ބައެއްގެ ގޮނޑިކޮއްކޮއަކަށް ވެގެން ނުވާނެ، ކަންކަން ނިންމުމުގެ ފުރިހަމަ ބާރު އަޅުގަނޑުމެންނަށް އޮންނަންޖެހޭ: ރައީސް ޔާމިން

ޕީޕީއެމުން ކުރިން ބޭއްވި ކެންޕޭން ޖަލްސާއެއްގައި ކުރީގެ ރައީސު ޢަބްދުﷲ ޔާމީން ވާހަކަފުޅުދައްކަވަނީ

އަޅުގަނޑުމެންނަކީ ބައެއްގެ ގޮނޑިކޮއްކޮއަކަށް ވެގެން ނުވާނެ ކަމަށާއި ކަންކަން ނިންމުމުގެ ފުރިހަމަ ބާރު އަޅުގަނޑުމެންނަށް އޮންނަންޖެހޭ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީންގެ ސަރުކާރު ނިމިދިޔަފަހުން ފުރަތަމަ ފަހަރަށް އާއްމުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލޭގޮތަށް މިހާރު ސަރުކާރުން ކުރައްވަމުންގެންދަވާ ކަންތައްތައް ފާހަގަކުރައްވައި ވަރަށްބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ކާނިވާ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ އެއްވުމަކީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ބޭއްވި މިފަދަ ފުރަތަމަ ޙަރާކާތެވެ. "ފޭރުމާ ދެކޮޅަށް ޕްރޮގްރެސިވް ކޯލިޝަން" ގެ ނަމުގައި ބޭއްވި އެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ ދިވެހިންގެ ބުރަ މަސައްކަތުން އުފައްދައިފައިވާ ހަރުމުދާތައް އެހެން ބަޔަކަށް ދެވިގެން ނުވާނެކަމުގައެވެ.

"ކީއްވެގެންތޯ މި އެއަރޕޯރޓް އެހެންބަޔަކާ ހަވާލުކުރަނީ ވިޔަފާރި ކުރަން ނޭނގެންޏާ އެނގޭ ބަޔަކާ ޙަވާލުކުރަންވީ ނޫންތޯ؟ އެ ނޫންތޯ އެކަން ކުރަންވީ ގޮތަކީ. މިވަރުކަމެއް ކޮށްލާނެ ބަޔަކު އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައި ނެތިއްޔާ ދަރިންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ ބޭނުމަކީ ކޮބައިތޯ؟ އަޅުގަނޑުމެން ދަރިން ތަރުބިއްޔަތު ކުރަނީ މިކަހަލަ ކަންތައްތަކަށް ހޭލުންތެރި ޖީލެއް ބިނާކުރުމަށްޓަކައި، އެ ޖީލް އަޅުގަނޑުމެންގެ ތެރޭގައި އޮތް" ކަމަށް ޔާމީން ވިދާޅުވިއެވެ.

ސަރުކާރު ބަދަލުވެއްޖެނަމަ ނުވަތަ އެމަނިކުފާނުގެ ބާރު ހިނގާ ސަރުކާރެއް އަތުވެއްޖަނަމަ މިފަދަ ހުރިހާ އެއްބަސްވުންތައް އެފުށް މިފުށަށް ޖައްސާވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮންކޮން އެއްބަސްވުންތަކެއް ކަމެއް ސީދާ ވިދާޅެއް ނުވެއެވެ.   

