ﷲ ލޯބިވެ ވޮޑިގަންނަވާ މީހުންގެ ތެރެއިން (2)

(8 މާރިޗު 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިޖްތިމާޢީ ޚިދްމަތްތެރީން

މި ދިޔަ ހަފުތާގައި – މި ސިލްސިލާގެ ދަށުން-  ބަލާލައިފާ ވާނީ ކުރަން ޖެހޭ ކަމެއް ނުވަތަ ކުރާ ކަމެއް  ރަނގަޅަށް ކުރުމާ ބެހޭ ގޮތުންނެވެ. އިސްލާމްދީން އެކަމަށް ބާރު އަޅުއްވާ މިންވަރަށާއި މުޖްތަމަޢު ބިނަކުރުމުގައްޔާއި މުޖްތަމަޢުގެ ގުޅުން ބަދަލިކަންމަތީގައި ބޭއްވުމަށް ދީން ގޮވައިލާ މިންވަރަށެވެ.މިއަދު މި ބަލައިލަނީ މި ފަދަ އެހެން ކަންތައްތަކަކަށެވެ.

މުހުތާދުވެރީންނަށް އަޅައިލުން

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަަސައްލަމް ޙަދީސް ކުރެއްވިއެވެ. ((اللهُ يُحِبُّ إِغَاثَةَ اللَهْفَانِ[1] - ﷲ މުހުތާދުވެރިޔާއަށް އެހީވާ މީހާދެކެ ލޯބިވެ ވޮޑިގަންނަވައެވެ. ))

މި ބަސްފުޅުގައި އައިސްފައިވާ މުހުތާދުވެރިއަކީ ކޮބައިތޯއެވެ؟ އެއީ އެހީއަށް ވަރަށް ބޮޑަށް  ބޭނުން ޖެހިފައިވާ މީހާއެވެ. މި އެހީ މާއްދީ އެހީއަކަށް ވެދާނެއެވެ. ޖިސްމާނީ އެހީއަކަށް ވެދާނެއެވެ. ޢިލްމީ އެހީއަކަށް ވެސް ވެދާނެއެވެ. ތިބާގެ ތަނަވަސްކަމުންނާއި، ތިބާގެ ވަގުތުންނާއި، ތިބާގެ ގައިބާރުންނާއި، ތިބާގެ ވިސްނުމާއި ޚިޔާލުން ވެސް އެހީ ވެވިދާނެއެވެ. ތިބާ އޭނާއަށް ވެދޭ އެހީއެއްގެ ސަބަބުން އޭނާ މަގުފުރެދުމަކުން ސަލާމަތް ވެދާނެއެވެ. ތިބާ ފޯރުވާ އެހީއެއްގެ ސަބަބުން އޭނާގެ ޢިއްޒަތާއި ކަރާމަތް ރައްކައުތެރި ކުރެވިދާނެއެވެ. ތިބާ އޭނާއަށް ދޭ އެހީއެއްގެ ސަބަބުން އޭނާއަށް ޖެހިފައިވާ ބައްޔަކަށް ފަރުވާއެއް ލިބިދާނެއެވެ. މި ފަދަ ގޮތަކަށް އޭނާއަށް އެހީވެ ދިނުމުން ތިބާއަށް އެ ލިބުނީ ރަނގަޅު ބިމެކެވެ. މި ބިމުގައި މި އިންދުނު ހެޔޮ ގަހުގެ މޭވާއިން ތިބާއަށް ދަރުމަ ލިބެމުން ދާނެއެވެ. އޭނާގެ އަތުގައި ހިފައިގެން އޭނާ އަމާން ބައްރަކަށް ގެންގޮސް ދިނުމުން އެ ސަލާމަތް ކުރެވުނީ މަޢުޞޫމު ނަފްސެކެވެ. ތިބާގެ އެހީގެ ސަބަބުން އެ ފޯރުކޮށް ދެވުނީ އިޖްތިމާޢީ ޚިދްމަތެކެވެ.

