ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 ބަލިމަޑުކަމާ ކުރިމަތިލުމުގައި ފަގީރު ގައުމުތަކަށް އެހީވުމަށް އިތުރު 3.6 ބިލިއަން އެެމެރިކާ ޑޮަލަރު ހޯދަން އދ.ން ނިންމައިފިއެެވެ. މިއީ އެ ޖަމްއިއްޔާއިން ކޮވިޑް- 19 އާއި ކުރިމަތިލުމަށް ކުރިއަށް ގެންދާ ބައިނަލްއަގްވާމީ އިންސާނީ އެހީގެ އިޖާބައިގެ މަޝްރޫއުގެ ތެރެއިން ދޭ އެހީއެކެވެ.
މި ފައިސާގެ ބޭނުންތެރިކަން ބަޔާންކޮށްދެމުން އދ.ން މެންބަރު ގައުމުތަކަށް އިންޒާރުދިން ގޮތުގައި ފަގީރު ގައުުމުތަކަށް އެހީ ނުލިބިއްޖެނަމަ ތަރައްގީވެފައިވާ ގައުމުތަކުން އެ ގައުމުތަކުން "ފިޔަވަޅު ނައަޅައި ތިބުމުގެ އަގު" އަދާކުރަން ޖެހޭނެއެވެ.
"މި އަހަރުގެ ފަހުކޮޅުގައި އަދި އަންނަ އަހަރުގެ ކުރީކޮޅުގައި ބަނޑަށްެޖެހުމުގެ ސިލްސިލާއެެއްގެ ނުރައްކާ އެބައޮތް. އެކަން ހުއްޓުވުމަށް އަހަރުމެން މިހާރު ހަރަކާތްތެރިވާން ޖެހޭ." އދ.ގެ އަންޑަރސެކްރެޓަރީ ޖެނެެރަލް ފޯ ހިއުމެނިޓޭރިއަން އެފެއާޒް މާކް ލޯކޮކް ވިދާޅުވިއެވެ.
އޭނާ ވަނީ ކާބޯތަކެތީގެ ބާވަތްތައް ލިބުމުގެ ދަތިކަމާ ކުރިމަތިލާންޖެހިފައިވާ ސޯމާލިޔާ، ސައުތު ސޫދާން، ސޯމާލިޔާ އަދި ނައިޖީރިޔާގެ އިތުރަށް ސޫދާން، ޒިމްބާބްވޭ އަދި ހެއިޓީއާމެދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކޮވިޑް- 19 ގެ ސަބަބުން ކުރިމަތިވެފައިވާ ބަނޑަށް ޖެހުމާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން، އަލަށް ހޯދާ ފައިސާއިން ސިއްހީ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ އާލާތްތަކާއި، މައުލޫމާތު އާއްމުކޮށް ހޭލުންތެރިކަން އިތުރުކުުރުމާއި، އެފްރިކާ އަދި އޭޝިޔާއާއި ލެޓިން އެމެރިކާއަށް ވައިގެ މަގުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހޭދަކުރުމަށް ވަނީ ނިންމާފައެވެ.
"މުއްސަނދި ގައުމުތަކުން އެހެން ގައުމުތަކުގެ ހާލަތާ މެދު ހަރަކާތްތެރިވާ މިންވަރަކީ އެއްވެސް ހާލެއްގައި ފުދޭ މިންވަރެއް ނޫން." ލޯކޮކް ވިދާޅުވިއެވެ.
މިއީ ކޮވިޑް- 19 ފެށުުނު ފަހުން އދ.ން އެހީ ހޯދުމަށް މެންބަރު ގައުމުތަަކަށް އިލްތިމާސްކުރި ފުރަތަމަ ފަހަރެވެ. މާރިޗު މަހު އދ.ން ދެ ބިލިއަން ޑޮލަރަށް އެދިފައިވާއިރު ތަރައްގީވެފައިވާ ގައުމުތަކުން އަދި ދީފައި ވަނީ 1.7 ބިލިއަން ޑޮަލަރެވެ. ކޮވިޑް- 10 އާއި ހަނގުރާމަކުރުމަށް ފަގީރު ގައުމުތަކަށް 2 ބިލިއަން ޑޮަލަރު ދޭނެކަމަށް ޗައިނާއިން ބުނެފައި ވާއިރު، "އެ ފައިސާގެ ތެރެއިން ފާހަގަކޮށްލެވޭ ފަދަ ބޮޑު ބައެެއް" އދ. ގެ މަޝްރޫއަށް ދިނުން ރަނގަޅުވާނެކަން ލޯކޮކް ފާހަގަކުރެއްވިއެވެ.
އދ.ން ފާހަގަކުރާ ގޮތުގައި ކޮވިޑް- 19 ކޮންޓުރޯލު ނުކުރެވިއްޖެ ނަމަ، ދުނިޔޭގެ އެންމެ ފަގީރު 30 ގައުމުގައި މި ބަލި ޖެހިގެން 1.67 މިލިއަން މީހުން މަރުވުން އެކަށީގެން ވެއެވެ.