
އަތްތެރިމަސައްކަތް ދަސްކޮށްދޭ ކޯހެއް އައްޑޫ ސިޓީ މަރަދޫގައި ފަށައިފިއެވެ. 37 މީހުންނާއެކު ފެށި މިކޯހަކީ ޤައުމީ ސެޓުފިކެޓު ލެވެލް އެކެއްގެ ކޯހެކެވެ. މިއީ ޓިވެޓް އޮތޯރިޓީން ކުރިއަށް ގެންދާ ކޯހެކެވެ.
މިކޯހުގައި ކިޔަވައި ދެއްވަނީ މިކަމުގެ ތަޖުރިބާކާރެއް ކަމަށްވާ ފ. ބިލެތްދޫ މުޙައްދު ޝިޔާޔެވެ. މީގެ ކުރިން އޭނާ ވަނީ އައްޑޫ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީއާ ގުޅިގެން އަތްތެރި މަސައްކަތް ދަސްކޮށްދޭ ކޯހެއް ހިތަދޫގައި ހިންގައިފައެވެ.
މި ކޯހުގައި ދަސްކޮށްދެނީ ފިލާގައި ކުރެހުމާއި، ކާށި ފަދަ އެއްޗެހީގައި ކުރެހުމާއި، ނާށިން ތަޅުދަނޑިލާ އެއްޗެހި ހެދުމާއި، ބޮއްޔާއި ރިނދަލި ބޭނުން ކޮށްގެން ގަހަނާ ހެދުމާއި ލަކުޑި ބޭނުންކޮށްގެން މައު ޓުކުރި ހެދުމާއި ބެރު ހަދަން ދަސްކޮށްދިނުމެވެ. އޭގެ އިތުރަށް ލަކުޑި ލިޔެގެން ބައެއް އެއްޗެހި ހަދަން ދަސްކޮށްދިނުން ވެސް ހިމެނެއެވެ. އޭގެ އިތުރަށް އިލާ ބޭނުންކޮށްގެން މައު ހަދަން ދަސްކޮށްދިނުންވެސް ހިމެނެއެވެ.
މަރަދޫގެ އިތުރުން މީދޫގައި ވެސް މި ކޯސް ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ކޯހުގެ ލެވެލް ދޭއް އަދި ތިނެއް ވެސް އައްޑޫގައި ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.
މިކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅެއް ކަމަށްވާ ނުސްރަތު ރަޝީދު ވިދާޅުވީ މަސައްކަތް ކުރައްވާނީ މިފަދަ ތަކެތި އުފައްދާ ފެކްޓްރީއެއް ގާއިމްކޮށް ތަކެތި އުފައްދައި ރިސޯޓުތަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެކަން ކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ މީހުން ބިނާކުރުން ކަމަށްވާތީ މިހާރު ކުރިއަށް ގެންދާ ކޯހަކީ އޭގެ ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.