- ކީރިތި ޤުރުއާނަކީ މާތްﷲ ބާވާލެއްވި އެންމެ ފަހުގެ ފޮތެވެ.
މިއުއްމަތުގެ ރަސޫލާ މުޙައްމަދު (صلي الله عليه وسلم) ރަސޫލުކަމައިގެން ފޮނުއްވުނީ ވަކި ޤައުމަކަށް ޚާއްޞަ ކުރެއްވުމެއްނެތި އުއްމަތުގެ އެންމެހައި މީސްތަކުންނަށް ދީނަށް ގޮވާލެއްވުމަށެވެ. ހަމައެގޮތަށް ޤުރުއާން ބާވާލެއްވުނީ ވެސް އެންމެހައި މީސްތަކުނަށް ހިދާޔަތެއްކަމުގައެވެ.
ސޫރަތުލް ޢައުރާފުގެ 158 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ.
{ قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللّهِ إِلَيْكُمْ جَمِيعًا } (الأعراف 158)
މާނައަކީ : "ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި ރަސުލާއެވެ."
އަދި ސޫރަތުލް އަންޢާމުގެ 19 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
{ قُلْ أَيُّ شَيْءٍ أَكْبَرُ شَهَادةً قُلِ اللّهِ شَهِيدٌ بِيْنِي وَبَيْنَكُمْ وَأُوحِيَ إِلَيَّ هَذَا الْقُرْآنُ لأُنذِرَكُم بِهِ وَمَن بَلَغَ } (الأنعام: 19)
މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހެކިބަހެއްގެ ގޮތުން އެންމެ ބޮޑީ، ކޮންއެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ ދެމެދު ﷲ ހެކިވެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަށާއި، އެމީހަކާ ހަމަޔަށް ފޯރިމީހަކަށް އެއިން ތިމަންކަލޭގެފާނު އިންޒާރުކރެއްވުމަށް ތިމަންކަލޭގެފާނަށް މި ޤުރުއާން ވަޙީކުރެއްވީމެވެ."
މުޙައްމަދު ( صلي الله عليه وسلم ) ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވުން :
މީސްތަކުންނަށް ދީނަށް ގޮވާލައްވާ ތެދުމަގު ދެއްކެވުމަށް މާތްﷲ ރަސޫލުންނާއި ނަބިއްޔުން ފޮނުއްވެވިއެވެ. އެގޮތުން އެކި ގައުމުތަކަށް އެކި ޒަމާންތަކުގައި ރަސޫލުންނާނައި ނަބިއްޔުން ފޮނުއްވަވާ ފޮތްބާވާލެއްވިއެވެ. މިއުއްމަތުގެ ރަސޫލާ މުޙައްމަދު ( صلي الله عليه وسلم ) ފޮނުއްވުނީ އެންމެހައި މީސްތަކުންނަށް ދީނަށް ގޮވާލެއްވުމަށެވެ.
އަދި އެކަލޭގެފާނަކީ ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވި އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާއެވެ. ސޫރަތުލް އަޙުޒާބުގެ 40 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ.
{ مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَكِنْ رَسُولَ اللهِ وَخَاتَمَ النَّبِيِّينَ }
މާނައަކީ: "ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އަދިކީއްހެއްޔެވެ! (އެކަލޭގެފާނީ) ﷲގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމު ކުރެއްވި ކަލޭގެފާނުވެސްމެއެވެ."
މުޙަންމަދުގެ ފާނަކީ ނަބީކަމާއި ރަސޫލުކަން ޚަތިމު ކުރެއްވި އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާކުގައި ވާފަދައިން، އެކަލޭގެފާނުންގެ މައްޗަށް މާތްﷲ ބާވާލެއްވުނު ކީރިތި ޤުރުއާނަކީ އެންމެ ފަހުގެ ފޮތްކަމުގައި ވިއެވެ.
ކީރިތި ޤުރުއާނުގައި މުޚާޠަބު ކުރައްވާފައިވަނީ އެންމެހައި މީސްތަކުންނަށެވެ. އެގޮތުން ކީރިތި ރަސޫލާ ( صلي الله عليه وسلم ) ދުނިޔޭގައި ހުންނެވި ޒަމާނުގައި އުޅުނު މީސްތަކުންނާއި އަދި އޭގެ ފަހުން ޤިޔާމަތާއި ހަމައަށް ދުނިޔޭގައި ދިރިއުޅޭނޭ އެންމެހައި މީސްތަކުންގެ މައްޗަށެވެ. ކީރިތި ޤުރުއާން ބާވާލައްވާފައިވަނީ އިންސީންނާއި ޖިންނީނަށް، އަދި ހުރިހާ ޒަމާނަކަށް ހުރިހާތަނަކަށް އޮތް ޙުއްޖަތެއްކަމުގައެވެ.
ސޫރަތުލް އަންޢާމުގެ 19 ވަނަ އާޔަތުގައި މިކަން އަންގަވާފައިވެއެވެ.
{ قُلْ أَيُّ شَيْءٍ أَكْبَرُ شَهَادةً قُلِ اللّهِ شَهِيدٌ بِيْنِي وَبَيْنَكُمْ وَأُوحِيَ إِلَيَّ هَذَا الْقُرْآنُ لأُنذِرَكُم بِهِ وَمَن بَلَغَ } (الأنعام: 19)
މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހެކިބަހެއްގެ ގޮތުން އެންމެ ބޮޑީ، ކޮންއެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ ދެމެދު ﷲ ހެކިވެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަށާއި، އެމީހަކާ ހަމަޔަށް ފޯރިމީހަކަށް އެއިން ތިމަންކަލޭގެފާނު އިންޒާރުކރެއްވުމަށް ތިމަންކަލޭގެފާނަށް މި ޤުރުއާން ވަޙީކުރެއްވީމެވެ."
