ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ ނުވަތަ ލޭބަރރިލޭޝަންސް ގެ ދާއިރާއަކީ ، އަބަދުވެސް އެއްތަނުން އަނެއްތަނަށް ، އެއްމިނިސްޓްރީން އަނެއް މިނިސްޓްރީއަށް ބަދަލުވަމުންދާ ، ދާއިރާއެކެވެ. އެހެންކަމުން އަޞްލު ބެލެނިވެރި ފަރާތެއްނެތި ، އަބަދުވެސް ލޭބަރގެ ދާއިރާ އޮންނަނީ އެކަހެރި ކޮށްލެވިފައެވެ. ހިނގަ ހިނގާ ހުންނަ މިނިސްޓްރީއެއްގެ މަސްއޫލިއްޔަތުގެ ތެރެޔަށް ، ލޭބަރ އައިސް އެ ދާއިރާގެ މަސައްކަތްތައް އޮންނަނީ އަބަދުވެސް ދޮންދަރިއެއްގެ ގޮތަށް ، މިނިވަންކަމެއްނެތި އިހުމާލުވެފައި އޮންނަ މަސައްކަތެއްގެ ގޮތުގައެވެ. އެވަގުތެއްގައި ބެލެނިވެރިކަން އޮންނަ މިނިސްޓްރީއެއްގެ ފަރާތުން ، ލޭބަރގެ ދާއިރާއަށް ބޭނުންވާ އެއްބާރުލުން އޮންނަނީ ، އެހެން ގޮތެއްނެތިގެން ނޫނީ ނުދޭ ކަމަކަށް ވެފައެވެ. ބަޖެޓް ކަމަށްވިޔަސް އަދި އިދާރީގޮތުންނާއި މުއައްޒަފުން ކަމަށްވިޔަސް ، އަދި މުއައްޒަފުން ތިބޭ ތަންކަމަށްވިޔަސް އަބަދުވެސް އޮންނަނީ އިހުމާލުވެވިފައެވެ. ކޮންމެވެސް މިނިސްޓްރީއެއްގެ ސެކްޝަނެއްގެ ގޮތުގައި ލޭބަރ އޮވެ ، ހެދިބޮޑުވުމަށް ހުރަސްއެޅި ، ދާއިރާގެ ކުރިމަގަށް އޮންނަނީ ހުރަސް އެޅިފައެވެ. މިހެން ދެންނެވިޔަސް ، ބައެއް ދުވަސްވަރު ، އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެވި ، އެދާއިރާއަށް ބޭނުންވާ ސަމާލުކަން ލިބިފައިވެސް ވެއެވެ. ހެދިބޮޑުވުމަށް ބޭނުންވާ އެހީތެރިކަމާއި އަޅައިލުންވެސް ލިބިފައިވެއެވެ. ޚާއްޞަކޮށް ، މިދުވަސްވަރަކީ ، ލޭބަރގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އިޖާބަދީ ، ހެޔޮބަދަލުތަކެއް އަންނާނެކަމުގެ ފޮނި އުއްމީދު ކުރެވެމުންދާ އަދި ހެޔޮ ބަދަލުތަކެއް ގެނެވެމުންދާ ދުވަސްވަރެކެވެ.
