ވެކްސިން އުފައްދާ ކުންފުނި މޮޑާނާއިން އުފައްދާ ކޮވިޑް-19 ވެކްސިންގެ 500 މިލިއަން ޑޯޒް ދަށް އަދި މެދުމިނުގެ އާމްދަނީ ލިބޭ ގައުމުތަކަށް ފޯރުކޮށްދިނުމަށް ވެކްސިން އެލާޔަންސް، ގަވީއާއު އެއްބަސްވުމެއްގައި ސޮއިކޮށްފިއެެެވެ. މިއީ، ވެކްސިން އަމިއްލައަށް ހޯދުން ދަތި ފަގީރު ގައުމުތަކުގެ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމަށް އދ.ން ހިންގާ ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދޭ ވެކްސިނެވެ.
ފަހުން ވެކްސިން ފޯރުކޮށްދޭ ގޮތަށް މިއަދު މޮޑާނާއާއެކު މިއެއްބަސްވުމުގައި ސޮއިކުުރިއިރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ފާއުތުވި ހުކުރު ދުވަހު ދީފައެވެ. މިއާއެކު އދ.ގެ ކޮވެކްސް ޕްރޮގްރާމްގެ ދަށުން މޮޑާނާ ވެކްސިން ގައުމުތަކަށް ފޮނުވުމުގެ މަގު މިވަނީ ފަހިވެފައެވެ.
މިއަދު އެއްބަސްވުމުގައި ސޮއިކުރި ކަމުގައި ވިޔަސް، ބެލެވޭ ގޮތުގައި މި ވެކްސިން ގައުުމުތަކަށް ފޮނުވޭވަރު ވާނީ މިއަހަރުގެ ފަހު ތިން މަސްދުވަހުގެ ތެރޭގައެެވެ. އެއީ 34 މިލިއަން ޑޯޒެވެ. ބާކީ 466 މިލިއަން ޑޯޒް ފޮނުވޭނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.
މޮޑާނާގެ ސީއީއޯ ސްޓެފާން ބާންސެލް ވަނީ ކޮވްކްސް ފެސިލިޓީއަށް މޮޑާނާގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވާފައެވެ. އަދި އޭނާ މި އެއްބަސްވުން ސިފަކުރައްވާފައި ވަނީ ވަަރަށް މުހިއްމު އެއްޗެއްގެ ގޮތުގައެވެ.
"ކޮވިޑް ވެކްސިން ހޯދުމަށް ގިނަ ގައުމުތަކަކަށް ލިބިފައި ވަނީ މަހުދޫދު ވަސީލަތްތަކެއްކަން އަަހަރުމެން ގަަބޫލުކުރަން. އަަހަރުމެންގެ އެމްއާރްއެެންއޭ ކޮވިޑް-19 ވެކްސިން ބޭނުންކޮށްގެން މިވަބާއިން އަރައިގަތުމަށް އަހަރުމެންނަށް ކުރެވެން އޮތް މަސައްކަތެއް ކުރަން އަހަރުމެން މިތިބީ ތައްޔަރަށް." ސީއީއޯ ބާންސެލް ވިދާޅުވިއެވެ.
މޮޑާނާއިން ބުނީ އެކުންފުނިން ކޮވެކްސް ފެސިލިޓީއަށް ވެކްސިން ދެނީ އެކުންފުނިން ދެވެން އޮތް އެންމެ ދަށް ރޭޓުގައެވެ. ގަވީން ވެސް މިކަން ކަށަވަރުކޮށްދީފައި ވާއިރު، ވެކްސިން ލިބޭ ވަކި ރޭޓެއް ހާމަކޮށްފައި ނުވެއެވެ.
ކޮވިޑް-19 ގެ ވަބާގެ ނުރައްކާ ބޮޑުވެ އިންޑިޔާ ފަދަ ގައުތަކަށް ހިފަހައްޓާނުލެވިގެން ދާއިރު، މޮނާޑާ ވެކްސިން ހިމެނިފައި ވަނީ މި ބައްޔާ ދެކޮޅަށް، ޚާއްސަކޮށް އިންޑިޔާއިން ފެންނަ ބަދަލުވެފައިވާ ވައިރަހާ ދެކޮޅަށް، ބޭނުންކުރެވޭ އެންމެ އިތުބާރު ބޮޑު ވެކްސިންގެ ތެރޭގައެވެ.
ކޮވެކްސް ފެސިލިޓީގެ ދަށުން އދ. ން ގައުމުތަކަށް ފޯރުކޮށްދެމުން ދިޔަ އާސްޓްރާޒެނެކާ ވެކްސިން ލިބުން މިހާރު ވަނީ ދަތިވެފައެވެ. އެއީ، އެ ވެކްސިން އުފައްދަނީ އިންޑިޔާގައި ކަމަށްވެފައި، އިންޑިޔާއިން އެގައުމުން ބޭރަށް ވެކްސިން ފޮނުވުން ކޮންޓުރޯލުކޮށްފައި ވާތީއެވެ.
މޮޑާނާއި ވަަނީ ވެކްސިން ފޯރުކޮށްދިނުމަށް މުއްސަނދި ގިނަ ގައުމުތަކަކާއެކު އެއްބަސްވުން ހަދާފައެވެ. އެގައުމުތަކަށް މޮޑާނާއިން މިހާރު ދަނީ އެތައް މިލިއަން ޑޯޒެއް ފޯރުކޮށްދެމުންނެވެ.