މިއޮތީ ކަރަންޓީން ވެލައިގެން: ނާދިރާ

ފަރުދީ ޒިންމާ، ފަރުދުންގެ ރައްކާތެރިކަން، މަގޭ ޒިންމާ

ކޮވިޑް-19 އާގުޅިގެން ރާއްޖޭގައި އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރުމާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް  ޕަބަލިކް ހެލްތްގެ އަމުރަށް، ރާއްޖެއަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ މީހުން 14 ދުވަހަށް ކަރަންޓީނުކުރުން މިހާރު ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. އެގޮތުން އެ އަމުރުގެ ފަހުން ރާއްޖެއައި ގިނަ ޢަދަދެއްގެ މީހުން ވަނީ ކަރަންޓީން ކޮށްފައެވެ. އޭގެ ތެރޭގައި ވަކި ފެންވަރެއް ވަކި ބަޔަކަށް ބެލުމެއް ނެތެވެ. އެންމެންވެސް ދާން ޖެހެނީ ކަރަންޓީން ފެސިލިޓީއަށެވެ.

މިހާރު ކަރަންޓީން ފެސިލިޓީގައި ތިބި މީހުންގެ ތެރޭގައި ވެސް ތަފާތު އެކިފެންވަރުގެ މީހުން ހިމެނެއެވެ. އޭގެތެރެއިން އެއް ބޭފުޅަކީ މިދިޔަ ސަރުކާރުގެ އެންމެ ފަހުގެ ނާއިބް ރައީސް ޢަބްދުﷲ ޖިހާދެވެ.  ޖިހާދު އެކަހެރިވެ ހުންނެވީ ކުޑަ ބަޑޮހުގެ އައިސޮލޭޝަން ފެސިލިޓީގައެވެ. ސާދަ ދުވަސް ހަމަވަންދެން އެމަނިކުފާނުވެސް ހުންނަވާނީ އާއިލާއާއި ރަށްޓެހިންނާ ދުރު ގައި ކަރަންޓީން ވެގެންނެވެ.

ކުޑަބަޑޮހުގައި ތިބި ދިވެހިންގެ ތެރޭގައި ޖިހާދުގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ އެއް ނާއިބް ރައީސްކަމުގައިވާ އައިމިނަތު ނާދިރާއާއި އޭނާގެ ދެކުދިންވެސް ހިމެނެއެވެ. ނާދިރާ ވަނީ އޭނާކަރަންޓީން ފެސިލިޓީގައި ހުންނެވިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުކޮށްފައެވެ. އަދި ކަރަންޓީން ފެސިލިޓީގައި ނަންގަވައިއިފައިވާ ބައެއް ފޮޓޯތައް ވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. ސާދަ ދުވަސް ވަންދެން ކަރަންޓީންވުމަކީ އުދަނގުލަކަށް ވެދާނެކަމަށާއި އެހެނަމަވެސް ސަރުކާރުގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަން ކަރަންޓީން ވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ނާދިރާ ވަނީ ވިދާޅުވެފައެވެ. ނާދިރާ ކުރަށްވައިފައިވާ ބައެއް ޓްވީޓް ތަކުގައި ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި ގިނަ މީހުން ފަދައިން އިންތިޒާމުތަކާ މެދު ވަނީ ހިތްހަމަޖެހުން ފާޅުކުރައްވައިފައެވެ.

"މިއޮތީ ކަރަންޓީންވެލައިގެން. ސަރުކާރުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ. ކެއުން ސަޅި. ރިސީވްކުރި މީހުން ސަޅި. މުޢާމަލާތު ކުރުން ސަޅި. ސާދަ ދުވަހު އޮވެލާފައި ނުކުންނާނަން އިންޝާﷲ. ކަރަންޓީންކުރުމަކީ ވަރަށް ރަނގަޅު ނިންމުމެއް. ފަރުދީ ޒިންމާ، ފަރުދުންގެ ރައްކާތެރިކަން، މަގޭ ޒިންމާ." ކަރަންޓީންވެވަޑައިގެންނެވުމަށްފަހު ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

