
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު ފުވައްމުލަކަށް ވަޑައިގެންނެވުމުން ގިނައަދަދެއްގެ މީހުން ނުކުމެ އެމަނިކުފާނަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުމެތިބި މީހުންވަނީ އެއާޕޯޓު ސަރަހައްދު ފުރާލައިފައި ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ފުވައްމުލަކުގައި ތަރައްޤީކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވާނެއެވެ. އަދި އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި، ނޭޗަރ ޕާކް ހުޅުއްވައިދެއްވާނެއެވެ. އޭގެ އިތުރަށް ބަނދަރުގެ އެއްގަމުތޮށިލުމަށް ހިންގި މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑުއަތޮޅަށާއި އިއްޔެ ވެއްޓެވި ދަތުރުފުޅުގައި، އިއްޔެ އެމަނިކުފާނު ވަނީ ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ހުޅުއްވައިދެއްވައި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވުމުގެ އިތުރުން ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިތަދޫއަށް ވަޑައިގެން ހިތަދޫގެ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ހުޅުއްވައިދެއްވައިފައެވެ.
މީގެއިތުރުން މިއަދު އެމަނިކުފާނު ވަނީ ފޭދޫއަށް ވަޑައިގެން މަރަދޫ، މަރަދޫފޭދޫ، ފޭދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވައި ފޭދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި އެމަނިކުފާނު މިއަދު ވަނީ މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ވެސް ބައްދަލުކޮށްލައްވާފައެވެ.