އެހެން ނަމަވެސް ، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ، ލޭބަރގެ ދާއިރާއަށް އެކިދުވަސްވަރު ، ވަމުންދިޔަ އިހުމާލު މިހާރު މިއޮތީ ޤައުމީ މައްސަލަޔަކަށް ވެފައިކަމެވެ. ވަރަށް ކުރީއްސުރެ އުފެދި ، ޙައްލެއް ހޯދަން އެކަށީގެންވާ މަސައްކަތެއް ނުކުރެވި ، އެމައްސަލަތައް ގިނަވެ ، ބޮޑުވެ ، ރާއްޖޭގައި އިޖްތިމާޢީ ތަފާތު މައްސަލަތައް އުފެދިގެން ހިނގައްޖެއެވެ. ޤައުމީ ފެންވަރެއްގައި ހިންގައި ބަލަހައްޓަންޖެހޭ ތަފާތު ކަންތައްތަކަށް މިނިސްޓްރީތައް އުފެދިގެންދިޔައިރުވެސް ، ލޭބަރގެ ދާއިރާ އޮތީ ، ކޮންމެވެސް މިނިސްޓްރީއެއްގެ ދަށުން ހިނގާ ސެކްޝަނެއްގެ ގޮތުގައެވެ. ބިދޭސީ މަސައްކަތު މީހާ މަސައްކަތްކުރަން ރާއްޖެ އައުމުން ވިސާދޫކުރާ އިދާރާއަކީ ވަރަށް ކުރީއްސުރެ ފެށިގެން ޑިޕާރޓްމަންޓެކެވެ. އެހެން ނަމަވެސް ބިދޭސީން ރާއްޖެއައިސް މަސައްކަތްކުރުމުގެ ހުއްދަ ދޭ ލޭބަރގެ ދާއިރާއަކީ ކޮންމެވެސް މިނިސްޓްރީއެއްގެ ސެކްޝަނެކެވެ. ދާއިރާއަށް އެތައް ޒަމާނެއްވީ އިރުވެސް ، އެންމެ ދެރަވެގެން ، ޑިޕާރޓްމަންޓެއްގެ ދަރަޖަވެސް ލޭބަރ އަށް ދެވިފައެއް ނުވެއެވެ. އެކަމަކުވެސް ، ދައުލަތަށް ، އެކަށީގެންވާ އާމްދަނީ އެއް ހޯދައިދޭ އަދި ވިޔަފާރިތަކަށާއި ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއްދޭ ތަނެއްގެ ގޮތުގައި އަބަދުވެސް ލޭބަރ ދެމިއޮވެއެވެ. އަދި ކަމުގެ ބާވަތުން ރިޝްވަތު ނެގުމާއި ޚިޔާނާތުގެ ޢަމަލުތައް ހިންގާލަން ފަސޭހަ ދާއިރާއަކަށްވާތީ ، އެކަން ކުރަން ބޭނުންވާ ބަޔަކު ، އަބަދުވެސް ލޭބަރއަށް ހިތްކިޔައެވެ. ލޭބަރގެ ދާއިރާގެ ބާރުތައް ހޯދުމަށް ތަފާތު މަސައްކަތް ކުރެއެވެ. އެކަމުގެ މިސާލެއް ، މޯލްޑިވްސް އިމިގްރޭޝަންގެ ދަށަށް ލޭބަރ ދިއުމުން ވަރަށް ރީތިކޮށް ފެނިގެންގޮސްފައި ވެއެވެ. އިމިގްރޭޝަނާއި ލޭބަރއަކީ އެއްވަރެއްގެ ދެދާއިރާއެއްކަމަށް ވެފައި އޮވެމެ ، ޒަމާނުއްސުރެ ކޮންމެވެސް މިނިސްޓްރީ އެއްގެ ނަމާ ގުޅިފައި ލޭބަރ އޮވެ ، އިމިގްރޭޝަން ޑިޕާރޓްމަންޓްގެ ދަށަށް ، އެޑިޕާރޓްމަންޓްގެ ސެކްޝަނެއްގެ ގޮތުގައި ލޭބަރ ދިއުމުން ، ލޭބަރގެ ދާއިރާއަށް ސަރުކާރުތަކުން ދީފައިވާ ސަމާލުކަން ވަރަށް ސާފުކޮށް ހާމަ ވެއެވެ. ޚިޔާނާތާއި ފަސާދައިގެ މަގަށް ލޭބަރ ކައްސާލައިގެންގޮސް މަގުއޮޅިގެންދިޔައީ އެހިސާބުންނެވެ.