ހަރުކަށިނުވުން

މާތް ﷲ ލޯބިފުޅުވާ އިތުރު ގިންތިއަކަށް ބަލައިލަމާ ހިނގާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަަސައްލަމް ޙަދީސް ކުރެއްވިއެވެ. (( إِنّ اللَّهَ رَفِيقٌ يُحِبُّ الرِّفْقَ فِي الأَمْرِ كُلِّهِ [2]- ހަމަކަށަވަރުން ﷲ  ކޮންމެ ކަމެއްގައިވެސް މަޑުމައިތިރި ކަމަށް ލޯބިވެ ވޮޑިގަންނަވައެވެ. )) މަޑުމައިތިރިކަމުގެ މާނައަށް ބަލާލައިއިރު ރަދީފު ބުނާގޮތުގައި އެއީ ޚުލްޤު ރިވެތިކަމާއި، ނިޔަނެތިކަމާއި ، ބޮޑާކަން ނެތުމެވެ. މި ސިފައިގެ އިދިކޮޅު ސިފަޔަކީ ހަރުކަށިކަމެވެ.

މާތް ﷲ ލޮބުވެތި ރަސޫލާއަށް ހަރުކަށިކަމާ ދުރުހެލިވެވަޑައިގަތުމަށް އަންގަވާފައި ވެއެވެ. އަދި ﷲގެ އެ ބަސްފުޅުގައި އެކަމުގެ ސަބަބު ވެސް ބަޔާން ކުރައްވާފައި ވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ [3]- ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ.))

މިއަދުގެ ދުނިޔެއަށް ބަލާއިރު ދުނިޔެ އެންމެ ކަންބޮޑު ވަނީ ހަރުކަށި ޢަމަލުތައް ދެކެއެވެ. ހަރުކަށިކަމުގެ ތެރެއިން ލައިފައިވެސް ތިބާއަށް ތިބާގެ އަމާޒަށް ފަހަރެއްގައި ވާޞިލު ވެވިދާނެއެވެ. އަދި މަޑުމައިތިރިކަމުގެ ތެރެއިން ލައިފައި ވެސް  މި އަމާޒަށް ވާޞިލުވެވިދާނެއެވެ. އެކަމަކު ހަރުކަށިކަމާއެކު އަމާޒަށް ވާޞިލުވެވުނުމަ ލަނޑުދަނޑި އޮންނާނީ ޙާޞިލު ނުކުރެވިފައެވެ. އެހެނީ ކޮންމެ އިންސާނަކަށް ވެސް ޝަޚްޞިއްޔަތެއް ވެއެވެ. އޭނާއަށް ކަރާމަތަކާއި ޢިއްޒަތެއް ވެއެވެ. އޭނާއަށް އިޙްސާސްތަކަކާއި ޝުޢޫރުތަކެއް ވެސް ވެއެވެ. ހަރުކަށިކަން ދައްކައިފިނަމަ އޭނާ ފުޑައިލެވުނީއެވެ. ފުޑައިލައިގެން ލަނޑުދަނޑި  ޙާޞިލެއް ނުކުރެވޭނެއެވެ.

ތަރްބިޔަތުގެ މުހިއްމުކަން

މިހެންވެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަަސައްލަމް ޙަދީސް ކުރެއްވިއެވެ. (( عَلِّمُوا ولاَ تُعَنِّفُوا ، فإنَّ المُعَلِّمَ خَيْرٌ مِنَ المُعَنِّف[4] - ތިޔަބައިމީހުން އުގަންނާދޭށެވެ! ހަރުކަށިކަމާއެކު މުޢާމަލާތު ނުކުރާށެވެ! ފަހެ، ހަމަކަށަވަރުން އުނގަންނާދޭ މީހާ ، ހަރުކަށިކަމާއެކު މުޢާމަލާތު ކުރާ މީހާއަށްވުރެ ހެޔޮކަން ބޮޑެވެ. ))

މިއީ ލޮބުވެތި ރަސޫލާ އެދުރުންނަށް ދެއްވާފައިވާ މަތިވެރި އިރްޝާދެކެވެ. މިއީ ތަރްބިޔަތު ދޭންވީ ގޮތުގެ އަގުހުރި ދަރްސެކެވެ. މި ބަސްފުޅުން ތަރްބިޔަތުގެ މުހިއްމުކަން ވެސް އެނގެއެވެ. ތަރްބިޔަތަކީ ހަރުދަނާ ޝަޚްޞިއްޔަތުތަކާއި ބާރުގަދަ އުއްމަތްތައް ބިނާކުރާ ކާރުޚާނާއެވެ. ހަމަޖެހުން ބޭނުންވާ ކޮންމެ ގެއަކަށާއި މެދުމިން ޝަޚްޞިއްޔަތެއް ބިނާކުރަން ބޭނުންވާ ކޮންމެ ޢާއިލާއަކަށް ލިބިގެންވާ ހަތިޔާރަކީ ތަރްބިޔަތެވެ.