އިސްލާމްދީންވަނީ ފުރިހަމަކުރައްވާފައިވުން
މާތްﷲ ގެ ޙަޒުރަތުގައި ޙައްޤުވެގެންވާ ހަމައެކަނި ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީން ޤަބޫލުކުރުމަށް މީސްތަކުންނަށް ގޮވާލެއްވުމަށް ކީރިތި ރަސޫލާ ( صلي الله عليه وسلم ) މިއުއްމަތަށް ފޮނުއްވެވިއެވެ. އަދި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އަޅުކަންތަކާއި ޙުކުމްތައް ބަޔާން ކުރައްވާފައިވަނީ ކީރިތި ޤުރުއާނުގައެވެ. ކީރިތި ޤުރުއާނަކީ އިސްލާމްދީނުގެ އެންމެފުރަތަމަ މަޞްދަރެވެ. ކީރިތި ޤުރުއާނުގައި އިސްލާމީ ޝަރީޢާގެ އަޅުކަންތަކާއި ޙުކުމްތައް ބަޔާންކޮށްދެއްވާފައި ވީހިނދު، އިސްލާމްދީން ފުރިހަމަވެއްޖެކަމަށް ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
{ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا } (المائدة: 3)
މާނައަކީ: " މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ."
އިސްލާމީ ޝަރީޢަތަކީ އެންމެހައި މީސްތަކުންނަށް އުޅެންވީ ތެދުމަގު އަންގަވާފައިވާ ފުރިހަމަ ޝަރީޢަތެކެވެ. އިންސާނާގެ ހުރިހާ ބޭއްނުންތަކެއް އެންމެ ފުރިހަމައަށް ޝާމިލުވެފައިވެއެވެ. ކޮންމެ ތަނަކަށް އަދި ޤިޔާމަތާ ޖެހެންދެން ކޮންމެ ޒަމާނަކަށްވެސް މެއެވެ. ސޫރަތުލް އަންޢާމުގެ 114 ވަނަ އާޔަތުގައި މިކަން އަންގަވާފައިވެއެވެ.
{ أَفَغَيْرَ اللَّهِ أَبْتَغِي حَكَمًا وَهُوَ الَّذِي أَنزَلَ إِلَيْكُمُ الْكِتَابَ مُفَصَّلاً وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَعْلَمُونَ أَنَّهُ مُنَزَّلٌ مِّن رَّبِّكَ بِالْحَقِّ فَلاَ تَكُونَنَّ مِنَ الْمُمْتَرِينَ }
މާނައަކީ " (ކަލޭގެފާނު ވިދާޅުވާށެވެ!) ޙުކުމް ކުރާ މީހަކު ކަމުގައި ﷲ ނޫން ފަރާތެއް އަހުރެން އެދޭނެހެއްޔެވެ؟ އެކަލާނގެއީ، (ޙައްޤާއި ބާޠިލް) ތަފްޞީލްކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި، ތިޔަބައިމީހުންނަށް ފޮތް ބާވާލެއްވި ކަލާނގެއެވެ."
ކީރިތި ޤުރުއާނަކީ މުޅި އިންސާނިއްޔަތުގެ ދުސްތޫރެވެ. ޤިޔާމަތާއި ހަމައަށްދާންދެން ދެމިއޮންނަނިވި އިލާހީ ޤާނޫނެވެ. މިއުއްމަތަށް ބާވާލެއްވި މާރްﷲގެ ފޮތެވެ. ކުރީގެ އުއްމަތްތަކަށް ބާވާލެއްވި ފޮތްތަކާ ޚިލާފަށް އެއްވެސް އިންސާނަކަށް ބަދަލު ކުރުމުގެ ކުޅަދާނަކަށް ލިބިގެންނުވާ، މާތްﷲ ރައްކާތެރި ކުރައްވާފައިވާ ފޮތެވެ. ކީރިތި ޤުރުއާނުގެ ޚަޞާއިޞުތަކަކީ ގިނަގުނަވެގެންވާ ޚަޞާއިޞު ތަކެކެވެ. މުޅި ދުނިޔެ ހެކިވާނޭ އެންމެ ބޮޑު މުޢުޖިޒާތެވެ.
ފަޞާޙާތްތެރިކަމާއި ބަލާޣާތްތެރިކަމުން އަދީބުންނަށް ހައިރާކަން ގެނުވިއެވެ. އެއްވެސް މަޚުލޫޤަކަށް ގެނައުމަށް ކުޅަދާނަވެގެންނުވާފަދަ ޚަބަރުތަކެއް ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ. މީގެ ސާދަސަތޭކަ އަހަރު ކުރިން ބާވާލެއްވި ފޮތުގައި މިޒަމާނުގެ މައްސަލަތަކަށް ޙައްލު ބަޔާންކޮށްދެއްވާފައިވެއެވެ. މުޅި މުޖުތަމަޢުގެ ހަމަޖެހުމަށް އެންމެ އެކަށީގެންވާ ޙުކުމްތައް ބަޔާންކޮށްދެއްވަވަފާވެއެވެ. ކީރިތި ޤުރުއާނަކީ މުޅި އިންސާނިއްޔަތަށް ރަޙުމަތެއްކަމުގައި މާތްﷲ ބާވާލެއްވި އެންމެ ފަހު ފޮތެވެ. އެއީ އެފަދަ ދެވަނައެއް ނުވާ ޚާއްސަ ފޮތެކެވެ.
(ނިމުނީ)
ޤުރުއާނުގެ ޙުކުމް ބެހިގެންވާ މައިގަނޑު ތިންޔަކީ ކޮބާ؟