ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް 500 ބެޑްގެ ކެޕޭސިޓީއެއް އެބަހުރި ކަމަށް ޑރ. ޢަލީ ނަޒީމް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ފަރުވާ ދެމުންގެންދާނީ އައިޖީއެމް ހޮސްޕިޓަލާއި، ޑީއެޗް11 އާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.
ކޮވިޑަށް ފަރުވާ ކުރުމަށް އެންމެ ފުރަތަމަ ބޭނުންކުރަމުން ދިޔައީ އައިޖީއެމްއެޗާއި ޑީއެޗް-11 އެވެ. ޑީއެޗް-11 ގައި 10 އެނދުގެ އައސީޔޫއެއް ބޭނުންކުރަމުން ދިޔައެވެ. އެއަށްފަހު މޭ 6 ހިސާބުގައި ޓްރީޓޮޕް ހޮސްޕިޓަލް ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުން ކުރުމަށް ވަނީ ފަށާފައެވެ. އަދި އެ ހޮސްޕިޓަލުގައި ބަލިމީހުން އެޑްމިޓްކޮށް ފަރުވާދޭތާ މިހާރު ގާތްގަނޑަކަށް 3 ހަފުތާ ވަނީ ވެފައެވެ. މީގެއިތުރުން 24 މޭގައި ހުޅުމާލެ މެޑިކަލް ފެސިލިޓީ ވަނީ ސަރުކާރާއި ހަވާލު ކުރެވިފައެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 289 އެނދުގެ ކެޕޭސިޓީއެއް އެބަހުއްޓެވެ. މި ފެސިލިޓީގައި ފަރުވާ ދިނުމަށް ޚާއްސަކުރެވިފައި ވަނީ 2 ބްލޮކެވެ. އެއީ ބްލޮކް A އަދި ބްލޮކް B އެވެ. ބްލޮކް A ގައި 221 އެނދު ހުރެއެވެ. އަދި ބްލޮކް B ގައި 68 އެނދު އެބަހުއްޓެވެ. މީގެތެރެއިން 2 އެނދަކީ އައސީޔޫ އެނދެވެ. އަދި އިތުރު އެއް އެނދުގައި ހީމޯ ޑައިލެސިސް ދޭން ޖެހިއްޖެ ހިނދެއްގައި ދިނުމަށް ތައްޔާރުކުރެވިފައިވާ ކަމަށްވެސް ޑރ. ނަޒީމް ވިދާޅުވިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގައި 100 އައިސީޔޫ އެނދު ޤާއިމްކުރެވެނެ ކެޕޭސިޓީ އެބަހުރިކަމަށާއި މިހާރުވެސް ވެންޓިލޭޓަރާ އެކު 25 އެނދު ތައްޔާރު ކުރެވިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މިހާތަނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި އެއްފަހަރާ ވެންޓިލޭޓަރުގައި ފަރުވާދެވިފައިވަނީ 2 މީހަކަށެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓީވް ވެފައިވާ މީހުންގެ އަދަދު 1457 އަށް ވަނީ އަރާފައެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 242 އަށް އަރާފައެވެ. އޭގެތެރޭގައި މިއަދު ބަލިން ރަނގަޅުވި 10 މީހުން ހިމެނެއެވެ.