ސަރުކާރުތަކުން ، ލޭބަރގެ ދާއިރާއަށް ދިން ސަމާލުކަން ކުޑަވުމާއެކު ، އެދާއިރާ އުފަންވުމަށްފަހު ހިނގައިދިޔަ ކަންކަންވެސް ވަނީ ފޮރުވިފައެވެ. ދޮންދަރިއެއްގެ ގޮތުގައި އެތައް އަހަރެއްވަންދެން ދެމިހުރެ ، ހެދިބޮޑުވަމުން އައިގޮތުގެ މަޢުލޫމާތު އެއްވެސް މީހަކަށް ނޭނގެއެވެ. ޢާންމުކޮށް ، އަޅާނުލައި އެކަހެރިކޮށް ހެދިބޮޑުވާ ދޮންދަރިންނަށް ވާހެން ، ލޭބަރގެ ދާއިރާވެސް ވަނީ ، ހެދިބޮޑުވުމުގެ އެ ހިތި ތަޖުރިބާ ކޮށްފައެވެ. ލޭބަރ އާ ބެހޭ ވަރަށްގިނަ ދިރާސާތަކާއި ރިސާރޗް ޕޭޕަރ ލިޔެވިފައި އެބަހުއްޓެވެ. އެއިން ކޮންމެ ކަރުދާހެއްގައި ނުވަތަ ރިޕޯޓެއްގައިވެސް މަޢުލޫމާތު ގެނެސްދެވިފައި ހުންނަނީ ފަހުގެ ތާރީޚުތަކުން ފެންނަން ހުންނަ މަޢުލޫމާތުގެ މައްޗަށެވެ. ގިނަ ރިޕޯޓުގައި ފާހަގަ ކުރެވިފައި ހުންނަނީ ، ލޭބަރގެ ދާއިރާއަށް ކުރިއެރުމެއް ލިބުނިއްޔާ ލިބިފައި އޮންނަނީ ރާއްޖޭގެ ވެރިކަމަށް އައި ބަދަލުން ކަމުގައެވެ. މިއީ ވަރަށްބޮޑު އޮޅުވާލުމެކެވެ. 2003 ގައި މާފުށީ ޖަލުގައި އެހިނގި ޙާދިސާއަކާ ގުޅިގެން ލޭބަރގެ ދާއިރާއަށް ކުރިއެރުން ލިބިފައި އޮތްކަމަށް ބައެއް ދިރާސާގައި ބުނެއެވެ. އަދި ލޭބަރގެ ދާއިރާއަށް ކުރިއެރުން ލިބިފައިވަނީ އެމްޑީޕީގެ ވެރިކަން ފެށުމުން ކަމަށްވެސް ބުނެ ، ލިޔެފައި ހުރެއެވެ. ރާއްޖޭގެ ވެރިކަން ކޮންމެ ގޮތަކަށް ބަދަލުވިޔަސް ، ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ، ލޭބަރގެ ދާއިރާ އޭގެ އަމިއްލަޒާތުގައި ދިރިދެމިއޮތުމަށްޓަކައި ، ހަމަނޭވާލުމަށްޓަކައި ، އެދުވަސްވަރަކާ އެކަށީގެންވާ މަސައްކަތްތަކެއް ވަނީ އަމިއްލަޔަށް ކޮށްފައެވެ. ތަފާތަކީ ، އެކިވެރިން އަދި އެކިސަރުކާރުތަކުން ، ފަސާދައިގެ މަގަށް މިސްރާބުހިފައި ، ލޭބަރ ގެ ނާޖާއިޒްފައިދާ ނެގުމެވެ. ސަރުކާރުތަކުން އަޅައިލުން ކުޑަކޮށްފައިވާ ، އޮޅުންބޮޅުން ބޮޑު ، މިފަދަ ޤައުމީ މައްސަލައަކަށް ވަގުތުން ޙައްލެއް ނުހޯދޭނެއެވެ. ނަމަވެސް ، ލޭބަރގެ ދާއިރާ އޭގެ އަމިއްލަ ޒާތުގައި ހެދިބޮޑުވުމަށް އެތައް މަސައްކަތްތަކެއް ކޮށްފައި ވެއެވެ. މިމަސައްކަތްތަކުގެ މަތިން ހަނދާން ކުރާނެ މީހަކު ، އަދި އެވާހަކަތައް