މާލެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ ޢަމަލީ ދިރާސާ އެމް.ޑަބްލިޔު.އެސް.ސީ އިން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 2040 ވަނަ އަހަރަށް ތަރައްޤީވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމުގެ ތަޞައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެމް.ޑަބްލިޔޫ.އެސް.ސީ އިން ދަނީ ޤައުމީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް، މަސައްކަތުގެ ހިންގުން ހަރުދަނާކުރުމާއެކު ދެމެހެއްޓެނިވި ޢުމްރާނީ ތަރައްޤީ ކުރިއެރުވުމަށްޓަކައި، އެންމެ ފަހުގެ އީޖާދީ ކަނޑުއަޑީގެ ފެން އުފައްދާ ޓެކްނޮލޮޖީ (ސަބްސީ ޑީސެލިނޭޝަން) ބޭނުންކުރެވިދާނެ ގޮތްތައް ދިރާސާކުރަމުންނެވެ.
މިގޮތުން، މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ބައެއްގެ ގޮތުން ފްލޯޝަންFlocean) ) ގެ ޓެކްނިކަލް ޓީމުން ވަނީ ކަނޑުގެ 500 މީޓަރުގެ އަޑިން ފެން ސާމްޕަލް ނަގާފައެވެ. ފުރަތަމަ މުޢާޔަނާއިން ދައްކާ ގޮތުގައި މިއީ އާދަޔާޚިލާފަށް ސާފު ފެނެކެވެ. އަދި ލެބޯޓްރީ ތަޙުލީލުތަކުން ކަށަވަރުކުރެވޭ ގޮތެއްގެ މަތިން، މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ތަބީޢީ ފެން މަޞްދަރުތަކުގެ ތެރޭގައި ހިމެނޭނެ ފެނެކެވެ.
ފްލޯޝަންގެ އީޖާދީ ޓެކްނޮލޮޖީއަކީ ކަނޑުގެ ތަބީޢީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ކުރިއަށްދާ ގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު %40 އާއި %50 އާ ދެމެދުގެ މިންވަރަކަށް ދަށްކުރެވި، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު ކުޑަކުރެވި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ނުހަނު ބޮޑަށް ކުޑަކުރެވޭނެއެވެ.
މި ދިރާސާއިން ލިބޭ ނަތީޖާތަކުގެ އަލީގައި، މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމް.ޑަބްލިޔޫ.އެސް.ސީ އިން ވަޒަންކުރާނެއެވެ. މިއީ ދިވެހިރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ޢުމްރާނީ ވަޞީލަތްތަކެއް ފޯރުކޮށްދިނުމަށް އެމް.ޑަބްލިޔޫ.އެސް.ސީ އިން ވެފައިވާ ދިގު މުއްދަތުގެ އިލްތިޒާމަށް ލިބޭނެ ބޮޑު ބާރެކެވެ.
ޓެކްނިކަލް ރެފަރެންސް: ފްލޯޝަން – "ހައު އިޓް ވޯކްސް" އަދި ފްލޯޝަން ރަސްމީ ވެބްސައިޓް. ކަރަންޓު ބޭނުންކުރާ މިންވަރު %40 އާއި %50 އާއި ދެމެދުގެ މިންވަރަކަށް ކުޑަކޮށްދޭކަމަށް ބުނެފައިވަނީ ފްލޯޝަންގެ ޓެކްނޮލޮޖީ ނަތީޖާއަށް ބަލައިގެންނެވެ. މިއީ ދިވެހިރާއްޖެއަށް އަދި ކަށަވަރުކުރެވިފައިވާ ނަތީޖާއެއް ނޫނެވެ.
