އީވާ އާއި މީކާއީލްގެ ރައްދު: ސަރުކާރުން ލުތުފީ ގެންނަން އުޅެނިކޮށް ކުއްލި މައްސަލަ ހުށަހެޅީ ކާނިވަލުގައި ބާއްވަން އުޅޭ ޖަލްސާއަށް މީހުން އެއްކުރާނަމޭހިތައި

3 ނޮވެމްބަރު 1988 ވަނަ ދުވަހު ތަމަޅައިންގެ ބަޔަކާއި ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެއަށް ދީފައިވާ އުދުވާނީ ހަމަލާގެ އެންމެ އިސްމީހެއްގެ ގޮތުގައި ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ޖަލުގައި ހުއްޓައި ސަރުކާރުން ބޭސްފަރުވާއަށް ބޭރަށް ފޮނުވުމުން ފިލައިގެން ސްރީލަންކާގައި އުޅުމަށް ފަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ އަމިއްލައަށް ހަވާލުވުމާއެކު ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްގެ ސަރުކާރުން ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ލުތުފީގެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ކުރީގެ ޑިފެންސް މިނިސްޓަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމް/ޕީއެންސީން ބާއްވަން އުޅޭ ޖަލްސާއަށް "މީހުން އެއްކުރާނަމޭހިތައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި އީވާ ވިދާޅުވީ ކުއްލި މައްސަލަ ހުށަހެޅުއްވިއިރުވެސް މި ސަރުކާރުން ލުތުފީ ގެނައުމުގެ ކަންކަން ކުރަމުންދާކަން އާދަމް ޝަރީފަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އީވާ ވިދާޅުވީ ލުތުފީ ލަންކާގައި ފިލައިގެން އުޅޭކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުލުހުންގެ އެންމެ އިސްވެރިންނާއި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށްވެސް އެނގިވަޑައިގަންނަވާ ކަމަށާއި ލުތުފީ ލަންކާގައި އުޅޭތަންތަން އެނގިވަޑައިގަންނަވާ ކަމަށް އުމަރު ނަސީރުވެސް ތަކުރާރުކޮށް ވިދާޅުވެފައި އެބަހުރި ކަމަށެވެ.

އީވާ ވިދާޅުވީ ހޯމް މިނިސްޓަރާއި ފުލުހުންގެ އެންމެ އިސްވެރިންނަށް ލުތުފީ ލަންކާގައި ފިލައިގެން އުޅޭކަމުގެ މައުލޫމާތު އެނގޭއިރު އެ ސަރުކާރުގެ ޑިފެންސް މިނިސްޓަރާ އެވާހަކަ ޙިއްސާ ކޮށްފައި އޮންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެކަން އާދަމް ޝަރީފަށް އޭރު އެނގިވަޑައިގެންފައި ނެތް ނަމަ އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.

އީވާ ވިދާޅުވީ ކުރީގެ ސަރުކާރުން ލުތުފީ ރާއްޖެ ގެނައުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށެވެ. ނަމަވެސް ރައީސް ސޯލިޙުގެ ސަރުކާރުން ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ކުރަމުން އެބަގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު މީކާއީލްވެސް ވިދާޅުވީ 19 ދިވެހިންގެ ލެޔާ ގުޅިފައިވާ މައްސަލައެއް ސިޔާސީ ޖަލްސާއަކަށް މީހުން އެއްކުރުމުގެ ބޭނުމުގައި މަޖިލީހަށް ވައްދައިގެން ބަހުސް ކުރަން ޖެއްސުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ލުތުފީ މިވަގުތު ހުރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައެވެ. ދިވެހި ސަރުކާރުން ބުނީ ލުތުފީ ރާއްޖޭގެ އެމްބަސީއާ ހަވާލުވީ އަމިއްލައަށް ކަމަށެވެ. ސަރުކާރުން ބުނީ ލަންކާ އާއި ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން ކުރަން ހުރި ކަންކަން ކުރުމަށް ފަހު ލުތުފީ ރާއްޖެ ގެންނާނެ ކަމަށެވެ.

ލުތުފީގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ނުކުރާ ކަމަށާއި ސަރުކާރުން އުޅެނީ ލުތުފީ ފޮރުވަން ކަމަށެވެ. ނަމަވެސް ސަރުކާރުގެ އިސްވެރިން ވަނީ އެކަން ދޮގު ކުރައްވާފައެވެ. ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވަނީ ލުތުފީ ފޮރުވަން ސަރުކާރުން ނޫޅޭ ކަމަށާއި ލުތުފީ އެމްބަސީއާ ހަވާލުވީ ފުރަތަމަ ދުވަހުން ފެށިގެން އޭނާ ގެނައުމުގެ މަސައްކަތް ފެށި ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.