ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމާބެހޭ މަޢުލޫމާތު ބޭރުގެ ފަރާތްތަކަށް ދެނީ

ޑރ. ޢަބްދުﷲ ޚަލީލް

ރައީސް ޢަބްދުﷲ ޔާމީގެ މައްޗަށް ކޮށްފައިވާ 5 އަހަރުގެ ޖަލުޙުކުމާ ބެހޭ މަޢުލޫމާތު ބައިނަލްއަޤުވާމީ ފަރާތްތަކާ ޙިއްސާ ކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ވަފުދެއް އަވަށްޓެރި ސްރީލަންކާއަށް ރޭ ފުރައިފިއެވެ.

މިވަފުދުގައި ހިމެނެނީ ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލީސް މެމްބަރު އަޙުމަދު ޝިޔާމާއި ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރ މުޙައްމަދު ސަޢީދާއި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލެވެ.

ލަންކާއަށް ފުރަމުން ޑރ. ޚަލީލު އޭނާގެ ފޭސްބުކު ޕޭޖުގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ކޮށްފައިވަނީ ނުޙައްގު ޙުކުމެއް ކަމަށެވެ. އިރާދަ ކުރެއްވިއްޔާ އެމަނިކުފާނު މިނިވަން ކުރައްވާނެ ކަމަށެވެ.

"ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން އަށް ނުޙައްގުން ޙުކުމްކޮށް ޖަލަށްލައިފައިވާތީ އެކަމުގެ މަޢުލޫމާތު ބޭރުގެ ޤައުމުތަކުގެ ސަފީރުންނާއި، މިޝަންތަކުގެ އިސްބޭފުޅުންނަށް ދިނުމަށް ސްރީލަންކާއަށް ދިއުމަށް މިރޭ ފުރައިފިން،" ޑރ. ޚަލީލް ވިދާޅުވެފައިވެއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނަމުން ގެންދަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ޙުކުމެއް ކަމަށެވެ. އަދި އެއީ އެއްވެސް އިންސާފެއްނެތި ނުޙައްޤުން ކޮށްފައިވާ ޙުކުމެއް ކަމަށް ވެސް އެ ކޯލިޝަނުގެ އިސްބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައީސް ޔާމީން މައްޗަށްވަނީ މަނީލޯންޑަރކުރިކަމުގެ ކުށް ސާބިތުވެފައެވެ. އެކަމުގެ އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުންވަނީ ފަސް އަހަރުގެ ޖަލު ޙުކުމެއް އެމަނިކުފާނުގެ މައްޗަށް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފައެވެ. މިޙުކުމް ކޮށްފައިވަނީ ނޮވެމްބަރު 28 ވަނަދުވަހުއެވެ. އެދުވަހުން ފެށީގެން ކޮންމެ ރެއަކު ޕީޕީއެމް.ޕީއެންސީ ކޯލިޝަނުން ގެންދަނީ ރައީސް ޔާމީން މިނިވަން ކުރުމަށްއެދި ގޮވާލައި މުޒާހަރާ ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.