ކީރިތި ރަސޫލަގެ މި ބަސްފުޅު އައިސްފައި ވަނީ ތަރްބިޔަތުގެ ދަރްހެއްގެ ތެރެއިންނެވެ. އެއްދުވަހަކު ކުޑަކުއްޖަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަަސައްލަމް ގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑު ޙައްޖު ވާން ބޭނުމެވެ.އެހިނދު ރަސޫލާ ޙަދީސް ކުރެއްވިއެވެ. (( އޭ ކޮއިފުޅާއޭވެ! މާތް ﷲ ކޮއިފުޅަށް ތަޤްވާވެރިކަން އިތުރުކޮށް ދެއްވާށިއެވެ! ހެޔޮ މަގަށް ސީދާ ކުރައްވާށިއެވެ! ކަންބޮޑުވުންތައް ފިއްލަވާށިއެވެ! )) މި ކުއްޖާ ޙައްޖުވެގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަަސައްލަމް ގެ އަރިހަށް އައުމުން ޙަދީސް ކުރެއްވިއެވެ. ((ކޮއިފުޅާއޭވެ! ﷲ ތިބާގެ ޙައްޖު ޤަބޫލު ކުރައްވާށިއެވެ! ކޮއިފުޅުގެ ފާފަފުއްސަވާ ދެއްވާށިއެވެ! ކޮއިފުޅުގެ ހޭދަކުރުމަށް ބަދަލު ދެއްވާށިއެވެ! ))[5] ރަސޫލާ ޞައްލަﷲ ޢަލައިހި ވަަސައްލަމް މި ކުއްޖާއެކު މުޢާމަލާތު ކުރެއްވި ގޮތް ނިކަން ދެކެ ބަލާށެވެ! ކުޑަ ކުއްޖަކަށް ވާތީ އެ ކުއްޖާ އެއްފަރާތަކަށް ނުލައްވައެވެ. އެ ކުއްޖާއާއެކު ހިންގަވާފައި ވަޑައިގެން ދެއްވި ނަސޭހަތާމެދު ވިސްނާލާށެވެ. އެ ކުއްޖާއަށް ޤަދަރު ކުރެއްވިއެވެ. ބެއްލެވި އެއީ ހަމަ ބޮޑު މީހެއް ކަމަށެވެ.

އެއްދުވަހަކު ޔަހޫދިންގެ ބަޔަކު  ރަސޫލާ އަރިހަށް އައިސް  ސަލާން ގޮވައިލުމުގެ ގޮތުން  السامُ عليك [6] އޭ ބުންޏެވެ. އެހިނދު ރަސޫލާ ޖަވާބުގައި و عليكم  އޭ ވިދާޅުވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ޢާއިޝަތުގެފާނު ހުންނެވިއެވެ އެކަމަނާ ޔަހޫދީން ދެކެ ކޯފާވެގެން ވިދާޅުވިއެވެ. (( السَّامُ عَلَيْكُمْ وَلَعَنَكُمْ اللَّهُ وَغَضِبَ عَلَيْكُمْ )) އެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަަސައްލަމް ޙަދީސް ކުރެއްވިއެވެ. (( مَهلاً يَا عَائِشَةُ عَلَيكِ بالرِّفْقِ ، وإِيَّاكِ والعُنْفَ والفُحْشَ – އޭ ޢާއިޝަތުގެފާނޭވެ! ކޯފާ މަޑު ކުރައްވައި މަޑުމައިތިރިވެ ވަޑައިގަންނަވާށެވެ! ހަރުކަށިކަމާއި ބަސް ހުތުރުކަމުން ދުރުހެލިވެ ވަޑައިގަންނަވާށެވެ! )) މި ބަސްފުޅުން އެނގެނީ މުޢާމަލާތު ކުރުމުގައި އަޞްލަކަށް ހަދަން ޖެހޭނީ މަޑުމައިތިރިކަމާއި އޯގާވެރިކަމެވެ.

