ރ. މަޑުއްވަރީގައި ފުލުހުން މިހާރު ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގައި އެރަށު 6 ގެއަކާއި ދޯންޏެއް ބަލައި ފާސްކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކުރައިމް ވިންގު ޗީފް ސުޕްރިންޓެންޑެންޓް މުޙައްމަދު ބަޝީރު ވިދާޅުވީ ބަލައި ފާސްކުރި އެ ގެތަކާއި ދޯނިން އެމައްސަލަތަކާ ގުޅުންހުރި ހެކީގެ ގޮތުގައި ބެލެވޭ ވަރަށްގިނަ އިލެކްޓްރޯނިކް އާލާތްތައް ފެނިފައިވާ ކަމަށެވެ. އަދި ސައްހަނޫން ކައިވެނީގެ ސެޓުފިކެޓެއް ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެރަށުގެ ބައެއް ކުޑަކުދިންނަށް ވެކްސިން ދިނުމާއި ތައުލީމުން މަހުރޫމް ކޮށްފައޮވާ ކަން މި އޮޕަރޭޝަނުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މަޑުއްވަރީގައި އުޅޭ ހަރުކަށި ފިކުރުގެ މީހުން ގަބޫލުކުރާ ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެކެވެ. އަދި އެމީހުންގެ ފިކުރު ގަބޫލުނުކުރާ މީހުންގެ މުދަލާއި، ފުރާނައާއި ނަފުސަށް ގެއްލުން ދެވިދާނެ ކަމަށް އެމީހުން ގަބޫލުކުރާ ކަމަށެވެ. އަދި އަށާރަ އަހަރު ނުވާ ކުދިންނާ، ޝަރުއީ އަދި ގާނޫނީ އިމުގެ ބޭރުން އަނބިގެން ގޮތުގައި ގެންގުޅެ އެމީހުންނާއެކު ޖިންސީ ގުޅުން ހިންގިދާނެ ކަމަށް ވެސް އެމީހުން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އޮޕަރޭޝަން ހިންގާއިރު 2007 ގައި ހިމަންދޫގައި ހިނގި ހާދިސާގެ ތަޖުރިބާގެ އަލީގައި ފުލުހުންނާއި ސިފައިގެން ރައްކާތެރިކަމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ފުލުހުންނާއި ސިފައިން ތިބީ ތައްޔާރުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މި އޮޕަރޭޝަނުގައި މިހާތަނަށް ވަނީ ޖުމްލަ ތިން މީހުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ ތިންމީހުންނަކީ ވެސް ދިވެހީންނެވެ. މިއޮޕަރޭޝަން ކުރިއަށްއޮތް ހަފްތާއާ ހަމައަށް ދެމިގެންދާނެ ކަމަށް ވެސް ބަޝީރު ވިދާޅުވިއެވެ.