ގުދުރަތުން އެމީހަކަށް ދެއްވާފައިވާ ހުނަރެއް ނެރެ އެހެން މީހުންނަށް ދެއްކޭނީ އެކަމަށް ކުރިމަތިލައި މަސައްކަތްކުރީމައެވެ. އެއްވެސް ވަރަކަށް މަސައްކަތެއް ނުކޮށް ހުއްޓަސް އެކަމެއް ނުކުރެވޭނެއެވެ.
ރާއްޖޭގައިވެސް ހުނަރުވެރި އެތައް ބަޔަކު އެބައުޅެއެވެ. އޭގެ ތެރެއިން ގިނަމީހުން ތިބީ ގޭގައެވެ. ކޮންމެވެސް ސަބަބަކާހެދިއެވެ. އާންމުންކޮށް މީހުންނަށް އެނގެނީ ވަރަށް މަދުބައެކެވެ.
ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދުއަށް އުފަން އަމާނީ މުއީނުގެ ހުނަރުވެރިކަން އޭނާއަށް ވެސް އެނގުނީ ކުއްލިއަކަށެވެ. އޭނާއަށް ގުދުރަތުން ދެއްވައިފައިވާ ހުނަރު އަދިވެސް އެނާ އެންމެ ގަޔާވާ ގޮތަށް ނުދެއްކެވެ.
އަމާނީއަކީ ކުރެހުންތެރިއެކެވެ. ފެހުންތެރިއެކެވެ. ކޭކުއެޅުންތެރިއެކެވެ. ވޫލް ބޭނުން ކޮށްގެން ތަފާތު ވައްތަރުގެ އެއްޗެހި ވިޔުންތެރިއެކެވެ. މައު ޖެހުންތެރިއެކެވެ. މީގެ އިތުރަށް ވެސް އެތައް ކަމެކެވެ. ކުރުކޮށް ބުނާކަމަށްވާނަމަ އެއީ ފަސްމީރު ކުރި ރުކެކެވެ.
މިހުނަރު ދަސްކުރީ ކޮންތާކުން؟
ކުރެހުން: އަމާނީ ބުނި ގޮތުގައި އޭނައަށް ލިބޭ ހުސްވަގުތުގައި އަބަދުވެސް ކޮންމެވެސް އެއްޗެއް ކުރަންހަން ޖެހެއެވެ. އެއީ އޭނާގެ މަންމަ ހަވާލުކުރާ މަސައްކަތެކެވެ. "އެންމެ ކުޑައިރުން ފެށިގެން މަންމަ އަބަދުވެސް ކޮންމެވެސް އެއްޗެއް ކުރަހަން ހަވާލުކުރާނެ. އެހެންވެ އަބަދު އިންނަނީ ކުރަހާލަކުރަހާލައި. އެހެން ގޮސް ކުރަހަން ދަސްވީ. އެންމެ ގަޔާވާ ގޮތަށް ކުރެހެނީ އިންސާނުންގެ މޫނު. އެކަމަކު ކުރިހާ އެއްޗެއްވެސް ކުރަހަން. ކުރެހޭނެ ކަމުގެ ޔަގީންކަންވެސް އޮވޭ،" އަމާނީ ބުންޏެވެ.
ކުރަހަން އެނގުނަސް އޭނާއަކީ އާމްދަނީ ހޯދުމުގެ ގޮތުން އެކަންކުރާ މީހެއް ނޫނެނެވެ. އެކަންކުރަނީ ހޮބީއެއްގެ ގޮތުގައެވެ. އިންސާނާގެ މޫނުން ފެށިގެންގޮސް ކާޓޫން ކެރެކްޓަރތައް ކުރަހާލުމަކީ އޭނާއަށް ފަސޭހަކަމެކެވެ. އެހެންނަމަވެސް މާކެޓަށް ނުކުތުމަކީ އޭނާ ބޭނުންވާ ކަމެއް ނޫނެވެ. އެހެން ވީމާ މިވާހަކަ މިހިސާބަށް ނިމުނީއެވެ.
ފެހުން: އަމާނީއަކީ ކުޑައިރު ވެސް ފެހުމަށް ޝައުގުވެރި ކަމެއް ބެހެއްޓި ޒުވާނެއް ނޫނެނެވެ. އެހެންނަމަވެސް ހުސްވަގުތު ފުރާލުމަށްޓަކައި ޖެންޑަރ މިނިސްޓްރީން 2003 ވަނަ އަހަރު ހިންގި ފަހަން ދަސްކޮށްދޭ ކޯހެއްގައި އޭނާ ބައިވެރިވިއެވެ.
