މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ބިލް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ބިލަށް އާންމުންގެ ޚިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފި އެވެ.

މިހާރު ކޮމެޓީ މަރުހަލާގައި ދިރާސާ ކުރަމުންދާ މި ބިލަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފައި ވަނީ ޖޫންމަހުގެ ހަތްވަނަ ދުވަހުގެ 12 ޖެހުމާ ހަމައަށެވެ. މަޖިލީހުގެ ކޮމެޓީ އީމެއިލް އެޑްރެހަށާއި އަދި ލިޔުމުން މަޖިލިހުގެ އިދާރާއަށް ވެސް، ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައްވައިފައެވެ.

ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދެވެ. ބިލް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ސަރުކާރުން ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައަޅައި، އެ ޙައްޤުތައް ހިމާޔަތްކުރުންކަމަށެވެ.  

ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައިފުރިހަމަވާންޖެހޭ ޝަރުތުތަކާއި މިންގަނޑުތައް ބިލްގައި ވަނީ ކަނޑައެޅައިފައެވެ. އެފަދަ ޝަރުތުތަކާއި ނުވަތަ މިންގަނޑުތަކާ ޚިލާފަށްމުދާ ވިއްކާ ފަރާތްތަކާއި، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޢަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅޭނެ އުސޫލުތައްވެސް ބިލްގައި  ބަޔާންކޮށްފައި ވެއެވެ. މުދާ ގަންނަ ފަރާތެއް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ނިގުޅައިގަނެފައިވާހާލަތެއްގައި ނުވަތަ އެ ޙައްޤުތައް އުނިކަމެއް ލިބޭ ހާލަތެއްގައި އެ މައްސަލަތައް ބެލޭނެ ގޮތް ވެސް ބިލުން ވަނީ ފަހިކޮށްދީފައެވެ. މިފަދަ މައްސަލަތައް ބެލުމަށް ކޮންސިއުމަރ އޮންބަޓްސްމަނެއް ޢައްޔަންކުރަންޖެހޭނެކަމަށް ބިލްގައި ކަނޑައަޅައިފައިވެއެވެ. އޮންބަޓްސްމަންގެ ބާރާއި މަސްއޫލިއްޔަތު ވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

މުދާ ގަންނަ ފަރާތްތަކާއި ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގެއްލުން ލިބޭ ހާލަތުގައި ބަދަލުދިނުމާ ގުޅޭ އުސޫލުތައް ވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. މުދާ ގަންނަ ފަރާތްތަކުގެ ހިމާޔަތަށް ޓަކައި މުދަލަކީ ބަލައިގަނެވޭނެ ފެންވަރުގެ މުދަލެއް ކަމުގައި ވާންޖެހޭނެކަމަށް ބިލް ގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން މުދަލުގެ ފެންވަރު ދެމެހެއްޓުމަށްޓަކައި ޝަރުތުތަކެއް ވަނީ ކަނޑައަޅާފައިއެވެ. އޭގެތެރޭ ގައި މުދާ އާއްމުކޮށް ބޭނުންކުރާނެ ކަންކަމާއި، އެކަށީގެންވާ މުދަލެއް ކަމުގައި ވުމާ އި، ފެންނަފެނުމަށް ބަލައިގަނެވޭނެ މުދަލެއް ކަމުގައި ވުމާ އި، ކުދިކުދި އުނި ކަންކަން ނެތް މުދަލެއް ކަމުގައި ވުމާއި، އެ މުދަލެއްގެ ބޭނުމަށް ރައްކާތެރި މުދަލެއް ކަމުގައި ވުމާއި، އެމުދަލެއްގެ ބާވަތަށް ބަލާއިރު ގިނަ ދުވަހަށް ބޭނުންކުރެވޭ މުދަލެއް ކަމުގައިވުން ހިމެނެއެވެ. އަދި އެ މުދަލަކީ ވަކި ކަމެއް ކުރުމަށް ޚާއްޞަ މުދަލެއް ނަމަ، އެ މުދަލަކީ އެކަމަކަށް އެކަށީގެންވާ މުދަލެއް ކަމުގައި ވުން ހިމެނެއެވެ. ބިލުގައި މުދާ ގަންނަ ފަރާތްތަކަށް މުދާ އަނބުރާ ރައްދުކުރުމުގެ ޙައްޤާއި ނުވަތަ މުދަލުން ބައެއް ރައްދުކުރުމުގެ ޙައްޤުވެސް ދީފައިވެއެވެ. މުދަލެއް ހަވާލުކުރެވިފައިވާނަމަ، އެކަމުގެ މަޢުލޫމާތު ލިބުމުގެ ޙައްޤާއި، މުދާ ދެއްކުމާއި ޓެސްޓުކުރުމުގެ ޙައްޤާއި، އަދި ދަޢުވާކުރުމުގެ ޙައްޤު ވެސް ލިބިގެންވާކަމަށް ބިލުގައި ވެއެވެ.  

މުދަލުގެ އިތުރުން، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކާއި ރަޖިސްޓްރީކުރުމަށް އެބިލުން ލާޒިމުކުރާ،  އެހެންނަމަވެސް، ރަޖިސްޓްރީނުކޮށް ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ޚިދުމަތެއްގައި ހުންނަންޖެހޭ ޝަރުތުތައް ވެސް ކަނޑައަޅާފައިވެއެވެ. އަދި މުދާ ގަންނަ ފަރާތްތަކަށް ލިބިދޭ ޙައްޤުތަކާ އެއްފަދައިން، ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އޭގެތެރޭގައި ދަޢުވާކުރުމުގެ ޙައްޤާއި، ލިބިގަންނަ ޚިދުމަތް ރަނގަޅުކުރުމަށް އެންގުމުގެ ޙައްޤު ހިމެނެއެވެ. މުދާ ވިއްކާ ފަރާތުންނާއި ޚިދުމަތްދޭ ފަރާތުން މުދާ ވިއްކުމުގައި ނުވަތަ ޚިދުމަތްދިނުމުގައި ވަކި ފަރާތެއް ނަހަމަ ގޮތުގައި ތަފާތުކޮށްގެން ނުވާނެކަމަށް ވެސް ބިލުގައި ވެއެވެ. މުދާ ވިއްކާ އަގު މުދާ ގަންނަ މީހުންނަށް ފެންނަ ގޮތަށް އެ ތަނެއްގައި ލިޔެފައި ބެހެއްޓަންޖެހޭނެކަމަށް ވެސް ބިލުގައި ވެއެވެ. އަގުގެ އިތުރުން އެހެން ޝަރުތުތަކާއެކު މުދާ ވިއްކައިގެން ނުވާނެ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ. ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތްދޭ އަގާއި، ވަކި ޝަރުތުތަކެއް ގެ މަތީން ދޭ ޚިދުމަތްތަކެއްނަމަ، ޝަރުތުތައް ލިޔެފައި ފަސޭހައިން ފެންނާނެ ގޮތަށް ޚިދުމަތްދޭ ތަންތަނުގައި ބަހަށްޓަން ޖެހޭނެކަމަށް ވެސް ބިލުގައި ވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.