ލިޔާނެ މީހަކު މިހާރަކު ނެތެވެ. ބޭރުގެ އެހީގައި ނުވަތަ އެނޫންވެސް ގޮތަކުން ، ލޭބަރގެ ދާއިރާއަށް ކަރުދާހެއް ނުވަތަ ރިޕޯޓެއް ލިޔާބަޔަކުވެސް ލިޔަނީ ޙަޤީޤަތް އޮޅުވާލައިގެންނެވެ. ނުވަތަ އެއިރަކު ވެރިކަމުގައި އޮންނަ ސަރުކާރެއް ރުހޭނެގޮތްގޮތަށް ޢިބާރާތް ކޮށްގެންނެވެ. ތާރީޚުން ފެންނަން ހުންނަ މަޢުލޫމާތު ހޯދައިގެން ފުރިހަމަ ކުރުމުގެ ބަދަލުގައި އެވަގުތަކު ފަސޭހައިން ފެންނަން އޮތް މަޢުލޫމާތެއް ބޭނުން ކޮށްގެންނެވެ. ރޯގޯސްކޮށްނާއި އޮޅުވާލައިގެން ހެދިފައިހުންނަ ތަފާސް ހިސާބުން ، އެހާތަނަށް ލިޔެވިފައިހުންނަ ރިޕޯރޓްތައް ކޮޕީ ކޮށްގެންނެވެ. ޙަޤީޤަތް އެނގޭ ހިތްތަކަށް އުނދަގޫ ވާފަދަ ގޮތަކަށެވެ.
1932 ވަނައަހަރުގެ ޤާނޫނު އަސާސީ ވުޖޫދަށް އައިއިރުވެސް ރާއްޖޭގެ މަސައްކަތްތެރިންނަށް އުޖޫރަ ލިބެމުން އައީ ރައްޔިތުންކުރާ މަސައްކަތުގެ ބައިކުޅަ ބައެއް އެޅޭ ގޮތަށެވެ. ރަށްރަށުގެ ޚަތީބުންނާއި މުދިމުންނާއި ނައިބުންނަށް ލިބެމުން އައީ މަސްވެރިން ބާނާމަހުން ބަޔެކެވެ. ބޮލިހިލާ މީހުން ހިލާ ބޮލިން ބަޔެއް އެޅޭ ގޮތަށެވެ. ރައްޔިތުންކުރާ މަސައްކަތުން ، ހައްދާ ދަނޑުން ކަނޑާ ގޮވާމުން ބަޔެކެވެ. ރުއްރުކުން އަޅާ ކާށިން ބަޔެކެވެ. ކަނޑާ ބަނބުކޭލުން ބަޔެކެވެ. ގޮއިފާލައްބަ އާއި ހިންނަ ފަދަ ތަންތަނުން އެޅޭ ބައިކުޅަ ބަޔެކެވެ. ރުކަށް އަރާމީހާއަށް ލިބެނީ 4 ކާށިން ކާއްޓެކެވެ. ކަނޑާ ބަނބުކޭލުން 4 ބަނބުކޭލުން ކޭލެކެވެ. ކަމުވޮށިވެގެންވާ މީހުންނާއި އަތްމަތި ތަނަވަސް މީހުންނަށް މަސައްކަތް ކޮށްދޭ ޢާންމު މީހާ ގިނަފަހަރަށް މަސައްކަތް ކޮށްދެނީ ، މަސައްކަތް ކުރާއިރު ، ބިޑި ބޯލާނެ ދުންފަތް ކޮޅަކާއި ކާއެތިކޮޅަކަށެވެ. ރާކައްކައިދޭމީހާ ރާ ކައްކާފައި އެއިން އެތިކޮޅެއް ގެންދާ ގޮތަށެވެ. އަދި މަސްކައްކައިދޭ މީހާ ކައްކައިދޭ މަހުން އެތިކޮޅެއް ގެންގޮސް އޭނާގެ ޢާއިލާއަށް އެއިން އެތިކޮޅެއް ކާންދޭގޮތަށެވެ. ނާލުބައްތެއްޔާއި މަސްއޮޑިފަހަރުގެ އޮޑިވެރިން އެއުޅަނދުތައް ބަލަހައްޓަމުން އައީ ، ވަކިބަޔަކުލައްވައި މަސައްކަތް ކުރުވައި ، ކާއެތިކޮޅެއް ދިއްކޮށްލާ ގޮތަށެވެ. ވަކި އުޖޫރައެއް ދޭގޮތަކަށް ނޫނެވެ.
