ދެކުނު އެފްރިކާއާއި އެ ސަރަހައްދުގެ ބައެއް އެހެން ގައުމުތަކުން ފެނިފައިވާ ކޮވިޑްގެ އާ ބާވަތެއް ކަމުގައިވާ އޮމިކްރޮންއާ ގުޅިގެން އެފެރިކާގެ ބައެއް ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ. ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފައިވާ ގައުމުތަކަކީ ދެކުނު އެފްރިކާއާއި ނެމީބިއާއާއި މޮޒަމްބީކާއި ލެސޯތޯއާއި ބޮޓްސުވާނާއާއި ޒިންބާބުވޭއާއި އެސްވަޓީނީ އެވެ.
މި ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން މަނާ މީހުންގެ ތެރޭގައި ދަތުރުކުރުމުގެ 14 ދުވަސް ކުރިން މިއިން ގައުމެއްގައި ދިރިއުޅުނު މީހުންނާއި 12 ގަޑިއިރަށް ވުރެ ގިނައިރު މިއިން ގައުމެއްގައި ޓްރާންސިޓް ކުރި މީހުން ހިމެނޭނެ ކަމަށް އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައި ހާމަކޮށްފައި ވެއެވެ.
ރާއްޖެ އައުން މަނާ މީހުންގެ ތެރޭގައި ދިވެހިންނާއި ރާއްޖޭގައި މަސައްކަތު ހުއްދަ އޮންނަ މީހުން ނުހިމެނެއެވެ.
14 ދުވަސް ކުރިން އެއިން ގައުމެއްގައި އުޅެފައި ނުވަތަ 12 ގަޑިއިރަށް ވުރެ ގިނަ އިރު އެއިން ގައުމެއްގައި ޓްރާންސިޓްވެފައި އަައި ދިވެއްސަކު ނަމަ ނުވަތަ މަސައްކަތު ހުއްދަ އޮތް ބިދޭސީއަކު ނަމަ ރާއްޖެއަށް އައުމާއެކު 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. މި 14 ދުވަސް ފުރިހަމަ ކުރުމަށް ފަހު އެފަދަ މީހަކު ކަރަންޓީނުން ދޫކުރާނީ ކޮވިޑަށް ޓެސްޓުކޮށް ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.