ރަމަޟާންމަހަކީ އެމަހުގެ ފުރަތަމަ ދިހާގައި ﷲގެ ރަޙްމަތް، މެދުދިހާގައި ﷲގެ ފުއްސެވުން އަދި ފަހުދިހާގައި ނަރަކައިން މުއްތިކުރެއްވުން ލައްވާފައިވާ މަހެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ وَهٌوَ شَهْرٌ أوَّلُهُ رَحْمَةٌ، وأوسطُهُ مغفرةٌ، وآخرُهُ عِتْقٌ مِنَ النارِ [1] - "އެއީ، އެމަހުގެ ކުރީކޮޅުގައި ރަޙްމަތް ، އަދި މެދުތެރޭގައި ފުއްސެވުން އަދި ފަހުކޮޅުގައި ނަރަކައިން މުއްތި ކުރެއްވުން އޮތްމަހެކެވެ."
ރަމަޟާންމަހަކީ މުޙައްމަދުގެފާނުގެ އުއްމަތަށް މާތްﷲ ގިނަގުނަ މާތްކަންތައްތަކެއް ލެއްވިމަހެކެވެ.
1. ފުރަތަމަ ކަމަކީ ރަމަޟާންމަހުގެ ފުރަތަމަ ރޭ، އަރަހުށި މާތް ﷲ އެމީހުންނަށް ބައްލަވައި ވޮޑިގެންނެވުމެވެ. ރަޙްމަތުގެ ނަޒަރަކުން އެކަލާނގެ ބައްލަވައި ވޮޑިގަންފި އަޅަކަށް ދުވަހަކުވެސް ޢަޛާބެއް ނުދެއްވާނެއެވެ.
2. ދެވަނަކަމަކީ، ﷲގެ މަލާއިކަތުން ކޮންމެދުވަހަކާއި ކޮންމެ ރެއަކު ރޯދަވެރިންނަށް ފާފަފުއްސަވާ ދެއްވުމަށް އެދި ވަޑައިގެން ދުޢާކޮށްދެއްވުމެވެ. މަލާއިކަތުންގެ ދުޢާއަކީ ﷲގެ ޙަޟްރަތުގައި ޤަބޫލުކުރައްވަނިވި އެއްޗެކެވެ. އެހެނީ ،އެބޭކަލުން ކުރައްވާކަމެއް ކުރައްވާނީ ﷲ އެކަމަށް އިޛްނަ ދެއްވުމުންނެވެ.
3. ތިންވަނަކަމަކީ، މާތްﷲ ސުވަރުގެއަށް ރޯދަވެރިންނަށްޓަކައި ތައްޔާރުވެ ޒީނަތްތެރިވުމަށް އެންގެވުމެވެ. މިއިން އެނގެނީ ﷲ އަންގަވާފައިވާގޮތަށް ރޯދަހިފި މީހުންނަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާނެކަމެވެ.
4. ހަތަރުވަނަކަމަކީ، ރަމަޟާންމަހުގެ އެންމެ ފަހުރޭ ހުރިހާ ރޯދަވެރިންނަށް މާތްﷲ ފާފަފުއްސަވާ ދެއްވުމެވެ. އެއީ ލައިލަތުލްޤަދްރި ވިލޭރެއެއް ނޫނެވެ. އެކަމަކު އެއީ، މީހަކު ،މީހަކަށް މަސައްކަތެއް ކޮށްދިނުމުން، އެކުރި މަސައްކަތުގެ އަގު ދެވޭގޮތަށް، މާތްﷲ ރޯދަވެރިންނަށް ދެއްވާ ސަވާބެވެ. ނުވަތަ އަޖްރެވެ.
މި ސަވާބު ލިބޭ ރޯދަވެރީންނަކީ ކޮބާ؟
މިމަތިވެރި ސަވާބު ލިބޭނީ ކޮންކަހަލަ ރޯދަވެރިންނަކަށްތޯއެވެ؟ ރޯދަ ހިފާ ވަރަށްގިނަ ބަޔަކު އުޅެއެވެ. ނަމަވެސް މިސަވާބު ޙައްޤުވާ ރޯދަވެރިން ވަރަށް މަދެވެ. އެއީ ޙަޤީޤީ ރޯދަވެރިންނެވެ. ޙަޤީޤީ ރޯދަވެރިންނަކީ އެމީހުންގެ ބޮލާއި ބޮލުގައިވާ ހުރިހާ ގުނަވަންތަކަކުންނާއި، ބަނޑާއި ބަނޑުގައިވާ ހުރިހާ ގުނަވަންތަކަކުންނާއި، އަތާއި ފަޔާއި ، ހަށިގަނޑުގެ އެންމެހައި ގުނަވަންތަކަކުން ރޯދަހިފާމީހުންނެވެ.