އިސްލާމީ ތަރްބިޔަތުގެ އިސް ބާނީން ކަމުގައިވާ އިބްނު ސީނާއާއި އަލްޢަބްދަރީއާއި އިބްނު ޚަލްދޫން ވިދާޅުވާ ގޮތުގައި މުރައްބީންނަށް އަދަބުދިނުން ހުއްދަ ވާނީ އެންމެ ފަހު ކަމެއްގެ ގޮތުން ޟަރޫރީ ޙާލަތުގައެވެ.

އަލްއިމާމުލް ޣަޒާލީ ވިދާޅުވާ ގޮތުގައި މުރައްބީއަކީ ޑަކްޓަރެއް ފަދަ މީހެކެވެ. ބަލިމީހާއަށް ފަރުވާ ދިނުމުގައި އެތައް ބާވަތެއްގެ ފަރުވާތަކެއް ދޭން ޖެހިދާނެއެވެ. މުރައްބީ ވެސް ޢަމަލު ކުރަން ޖެހޭނީ މި ފަދަ ގޮތަކަށެވެ. ކޮންމެ ކުއްޖަކީ މިޒާޖާއި ޠަބީޢަތަށް ބަލާއިރު ތަފާތު ޝަޚްޞެކެވެ.

ކުދިން ތަރްބިޔަތު ކުރާއިރު އެކުދިންނަށް  އެކުދިންގެ ނަފްސާމެދު އިތުބާރު ކުރަން ދަސްކޮށް ދޭން ވާނެއެވެ. އެއްދުވަހަކު ޢުމަރުގެފާނު މަދީނާގެ މަގެއް މަތީގައި ހިންގަވާފައި ވަޑައިގަންނަވާ ތަން ކުޅެން ތިބި ކުދިންތަކަކަށް ފެނުމުން ހުރިހާ ކުދިން ފިލަން ދުއްވައިގަތެވެ. އެންމެ ކުއްޖަކު މެނުވީއެވެ. ޢުމަރުގެފާނު އެކުއްޖާއަށް ވިދާޅުވިއެވެ. ކަލޭގެ އެކުވެރިން ފިލިގޮތަށް ކަލޭ ނުފިލައި ތިޔަ ހުރީ ކީއްވެ ހެއްޔެވެ؟ އެ ކުއްޖާ ވަރަށް ސާބިތުކަމާއެކު ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީނޭވެ! މަނިކުފާނުދެކެ ބިރުން ފިލަން އަޅުގަނޑު ކުށެއް ނުކުރަމެވެ. އަދި މި މަގު މަނިކުފާނަށާއި އަޅުގަނޑަށް ތަނަވަސް ވެގެން ވެއެވެ. " މި ކުއްޖާއަށް މި ހަރުދަނާ ޖަވާބު ދެވުނީ އެ ކުއްޖާގެ ނަފްސަށް އިތުބާރު ކުރެވޭތީއެވެ. [7]

މި ފަދަ އިތުރު މިސާލެއް ދަންނަވައިލާނަމެވެ. އެއީ ޢުމްރު ބުނު ޢަބްދިލްޢަޒީޒުގެ ދަރުބާރުގައި ހިނގި ކަމެކެވެ. އެކަލޭގެފަނުގެ އަރިހަށް ހިޖާޒު ކަރައިގެ ވަފްދެއް އައެވެ.އަމީރުގެ ކުރިފުޅުމަތީގައި ކުޑަ ކުއްޖަކު އިސްވެ ވާހަކަ ދައްކަން ފެށުމުން ޢުމަރު ބުނު ޢަބްދިލްޢަޒީޒު ވިދާޅުވިއެވެ. ކޮއިފުޅު އިށީންނާށެވެ! ތިބާއަށް ވުރެ ދޮށީ މީހަކަށް ވާހަކަ ދެއްކުމުގެ ފުރްޞަތު ދޭށެވެ!  އެހިދު އެ ކުއްޖާ ދެންނެވިއެވެ. (( މާތް ﷲ މަނިކުފާނުގެ ކަންތައްތައް ރަނގަޅު ކުރައްވާށިއެވެ! މީހާ ވަނީ އޭނާގެ އެންމެ ކުޑަ ދެ މަސްކޮޅު ކަމުގައި ވާ  ހިތާއި ދުލުގައެވެ. މާތް ﷲ އަޅާއަށް މޮށުންތެރި ދުލަކާއި ހަނދާންގަދަ ހިތެއް ދެއްވައިފިނަމަ އޭނާއަށް ވާހަކަ ދެއްކުމުގެ ޙައްޤު ލިބިއްޖެއެވެ. މަނިކުފާނު ތިޔަ ވިދާޅުވާ ގޮތަށް ކަން އޮތްނަމަ މި އުއްމަތުގައި މަނިކުފާނަށްވުރެ މި މަޖިލިސް ޙައްޤުކަން ބޮޑު މީހުން އެބަ ތިއްބެވެ. ))

