ޣައިރު ހާޒިރުގައި ޙުކުމްކުރެވިފައިވާ މީހުންގެ އަދަބު ލުއިކޮށްދެނީ

އެމީހެއްގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވި، އިތުރުކުށެއްނުކޮށް، 5 އަހަރުވެފައިވާ މީހުންނަށް ކްލެމެންސީގެ ފުރުޞަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.

މިގޮތަށް ނިންމެވީ ، ރައީސަށް ގާނޫނުން ލިބިވަޑައިގެންފައިވާ އިޚްތިޔާރުގެ ދަށުން، 2018 ވަނަ މިނިވަންދުވަހާ ގުޅިގެން ރައީސްގެ ޚާއްޞަ ފުރުޞަތުގެ ދަށުން، ޝާރުޠުފުރިހަމަވާ ދިވެހި ރައްޔިތުންނަށް ލިބިދެވުނު ފުރުޞަތާ ގުޅިގެން، ޣައިރު ޙާޟިރުގައި ޙުކުމްކުރެވިފައިވާ ގިނަ ޢަދަދެއްގެ ބައެއްގެ ފަރާތުން ރައީސް އަރިހަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން، އެ މައްސަލަ ރައީސް އޮފީހުން ބެއްލެވުމަށްފަހު އެފަދަ މީހުންނަށް ކުށުން ދުރުވެ މުޖްތަމަޢުގައި ހެޔޮ ގޮތުގައި އުޅުމުގެ ފުރުޞަތެއް ދެއްވުމަށް ރައީސަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

އެކަމުގެ ސަބަބުތަކުގެ ތެރޭގައި މިގޮތަށް ހުކުމްކުރެވި 18 ނުވަތަ 15 އަހަރު ފަދަ ގިނަދުވަސްތަކެއްވެފައިވާ މީހުން ތިބެފައި، މިފަދަ ގިނަ މީހުންތަކެއް މިހާރު، ޢައިލާއެއް ފަށައި، ދިރުއުޅުމެއް ބިނާކޮށް ވަޒީފާ އަދާކޮށް، މުޖްތަމަޢުގައި ކުށުން ދުރުގައި ދިރިއުޅުމެއް ފަށައި، މުޖްތަމަޢުގެ އެހެން މީހުން ފަދައިން، ދިރިއުޅެމުން ގެންދާތީއެވެ. އަދި މިފަދަ ޙާލަތުގައި އެފަދަ މީހުން ކުށުގެ ވެއްޓަށް އަނބުރާ ފޮނުވާލުމަށްވުރެ، އެމީހުންނަށާއި އެމީހުންގެ ކުދިންނާއި ޢާއިލާއަށް އަދި މުޖްތަމަޢަށްވެސް ފައިދާ ބޮޑުވާނި އެމީހުންނަށް ފުރުޞަތެއް ލިބިދިނުންކަމާއި، އަދި މިފަދަ ފުރުޞަތެއް ލިބިނުދެވިއްޖެނަމަ، އެފަދަ މީހުންނަށް ކުށުގެ ޤާނޫނީ ވެށިން ނިކުމެވޭނޭ އެހެން ގޮތެއް ނެތުމުން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ޣައިރު ޙާޟިރުގައި ޙުކުމްކުރެވިފައިވާ މީހުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީއަކުން މި މައްސަލަ ބެލުމަށްފަހުއެވެ. މި ފުރުޞަޠުގެ ދަށުން މަޢާފުދޭން ހަމަޖެހިފައިވަނީ މިހާރު ކުށުންދުރުގައި 5 އަހަރުހޭދަކޮށް، ޢާއިލާއެއް ބިނާކޮށް، ވަޒީފާގެ މާހައުލަށް ނުކުމެ އަދި ޤައުމަށް ފައިދާކުރަނިވި ޚިދުމަތްތަކެއް ކުރަމުންދާ ފަރާތްތަކަށެވެ.

މިގޮތަށް ހަމަޖެއްސެވި ނަމަވެސް މިފުރުޞަތުގެ ދަށުންވެސް، މީހަކު މެރުމުގެ ކުށާއި، ޓެރަރިޒަމްގެ ކުށާއި، ‏ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، ރޭޕްގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ‏ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ޙުކުމްތައް އެމީހެއްގެ މައްޗަށްކޮށްފައިވާ މީހަކަށް ފުރުޞަތެއް ލިބިނުދެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ރައީސްގެ ނިންމެވުމާއި ގުޅިގެން، މިފަދަ މީހުންގެ މައްސަލަތައް ރައީސް އޮފީހަށް ފޮނުއްވުމަށް މިނިސްޓްރި އޮފް ހޯމްއެފެއަރޒްގައި ދަންނަވާފައިވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.