ތަންކޮޅެއް ކުރީގެ ތާރީޚަށް ބަލައިލާއިރު ، ދައުލަތުގެ ޚަރަދުތައް ހަމަޖައްސަމުން އައީ އަދި ސަރުކާރުގެ ވަޒީފާގައި މަސައްކަތް ކުރާ ބޮޑުންނަށް އުޖޫރަ ލިބެމުން އައީ އަދި ރަދުންގެ ގަނޑުވަރުގެ ޚަރަދުތަކާއި ކޮއިލުތެރޭ ޚަރަދުތައް ހަމަޖައްސަމުން އައީ ، ރަށްރަށުން ވާރުގެ ގޮތުގައި ގެންނަ ހިކިމަހާއި ގޮއިފާލައްބަ އާއި ހިންނަފަދަ ތަންތަނުން ގެންނަ ކާށިފަދަ ތަކެތިންނެވެ. ބޮއްޔާއި ރިހާކުރާ އަދި އެނޫންވެސް މިފަދަ ތަކެތިންނެވެ. ނަޤުދު ފައިސާއެއް ދައުރެއް ނުވެއެވެ.
ރަށްރަށުގައި އާމްދަނީ ހޯދަން ރައްޔިތުން ކުރާ މަސައްކަތުގެ 24 ބައިކުޅަ އެއްބައި ކަތީބުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހެއެވެ. ކަތީބުންނާއި ނައިބުން އަދި މުދިމުންނަށް ، ރަށަށް ބާނާ މަހުން ބައި އަޅަން ޖެހެއެވެ. ފައިސާގެ ގޮތުގައި ބޮލި ގެންގުޅުނު އިރު ، ރަށްރަށުގެ ނައިބުންނަށް ނައިބުބޮލި ދޭން ޖެހެއެވެ. އެއީ ބައިހަރަކުން އަތްގެކެވެ. ބައިހަރަކީ ، ރަށެއްގެ ވާރުގެ ޙިއްޞާކަމަށް ސަރުކާރުން ރަށްރަށަށް ކަނޑައަޅާފައި އޮންނަ މިންވަރެކެވެ. މި މިންވަރަކީ އެކިރަށަށް އެކިވަރަށް ކަނޑައެޅިފައި އޮންނަ އެއްޗެކެވެ. އަތްގަކީ ފަސްފުށް ބޮއްޔެވެ.
ރަށްރަށުގައި ރައްޔިތުން އިންދާ ރުއްގަހުގެ ތެރެއިން ދިވެހިރުކާއި ، ފެންފޯއްރުކާއި ، ބަނބުކޭލާ އަދި ކަށިކޭލުން ، ރައްޔިތުން ހައްދާ ކޮންމެ 4 ގަހަކުން ގަހެއްގައި ތައްޖަހައި އެއީ ބަންޑާރަ ރުއްގަސް ކަމުގައި ހަމަޖެހި ފާލައްބައިގެ ގޮތުގައި އޮތެވެ. މީގެ އިތުރަށްވެސް ، ރުއްގަސް ހެދިފަ ހުންނަ ބިންބިމުގައި ބަންޑާރަކިބަ ނުވަތަ ފަޅީގެ ގޮތުގައި ވަކިބަޔެއް އެއީ ސަރުކާރުބައެއްގެ ގޮތުގައި ހަމަޖައްސާފައި އޮތެވެ. ވަރަށް ފަހަކާ ޖެހެންދެން