އެނބުރި އަލުން މައުޟޫޢަށް ދަމާ ހިނގާށެވެ. މަޑުމައިތިރި ކަމުގެ ވާހަކައެވެ. މުޢާވިޔަތު ބުނި އަބީ ސުފްޔާން ވިދާޅުވިއެވެ. (( މަގޭ ދޫ ފުދޭ ތަނެއްގައި ކަނޑިއެއް ނުނަގާނަމެވެ. އިނގިލިކުރި ފުދޭ ތަނެއްގައި ދުލެއް ނުނަގާނަމެވެ. )) އެކަލޭގެފާނު އެ ވިދާޅުވަނި އިޝާރާތުން ފުދޭ ތަނުގައި ވާހަކަ ނުދައްކާށެވެ. ކަލިމައިން ފުދޭ ތަނެއްގައި ތަޅައިނުގަންނާށެވެ. މުޢާމަލާތުގައި އަބަދުވެސް އެންމެ ލުއި ވަސީލަތް ބޭނުން ކުރާށެވެ.ތިބާގެ ނަފްސަކީ ތިބާގެ ސަވާރީއެވެ. އެ ސަވާރީއަށް އޯގާވެރިވާށެވެ! އޭއްޗަށް ނޫފުއްލޭވަރުގެ އެއްޗެހި އަރުވާ ބަރު  ނުކުރާށެވެ!