އާފަތިހުން ނާދިރާއަށް ގުޅާލާ ހާލު ބަލާލީމެވެ. ނާދިރާގެ މެސެޖް ވަރަށް ސާފެވެ. ނާދިރާ ވިދާޅުވީ ކަރަންޓީން ފެސިލިޓީގައި ހުންނެވީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ. އައިސޮލޭޝަންގައި ތިބި މީހުންނަށް ބޭނުންވާ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަވައިފައި ވަނީ ވަރަށް ފުރިހަމަކޮށް ކަމަށް އެފަދަ ފެސިލިޓީތަކުގައި ތިބި ގިނަ މީހުންނެކޭ އެއްފަދައިން ނާދިރާވެސް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވާނީ ސަރުކާރަކުން ހަމަޖައްސަވައިދެވޭނެ އެންމެ ފުރިހަމަ ތަންތަނުގައި އަޅުގަނޑުމެން މިތިބީ. އެއްވެސް ސަރުކާރަކަށް މިފަދަ ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސައެއް ނުދެވޭނެ. ވަރަށް ހިތްހަމަޖެހިގެން މިތިބީ. ގަޑިން ގަޑިއަށް ފެންވަރު ރަނގަޅު ތަކެތި ކާންލިބޭ ރީތި ސާފު ހިތްގައިމު މާހަލެއްގައި ފެންވަރު ރަނގަޅު އިންތިޒާމުތަކާއެކު. ދެން ބޭނުންވާނެ އެހެނިހެން ތަކެތި އާއިލާއިން ފޯރުކޮށް ދިނުމުގެ އިންތިޒާމުވެސް ހަމަޖައްސައިފައި ވާއިރު މިތަންތަނުގައި ތިބެން ދެކޮޅުހަދަން ޖެހޭ އެއްވެސް ސަބަބެއް ނެތް. މީކީ ހަމައެކަނި ޑޮކްޓަރުންނާއި ސަރުކާރުގެ ޒިންމާއެއް ނޫން. މީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް. އެކަކަށްވެސް ނޭނގޭނެ ބަލި ހިފައިގެން އަންނަނީ ކޮންބައެއްކަމެއް ކާކުކަމެއް. އެހެންވީމާ ފަރުދީ ޒިންމާ އަދާކުރައްވައި އެކަހެރިވެ ތިބެން އެބަޖެހޭ" ނާދިރާ ވިދާޅުވިއެވެ.

ނާދިރާއަށް އާއިލާގެ ފަރާތުން ފޮނުވި ބައެއް ތަކެތި ވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހާމަކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ 10:30 ގައި އޭނާގެ އާއިލާގެ ފަރާތުން ޙަވާލުކުރި ތަކެތި މެންދުރު ދޭއް ޖެހިއިރު ލިބިފައިވާ ކަމަށެވެ. މިއީ ވަކި މީހެއް ތަފާތުކުރުމެއްނެތި ކަރަންޓީން ފެސިލިޓީގައި ތިބި ހުރިހާ އެންމެނަށް ވެސް ލިބޭނެ ޚިދުމަތެކެވެ.

މިކަހަލަ ޙައްސާސް ދަޑިވަޅެއްގައި ބަލި ފެތުރޭ ޤައުމަކަށް ގިނަ މީހުން ދަތުރު ކުރާނީ ކޮންމެ ވެސް ޒަރޫރީ ބޭނުމެއްގައެވެ. ނާދިރާވެސް ތައިލެންޑަށް ވަޑައިގެންނެވީ އެފަދަ ޒަރޫރީ ހާލަތެއް މެދުވެރިވެގެންނެވެ. އެތަނުގައި ކިޔަވަންތިބި އޭނާގެ ދެދަރިން ބަލައެވެ. ތައިލެންޑްގައި 24 ގަޑީއިރުވެސް ނުވެ ނާދިރާ ކުދިންނާއެކު ރާއްޖެއަށް ދަތުރު ފެށްޓެވިއެވެ. ނާދިރާއަށް އެޤައުމުން އެނބުރި ރާއްޖެ އަށް ވަޑައިގެންނެވުނީ ވެސް ހަމަ ކިރިޔާއެވެ. އޭއީ ތައިލެންޑް ވެސް ލޮކްޑައުން ކުރާތީވެ އޭނާ ޓިކެޓް ނެންގެވި އެއަރ ލައިންގެ ދަތުރުތައް ހުއްޓާ ލުމުންންނެވެ. އޭރު ރާއްޖެއަށް އޮތީ އެންމެ ފްލައިޓެކެވެ. އޭނާ ރާއްޖެ އަށް ވަޑައިގެންނެވީ ބެންކޮކް އެއަރވޭސްގެ އެންމެ ފަހު ފްލައިޓުންނެވެ. އެ ފަލައިޓުން ގިނަ ޢަދަދެއެގެ ދިވެހިން ރާއްޖެއަށް އައެވެ.

ރާއްޖެއަށް ވަޑައިގެން ކަރަންޓީން ފެސިލީޓީއަށް ވަޑައިގެންނެވުމާ ދޭތެރޭގައި ދެ ގަޑިއެއްހާއިރު ވިކަމަށް ނާދިރާ ފާހަގަ ކުރެއްވިއެވެ. ބައެއް މީހުން ގިނައިރުވެގެން ބަޑުހައިވެ މައްސަލަ ޖައްސައި ހެދިކަމަށް އޭނާ ފާހަގަ

 ކުރެއްވިއެވެ. ނަމަވެސް ރާއްޖޭން ބޭރުގެ އައަރޕޯޓަކުން ހުންނަން ބޭނުންވާ ހޮޓަލާ ހިސާބަށް ދިއުމަށް ގިނަ އިރު ތަކެއް ވާއިރު މިކަހަލަ ހާލަތެއްގައި އެއީ ގިނަ އިރުތަކެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ނާދިރާ ވިދާޅުވިއެވެ.

