ސިޔާސީ ފަރާތްތަކުން ޤުރުބާން ކުރާ ސިޔާސީ ކަންބަޅިއަކަށް ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު ނުހެއްދެވުމަށް އެމަނިކުފާނުގެ ޢާއިލާއިން އިލްތިމާސް ކުރައްވައިފިއެވެ.
އަދީބުގެ ޢާއިލާގެ ފަރާތުން މިހެން ވިދާޅުވެފައިވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީގެ މަރާ ގުޅިގެން ދިއްގާރު ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ނާޒިމް މަރުތައް ތަޙުޤީޤު ކުރައްވާ ކޮމިޓީއަށް ދެއްވި ބަޔާނުގައި އަދީބާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަތައް ދޮގުކުރައްވައި ނެރުއްވި ބަޔާނެއްގައެވެ.
ނާޒިމް ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ބައިވެރިނުވެވޭނެ ގޮތެއް އޮތިއްޔާ ކޮންމެފަދަ ގޮތަކުން ވެސް އެކަމެއް ކުރުމަށް އަދީބު ހުންނެވި ތައްޔާރަށް ކަމަށެވެ. އެއީ ރައީސް ނަޝީދަށް ވަރިކަމަށް ވަޑައިގެންވިއްޖެ ކަމަށްވަނަމަ 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުގެ ވައްޓާލުމަށް މަސައްކަތްކުރި އިސް އެންމެންނަށް އަދަބުދޭނެ ކަމުގެ ބިރު އޮތުމުން ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
"ރައީސް ނަޝީދުގެ ކެންޑިޑެސީ ބާތިލް ކުރުމުގެ ވާހަކައަކީ އަބަދު ވެސްދެކެވޭ ވާހަކައެކެވެ. މިކަމުގެ ތެރޭގައި އަދީބު ބޮންހަދާ ހިސާބަޔަށް ވެސް ދިޔައެވެ. އެއީ ރައީސް ނަޝީދު އިންނަވާ އުޅަނދެއްގެ އެތެރޭގައި ބޮމެއް ގޮއްވާލައިގެންނެވެ. މިކަން އެނގިގެން ކާނަލް ނާޒީމް ސީދާ ފުލުހުންނަށް އެ މަޢުލޫމާތު ޙިއްސާކުރިއެވެ. އަދި ރައީސް ނަޝީދަށް ވެސް އެކަހަލަ ތުރެޓެއް އޮތްކަމަށް ކާނަލް ނާޒިމް )އޭރުގެ ޑިފެންސް މިނިސްޓަރ) ވަނީ ރައީސް ނަޝީދަށް އަންގަވާފައެވެ." ނާޒީމާ ޙަވާލާ ދެއްވައި ރިޕޯޓުގައި ބުނެފައެވެ.
މިކަމާ ގުޅިގެން އަދީބުގެ ޢާއލާއިން ބުނެފައިވަނީ އެވާހަކަތަކީ ސިޔާސީ މަންފާއަށްޓަކައި ދެއްކި ސިޔާސީ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ސިޔާސީ ބަދަލު ހިފުމެއް ކަމަށްވެސް އެނަޔާނުގައި ބުނެފައިވެއެވެ.
އެ ވާހަކަތަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޒާތީ ތައައްސަބުން ފުރިގެންވާ ބަޔާންނެއް ކަމަށެވެ. ނާޒިމްވަނީ އަދީބުގެ ނަން ބޭނުންކޮށްގެން ސާބިތު ނުހިފާ ދޮގުވާހަކަތައް ދައްކައިފައި ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.ނ
ނާޒިމް ވިދާޅުވެފައިވަނީ ރާއްޖެޓީވީގައި ރޯކޮށްލިރޭ "މިޝަން އެކޮމްޕްލިޝްޑް" ބުނެ އަދީބު ޔާމީންގެ ފޯނަށް މެސެޖެއް ފޮނުވި ކަމަށްވެސް ބުނެފައިވެއެވެ. އެއީ ރާއްޖެޓީވީ ރޯކޮށްލި ވާހަކަކަން ފަހުން އެނގުނު ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. މީގެއިތުރުން އެރިޕޯޓުން ދޭހަވެގެންދިޔަ އެއްކަމަކީ ނާޒިމްގެ އިތުރަށް ސިޔާސީ އެހެން ފަރާތްތަކުން ވެސް މީގެ ކުރިން އަދީބު ބޮލުގައި ޑރ އަފްރާޝީމްގެ މަރާއި ގުޅޭގޮތުން އަޅުވަމުން ދިޔައީ ސިޔާސީ ދޮގެއްކަން ކަމަށް ބަޔާނުގައިވެއެވެ.