ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން 2021 ވަނަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ އާމްދަނީ 2.7 ޓްރިލިއަން އެމެރިކާ ޑޮލަރު ދަށްވާނެކަމަށް އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ފަތުވެރިކަމާ ބެހޭ ޖަމްއިއްޔާއިން ބުނެފިއެވެ. އެ ޖަމްއިއްޔާއިން ބުނި ގޮތުގައި ފަތުރުވެރިކަން "ވަރަށް ނާޒުކު" ހާލަތެއްގައި އޮތްއިރު، ކުރިއަރަނީ "މަޑުމަޑުން"ނެވެ.
ސްޕޭންގެ މެޑްރިޑްގައި މައި އޮފީސް ހުންނަ ޔުނައިޓެޑް ނޭޝަންސް ވާލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޔޫއެންޑަބްލިޔުޓީއޯ) މިގޮތަށް ލަފާކުރިއިރު ޔޫރަޕް ގައި ކޮވިޑް-19 އަދިވެސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އަނެއްކޮޅުން، ވައިރަސްގެ އަލަށް ފެނުނު ވޭރިއެންޓް 'އޮމިކްރޯން' ގެ ސަބަބުން ދުނިޔެ ވަނީ ހާސްކަމެއްގެ ތެރޭގައެވެ.
އެ ޖަމްއިއްޔާން ބުނިގޮތުގައި ދުނިޔޭގެ އެކިި ކޮންކޮޅުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ކޮވިޑް-19 ގެ ކުރިން 2019 ވަނަ އަހަރުގެ އަދަދު ކަމުގައިވާ 1.5 ބިލިއަނަށްވުރެ %70 އާއި %75 އާ ދެމެދުގެ މިންވަރަކަށް ދަށްވާނެއެވެ.
ފާއިތުވި 2020 އަހަރުވެސް ފަތުރުވެރިކަމުގެ ސިނާއަތު ވެފައިވަނީ ކޮވިޑް-19 ގެ އަސަރު އެންެމެ ބޮޑަށް ކުރި ދާއިރާއަށެވެ. ޔޫއެންޑަބްލިޔުޓީއޯއިން ލަފާކުރާ ގޮތުގައި އެއަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 3 ޓްރިލިއަން ޑޮަލަރުގެ ގެއްލުން ވިއެެވެ.
ކުރިއަށް އޮތް 2022 ވަނަ އަަހަރު ފަތުވެރިކަން ކުރިއަރާނެ މިންވަރުގެ އަންދާޒާއެއް ކުރެވިފައި ނެތްނަމަވެސް، އެ ޖަމްއިއްޔާއިން ބުނި ގޮތުގައި ކައިރި މުސްތަގުބަލު ފެންނަނީ މާ އުޖާލާކޮށެއް ނޫނެވެ.
"ފަހަަކަށް އައިސް (ފަތުރުވެރިކަން) މަޑުމަޑުން ކުރިއެރި ނަމަވެސް، ދުނިޔޭގެ ކަންކޮޅުތަކުގައި ވެކްސިން ދެވޭ މިންވަރު ތަފާތުވުމާއި، ކޮވިޑް-19 ގެ އާ ވައްތަރުތައް ފެނުމުގެ ސަބަބުން، މަޑުން މަޑުން ލިބެމުންދާ މި ކުރިއެރުން ވަނީ ނާޒުކު ފައްތަރެއްގައި." އެޖަމްއިއްޔާއިން ބުނެފައި ވެއެވެ.
ކެރީބިއަންއާއި ދެކުުނު އޭޝިޔާގެ ބައެއް ޖަޒީރާ ގައުމުތަކާއި، ދެކުނު ޔޫރަޕްގެ ގައުމުތަކަށް، ގާތްގަނޑަކަށް ކޮވިޑް-19 ގެ ކުރީގެ އަދަދުތަކާ އެއްވަރަށް ނުވަތަ އެއަށްވެރެ ގިނައިން މިއަހަރުގެ ފަހު ތިން މަހުގައި ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް، ގިނަ ގައުމުތަކުގައި ފަތުރުވެރިކަން އަލުން ފެށިފައިވެސް ނުވެއެވެ. ޚާއްސަކޮށް ޕެސިފިކްގެ ޖަޒީރާތަކުގައި ފަތުތުވެރިކަން ހުރީ 2019 ގެ މިންވަރަށްވުރެ %95 ދަށުގައެވެ.
ޔޫއެންޑަބްލިޔުޓީއޯއިން ބުނިގޮތުގައި ދުނިޔޭގެ 46 ގެ ބޯޑަރުތައް އަދިވެސް ވަނީ ފަތުރުވެރިންނަށް މުޅިން ބަންދުކޮށްފައެވެ. 55 ގައުމަކުން އަދިވެސް ބޯޑަރުތައް މުޅިން ނުހުޅުވައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުތައް އުވާލާފައި ވަނީ އެންމެ ހަތަރު ގައުމުންނެވެ. އެއީ، ކޮލޮމްބިޔާ، ކޮސްޓަރީކާ، ޑޮމިނިކަން ރިޕަބްލިކް އަދި މެކްސިކޯއެވެ.
އެޖަމްއިއްޔާއިން މިއަދަދުތައް ހާމަކޮށްފައި ވަނީ މިހާރު މެޑްރިޑްގައި ކުރިއަށްދާ އެ ޖަމްއިއްޔާގެ 159 މެންބަރުން ބައިވެރިވާ އަހަރީ އާއްމު ޖަލްސާގައެވެ. މި ޖަލްސާ އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.