ޢަބްދުﷲ ބުނުއްޒުބައިރާ މުޢާވިޔަތު ބުނު އަބީ ޔޫސުފްޔާނާ ދެމެދުގައި ބަދަލު ކުރެވުނު ސިޓީފުޅުތަކަކަށް ބަލައިލަމާ ހިނގާށެވެ. ޢަބްދުﷲ ބުނުއްޒުބައިރު ލިޔުއްވި ސިޓީފުޅުގައި ވެއެވެ. (( އޭ! މުޢާވިޔާއޭވެ! ކަލޭގެ ސިފައިން އަހަރެންގެ ބިމަށް ވަދެއްޖެއެވެ. ފަހެ ކަލޭ އެކަން މަނާކުރާށެވެ! އެހެން ނޫނީ މަށާ ކަލެއާ ދެމެދުގައި އޮންނާނީ އެހެން ގޮތެކެވެ. )) މި ސިޓީފުޅުގެ ޢިބާރާތް ހަރުކަށްޓެވެ. ވެރިއަކަށް ކުރަން ޖެހޭ އިޙްތިރާމެއް ޤަދަރެއް ނެތެވެ. މި ސިޓީފުޅު  މުޢާވިޔާ ވިދާޅުވިއިރު އަރިހުގައި ދަރިކަލުން ޔަޒީދު އިންނެވިއެވެ. މުޢާވިޔާ ވިދާޅުވިއެވެ. ޔަޒީދޭވެ! މި ސިޓީއާ މެދު ކަލޭ ބުނާނީ ކީކޭ ހެއްޔެވެ؟ ޔަޒީދު ދެންނެވިއެވެ.އަޅުގަނޑަށް ފެންނަނީ އޭނާގެ ގާތަށް ފުރަތަމަ ލަޝްކަރެއް ފޮނުއްވުމަށެވެ. އަދި އެހެން ލަޝްކަރެއް އޭނާ ބޯ ގެނައުމަށް ފޮނުއްވުމަށެވެ. މުޢާވިޔާ ވިދާޅު ވިއެވެ. ދަރިފުޅާއޭވެ! ތިޔަގޮތް އަދި ރަނގަޅެއް ނޫނެވެ. އެއަށްފަހު ފަތްކޮޅު ލިޔާ ކާތިބަށް ލިޔަން ވިދާޅުވިއެވެ. (( ރަސޫލުﷲގެފާނުގެ ޙަވާރީގެ ދަރިކަލުންގެ ފަތް ލިބިއްޖެއެވެ. ތިޔަބައިމީހުންގެ ގާތުގައި ނުރަނގަޅު ކަންތައް އަޅުގަނޑުގެ ގާތުގައި ވެސް ރަނގަޅެއް ނޫނެވެ. އެކަލާނގެ ރުހިވޮޑިގަތުމުގެ ކުރިމަތީގައި ދުނިޔޭގެ އަގެއް ނެތެވެ. ތިބާގެ ބިން ތިބާއަށާއި އެ ބިމުގައި ތިބި ބަޔަކަށް ޓަކައި އަހުރެން  ތަނާޒުލު ވެއްޖައީމެވެ. " މި ފަތްކޮޅުގެ ޖަވާބުގައި ޢަބްދު ﷲ ބުނުއްޒުބައިރު ފޮނުއްވި ފަތްކޮޅުގައި ވެއެވެ. (( އޭ އަމީރުލް މުއުމިނީނޭވެ! މާތް ﷲ މަނިކުފާނުގެ ޢުމުރުފުޅު ދިގު ކުރައްވާށިއެވެ!  މަނިކުފާނުގެ ޤައުމުގެ މީހުން މަނިކުފާނަށް އަރުވާފައިވާ މަޤާމާ ބެހޭގޮތުން އަޅުގަނޑު ދެކޮޅެއް ނަހަދަމުއެވެ. )) ދެ ފަތްކޮޅުގެ ތަފާތު ކިހާ ބޮޑު ހެއްޔެވެ؟ ސަބަބަކީ މުޢާވިޔާ ދެއްކެވި މަޑުމައިތިރި ސިޔާސަތެވެ. މި ސިޔާސަތުގެ ސަބަބުން މަސްރަޙު ފިނިވެގެން ދިޔުމެވެ. މިހެންވެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަަސައްލަމް ޙަދީސް ކުރެއްވިއެވެ. (( إِنَّ الِّرْفَق لاَ يَكُونُ إلا في شَيْءٍ إِلاَّ زَاَنُه ، ولاَ يُنْزَعُ مِنْ شَيْءٍ إِلاَ شَانَه [8]– ހަމަކަށަވަރުން ކަމެއްގައި މަޑުމައިތިރިކަން އޮވެއްޖެނަމަ އެކަމެއް ޒީނަތްތެރި ނުވެ ނުދާނެތެވެ. އަދި ކަމަކުން މަޑުމައިތިރިކަން ނިގުޅައިގަނެވިއްޖެނަމަ އެ ކަމެއް  ހަޑި ނުވެ ނުދާނެތެވެ. ))

[1]  - موطأ ماللك و مسند البزار

[2]  - متفق عليه

[3]  - آل عمران : 159

[4]  - رواه البيهقى

[5]  - المعجم الكبير

[6]  - މާނައަކީ : ކަލޭގެފާނުގެ މައްޗަށް މަރު ހުށްޓެވެ!

[7]  - މިއީ ކޮން ކުއްޖެއްކަން އެނގިވަޑައިގަންނަވާތޯއެވެ. އެއީ ޢަބްދުﷲ ބުނއް ޒުބައިރުގވެރިއަކަށް އަދާކުރަން ޖެހޭ އިޙްތިރާމެއް ޤަދަރެް ނެތެވެ. ެފާނެވެ. އައްޒުބައިރު ބުނުލްޢައްވަމާއި އަސްމާއު ބުނިްތު އަބީބަކްރުގެފާނުގެ ދަރިކަލުންނެވެ.

[8] - رواه مسلم

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.