މިފަދަ ތަންތަން ގޮއިފާލައްބައިގެ ގޮތުގައި މީސްމީހުންނަށް ކުއްޔަށް ދޫކުރެވިފައި ވެއެވެ. މިނޫނަސް މިބާވަތުގެ ރުއްގަސް ވަލުގައި ހެއްދުމުން ކަނޑާ ތަކެތިން 4 ބައިކޮށްފަ އެއްބައި ސަރުކާރަށް ނެގިއެވެ. ޒަމާނަށް އަންނަމުން އައި ބަދަލުގައި ބައެއް ފަހަރަށް ، 3/1 ، 4/1 އަދި 5/1 ބަޔާއި 8/1 ވެސް ސަރުކާރަށް ނެގުނެވެ. ބައެއް ރަށްރަށުގައި ބަންޑާރަ ރުއްގަހުގެ ގެގޮތުގައި ހުރި ތަކެތި މިހާރު ހުންނަނީ ކާނެ މީހަކު އަޅައިގެން ކާން ، ސަބީލިﷲ އަށް ދޫކޮށްލެވިފައެވެ. ގިނަ ރަށްރަށުގައި މިފަދަ ރުއްގަސް މިހާރު ހުންނަނީ ބަންގާޅުމީހުންގެ އަތްދަށުގައެވެ. އެއީ ރުއްގަހަށް އަރާނެ ދިވެހިން ނުވާތީ ، އެފަދަ ތަންތާނގެ ރުއްގަހަށް އެމީހުން އަރައިގެން ތަކެތި ކަނޑަން ފުރުޞަތު ހުޅުވިފައި އޮންނާތީއެވެ. ރުއްގަހަށް އަރައި ކާށިއަޅައި ބަނބުކެޔޮ ކަނޑައިދޭނެ ދިވެހިން މިހާރު ވަރަށް މަދެވެ.
ހަނގުބޭކަލުންނަށް ސަރުކާރުން އުޖޫރައިގެ ގޮތުގައި ދިނީ ފޯޔަކަށް ބާރަ ނާޅިމަގުން ހަނޑުލެވެ. ހަނގުބޭކަލުންނަކީ ، ރަސްގެފާނުގެ ލަޝްކަރުގެ މީހުންނެވެ. ރަށްރަށުގައި ރާވެރިކަންކުރާ ރައިވެރިންގެ އަތުން މަހަކު 1 އަޑުބާ ހަކުރު ، ސަރުކާރަށް ނަގައެވެ.
މީގެ އިތުރަށް އިރުވައިގާ މަސްވެރިކަންކުރުމަށް ފަޅުރަށްރަށަށް ގޮސްއުޅުނު މީހުން އަތުން ، އެމީހުން ބާނާ މަހުން ، ސަރުކާރަށް ބައި ނެގިއެވެ. އަދި ހުޅަނގު މޫސުމުގައި ފަޅުރަށްރަށަށް ގޮސް ދަނޑުވެރިކަން ކޮށް އުޅުނު މީހުން ހައްދާ ގޮވާމުންވެސް ސަރުކާރަށް ބައި ނެގިއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ރައްޔިތުން ހައްދާ ގޮވާމުގެ ބާވަތްތަކުންވެސް ސަރުކާރަށް ބައި ނެގިއެވެ. އެއީ ބޯބޯމަތިން ސަރުކާރަށް ނަގާ ބަޔެކެވެ. ނުވަތަ ވާރެވެ.
