ކީރިތި ޤުރުއާނުގެ ޚަޞާއިޞު (2)

images

(13 މެއި 2016 ވަނަ ދުވަހުގެ ޢަދަދާގުޅޭ)

  • ހިނގަމުންދާ ކަންކަމުގެ ޚަބަރުތައް:

ކީރިތި ރަސޫލާ (صلي الله عليه وسلم) ޙާޟިރުވެވަޑައިގެންފައި ނުވާ ތަންތާނގާއި އަދި އެކަލޭގެފާނުގެ އަޞްޙާބުން އެކަލޭގެފާނަށް އެކަންކަމުގެ ޚަބަރުދެއްވާފައި ވެސް ނުވާ ކަންކަމުގެ ޚަބަރުތައް ކީރިތި ޤުރުއާނުގައި އައިސްފައި ވެއެވެ.

އެގޮތުން އެބަޔަކާމެދު މުސްލިމުންނަށް އެންމެ ބޮޑު ނުރައްކަލާ ކުރިމަތިވެފައިވާ މުނާފިޤުންގެ ޚަބަރުތައް އައިސްފައިވެއެވެ.

 

ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 204 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.

{ وَمِنَ النَّاسِ مَنْ يُعْجِبُكَ قَوْلُهُ فِي الحَيَاةِ الدُّنْيَا وَيُشْهِدُ اللهَ عَلَى مَا فِي قَلْبِهِ وَهُوَ أَلَدُّ الخِصَامِ}  (البقرة: 204)

މާނައަކީ : " ދުންޔަވީ ޙަޔާތާމެދު އެމީހަކު ބުނާބަހުން ކަލޭގެފާނުގެ ހިތްޕުޅު ރުއްސާލައި، އަދި އޭނާގެ ހިތުގައިވާ ގޮތުގެ މައްޗަށް ﷲ ހެކިކޮށް ބުނާ މީހުން މީސްތަކުންގެ ތެރެއިން ވެއެވެ. އެހިނދު އެމީހާ ވަނީ، ދެކޮޅުވެރިކަން އެންމެ ބޮޑު މީހާ ކަމުގައެވެ."

 

ތައުބާ ސޫރަތުގެ 74 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ.

{ يَحْلِفُونَ بِاللهِ مَا قَالُوا وَلَقَدْ قَالُوا كَلِمَةَ الكُفْرِ وَكَفَرُوا بَعْدَ إِسْلَامِهِمْ وَهَمُّوا بِمَا لَمْ يَنَالُوا}  (التوبة: 74)

މާނައަކީ : " އެއުރެން (ބުނި ނުބައި ބަސްތައް) ނުބުނާކަމަށް، ﷲ ގަންދީ އެއުރެން ހުވާ ކުރެތެވެ. ހަމަކަށަވަރުން، ކުފުރުގެ ބަސް އެއުރެން ބުނެފައިވެއެވެ. އަދި އިސްލާމް ވުމަށްފަހު، އެއުރެން ކާފިރުވިއެވެ. އަދި އެއުރެންނަށް ކާމިޔާބު ނުކުރެވުނު ކަންތައް ކުރުމަށް (އެބަހީ: ރާވައިގެން ކީރިތި رسول އާ އަވަހާރަކޮށްލުމަށް) ގަސްދުކޮށް އުޅުނޫއެވެ."

 

  • މުސްތަޤުބަލުގައި ހިނގާނެ ކަންކަމުގެ ޚަބަރުތައް:

މުސްތަޤުބަލުގައި ކަންކަން ހިނގާނެ ގޮތެއް އެއްވެސް އިންސާނަކަށް ލަފާކޮށްލަންވެސް ނޭގޭނެއެވެ. ތިބާ އުންމީދު ނުކުރާ އެތައްކަމެއް ވުމަކީ އެކަށީގެންވާ ކަމެކެވެ. އިންސާނާގެ ބުއްދިން ލަފާކޮށް ބުނަންނޭނެގޭ ކަންކަން މި ދުނިޔެމަތީގައި ހިނގާފައި ވެއެވެ. މީސްތަކުންގެ އާރާބާރު ހުރި މިންވަރަށް ބަލާ ކަންކަން ކުރިއަށްވާނެ ގޮތްކަމަށް އިންސާނުން ލަފާކުރާގޮތާ ދިމާ އިދިކޮޅަށް ވެސް ކަންކަން ނިމިފައި ވެއެވެ.

