ކުޑަކުދިންގެ ޢަދުލުގެ ޤަވާއިދަށް ބާރު ދިނުމަށް ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ތަންޒީފުކުރަން ފެށުމުގެ ކުރިންވެސް، ބައެއް މާއްދާތަކަށް ޢަމަލުކުރުމާމެދު ކަމާބެހޭ މުއައްސަސާތަކުން ލަފާހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ކޮމެޓީން ނިންމައިފިއެވެ.
ކޮމެޓީން ނިންމައިފައި ވަނީ ޤާނޫނު ތަންފީޒު ކުރަން ފެށުމުގެ ކުރިން ވެސް ޤަވާއިދަށް ޤާނޫނީ ބާރު ލިއްބައިދޭ މާއްދާތަކަށް ޢަމަލުކޮށްގެން ޙައްލު ލިބޭ މާއްދާތައް ތަންފީޒު ކުރުމާމެދު އެޓާނީޖެނެރަލް އާއި ޖެންޑަރ މިނިސްޓްރީ ގެ އިތުރުން މަޖިލީހުގެ ކައުންސެލަރަ ޖެނެރަލްގެ ލަފާ ހޯއްދެވުމަށެވެ.
ކޮމެޓީން މިގޮތަށް ނިންމެވީ އާއްމު ޤަވާޢިދުތަކާބެހޭ ޤާނޫނުގައި ކުޑަކުދިންގެ ޢަދަލުގެ ޤަވާޢިދު ހިމަނައި ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަންރައިޓްސް ކޮމެޓީން ފޮނުއްވި މައްސަލައިގައެވެ.
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނޫ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤްކުރުމާއި ގުޅިގެން ކުރީގެ ޤާނޫނު ވަނީ އުވިގެން ގޮސްފައެވެ. ނަމަވެސް ތަސްދީޤްކުރެއްވި ޤާނޫނަށް ޢަމަލު ކުރެއްވުމަށް ކަނޑައަޅައިފައިވަނީ އަންނަ ނޮވެމްބަރ މަހުގެ 20 ގައެވެ. ކުޑަކުދިންގެ ޢަދުލުގެ ޤަވާޢިދު އާއްމު ޤަވާޢިދުތަކުގެ ޤާނޫނުގައި ހިމެނުމުގެ އެމައްސަލައިގައި ކޮމެޓީން ގޮތެއް ނިންމުމަށް ނިންމެވީ އެކަމުގެ ލަފާ ލިބުމަށްފަހުއެވެ. މިގޮތަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމެވެ. ތާއިދު ކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ޝިރާޖެވެ.
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ނޮވެމްބަރ 20 ގައި ޢަމަލު ކުރަން ފަށާއިރު އާއްމު ޤަވާޢިދުގެ ޤާނޫނަށް ޢަމަލުކުރުމަށް ދީފައިވާ މުއްދަތު މިއަހަރުގެ ނިޔަލަށް ހަމަވާނެއެވެ. އެހެން ކަމުން އެހާ ކުރުމުއްދަތަކަށް ވަގުތީ ހައްލެއް ހޯއްދަވަނީ ކީއްކުރަވަންތޯ މެމްބަރުން މިއަދުގެ ބައްދަލުވުމުގައި ވަނީ ސުވާލު އުފައްދަވައިފައެވެ.