
ދީނީ ހަރުކަށި ފިކުރަށް ތާއިދުކޮށް އެފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި އއ. މާޅޮހުން މީހަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު 11:44 އެހައިކަންހާއިރު ކަމަށެވެ.
ހަރުކަށި ފިކުރަށް ތާއިދުކޮށް އެކަން ފެތުރުމުގެ އިތުރުން އޭނާ ވަނީ ދަރީން ބެލުމުގައި ވެސް އިހުމާލުވެފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެގޮތުން އެކުދިންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކުން މަހުރޫމްކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ދަރީންނަށް 18 ނުފުރެނީސް ކޯޓުން ބޭރުގައި ކައިވެނި ކުރުވި ކަމުގެ ތުހުމަތުވެސް ފުލުހުންވަނީ އޭނާގެ މައްޗަށް ކުރައްވައިފައެވެ.
"ހަރުކަށި ފިކުރަށް ތާއިދުކޮށް އެފިކުރު ފެތުރުމާއި ދަރީން ބެލުމުގައި އިހުމާލުވެ އެކުދީންނަށް ލިބެންޖެހޭ އަސާސީ ހައްގުން މަހުރޫމްކޮށް 18 އަހަރު ނުފުރެނީސް ކޯޓުން ބޭރުގައި ކައިވެނިކުރުވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 2019 ޑިސެމްބަރު 28 ވަނަ ދުވަހު ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި،" ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ގެންދަވަނީ މިމައްސަލަ ބައްލަވަމުންނެވެ.