ބަލިފެތުރޭ މިންވަރު އިތުރުވާނަމަ މިހާރު އަޅާފައި ހުރި ފިޔަވަޅުތައް ހަރުދަނާ ކުރަންޖެހޭނެ: ޑރ. ޝަހީދް

ކުރިއަށް ހުރި ހަފްތާތަކުގެ ތެރޭގައި ބަލި ފެތުރޭ މިންވަރު އިތުރުވާނަމަ މިހާރު އަޅާފައިހުރި ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަންޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ. 

އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ ފުރަބަންދަށް ދީފައިވާ ލުއިތައް ކުރިއަށް ގެންދިއުމުގަ ބަލާ އުސޫލެއް އޮންނަ ކަމަށެވެ. އެގޮތުން ބަލިފެތުރޭ މިންވަރާއި ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ފަދަ ކަންކަމަށް ބަލައި ކޮންމެ ހަފްތާއަކު ވެސް ހާލަތަށް އަންނަ ބަދަލުތައް ފެންނާނެ ނަންބަރެއް ދެމުންގެންދާ ކަމަށެވެ. އެ އަދަދަށް ބަލާއިރު އަދިވެސް ބަލި ފެތުރުމުގެ ހާލަތު އޮތްގޮތަށް ބަލާފަ ދީފައިވާ ލުއިތަކާ އެކު މިހާރު އަޅާފައިހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށް ދެވިދާނެ ކަމަށް ދޭހަވާ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. 

"ބަލިފެތުރެމުންދާ ގޮތަށް ބަލާލައިފިނަމަ، ވަރަށް ގާތުން ބަލި ފެތުރޭ ގޮތް ބަލަން ޖެހޭ. ކުރިއަށް އޮތް ހަފްތާތަކުގެ އަދަދުތައް އިތުރުވާނަމަ އަޅާފަހުރި ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަންޖެހޭނެ. މިދިޔަ ހަފްތާ ނިމުނުއިރުގެ އަދަދުތަކާއި ޖުމުލަ ސްކޯރ ހުރިގޮތަށް ބަލާއިރު ދެވިފައިވާ ލުއިތައް ކުރިއަށް ގެންދާ ގޮތަށް ނިމިފައިވަނީ." ޑރ ޝަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ފްލޫ ކްލިނިކަށް ދައްކާ މީހުން އިތުރުވެފައިވާ ކަން ފާހަގަކުރައްވަމުން ޑރ. ޝަހީދު ވިދާޅުވީ އެމީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓީވް ވާ މީހުންވެސް އިތުރުވަމުން ދާ ކަމަށެވެ. އަދި ބަލިފެތުރޭ މިންވަރު ނިސްބަތުން މައްޗަށް ގޮސްފައިވާ ކަން ވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އިތުރުކޮށް، އެކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ގިނަގިނައިން އަތް ދޮވުމާއި، ބޭރަށް ދާއިރު މާސްކު އެޅުމާއި، އެޗްޕީއޭ އިން ދެމުންގެންދާ އިރުޝާދަށް ތަބާވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.