ފަހަން ފެށުމުން އެއީ ގުދުރަތުން އޭނާއަށް ދެއްވައިފައިވާ ހުނަރެއް ކަމަށް އޭނާއަށް ވެސް ބަލައިގަނެވުނެވެ. އެ ހިސާބުން އޭނާ ފަހަތަށް ނުބަލައެވެ. އެ ކޯސް ނިމުނުއިރު އޭނާވަނީ އަންހެން ކުދިންނަށް ޚާއްސަ ހުރިހާ ވައްތަރެއްގެ ހެދުން ފަހަން ދަސްކޮށްފައެވެ. އޭގެ ތެރޭގައި ހަވީރީ ހެދުމާއި ތަފާތު ވައްތަރުގެ ޕާޓީ ހެދުމާއި ޚާއްސަކޮށް ވެޑިން ޑްރެސް ވެސް ހިމެނެއެވެ. އެހެންނަމަވެސް އޭނާ އަދި ފަހައިދެނީ އާއިލާ މީހުންގެ ހެދުމާއި ރައްޓެހި ރަހުމަތްތެރިންގެ ހެދުންތަކެވެ.
ވޫލް ބޭނުން ކޮށްގެން ވިޔުން: މިއީ ވެސް އޭނާގެ ޚާއްސަ ހުނަރެކެވެ. އެ މަސައްކަތް އޭނާ ދަސްކުރީ މީގެ 5 އަހަރު ކުރިންނެވެ. ކުރިން އެމަސައްކަތް ނޭގުނަސް އެކަން ފެށުމުން އެއްވެސް އުދަގުލަކާ ނުލައި އޭނާއަށް އެކަންވެސް ދަސްވިއެވެ. އެ މަސައްކަތަކީ ވެސް އޭނާއަށް އުނދަގޫ ކަމަކަށް މިހާރު ނުވެއެވެ.
ވޫލް ބޭނުންކޮށްގެން އޭނާ ވިޔާ ތަކެތީގެ ތެރޭގައި އަތްދަބަހާއި، ހެދުމާއި، ބޫޓާއި، އިސްޓާކީނާއި މިހެންގޮސް އެތައް ވައްތަރެއް ހިމެނެއެވެ. އެފަދަ އެއްޗެއް ވިޔެލުމަކީ އޭނާއަށް މާބޮޑު ކަމަކަށް މިހާރު ނުވެއެވެ.
ކޭކު އެޅުން: ކޭކު އެޅުމުގެ މަސައްކަތަކީ ރާއްޖޭގައި އާންމު ކަމެކެވެ. އެހެންނަމަވެސް އެއީ އޭނާ ދަސްކުރަން ބޭނުންވި ކަމެއް ނޫނެވެ. އެއްފަހަރަކު ޗުއްޓީއަށް ރަށަށް ގޮސް ތިއްބާ ކޮއްކޮއެއްގެ އުފަން ދުވަސް އަތުވެއްޖެއެވެ. "އެދުވަހު ކޭކެއް އަޅަން އުޅުމުން އެކަން ކުރެވޭނެގޮތެއް ނުވި. އެދުވަހު މަންމަ ބުނެފި ކޭކު އަޅަންވީ ނޫންހޭ. ހިތަށްއެރި އެޅޭތޯ ބަލާނީއޭ. އެހެން ހިތައި ފުރަތަމަ ކޭކުވެސް އެޅީ. އެ ކޭކު އެންމެނަށްވެސް ކަމުދިޔަ. އެހިސާބުން ކޭކު އަޅަން ފެށީ. މިހާރު ހުރިހާ ވައްތަރެއްގެ ބޭސިކް ކޭކު އަޅަން އެނގޭނެ. އިތުރަށް ދަސްކުރުމަށް ކޯހެއް ހަދަން އެބަވިސްނަން. އޭރުން ކޭކު އެޅުމާބެހޭ އިތުރު ކަންކަން ދަސްވެގެންދާނެ،" އަމާނީ ބުންޏެވެ.
އަމާނީއާ މެދު އާއިލާ މީހެއްގެ ޚިޔާލު
އަމާނީގެ ބޮޑު ދައިތައަކު އޭނާ އާމެދު ބުންޏެވެ. "އަމާނީއަކީ ވަރަށް ޓެލެންޓެޑު ވަރަށް މޮޅު ކުއްޖެއް. އޭނާގެ ހުނަރުވެރިކަމަކީ އަޅުގަނޑުމެން އަޖައިބު ކޮށްލާ ވަރުގެ ކަމެއް. އޭނާގެ އާދަޔާ ޚިލާފު ކަމަކީ ކުރަން ބޭނުންވާ ކޮންމެ ކަމެއް ފަސޭހަ ކަމާއެކު ކުރުން. އޭނާއަށް ކޮންމެ އެއްޗެއް ފެނުނަސް ވަގުތުން ސިކުނޑިއަށް ނަގައިގެން އެ ކުރަހައިލާނެ. ފެހުމުގެ ކަންކަން ވެސް ހަމައެހެން،"
އަމާނީގެ ހުވަފެން
އަމާނީ މިހާރު ގެންދަނީ ވިލާކޮލެޖުގައި ބިޒްނަސް މެނޭޖުމެންޓު އެންޑް މާކެޓިން އިން ޑިގްރީއަށް ކިޔަވަމުންނެވެ. އެހެން ކަމުން މިއީ އޭނާގެ ހަޔާތުގެ އެންމެ ބުރަ އެއްދުވަސްވަރަށް ވާނެއެވެ. މަގުސަދަކީ ވިޔަފާރީގެތެރެއަށް ވަނުމެވެ.