ވާރު އެއީ ރައްޔިތުންގެ އަމިއްލަ މިލްކުން ބޯބޯމަތިން ވަކި ޢަދަދަކަށް ނެގެމުން އައި އެއްޗެކެވެ. އެދުވަސްވަރު ، އެކި ސަރަޙައްދުގައި ވާރުއޮޑި ގެންގުޅުނެވެ. މި އޮޑިޔަކީ ، ރަށްރަށުގެ ރައްޔިތުން ލައްވައި އަގެއްނުދީ ، އެރަށްރަށުގެ ރުއްލަކުޑި ބޭނުންކޮށްގެން ބަނދެފައި ހުންނަ އޮޑިޔެކެވެ. ވާރު އޮޑިޔަކީ ވާރުގެ ގޮތުގައި ސަރުކާރަށް ނެގޭ ތަކެތި ހިފައިގެން މާލެއަންނަން ޚާއްޞަ ކުރެވިފައި އޮންނަ އޮޑިޔެކެވެ. މިއޮޑިން މާލެ ގެންނަ ތަކެތީގެ ތެރޭގައި ، ބަންޑާރަ ކާށި ހިމެނެއެވެ. އެއީ ރަށްރަށުގައި ހުންނަ ބަންޑާރަ ރުއްރުކުން އަޅާ ކާއްޓެވެ. މީގެ އިތުރަށް ވެސް ، ވާރުގެ ގޮތުގައި ސަރުކާރަށް ލިބޭ ހިކި މަހާއި ހިއްކި ބަނބުކޭލާ ، ގޮވާމުގެ ބާވަތްތައް މިއޮޑިން މާލެ ގެންނާނެއެވެ. ވާރު އޮޑީގެ ފަޅުވެރިންނަށް ލިބެނީ މަހަކު ދެލާރިއެވެ. އެއީ ދިގު ލާރިއެވެ. މި ދެލާރީގެ އިތުރަށް ދެން އެމީހުންނަށް ލިބެނީ ކޮއްތެވެ. އެމީހުންނަށް ކޮއްތު ދެނީ ރަށުން ފުރައިގެން މާލޭ ފަޅަށް ވަދެވެންދެން ، މާލޭގައި ހުންނަ ވާރުގެއިންނެވެ. މާލޭ ފަޅަށް ވަނީއްސުރެ ރަށަށް އެނބުރި ދެވެންދެން ، ވާރުއޮޑީގެ ފަޅުވެރިންނަށް ކޮއްތު ދެނީ ބޮޑު ބަނޑޭރި ގެއިންނެވެ.
1970 ގެ އަހަރުތަކާ ހަމަޔަށް ރަށްރަށުގައި ކުރާ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން ކުރަމުން އައީ ހިލޭ ސާބަހަށް ބަންޑާރަ މަސައްކަތުގެ ގޮތުގައެވެ. ރަށްރަށުގެ ކުނިކެހުމާއި ފާރު ލުމާ އަދި ސަރުކާރުގެ ޢިމާރާތްތައް ރޭނުމާއި އަތޮޅުވެރިކަން ކުރާ ރަށްރަށަށް ކުރާ ދަތުރުތައްވެސް ރޭވިފައި އޮތީ ބަންޑާރަ މަސައްކަތުގެ ގޮތުގައި ރައްޔިތުން ހިލޭ ކުރާކަމެއްގެ ގޮތުގައެވެ. ބައެއް ރަށްރަށުގައި ބަންޑާރަ ދަތުރުކުރުމަށްޓަކައި ރައްޔިތު ދޯނީގެ ނަމުގައި ދޯނިފަހަރު ބަނދެގެންވެސް ، ސަރުކާރުގެ ދަތުރުތައް ކުރިއެވެ. މާލޭގެ ހަތަރުއަވަށުގައި މުސާރަދީގެން މަސްއޮޑިފަހަރު މަހަށް ފުރުވި ދުވަސްވަރެއްވެސް ދިޔައެވެ.
އެއީ މީގެ 75 އަހަރު ކުރިއެވެ. ހިޖުރީ ސަނަތުން ، 8 ރަމަޟާން 1367 ގައި ނާދިއްތަމައްދުންގައި މަސްވެރިންގެ ޖަލްސާއެއް ބޭއްވުނެވެ. މިޖަލްސާގައި މާލޭގެ މަސްވެރިންނާއި އޮޑިވެރިންނާއި ކެޔޮޅުން އަދި ސަރުކާރުގެ ބޮޑުން ބައިވެރިވިއެވެ. ޖަލްސާގެ ރިޔާސަތުގައި އިންނެވީ ، އަލްއަމީރު މުޙައްމަދު އަމީނެވެ. ޖަލްސާގައި ކޮންމެވެސް ވަރަކަށް މަސްވެރިކަމާބެހޭ ވާހަކަ ދެކެވުމަށްފަހު ، އަމުރެއްގެ ގޮތުގައި މުޙައްމަދު އަމީން އެންގެވީ ، ކެޔޮޅުންނަށްދޭ މުސާރަ ބޮޑުކުރެއްވި ވާހަކައެވެ. އެއީ ކޮންމެ ކެޔޮޅަކަށް ، މަހަކު 10 ރުފިޔާއެވެ. މީގެ އިތުރަށް އެލަވަންސްގެ ގޮތުގައި ބޯފޮޅިއަށް 2 ރުފިޔާ އަދި ޞަލަވާތަށް 3 ރުފިޔާއާއި އަހަރަކަށް ދެ ހެދުމެވެ. މަސްވެރިން ހުށަހެޅިކަންކަމުގެ ތެރޭގައި ، ހުޅަނގު މޫސުމުގައި މަސްކަނޑުގައި ވަދުއެޅުން މަނާކޮށްދެއްވުމާއި ، މަސްވެރިކަމަށް ފަންޑިތަހެދުން ހުއްދަކުރެއްވުން ހިމެނެއެވެ.