ބޮލާއި ބޮލުގައިވާ ހުރިހާ ގުނަވަންތަކަކުން ރޯދަހިފާމީހާ ،ދުލުންނާއި ލޮލުންނާއި ކަންފަތުންނާއި ސިކުނޑިން ރޯދަހިފާނެއެވެ. އޭނާގެ ދުލުން އެއްވެސްމީހަކަށް ގޯނާއެއް ނުކުރާނެއެވެ. އޭނާގެ ދުލުން މީހެއްގެ އަބުރަކާ ނުބެހޭނެއެވެ. އޭނާގެ ދުލުން އަބަދުވެސް ނުކުންނާނީ ހެޔޮބަސްތަކެވެ. ފައިދާހުރި ބަސްތަކެވެ. މީހުން އެއްގަލަށް އެރުވުމުގެ ބަސްތަކެވެ. ފިތުނަފަސާދަ އުފެއްދުމެއް ނެތް ބަސްތަކެވެ.
އޭނާގެ ލޮލުން މާތްﷲ ޙަރާމްކުރެއްވި އެއްވެސް އެއްޗަކަށް ނުބަލާނެއެވެ. އޭނާގެ ލޮލުގެ ފެނުން ބޭނުންކުރާނީ އެހެންމީހުންނަށްޓަކައެވެ. މުޖްތަމަޢަށްޓަކައެވެ. ދުޝްމަނުންގެ ޙަމަލާތަކުން ޤައުމު ސަލާމަތް ކުރުމަށްޓަކައެވެ. ލޯބޯކޮށިމީހުންނަށް މަގުހިނގުމަށާއި މަގުހުރަސް ކޮށްދިނުމަށް އެހީވުމަށްޓަކައެވެ. އޭނާ އަކީ ބެލުންތައް ތިރިކޮށްގެން މަގުމަތީގައި އުޅޭމީހެކެވެ.
އޭނާގެ ކަންފަތުން މާތްﷲ މަނާކުރެއްވި ވާހަކަތައް އަޑެއްނާހާނެއެވެ. މީހުންނަށް މަލާމާތްކުރުމާއި، ނެތިމޮށުމާއި ، އާޑަފުރައްސާރަކުރުމުގެ ތެރޭގައި އޭނަގެ ދުވަސް ބޭކާރުކޮށެއް ނުލާނެއެވެ. އޭނާގެ އިވުން ބޭނުންކުރާނީ އޭނާއަށް ފައިދާހުރި ކަންތައްތަކަށެވެ. އެހެންމީހުންނަށް ގެއްލުމެއް ނެތް ކަންތައްތަކަށެވެ.
އޭނާގެ ބުއްދީގެ ބޭނުންކުރާނީ ރަނގަޅު ކަންތައްތަކާމެދު ވިސްނާ ރޭވުމަށެވެ. ނުބައި ކަމަކަށް ރޭވުމަށް ނުވަތަ ނުބައިކަމަކަށް ޚިޔާލުދިނުމަށް އޭނާގެ ސިކުނޑިގެ ބޭނުމެއް ނުކުރާނެއެވެ.
އޭނާގެ ބަނޑަށް އެތެރެކުރާނީ ޙަލާލު ކާއެއްޗެއްސާއި ބޯއެއްޗެއްސެވެ.ތަންތަނުން ވަގަށްނަގައިގެން އޭނާ ކައިބޮއެއް ނަހަދާނެއެވެ.މީހުންގެ މުދާ ބާޠިލު ގޮތުގައި ކައެއް ނަހަދާނެއެވެ.
ޙަޤީޤީރޯދަވެރިޔާ އޭނާގެ މުޅި ހަށިގަނޑުން ރޯދަހިފާނެއެވެ. އަޅުގަނޑުމެންގެ ސަލަފުން ވަނީ މިކަން ރަނގަޅަށް ދެނެވަޑައިގެންފައެވެ. ރަމަޟާންމަހަކީ އެބޭކަލުންގެ އަރިހުގައި ބޮޑުވެގެންވާ ޣަނީމާއެކެވެ. މި ޣަނީމާއިން ވީހާބޮޑު ޙިއްޞާއެއް ޙާޞިލުކުރެއްވޭތޯ އެއްބޭކަލަކު އަނެއްބޭކަލަކާ ވާދަކުރެއްވިއެވެ.
[1] - رواه البيهقى وابن خزيمة