ބިޒްނަސް މެނޭޖުމެންޓު އެންޑް މާކެޓިން ކިޔެވިޔަސް އޭނާގެ ހިތުގައި އަދިވެސް އިތުރު އުންމީދެއް އެބަ ދިރެއެވެ. އެއީ ފެޝަން ޑިޒައިނަރަކަށް ވުމުގެ އުންމީދެވެ. "އިރާދަ ކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އެ އުންމީދުވެސް ހާސިލް ކުރުމަށް މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ. އޭނާއަށް އެކަން ކުރެވޭނެއެވެ. އެ ހުނަރާއި ގާބިލިއްޔަތުކަން އަމާނީއަށް ގުދުރަތުން ވަނީ ހަދިޔާ ކޮށްދެއްވައިފައެވެ.
މެސެޖު
އަމާނީ ދެކޭގޮތުގައި ކުރިއަށް ދިޔުމަށް އެންމެ މުހިންމުވާނީ އިލްމެވެ. އެއާ އެއްވަރަށް މަސައްކަތެއް ނުވަތަ މަސައްކަތްތަކެއް ދަސްކުރަންޖެހެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިޒަމާނުގައި މަސައްކަތެއްވެސް ދަސްކުރެވެނީ ކިޔަވައިގެންނެވެ.
"ބުނެލަން ބޭނުންވޭ ކާމިޔާބު މީހަކަށް ވުމަށްޓަކައި މަތީ ތައުލީމަކީ ވަރަށް މުހިންމު އެއްޗެއް. އެއާއެކު މަސައްކަތްތަކެއް ނުވަތަ މަސައްކަތެއް ދަސްކުރުމަކީ މުހިންމު ކަމެއް. އެ ދެބައި އެއްވެގެން އަމިއްލަ މަސައްކަތުން ކާމިޔާބީއާ ހަމައަށް ދެވޭނީ. އެހެންވީމާ މިހާރުގެ ޒުވާނުންވެސް ރަނގަޅަށް ކިޔަވައިގެން ޑިގްރީއެއް ނަމަވެސް ހާސިލް ކުރުމަށްފަހު އިތުރު މަސައްކަތެއް ދަސްކުރުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ ބުންޏެވެ.
ނިންމުން
އަމާނީއަކީ ހުނަރުވެރިއެކެވެ. އެކަމަކު އޭނާގެ ހުނަރު މާކެޓަށް އަދި ނުނެރެއެވެ. ކިޔަވަމުންދާތީ ކަމަށްވެސް ވެދާނެއެވެ. އެހެންނޫނީ އެހާބޮޑަށް މީހުންނަށް އެނގެން ބޭނުން ނުވަނީ ކަމަށްވެސް ވެދާނެއެވެ. އަމާނީ ބުނީ ކިޔަވައި ނިމުމުން މިފަދަ ކަންކަމާމެދު އިތުރަށް ވިސްނާނެ ކަމަށެވެ. އަޅުގަނޑުމެން އެދެނީ އަމާނީގެ ހުނަރު އިތުރުވެ އޭގެ ފައިދާ އެންމެނަށް ލިބުމެވެ. އަމާނީގެ ހުރިހާ އުންމީދެއް ހާސިލް ކުރުމަށް ބޭނުންވާ ހުރިހާ ދޮރެއް އޭނާއަށް ހުޅުވުމަކީވެސް އަޅުގަނޑުމެންގެ އެދުމެކެވެ.
Eyna kuren ahaaba eynage duy ah fahu tho thikanthah kurany... may be she knew what i mean
ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދުއަށް އުފަން އަމާނީ މުއީނުގެ ހުނަރުވެރިކަން އޭނާއަށް ވެސް އެނގުނީ ކުއްލިއަކަށެ
Peeps u are all taking it literally, wat he means is that she is the man, the go to gal wen u require something creative
She's not a man
Amaany is a pretty name and there are many females named Amaany in this Maldives so what makes her a man while she clearly is female? Your comment is pointless and offensive. Dude get a life
Amaany akee man eh. ???