މުސްތަޤުބަލުގައި ކަންކަން ހިނގާނެގޮތް ދެނެވޮޑިގެންވާ ހަމައެކަނި ފަރާތަކީ މި ދުނިޔެއާ ދުނިޔޭގައި ވާހާ އެއްޗެއް ޚަލްޤުކުރައްވާފައިވާ ޚާލިޤުވަންތަ ﷲ ސުބުޙާނަހު ވަތަޢާލާއެވެ. އެގޮތުން ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ، މުސްތަޤުބަލުގައި ވާނޭ ކަންކަމުގެ ޚަބަރުތަކުގެ ބައެއް މިސާލުތައް މިތަނުގައި ހިމަނާލާނަމެވެ.

 

1.3.1 ފާރިސީންގެ މައްޗަށް ރޫމީންނަށް ކާމިޔާބު ލިބޭނެކަމުގެ ޚަބަރު :

 

ޢަރަބީންގެ ބިމާ އެންމެ ކައިރީގައިވާ ބިމުގައި އެޒަމާނުގައި ވެރިކަން ކުރަމުންގެންދިޔަ ފާރިސީންގެ މައްޗަށް ރޯމަނުންނަށް ކާމިޔާބު ލިބޭނެކަމުގައި، އެ ހާދިސާ ހިނގުމުގެ ކުރިން ކީރިތި ޤުރުއާނުގައި މާތްﷲ އަންގަވާ ވަޙީކުރައްވާފައިވެއެވެ.

{ الم غُلِبَتِ الرُّومُ فِي أَدْنَى الأَرْضِ وَهُم مِّن بَعْدِ غَلَبِهِمْ سَيَغْلِبُونَ فِي بِضْعِ سِنِينَ } (الروم: 1-4)

މާނައަކީ: "الم (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲ އެވެ.) (ޢަރަބީންނާ) އެންމެ ކައިރި ބިމުގައި (ފާރިސީންގެ އަތުން) ރޫމީން ބަލި ކުރެވިއްޖެ އެވެ. އަދި އެއުރެން ބަލިވުމުގެ ފަހަށް، މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެތެވެ. (އެބަހީ: ފާރިސީންގެ މައްޗަށެވެ.) އޭގެ ކުރިންވެސް އަދި އޭގެފަހުންވެސް ހުރިހާ ކަމެއް މިލްކުވެގެންވަނީ، ﷲ އަށެވެ. އަދި އެދުވަހުން މުއުމިނުން އުފާކުރާނެތެވެ."

 

1.3.2 މުސްލިމުންނަށް މައްކާއަށް ވަދެވޭނެ ކަމުގެ ޚަބަރު:

 

އިސްލާމީ ރިސާލަތު ފެށިގެން އައީ މި އުއްމަތުގެ ނަބިއްޔާ މުޙައްމަދު (صلي الله عليه وسلم) ދުނިޔޭގެ އަލިކަން ދެކެވަޑައިގެން އަދި ދިރިއުޅުއްވަމުންގެންދެވި މާތްވެގެންވާ މައްކާ ގައެވެ. އެހެންނަމަވެސް އެކަލޭގެފާނު ދީނަށް ގޮވާލައްވަން ފެއްޓުވުމާ ގުޅިގެން އެކަލޭގެފާނުގެ ދަޢުވަތަށް އިޖާބަދީ އިސްލާމްދީނަށް ވަންނަމުން ދިޔަ މުސްލިމުންނަށާއި މާތް ނަބިއްޔާ މުޙައްމަދު (صلي الله عليه وسلم) އަށް، މައްކާގެ މުޝްރިކުން ދެމުންގެންދިޔަ އަނިޔާތަކާއި ދުއްތުރާތަކުގެ ސަބަބުން، އިސްލާމީ ރިސާލަތު ފެތުރުއްވެވުމަށް މުސްލިމުން މައްކާ ދޫކުރައްވާ މަދީނާއަށް ހިޖުރަ ކުރެއްވެވިއެވެ. މަދިނާ ގައި އިސްލާމީ ރިސާލަތު ފަތުރުއްވަވާ އިސްލާމްދީން ކުރިއަރައިގެން ދިޔަކަމީ އިސްލާމީ ތާރީޚުން ފެންނަ ޙަޤީޤަތެވެ.

މުސްލިމުންގެ ޢަދަދު އިތުރުވެ މުސްލިމުންގެ އާރާބާރު ލިބިގެންވި ޙާލަތުގައި، އެ ބިމެއްގައި އިސްލާމްދީން ފެށިގެން އައި އަދި އިސްލާމްކަމުގެ ރުކުންތަކުންކުރެ އެރުކުން ކަމުގައިވި ޙައްޖުގެ އަޅުކަން އަދާކުރުމަށް ދާން އޮތް މައްކާގެ ބިމުގައި ހިނގަމުންއައީ މުޝްރިކުންގެ ވެރިކަމެކެވެ. އެހެންނަމަވެސް މާތްﷲ ގެ އިރާދަފުޅާ އެކު މުސްލިމުންނަށް މައްކާ ފަތަޙަ ކުރެއްވޭނެކަން ކީރިތި ޤުރުއާނުގައި މާތްﷲ އަންގަވާފައިވެއެވެ.