"ދިވެހިންނަށް ދިވެހިން ބޭނުންވާ ދިވެހި ރާއްޖެ ހޯދަން ޖެހޭ މިއީ އަހަރެމެންގެ ދިވެހިރާއްޖެ، މިތާކު އެހެންބަޔަކު އުޅޭކަށް ނުޖެހޭ. މިތަނުން ލިބޭ މަންފާ އެހެން ބަޔަކާ އަޅުގަނޑުމެން ޙިއްސާކުރާކަށް ނުޖެހޭ. އަހަރެމެންގެ ކަންކަން ނިންމުމުގެ ފުރިހަމަ ބާރު އަހަރެމެންނަށް އޮންނަންޖެހޭ. އަހަރެމެންނަކީ މުސްތަޤިއްލު ޤައުމެއްކަން އަހަރެމެން ދަންނަށްޖެހޭ. އަހަރެމެންނަކީ އަހަރެމެންގެ ބަސް ބުނާ ބަޔަކު ކަމުގައިވާން އެބަޖެހޭ. އަހަރެމެންގެ ދިދަ އދ. ގައި ވިހުރުވެން އެބަޖެހޭ. އަހަރެމެންނަކީ އދ. އިން ނިންމާ ކަންކަމުގައި އަހަރެމެން އާނ އެކޭ ބުނާ ކަންކަން ތަންފީޒުކުރާ ބަޔަކަށްވާން އެބަޖެހޭ. އަހަރެމެންނަކީ އިސްލާމް ދީން ނޫންދީނަކަށް މި ފަސްގަނޑުން ޖާގަ ނުދޭނަމޭ ބުނާ ބައެކޭ،ބާރު ހުރިބަޔަކަށް ވާން އެބަޖެހޭ. މީ ދިވެހިންގެ ގޮތް. މި ޖަޒްބާތާ މިޖޯޝާ އެބަޖެހޭ އަލުން އަނބުރާ ގެންނަން، އެހެން ނޫނިއްޔާ ބޮޑު ތިލަދުންމަތީގެ މުޙައްމަދު ތަކުރުފާނުގެ ޒިކުރާ އާ ކުރުމުގެ ޙައްޤެއް ނެތް އަޅުގަނޑުމެންނަކަށް." މި ސަރުކާރުގެ ސިޔާސަތުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

މިޤައުމުގެ އިސްތިޤްލާލާއި މިނިވަންކަން މިއަދު އެބައޮތްތޯ ސުވާލު އުފައްދަމުން ރައީސް ޔާމީން ވިދާޅުވީ  އަޅުގަނޑުމެންނަކީ ބައެއްގެ ގޮނޑި ކޮއްކޮއަކަށް ވެގެން ނުވާނެކަމުގައެވެ. އަޅުގަނޑުމެން ދިވެހިންނަކީ ރާއްޖޭގައި ދެވަނަ ދަރަޖައިގެ މީހުންނަށް ވާން ބޭނުންނުވާކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތަޙްޤީޤްތައް ބޭރަށް ގެންދާކަށް ނުޖެހޭ. ބަޔަކު އެގްރިމެންޓެއް ހުށަހެޅިއަސް އެ އެއްޗިއްސަކީ އަޅުގަނޑުމެން އިޖާބަ ދޭ އެއްޗިއްސެއް ނޫން. އަޅުގަނޑުމެންގެ މުސްތަޤިއްލުކަން އަޅުގަނޑުމެން އަތުގައި އޮންނަން ޖެހޭނެ.  އެހެންވީމާ ދެކޮޅު ނުޖެހޭ ގޮތަށް އަޅުގަނޑުމެން ސޫޓް ލައިގެން ރާއްޖެއިން ބޭރަށް ދިވެހިރާއްޖޭގެ ކަރާމާތާއި ޝަރަފާ ދައްކާކަށް ދަތުރުކުރާނެ ކަމެއް ނެތް. އެއަށްވުރެ، ރައްޔިތުންގެ ތެރޭގައި އުނުއަނދެގެން ރައްޔިތުންގެ ތެރޭގައި އައުރަ ނިވާކޮށްގެން އުޅެން ދަސްކުރިއްޔާ މާރަނގަޅުވާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.  

ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު ހުވަފެނުން ދެކިވަޑައިގަންނަވާ ފަދަ ދިވެހި ރާއްޖެއެއް އަނބުރާ ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

"އަޅުގަނޑުމެންގެ ގޮނޑު ދޮށްތަކަށް ކެނޑިނޭޅި ބަންގީގެ  އަޑު އިވޭނެ ރާއްޖެއެއް އަޅުގަނޑުމެން ދެކެން ބޭނުންވޭ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ޒުވާނުނާއި ހުރިހާ ރައްޔިތުން ހުރިހާ އިރެއްގައިވެސް ހަމައިގައި ތިބުން. އަޅުގަނޑުމެން ބޭނުމެއް ނުވޭ ދިވެހި ރާއްޖޭގައި ހަމަ ނުޖެހުމެއް. އަޅުގަނޑުމެން ބޭނުމެއް ނޫން ދިވެހި ރާއްޖޭގައި ޓެރެރިސްޓުންނެއް. އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެންގެ މުދާތައް ވިއްކާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން އެހެން ދީނަކަށް މި ފަސްގަނޑުން ޖާގަ ދޭކަށެއް. މި ޖިހާދުގައި އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުން ބައިވެރިވާން ޖެހޭ " ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.