ޕަބްލިކްވޯކްސްގެ ތިނަދޫ ޔުނިޓުގައިހުރި ގިނަ އެއްޗެހި މަސައްކަތް ނުކުރޭ: ކައުންސިލް

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ގާއިމް ކުރައްވައިފައިވާ ޕަބްލިކްވޯކްސް ޔުނިޓުގައި ހުރި ފެންހިންދާ ހަތްވަރަކަށް ޕަންޕާއި ގިނަވެހިކަލްތައް މަސައްކަތް ނުކުރާ ކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކައުންސިލްގެ ރައީސް އިބްރާހީމް އައްސަދު ވިދާޅުވީ އެރަށަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގޭގެއަށް ފެންވަދެ ވެލިބަސްތާޖަހަން ވެލި އުފުލަން ބެލިއިރު ގިނަވެހިކަލްތައް ހުރީ ހަލާކުވެފައި ކަމަށެވެ. އަދި ފެން ހިންދާ ޕަންޕުތައް ވެސް މަސައްކަތް ނުކުރާ ކަމަށެވެ. "މިކޮޅުގެ ޔުނިޓުން ކިތަންމެ މަސައްކަތެއް ކުރިޔަސް ސާމާނު ހަލާކުވެފައި ހުރިއްޔާ ކުރާނެ ކަމެއް ނޯންނާނެ. އެހެންވީމާ އަޅުގަނޑުމެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މިގޮވާލަނީ ވީހާ އަވަހަލަށް އެތަކެތި މަރާމާތުކޮށް މިފަދަ ޙާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިވެވޭނެ ޙާލަތަށް ގެނެސްދިނުމަށް،" އައްސަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެރަށް ކުރަމުންދާ ވިއްސާރައިގައި 50 އަށްވުރެ ގިނަގޭގެއަށް ފެންވަދެ ގެއްލުންވެފައިވާ ކަމަށެވެ. އެގޮތުން 10 ވަރަކަށް ގޭގައި ކައްކައި ނުކެވޭ ވަރަށް ފެންބޮޑުވެފައިވާ ކަމަށެވެ. އަދި ގިނަގެތަތުގައި ހިފައިގެންގުޅޭ ސާމާނާއި ފަރުނީޗަރުތަކަށް ވެސް ގެއްލުންވެފައިވާ ކަމަށް އައްސަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގޭގެއަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ތިނަދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ގެއްލުންވެ، އަދި ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން ސަދަން އޭރިއާގެ ސިފައިން، ރެއިން ފެށިގެން ގެންދަނީ ރައްޔިތުންނަށް އެހީތެރިވަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ތިނަދޫގެ އެކި ހިސާބުތަކުގައި ހެދިފައިވާ ފެންގަނޑު ހިންދުމަށް، އެމްއެންޑީއެފް ސަދަން އޭރިއާ، ގދ. ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން، ރޭ ދަންވަރު 3:00 އެހައިކަންހާއިރުން ފެށިގެން ޕަންޕު ބަހައްޓައިގެން ދިޔައީ މަސައްކަތް ކުރަމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ސިފައިންވަނީ ފެންވަންނަމުންދާ ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މިއަދު ކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ރައްޔިތުންނަށް ދިމާވަމުންދާ އެހެނިހެން ދަތިތައް ކުޑަކުރުމުގެ ގޮތުން ވެސް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.