ކައުންސިލްތަކުގެ 33 އިންސައްތަ ގޮޑި އަންހެނުންނަށް ދިނުމަށް ކަނޑައަޅާފައިވާ ބިލްގެ ބަހުސް ފަށްޓަވައިފި

ކައުންސިލްތަކަށް އިންތިޚާބުކުރެވޭ  މެމްބަރުންގެ 33 އިންސައްތަ އަންހެނުންނަށް ކަނޑައެޅުމަށް، އިދާރީ ދާއިރާތައް ލާމަރުކަޒީއުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށްޓަވައިފިއެވެ.

ބިލަށް ހުށަހަޅައިފައިވާ މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި ކައުންސިލްތަކަށް އިންތިޚާބުކުރެވޭ  މެމްބަރުންގެ 33 އިންސައްތަ އަންހެނުންނަށް ކަނޑައެޅައިފައި ވަނީ ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައެވެ.  މިއަދުގެ ޖަލްސާގައި ސަރުކާރު ފަރާތުން މިބިލް ހުށަހެޅުއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރ ޢަލީ ނިޔާޒެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް އުޖޫރައެއް ދިނުމަށް ކަނޑައެޅުން ވެސް ޤާނޫނަށް ހުށަހަޅައިފައިވާ އިޞްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. އަންހެނުން ކޮމެޓީތަކަށް ވަކި ބަޖެޓެއްދީ އޮފިސްހިންގާނެ ތަނެއް ހަމަޖައްސައި ދިނުންފަދަ އިންތިޒާމުތައް ކައުންސިލްތަކުން ފޯރުކޮށްދޭންވާނެކަމަށް ވެސް ބިލްގައި ކަނޑައަޅައިފައި ވެއެވ

އިދާރީ ދާއިރާތައް ލާމަރުކަޒީއުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނަން ހުށަހަޅައިފައިވާ މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި، ކައުންސިލްތަކުގެ ޢުމުރު ތިން އަހަރުން 5 އަހަރަށް އިތުރުކުރުމާއި ކައުންސިލްތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިޢާދަކޮށްދިނުން ހިމެނެއެވެ. ކައުންސިލްގެ އިޚްތިޞާސް ހިނގާ ސަރަޙައްދު ކަނޑައަޅާނެ ގޮތުގެ އުޞޫލުތައް ވެސް ހިމެނެއެވެ.  ކައުންސިލްތަކުގެ އިޚްތިޞާޞްގައިވާ އެންމެހާ ވަޞީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލްތަކުގެ މިލްކްވެރިކަމަށް ބަދަލުވެގެންދާނެ އުޞޫލުތައްވެސް ބިލުގައި ހިމެނެއެވެ.

ދައުލަތުގެ އާމްދަނީ ފަސް އިންސައްތައަށްވާ ޢަދަދުގެ ފައިސާ ކައުންސިލްތަކަށް ދިނުމަށާއި ކައުންސިލްތަކުގެ އިޚްތިޞާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ  40 އިންސައްތަ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން، ހުރިހާ ކައުންސިލްތަކަށް ބެހިގެންދާގޮތަށްހަމަޖެއްސުން ވެސް ބިލްގައި ހިމެނެއެވެ. އަދި ކައުންސިލްތަކުންދޭ ޚިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ވެސް ބިލުން ކައުންސިލްތަކަށް ދެއެވެ.

ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސް އައިޕީ މަޝްރޫޢުތަކުގެ ތެރެއިން ފަސް މިލިއަނަށްވުރެ ދަށްއަގުގެ މަޝްރޫޢުތައް ކައުންސިލުން ހިންގާ ގޮތަށް ހަމަޖެއްސުން ބިލުގައިވާ އިޞްލާޙުތަކުގެ ތެރޭގައި ހިމެނެއެވެ. ކައުންސިލްތަކުން ވިޔަފާރިކުރުމަށްޓަކައި ކަނޑައެޅޭ ވަކި އުޞޫލެއްގެ ދަށުން ކުންފުނި އުފައްދައި ހިންގުމަށްވެސް މިބިލަށް ގެނެވޭ އިޞްލާޙުން މަގުފަހިކޮށް ދެއެވެ.

އާބާދީއަށް ނިސްބަތްކޮށް މެމްބަރުން އިންތިޚާބުކުރެވޭ ގޮތަށް ހަމަޖެއްސުމަށްޓަކައި، ސިޓީކައުންސިލްތަކަށް މެމްބަރުން އިންތީޚާބުކުރާގޮތް ބަދަލުކުރުން ހިމެނެއެވެ. ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތްފަދަ އާންމު ޚިދުމަތްތައް ކައުންސިލްތަކުން އަމިއްލައަށް ފޯރުކޮށްދިނުމާބެހޭ އުޞޫލުތައް ވެސް މި ބިލުން ކަނޑައެޅިގެން ދާނެއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ކައުންސެލަރުން ތަމްޞީލްވާނެގޮތް ހަމަޖައްސައި، ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުން ހިމެނެއެވެ. ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ގުޅޭގޮތުންނާއި، ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ކައުންސިލްތަކުން، ވީ ވަރަކުން ރައްޔިތުންނާ މަޝްވަރާކުރަން ޖެހޭނެކަމަށް ބިލްގައި ކަނޑައަޅައިފައިވެއެވެ.

ކައުންސިލްގެ ޒިންމާދާރުވެރިޔާ އައްޔަންކުރުމުގައި ކައުންސިލްގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެއްސުންވެސް އިޞްލާޙުތަކުގެ ތެރޭގައި ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.