
ޤާނޫނޫއަސާސީ އިޞްލާޙު ކުރުމުގެ ބިލް ކުރިއަށް ގެންދަވަނީ ބޭނުންފުޅުވި ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ހުށަހެޅި ބިލްގެ ބަހުސް ކުރިއަށް ގެންދެވުމަށް މިރޭ ކުރިއަށް ގެންދެވި ޖަލްސާގައި ބައެއް މެމްބަރުން ވިދާޅުވީ، ބިލްގެ މަސައްކަތް ކުރިއަށް ނުގެންގޮސް ބާއްވައިފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވިދާޅުވީ ކުރިންވެސް ބިލްގެ ބަހުސް ކުރިއަށް ގެންދަވައި 44 މެމްބަރުން އެބަހުސްގައި ވާހަކަ ދައްކަވައިފައިވާކަމަށެވެ. އެބަހުސަށްފަހު ބިލް ބާއްވައިފައި ވަނީ އެކަމުގައި ރައްޔިތުންގެ ޚިޔާލު މެމްބަރުން މެދުވެރިކޮށް ހޯއްދެވުމަށް ކަމަށެވެ. އަދި ފުޅާ ދާއިރާއެއްގައި ޕާޓީތަކުގެ ޚިޔާލާއި މަޝްވަރާވެސް އެކަމުގައި ހޯއްދެވުމަށް ކަމަށެވެ. ރައްޔިތުންނަށް އެއްވެ ނޫޅެވުނުކަމުގައި ވިއަސް މެމްބަރުން މެދުވެރިކޮށް ޚިޔާލު ޙުށަހެޅުމުގެ ފުރުޞަތު ދެވިފައިވާކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. ރައްޔިތުންގެ ޚިޔާލާ އެއް ގޮތަށް ރަނުންރަނަށް އެބިލުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލައްވާނެކަމަށް މިރޭގެ ޖަލްސާގައި ތަކުރާރުކޮށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"ޤާނޫނުއަސާސީ އިޞްލާހުކުރުމުގެ މަސައްކަތް މިތަނުގައި ދުވަހަކުވެސް ބޭއްވިފައެއް، ހުއްޓިފައެއް، ނޯންނާނެ. އަދި ޚާއްޞަކޮށް އިއްޔަތްތެރި މެމްބަރުން އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ޤަބޫލުފުޅުކުރައްވާނެކަމަށް އަޅުގަނޑު އުއްމީދު ކުރަނީ، އަޅުގަނޑު އިށީދެ އިންނަ ތަނެއްގައި ކަންކަން ހުއްޓިފައި މަޑުޖެހިފައި ނޯންނާނެކަން" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މަޖިލީހަށް އެކުއެކީގައި ފޮނުއްވި ދެބިލްގެ ތެރެއިން މަޖިލީހަށް ހުށަހެޅި އިންތިޚާބު ފަސްކުރުމުގެ އިޞްލާޙު ހިމެނޭ ބިލް މަޖިލީހުން ނިންމަވައި ތަސްދީޤުކޮށް ވަނީ ޤާނޫނަކަށް ވެސް ވެފައެވެ. ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލް އެޖެންޑާ ކުރެއްވުމަށްފަހު ފުރަތަމަ ކިޔުންވެސް ނީއްވަވައި ރިޔާސަތުން ހުޅުވާލެއްވީ މިހާރު އިޢުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތަކީ ޤާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތުތޯ އާއި އެހާލަތުގައި ޤާނޫނު އަސާސީއަށް އިޞްލާޙު ގެނެވޭނެތޯ މަޝްވަރާކޮށް ޚިޔާލު ހުށަހެޅުއްވުމަށެވެ. ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވަވައިފައި ވަނީ މިމަހު 18 ބޭއްވި މަޖިލީހުގެ 37 ވަނަ ޖަލްސާގައެވެ. ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލްގެ އިބްތިދާއީ ބަހުސް ފެށްޓެވީ މިމަހު 26 ވަނަ ދުވަހު ބޭއްވު މަޖިލީހުގެ 40 ވަނަ ޖަލްސާގައެވެ. ބިލް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުއްވީ މިރޭގެ ޖަލްސާގައެވެ.