 

{ لَقَدْ صَدَقَ اللهُ رَسُولَهُ الرُّؤْيَا بِالحَقِّ لَتَدْخُلُنَّ المَسْجِدَ الحَرَامَ إِنْ شَاءَ اللهُ آَمِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ } (الفتح: 27)

މާނައަކީ: "ހަމަކަށަވަރުން، ﷲ، އެކަލާނގެ رسول އާގެ ހުވަފެންފުޅު ސީދާ ކުރައްވައި، ޙައްޤުގޮތުގައި ތެދުކޮށްދެއްވިއެވެ. ހަމަކަށަވަރުން، ﷲ އިރާދަކުރެއްވިނަމަ ތިޔަބައިމީހުން އަމާން ކަމާއެކުގައި، ޙުރުމަތްތެރިވެގެންވާ މިސްކިތަށް ވަންނާނެކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ބޯތައް ބާލާ ޙާލުގައި، އަދި ކުރުކޮށް ކޮށާ ޙާލުގައެވެ. ތިޔަބައިމީހުން ބިރުގަތުމަކާވެސް ނުލައެވެ."

 

މި އާޔަތުގެ ތަފްސީރުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ، ކީރިތި ރަސޫލާ (صلي الله عليه وسلم) އަށް ހުވަފެންފުޅެއްގައި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާއެކު ގެފުޅުގައި ތަވާފްކުރައްވާތީ ފެނިވަޑައިގަތެވެ. ބައެއް ބޭކަލުންގެ ބޯތައް ބާލުއްވައިގެން އަދި ބައެއް ބޭކަލުން ބޯތައް ކުރުކޮށް ކޮށައިގެން ވި ޙާލަތުގައި އަދި މައްކާގެ މުޝްރިކުންގެ މައްޗަށް ބިރުގަތުމެއްނުވާ ޙާލުގައެވެ.

ކީރިތި ރަސޫލާ (صلي الله عليه وسلم) އެކަލޭގެފާނުގެ އަޞްޙާބުންނަށް އެހުވަފެން ފުޅުގެ ޚަބަރު ދެއްވުމުން އެބޭކަލުން އެކަމާ އުފާކުރައްވަވާ އެކަލޭގެފާނާއެކު މައްކާއަށް ދަތުރު ފެއްޓެވިއެވެ. އެހެންނަމަވެސް މައްކާގެ މުޝްރިކުންނާއެކު ވެވުނު ސުލްޙަލް ޙުދައިބިއްޔާއަށް ފަހު މައްކާއަށް ވަޑައިނުގެން އަނބުރާ މަދީނާއަށް ވަޑައިގެންނެވިއެވެ. އަދި އެކަމާ ގުޅިގެން އެކަލޭގެފާނަށް ފެނިވަޑައިގެން ހުވަފެންފުޅާ ގުޅޭގޮތުން މީސްތަކުން ސުވާލު އުފެއްދިވި ހިނދު މި އާޔަތް ބާވާލެއްވެވިއެވެ.

 

  1. ކީރިތި ޤުރުއާނަކީ މާތްﷲ ގެ ވަޙީ ބަސްފުޅުކަމުގައިވުން:

 

ކީރިތި ޤުރުއާނަކީ ވަޙީގެ މަލާއިކަތާ ޖިބްރީލް ޢަލައިހިއްސަލާމް މެދުވެރިކުރައްވާ މި އުއްމަތުގެ ނަބިއްޔާ މުޙައްމަދު (صلي الله عليه وسلم) އަށް ބާވާލެއްވި ފޮތެވެ. ކީރިތި ޤުރުއާނަކީ މާތް ރަސޫލާ މުޙައްމަދު (صلي الله عليه وسلم) ގެ ނުވަތަ އެހެން މަޚުލޫޤެއްގެ ވެސް ބަހެއްނޫނެވެ. އެއީ އެކަލޭގެފާނަށް ކުރެއްވެވި އިލްހާމެއް ނުވަތަ ފެނިވަޑައިގެންނެވި ހުވަފެންފުޅެއް ވެސް ނޫނެވެ. އަދި ކިއެއްތަ އެއީ އެކަލޭގެފާނުގެ އަމިއްލަފުޅު ބަސްފުޅެއްވެސް ނުމެނޫންމެއެވެ.

