ސަރުކާރުގެ ސިޔާސަތުގެ ދެއުޅި އެއްނުވޭ: ރައީސް ޔާމީން

ސަރުކާރުން ކަންތައް ކުރަމުންދާ ގޮތުން ފެންނަމުންދަނީ، ސިޔާސަތުގެ ދެއުޅި އެއްނުވާތަންކަމަށް ކުރީގެ ރައީސް ޢަބަދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން "ދަވައިލައިފި" ނަމުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރުން ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިހާރު ހިނގަމުންދާ ކަންތައްތަކަށް ޢިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެއް ކޮޅުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރަމުން ދާއިރު އަނެއް ކޮޅުން ފެންނަމުންދަނީ "ޑަޑޫރާއެއްގެ" ގޮތުގައި ރާއްޖޭގައި ތިބީ ފިދާއީންނޭ ޓެރެރިސްޓުންނޭ ރާއްޖެ ނާންނާށޭ ގޮވާ އަޑުކަމަށް ޔާމީން ވިދާޅުވިއެވެ.

މިހާރު މަޖިލީހުގައި އޮތް ޓެރެރިޒަމްގެ ޤާނޫނުން ފުލުހުންނަށް ބޮޑެތި ބާރުތައް ދިނުމަށް މަސައްކަތް ކުރަމުންދާތީވެސް ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ސަރުކާރުގެ މާލީ ސިޔާސަތަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ 30 އެތައް ބިލިއަން ޑޮލަރެއްގެ ބަޖެޓެއް މިސަރުކާރަށް ދިނުމުން އެއަށް ވެސް ވީގޮތެއް ނޭނގި "ދަވާލައިފައި" ވާކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް އައިއިރު ދައުލަތުގެ ރިޒާވްގައި ހަތްސަތޭކަ އެތައް މިލިއަން ޑޮލަރެއް ހުންނާނެކަން ފާހަގަ ކުރައްވާ އެ ފައިސާއަށްވެސް ވީނުވީ ނޭނގޭ ކަމަށެވެ. އެއަރޕޯރޓަށް ދައްކަން ޖެހޭ ދަރަނި، އަދާކުރަންޖެހޭ ހިސާބަށް ދާން ވާއިރަށް، ސިންކިންގ ފަންޑެއްގައި 150 ޑޮލަރު ސަރުކާރު ބަދަލުވެގެން ދިޔައިރު ހުންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެފައިސާ ވަކި ފަންޑެއްގައި ބަހަށްޓައިފައިވަނީ ދަރަނި ދައްކަން ޖެހޭ ހިސާބަށް ދާންވާއިރަށް ސަރުކާރުގެ ހާޒާނާއަށް ލުޔެއް ދިނުމަށް ކަމަށް ރައީސް ޔާމިން ފާހަގަ ކުރެއްވިއެވެ. މިއަދު އެލާރިކޮޅު ކޮބައިތޯ ވެސް ޔާމީން ވަނީ ސުވާލު އުފެއްދަވައިފައެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް މުއައްސަސާތައް ސިޔާސީ ކުރަމުންދާކަން ފާހަގަ ކުރައްވާ މިރާއަށްވެސް ސިޔާސީ ބޭފުޅަކު ލާން ސަރުކާރުން ބޭނުންވާކަމަށް ޔާމީން ތުޙުމަތު ކުރެއްވިއެވެ. އެފަދަ ސިޔާސީ މީހަކު ލުމުން ސަރުކާރުގެ ތެރޭގައި ހިމެނޭ ވިޔަފާރި ކުރާ ފަރާތްތަކުގެ ކުންފުނިތަކުން ދައްކަންޖެހޭ ޓެކްސް އެއީ ދައްކަންޖެހޭ އެއްޗެއްގެ ގޮތުގައި ނުފެންނާނެކަމަށް ތުޙުމަތު ކުރެއްވިއެވެ.

"މިމީހުންނެއް ނޫންތޯ ބުނީ މަންމަ އުނަގަނޑުގައި އޮންނަ ފައްޓަރުބައި ޖަހައިގަންނަންވާނޭ، އެހެންވީމާ މީހުން ކޮށްފާނެ ކޮންމެފަދަކަމެއް ވެސް" ރައީސް ޔާމީން ވިދާޅުވިއެވެ.

މަސް ވެރިންބާނާ މަސްކޮޅު ކިރައި ނުދެވުނަސް މިހާރުގެ ސަރުކާރުގެ ރެކޯރޑްތަކެއްވެސް ހުރިކަން ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ. އެއީ ކޮންމެ ފަނަރަ ދުވަހުން ރިސޯރޓެއް އަދި ކޮންމެ އަށާރަ ދުވަހަކުން އެއަރޕޯރޓެއް ހުޅުވަމުންދިއުންކަމަށް ވިދާޅުވިއެވެ. މިކަން ރައީސް ޔާމީން ސިފަކުރެއްވީ "ކާޅު ހާލި ހެދީމާ ކޮވެލި ބިސް އެޅުން" ގޮތުގައެވެ. މާނައަކީ އެމަނިކުފާނުގެ ސަރުކާރުން ފަށްޓަވައިފައިވާ މަސައްކަތްތައް ނިމުމަކަށް އައިސް މިސަރުކާރުން އެތަންތަން ހުޅުވުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.