ކޮންމެއަކަސް މަތީގައި ބަޔާންކުރެވިފައި އެވަނީ ، އެއް ޒަމާނެއްގައި މަސައްކަތްތެރިންނަށް މުސާރަ ދެވެމުންދިޔަ ގޮތްގޮތާއި އުޖޫރަ ދޭ ލާރި ސަރުކާރަށް ހޯދާ ގޮތްގޮތެވެ. އަލްއަމީރު މުޙައްމަދު އަމީންގެ ވެރިކަމުގެ ދުވަސް ވަރު މިނިޒާމަށް ބަދަލުތަކެއް ގެންނެވިއެވެ. ކާޑުގެ ބާވަތްތައް ގަންނަން ސަރުކާރުންކުރަންޖެހޭ ހޭދަޔާ އެއްވަރަށް ދައުލަތަށް އާމްދަނީ ނުލިބޭތީ ، ސަރުކާރުން އެކަމާ މަޝްވަރާތަކެއް ކުރެއްވިއެވެ. ހަނޑުލާއި ހަކުރާއި ފުއް ގުދަންކޮށް ބޮޑުބަނޑޭރިގޭގައި ބެހެއްޓި އެކި ގޮތްގޮތަށް އަތޮޅުތަކުގެ ބައެއް ރަށްރަށަށް އެކި ނަންނަމުގައި އެތަކެތި ފޮނުވުނެވެ. ޚާއްޞަކޮށް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރާއި ބޮޑުތަދުގެ ދުވަސްވަރު ކާޑުގެ ކޮންޓްރޯލް ހިފެހެއްޓި ، ވަކި އުޞޫލަކުން އެތަކެތި ބެހިގެން ދިޔައެވެ. ލާހި ބައިލާއްސަށް ހެއްދެވިއެވެ. އެއީ ކާޑު ދޫކުރުމަށް ސަރުކާރުން ނިންމާ ކޮންޓްރޯލް ކޮށްފައިއޮތް ކޯޓާއެކެވެ. މީހަކަށް ބައިލާހި މަގުންނެވެ. ރަށްރަށުންވެސް ކާއްޓާއި ހިކިމަހާ އަދި ފަލަމަޑީގެ ބާވަތްތައް މާލެ ގެނެވި ، އެތަކެތިވެސް މުސާރައިގެ ނުވަތަ އުޖޫރައިގެ ގޮތުގައި ވަކި އުޞޫލަކުން ބެހިގެން ދިޔައެވެ.
ވަކިތާރީޚެއް ކަނޑައެޅިގެން ފެންނަންނެތަސް ، ސަރުކާރުގެ ވަޒީފާގެ މުސާރަތަކަށް ބައިކުޅަބައި ދިނުމުގެ ބަދަލުގައި މުސާރައެއް ކަނޑައެޅިގެން ދިޔަކަމަށް ބެލެވެނީ 1960 ގެ އަހަރުތަކުގައެވެ. ރަށްރަށުގެ ޚަތީބުންނާއި ނައިބުންނާ އަދި މުދިމުންނަށް މުސާރައިގެ ގޮތުގައި ފައިސާ ދޭންފެށުނީވެސް 1960 ގެ އަހަރުތަކުގައިކަމަށް ބެލެވެއެވެ. (ނުނިމޭ)