ކީރިތިރަސޫލާ މުޙައްމަދު (صلي الله عليه وسلم) ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ބޮޑުފުޅުވީ ޢަރަބިންގެ ތެރޭގައެވެ. އެކަލޭގެފާނަކީ ޢަރަބި ބޭކަލެކެވެ. އެޒަމާނުގައި ޢަރަބީންނަކީ ލިޔަން ކިޔަން ނުދަންނަބަޔެކެވެ. އަދި ކީރިތި ރަސޫލާ (صلي الله عليه وسلم) އަކީ އުއްމިއްޔަ ނަބިއްޔެއް ކަމުގައި ވީއިރު މިފަދަ ބަސްފުޅުތަކެއް އަމިއްލަފުޅަށް ގެނެވޭނެތޯއެވެ. ޝައްކެއް ނެތް ގޮތުގައި އެފޮތުގައިވާ ބަސްފުޅަކީ މާތްﷲ ގެ ވަޙީ ބަސްފުޅެވެ.

 

{ وكَذَلِكَ أَوْحَيْنَا إِلَيْكَ رُوحاً مِنْ أَمْرِنَا مَا كُنْتَ تَدْرِي مَا الْكِتَابُ وَلا الْأِيمَانُ وَلَكِنْ جَعَلْنَاهُ نُوراً نَهْدِي بِهِ مَنْ نَشَاءُ مِنْ عِبَادِنَا وَإِنَّكَ لَتَهْدِي إِلَی صِرَاطٍ مُسْتَقِيمٍ } (سورة الشوري 52)

މާނަ އަކީ: "އަދި ހަމަ އެފަދައިން ތިމަންރަސްކަލާނގެ އަމުރުފުޅުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ ޤުރުއާން ވަޙީކުރެއްވީމެވެ. ފޮތަކީ ކޮންއެއްޗެއްކަން، އަދި އީމާން އަކީ ކޮންއެއްޗެއްކަން ކަލޭގެފާނު (ކުރިން) ދެނެވަޑައިގަންނަވާ ކަމުގައި ނުވަމުއެވެ. އެހެނެއްކަމަކު، ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ތިމަންރަސްކަލާނގެ، އެއިން ތެދުމަގު ދައްކަވާ ނޫރެއްކަމުގައި އެ ޤުރުއާން ލެއްވީމެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނު މަގުދައްކަވަނީ، ސިދާވެގެންވާ ތެދުމަގަށްކަން ކަށަވަރެވެ."

 

{ وَإِنَّكَ لَتُلَقَّي الْقُرْءَانَ مِن لَدُنْ حَكِيمٍ عَلِيمٍ } (سورة النمل 6)

މާނައަކީ " ހަމަކަށަވަރުން، ކަލޭގެފާނަށް ޤުރުއާން އުނގަންނައިދެއްވަނީ، ޙަކީމްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ކަލެއްގެ ޙަޟްރަތުންކަން ކަށަވަރެވެ."

 

ކީރިތި ޤުރުއާނަކީ މާތްﷲ ސުބުޙަނަހު ވަތަޢާލާ ކީރިތި ރަސޫލާ (صلي الله عليه وسلم) އަށް ބާވާލެއްވި ބަސްފުޅުތަކެވެ. ކީރިތި ޤުރުއާން ބާވާލެއްވިފައިވަނީ ޢަރަބި ބަހުންނެވެ. [އުޞޫލުލް ފިޤުހު] މި ފޮތުގައި އަލްއުސްތާޛް މައުމޫނު ޢަބްދުލް ޤައްޔޫމް ލިޔުއްވާފައިވަނީ ޤުރުއާނުގެ އާޔަތެއް ނުވަތަ ސޫރަތެއް އޭގެ މާނަ ފުރިހަމައަށް ދޭހަކޮށްދޭގޮތަށް ބޭރު ބަހަކަށް ތަރުޖަމާކުރިއަސް އަދި އެތަރުޖަމާއަކީ ކިތަންމެ މޮޅު ތަރުޖަމާއަކަށް ވިޔަސް އެއީވެސް ޤުރުއާނެއް ނޫނެވެ. ޤުރުއާން ތަރުޖަމާކޮށްފައިވަނީ، އެފަދަ ކަމަކަށް ބޭނުންވާ ޢިލްމާއި ޤާބިލިއްޔަތު ލިބިފައިވާ، އަދި ދީންވެރި، އަމާނާތްތެރި، ބަޔަކު ކަމުގައި ވަނީ ނަމަ، އެތަރުޖަމާ އަކީ ޤުރުއާނުގައިވާ އެއްޗެއް ދޭހަކޮށްދޭ ތަރުޖަމާއެއްކަމުގައި ބެލިދާނެއެވެ. އެކަމަކު އެއީވެސް ޤުރުއާނެއް ނޫނެވެ. އަދި އޭގެ މައްޗަކަށް ޤުރުއާނުގެ އެއްވެސް ޙުކުމެއްވެސް ނުހިނގާނެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.