ވޯލްޑްކަޕް ކޮލިފިކޭޝަންގައި މިއަދު ހަވީރު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ގުއާމާ ދެކޮޅަށް ކުޅުނު މެޗު 3-1 ލަނޑުން ރާއްޖެ މޮޅުވެއްޖެއެވެ.
މިމެޗުގައި އެންމެބޮޑަށް ފާހަގަކޮށްލެވުނު އެއްކަމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރީއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދުގެ މެޗު ބައްލަވައިލެއްވުމަށް ގަލޮޅު ދަނޑަށް ވަޑައިގެންނެވުމެވެ. އެދެބޭފުޅުންގެ އަރިހުގައި މަޖިލިސްގެ ބައެއް މެމްބަރުންނާއި ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޤައުމު ތަމްސީލްކުރަން އަމިއްލަ ދަނޑަށް ޤައުމީފުޓުބޯޅަ ޓީމް ނުކުތްއިރު އެޓީމަށް ހިތްވަރު ދެއްވުމަށް ޤައުމުގެ އެންމެ އިސް ތިން ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުން ވަޑައިގެން އެދެއްކެވީ ރިވެތި ނަމޫނާއެކެވެ. މިއަދު ރާއްޖޭގައި އުއްތަމަ ފަނޑިޔަރެއް ހުންނެވިނަމަ އެބޭފުޅަކުވެސް ވަޑައިގަތީސްކަން ކަށަވަރެވެ. މިމެޗު ބައްލަވާލެއްވުމަށް ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމް ވެސް ވަޑައިގެންނެވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ މެޗު ރާއްޖެއަށް ކާމިޔާބު ކުރެވޭނެ ކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދަނޑަށް ވަންނަ މީހުންގެ ޢަދަދު މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެއީ އެމަނިކުފާނު ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެހެން ކަމުން އަޅުގަނޑުގެ "ވަރަށް ބޮޑު އެދުމެއް އެއީ ވީހާވެސް ގިނަ ބައެއް ބޯޅަ ދަނޑަށް ދިއުން. ބޯޅަ ބަލަން ހަވީރު ދިއުން. އެވަގުތު ބޯޅައަށް ހުސްކުރެއްވުން،" ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.
މި މަހުގެ 14 ވަނަ ދުވަހު ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ބަލަން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ ބައެއް މެމްބަރުންނާއެކު ބެރު ދުންމާރީގައި ދަނޑަށް ވަޑައިގެންފައެވެ.
މިއީ މީގެ ކުރިން ފެނުނު މަންޒަރެއްނޫނެވެ. ދެ ރައީސުންގެ ހިތްތިރި މިއަމަލަށް ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. އެއީ ކަންތައްކަން ކުރެއްވި ކަމެއް ކަމަށް ބުނެ ބައެއް މީހުންވަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކައިފައެވެ. އެހެންނަމަވެސް ޤައުމީޓީމު ޤައުމު ތަމްސީލް ކުރަން ޤައުމީ ފުޓުބޯޅަ ދަނޑަށް ނުކުތްއިރު ޤައުމުގެ އިންމެ އިސްވެރިން ޓީމަށް ހިތްވަރު ދެއްވަން ވަޑައިގެންތިއްބެވުމަކީ މުޅިޓީމަށް ވެސް ހިތްވަރާއި އުފާވެރިކަން ލިބިގެން ދިޔަ ކަމެވެ.
ވައި އަޅުވާ ވައްތަރުގެ ހަބަރުތައް