ސަރުކާރުން މިހާރު އަޅައިފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދާނަމަ މިހާރު މާލޭގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވީމާ ލުއިތަކެއް ދފޭން ނިންމަވައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިރޭ ގައުމާ މުޚާޠާބް ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ މި ލުއިތައް ދޭނީ ފިޔަވަހި ތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ލުއި ދޭނީ ގެއިން ބޭރަށް ނުކުތުމާއި ވިޔަފާރި ކުރުމަށެވެ. ދެވަނަ ފިޔަވަހީގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމާއި ސަރުކާރުގެ އޮފީސްތައް ހުޅުވުމާއި ވަކި ފިޔަވަޅުތަކަކާއެކު އިސްކޫލުގައި ކިޔަވައި ދިނުމަށް ލުއި ދެވޭނެއެވެ.
މި ގޮތަށް ސަރުކާރުން ލުއިތަކެއް ދީގެން ކުރިއަށް ދިޔަ ނަމަވެސް ކޯވިޑްގެ ހާލަތު އަނެއްކާވެސް ނުބައިވާން ފަށައިފިނަމަ ލުއިތައް އުވާލައި ފުރަބަންދުގެ ހާލަތު ދަމަހައްޓަވާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.