އަޅުގަނޑު ވެރިކަމާ ހަވާލުވިއިރު ގައުމުއޮތީ ބައިބައި ކޮށްފައި: ރައީސް

ރައީސް ޔާމީންގެ ރިޔާސީ ފުރަތަމަ ދައުރު ނިމެން ތިންމަހެއްހާ ދުވަހަށް ވެފައިވާއިރު އެމަނިކުފާނު ވެރިކަމަށް ހަވާލުވެ ވަޑައިގެންނެވިއިރު "ގައުމު އޮތީ ބައިބައިކުރެވިފައި. ދައުލަތް ފުނޑުފުނޑުކޮށްލެވިފައި،" ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކުރަން ހުރި މުއައްސަސާތައް ވަނީ ރެނދުލައްވައިލާފައި ކަމަށެވެ. "ގައުމުއޮތީ ދާޚިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި. އިގްތިޞާދީ ވަޅުގަނޑެއްގެ ތެރޭގައި. ދައުލަތް އޮތީ މަހުން މަހަށް ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭނޭ ފަދަ ޙާލަތެއްގައެއް ނޫން،" ރައީސް ވިދާޅުވިއެވެ.

އެހެން ކަމުން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު އެމަނިކުފާނުގެ ޒިންމާއަކަށް ހެއްދެވީ ގައުމު ހަމަމަގަށް އެޅުވައި ދާޚިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި އޮތް ޤައުމު ނަގައި ކޮޅަށްޖަހައި، ރައްޔިތުން ގޮވައިގެން އަމާން ބަނދަރަކަށް ދެވޭތޯ ދަތުރުފެށުން ކަމަށް ރައީސް ވިދާޅުވިއެވެ. ބަލިކަށި ކޮށްފައިވާ އިސްލާމީ އަގީދާ ވަރުގަދަކޮށް، ބައިބައިކުރުވާފައިވާ ރައްޔިތުން އެއްބައިކުރުވުމާއި ރާއްޖޭގެ މިނިވަންކަން ހިފަހައްޓައި، ގައުމުގެ އަމިއްލަވަންތަކަން ޤާއިމުކޮށް އިގްތިސާދީ ލަގަން ގައުމުގެ އަތްމައްޗަށް ގެންނެވުމަކީ ވެސް އެމަނިކުފާނަށް ކުރައްވަންޖެހިވަޑައިގެންނެވި ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ދުވަހުވެސް ދެންނެވި ފަދައިން، އަޅުގަނޑު މި ޤައުމުގެ ވެރިކަމާ ޙަވާލުވީ، ގިނަ ދުވަސްތަކެއް ވަންދެން ގައުމުގައި ނުކުރެވިފައި ހުރި ބޮޑެތި މަސައްކަތްތަކެއް ކުރަން. ރައްޔިތުންނަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކެއް ޙައްލުކުރަން. ރައްޔިތުންނަށް ބޭނުންވެފައިވާ ކާޑާއި، ބޭހާއި، ދިރިއުޅުމުގެ ވަސީލަތްތައް ހޯދާނޭ ގޮތްތައް ފަހިކޮށްދޭން. އެއް ވިސްނުމަށްވުރެ ގިނަ ވިސްނުމާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށް، އެންމެ ސިނާޢަތަކަށް ބަރޯސާވެފައި އޮތް އިޤްތިޞާދު ހުޅުވައިލުމުގެ މަސައްކަތްތަކަށް ކިތަންމެ ހުރަސްތަކެއް ކުރިމަތިކުރުވިނަމަވެސް،  ﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު،  މިއަދު މިވަނީ ވަރަށް ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވިފައި،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މާލެއާއި ހުޅުލެ މިހާރު މިވަނީ އެއްގަމުމަގުން ގުޅުވައިލެވިފައި ކަމަށެވެ. އޭގެ ސަބަބުން ރާއްޖެ ވަނީ ތަރައްގީގެ އިންގިލާބީ އައު ބާބެއް ފަށައިފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަމަ އެޔާއެކު، އަތޮޅުތަކުގެ ރައްޔިތުންގެ މުޅި އުންމީދަކީ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ކުރިން ބަނދަރު ނިމުންކަމުގައިވި ދުވަސްތައް ކަޑައްތުކޮށް، ކައިރި މުސްތަގުބަލެއްގައި ރަށުން ފުރައިގެން އުދުހިފައި މާލެއަށް އައުމުގެ އުންމީދު ކުރެވޭވަރަށް ރައްޔިތުންގެ ދިރިއުޅުން އުޖާލާކުރެވިފައި. މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓުދީ، އަތޮޅުތަކުގައި މާލެއަށްވުރެ އަގު ބޮޑުކޮށްހުރި ކަރަންޓު މާލެއާ އެއްވަރުކޮށް ހިފެހެއްޓިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާތަނަށް އެމަނިކުފާނުގެ ސަރުކާރުންވަނީ 22  ރަށެއްގައި ފެނުގެ ޒަމާނީ ނިޒާމާއި، 21 ރަށެއްގައި ނަރުދަމާގެ ވަސީލަތްތައް ގާއިމުކޮށް، 88  ރަށަށް ރައްކާތެރިކަމާއެކު ލަފާފުރޭނޭ ގޮތްތައް ހަމަޖައްސަވައި ދެއްވައިފައި ކަމަށެވެ. އޭގެ އިތުރަށް ސިއްހީ ފަރުވާގެ އޮނިގަނޑަކީ،  ރާއްޖެއަށް ނިސްބަތްވާ ސައްތައިންސައްތަ ދިވެހި ބްރޭންޑަކަށް ވަރަށްއަވަހަށް ބަދަލުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ނިމި، އެންމެބޮޑެތި ބޯޓުފަހަރު ޖެއްސޭވަރަށް މިހާރުވަނީ ތަނަވަސްކުރެވިފައި ކަމަށާއި އެންމެ ރަންވޭއަކަށް ބަރޯސާވާންޖެހުމުން، ދިމާވި ދަތިތައް ހުރަސްކޮށް، ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމާ ފައިހަމަކޮށް، ފަތުރުވެރިކަމަށް ފުރިހަމައަށް ޖާގަދެވޭވަރަށް ތަރައްޤީކޮށް، ވަރަށް އަވަހަށް އެތަން ބޭނުން ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.