މިހާރަށްވުރެ ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގެންފި

ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމުން އެކަމާ ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް މިހާރަށްވުރެ ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދް ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސް މިކަމަށް އެދިވަޑައިގަތީ މިއަދު ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މާލޭގައި ކޮރޯނާވައިރަހުގެ ހާލަތު މިހާރަށްވުރެ މައްޗަށް ދިއުން އެކަށީގެންވާ ކަމަށް ސިއްހީ ތަޖުރިބާކާރުން އަންދާޒާކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާއަކީ ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރަން ޖެހޭ ދެ ހަފްތާ ކަމަށެވެ. އަދި އެ ދުވަސްކޮޅު ކުރެވޭ މަސައްކަތްތަކުން އަވަހަށް ބަލިން އަރައިގަތުމުގެ އުއްމީދު ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ. ބަލިޖެހޭ މީހުން މިވަގުތު އިތުރު ވަމުން ދިޔައަސް ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތް ކޮންޓްރޯލުން ނެއްޓިގެން ނުދާކަން ރައީސް ފާހަގކުރެއްވިއެވެ. 

ރައީސް ވިދާޅުވިގޮތުގައި ބަލި ކޮންޓްރޯލުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވީ ކަމުގައި ވީނަމަވެސް ފިޔަވަޅު އަޅައިގެން ނޫނީ ބަލި ކޮންޓްރޯލު ކުރެވެން ނެތްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނުކުތަސް އިޖްތިމާއީ ގައިދުރުކަމަށް އިސްކަން ދީގެން އުޅުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ކޯވިޑަށް ޝައްކުކުރެވޭ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ބާރުއެޅުއްވިއެވެ. ބަލި ކޮންޓްރޯލުކުރުމަށްޓަކައި މިހާރު ހުރި ދަތިތަކާއެކުވެސް ގޭގައި މަޑުކުރުމަށް ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންވިއެވެ.

"މިހާރު ކުރިމަރިވެފައިވާ ދަތިތަކާ އެކުގައިވެސް ތިޔަ ބޭފުޅުން މި ދުވަސްކޮޅު ގޭގައި މަޑުކޮށްލަދެއްވާ. އަޅުގަނޑުމެންގެ ސިއްޙީ ޚިދުމަތްތެރީން އަވަދިނެތި މަސައްކަތް އެކުރައްވަނީ ތިޔަބޭފުޅުންގެ ރައްކަލަށްޓަކައި." ރައީސް ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.