަތިވަޑާންގަނޑު ހިފެހެއްޓުމަށް ޓަކައި ގައުފޮޅު މަތީގައި ނުވަތަ ވަކަރަށް އިންދައިފައި ހުންނަ މުޑި ނުވަތަ ވަކަރު
ގެމަރަށްރަށް: ރާއްޖޭގެ ރަސްކަން އޮތް ޒަމާނުގައި، ރަސްކަމުގެ ޚާންދާނީ ކުށްވެރިން ފޮނުވުމުގެ އިމްތިޔާޒު އޮންނަ ރަށްރަށެވެ. ގެމަރަށްރަށުގެ ފަޅުން ނުކުމެވޭނީ ރިތްދަނޑިން ކަނބާފައެވެ. މި އާދަ އުވުނު ކަމަށް ވަނީ އަލްއަމީރު މުޙައްމަދު ފަރީދުގެ ރަސްކަމުގައެވެ.
ދިރާސާގެ ބަސްދީގަތުންތަކުގެ އިތުރުން، މި ލިޔުން އެކުލަވައިލުމަށް ބޭނުންކުރި ރެފަރެންސް:
ޙުސައިން ޒަހީން: ސުވާދީބު ޖުމުހޫރިއްޔާގެ ހަނދާންތައް: އަފީފުދީދީ ލިޔުއްވި ސިޓީ. ނެގީ: 22 އޮގަސްޓް 2015 އިން https://www.addulive.com/38428
ޢަބްދުﷲ ޢަފީފު. (2006). ގަމުގެ ތަޢާރަފު. ފޭދޫ: މުސައްނިފު (ޗާޕުނުކުރާ ފޮތެއް)
ކަށިމާ އަޙުމަދު ޝާކިރު. (2004). ދިވެހިރާއްޖެ 1. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
އަލީ ފަހުމީ އަހުމަދު. (2012). "ދިވެހިންނާއި އިނގިރޭސިންގެ ކޯޅުން" ސުވާދީބު. މާލެ: ކޮރޯނާ ޕްރެސް