"ހަމަ އެކަނި މައްސަލައަކަށް އަޅުގަނޑަށް ފާހަގަ ކުރެވުނީ އެރައިވަލްގައި މީހުން ތަންކޮށްޅެއް ތޮއްޖެހިގެން ތިބެން ޖެހުން. އެކަމު އެއީ ތަނުގެ ޖާގައިގެވެސް ގޮތުން ޖާގަ އެވަރަށް ނެތި ދުރުދުރުގައި ނުވެސް ބޭތިއްބޭނެ. އެކަމު އެންމެންވެސް ތިބީ މާސްކް އަޅައިގެން ހޭންޑް ސެނިޓައިޒާ ވެސް ހުރި" ކަރަންޓީން ކުރުމުގެ އިންތިޒާމުގެތަކުގެތެރެއިން ކިރިޔާވެސް މައްސަލައެއް ހުރިކަމަށް ފާހަގަ ކުރެވުނު ކަންތަކާ ބެހޭގޮތުން ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރި ވަމުން ދަނީ ދިވެހި ސިފައިން ކަމަށެވެ. ސިފައިން ކާއެއްޗިހި ގެނެސް ކޮޓަރީބޭރުގައި ހުންނަ މޭޒެއްގެ މަތީގައި ބަހަށްޓާފައި ކޮޓަރީގައި ޓަކިޖަހާލައިފައި ދަނީ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ޚިދުމަތްދޭ މީހުންނާވެސް އެއްވެސ ވަރަކަށް ކޮންޓްޓެކްޓް ނުވެވޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. ކަރަންޓީން ފެސިލިޓީގައި ހޭދަކުރެއްވި ދެ ދުވަހުވެސް އެޗްޕީއޭގެ ފަރާތުން ގުޅާ އެއްވެސް ޞިއްޙީ މައްސަލައެއް ނުވަތަ އުދަނގުލެއް ހުރިތޯ ސާފުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެނަމަ ގުޅަން ޖެހޭކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މިއަދުވެސް ގުޅާފައި އެވެސް އަލާމާތެއް ހުރިތޯ؟ ހުން ހުރިތޯ ރޯގާގެ އުދަނގުލެއްވޭތޯ؟ އެކަހަލަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ގުޅަން ބުނެފައި އޮންނަނީ ވެސް" ކަރަންޓީން ފެސިލިޓީގައި ތިބޭއިރު ޞިއްހީ ކަންކަން މޮނިޓަރކޮށް ބަލަހަށްޓަމުންދާ ގޮތާ ބެހޭގޮތުން ނާދިރާ ވިދާޅުވިއެވެ.

ކަރަންޓީން ފެސިލިޓީއެއްގައި އާއިލާއާއި ދުރުގައި 14 ދުވަސް ހޭދަކުރަމަކީ ކޮންމެ މީހަކަށް ވެސް ދަތިތަކެއް ހުންނާނެކަމެކެވެ. ނަމަވެސް ނާދިރާއާއި އެނޫންވެސް ކަރަންޓީން ފެސިލިޓީ ތަކުގައި ތިއްބި ދިވެހިންނާއި އެނޫންވެސް މީހުން އެދައްކަވާ ނަމޫނާއާ އެއްގޮތަށް އަޅުގަނޑުމެން ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށް މިބަލި ފެތުރުނަ ނުދިނުމަށް ގޭގައި އެކަހެރިވެ ތިބެން އެބަޖެހެވެ.

ނާދިރާ ވިދާޅުވި ފަދައިން އަޅުގަނޑުމެން ހުރިހާ ދިވެހިން ގުޅިގެން ދުނިޔެއަށް މިކަމުގައިވެސް ނަމޫނާ ދައްކަމާ ހިނގާށެވެ. އަހަރެމެން އުޅެފިއްޔާ، މިކަން ވެސް އަޅުގަނޑުމެނަށް ވާނެއެވެ.

1 ޚިޔާލު

  1. އެއަރޕޯޓްގައި މީހުން ތޮއްޖެހިފައި. މަސް މާރުކޭޓުގައި މީހުން ތޮއްޖެހިފައި. އެކަމަކު ހުކުރަށް ގޮސް 40 މިނިޓް ސާފުތާހިރުވެގެން ތިބެންވީމާ މައްސަލައަކަށްވަނީ. މިކަން ވެސް ނާދިރާއަށް އޯކޭވާނެ. އެމްޑީއެން ރިޕޯޓް ވެސް ނާދިރާއަށް އޯކޭ ވާނެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.