ރާއްޖޭގައި ދެވޭ ތައިލީމުގެ ނައު ދުއްވަމުން ގެންދަނީ ރަނގަޅު މިސްރާބުން ކަން ޔަގީން ކޮށްދޭނީ ދަރިވަރުންގެ ފެންވަރު ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ނޭޝަނަލް އެސެސްމަންޓް އޮފް ސްކޫލް ނެޓްވޯކް ޓީމްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް މާބްލް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
"ދަރިވަރުންގެ ފެންވަރުން ތަޢުލީމީ ނައު ދުއްވަމުންދަނީ ރަނގަޅު މިސްރާބަށް ކަން ޔަގީން ކޮށްދޭނެ،" އެކަމަނާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ
ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ވަޒަންކުރުން މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ދެވޭ އިމްތިހާން ތަކަށް ބިނާކޮށް ކަމަށެވެ. ރާއްޖޭގެ ތައުލީމަށް ބަލާއިރު ސްކޫލްތަކުގައި ދެމުން ގެންދާ އިމްތިހާންތަކުގެ އިތުރަށް 1967 ވަނަ އަހަރުން ފެށިގެން ސާނަވީ މަރުލާ ނިމުމުން އޯލެވެލް އިމްތިހާން ބާއްވައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބަލައި މިންކުރެވެމުން ދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އޭގެ އިތުރަށް 1979 ވަނަ އަހަރުން ފެށިގެން މަތީ ސާނަވީ ނިމުމުން އޭލެވެލް އިމްތިހާން ބާއްވައި ދަރިވަރުން މިންކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންނަމަވެސް ރާއްޖޭގެ ތައުލީމީ މަންހަޖަށް 2014 ވަނަ އަހަރު ތައާރަފްކުރި އައު މަންހަޖާއެކު ދަރިވަރުންގެ އުނގެނުމާއި އުނގަންނައިދިނުމާ ގުޅޭ ބޮޑެތި ބަދަލުތަކެއް ސްކޫލްތަލުންވެސް ފެންނަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "މި މުހިއްމު ބަދަލާއިއެކު ދަރިވަރުންނަށް އުނގަންނައިދޭ ފިލާވަޅުތަކުން ހާސިލުވަމުން ދަނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފައްދައި ގައުމީ ފެންވަރުގައި ދަރިވަރުން އިމްތިހާނު ކުރެވި، ހާސިލްވެފައިވާ މިންވަރު ދަނެގަތުމުގެ މަސައްކަތް ދަނީ ކުރެވެމުން،" އެކަމަނާ ވިދާޅުވިއެވެ. އެގޮތުން 2003 ވަނަ އަހަރުންފެށިގެން ރާއްޖޭގެ ސުކޫލުތަކުގައި ޑައިގްނޯސްޓިކް ޓެސްޓް ތަކެއްގެ ގޮތުގައި އެސެސްމެންޓް ނަގަމުން ދިޔަކަމަށާއި، އެ އެސެސްމެންޓް ކުރެވެމުން ދިއައީ އެކި އަހަރު އެކި މާއްދާތަކުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެ. "ނަމަވެސް، އާމަންހަޖާއެކު 2014 އިން ފެށިގެން ރާއްޖޭގެ ސުކޫލުތަކުގައި ނެޝަނަލް އެސެސްމަންޓް ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއިން ދަނީ އިމްތިހާން ކުރެވެމުން. މި ނެޝެނަލް އެސެސްމެންޓުގައި ހިސާބު، އިގިރޭސި އަދި ދިވެހި ބަހުން ގްރޭޑް 4 އަދި 7 ގެ ދަރިވަރުންނަށް ހާސިލްވެފައިވާ މިންވަރު ދެނެގަތުމުގެ އިތުރަށް ދަރިވަރުން ހޯދާ ނަތީޖާ އަށް އަސަރުކުރާފަދަ ބައެއް ކަންތަކަށް ހޯދައި ދަރިވަރުންގެ ނަތީޖާއާ މިފަދަ ކަންތަކާ ގުޅުން ހުރި މިންވަރު ހޯދިފައިވޭ،" މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރަށް ޓީޗަރުންގެ ފެންވަރާއި، ކިޔަވައި ދިނުމުގެ ވައްޓަފާޅި ފަދަ ކަންތަކާއި ސުކޫލާއި ގޭގެ މާހައުލުން ދަރިވަރުންގެ އުނގެނުމަށް އަސަރުކުރާ ކަންތަކާއި އެކަންތަކުން ނަތީޖާއާއި ގުޅުންހުރި މިންވަރުގެ މައްޗައްވެސް ހޯދުންތަކެއް ހޯދިފައިވާ ކަމަށް ވިދާޅުވިއެވެ.
އެފަދަ އިމްތިހާނުތަކުން ހޯދޭ ހޯދުންތަކުގެ ސަބަބުން ތައުލީމީ ދާއިރާގެ ކަންތައްތައް ރާވައި ހިންގުމަށް ބޭނުންވާ ކަންކަން ނިންމަން ފަސޭހަވުމާއި، ފެންވަރު ރަނގަޅު ތަޢުލީމެއް ދިނުމަށް ސުކޫލުތަކުގެ އަމާޒު ބަދަލުވެ، މުވައްޒަފުން ޒިންމާދާރު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
އަލަށް ތައާރަފް ކުރި މަންހަޖާއެކު ކުރިން އިމްތިހާންކުރުމުން އައި ގޮތަށްވަނީ ބަދަލު އައިސްފައި ކަމަށާއި، އެބަދަލު ތަންފީޒު ކުރުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ސުކޫލް ލެވެލްގައި އެސެސްމެންޓުގެ ކަންތައް ބަލަހައްޓާނެ ގާބިލު ބޭފުޅުން ނެތުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކަން ހައްލު ކުރުމަށް ގައުމީ ޔުނިވަރސިޓީއާ ގުޅިގެންވަނީ މާސްޓާރސް އޮފް އެޑިއުކޭޝަން (އެޑިއުކޭޝަނަލް އެސެސްމެންޓް) ކޯހެއް ހިންގައި 15 ބޭފުޅުން ތަމްރީން ކޮށްފައެވެ. އޭގެ ދެވަނަ ބުރުވަރަށް އަވަހަށް ފަށްޓަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދުފެށި ސުކޫލުތަކުގެ އުގަންނައިދިނުން ވަޒަންކުރުމުގެ ގައުމީ ވިއުގައަކީ، ރާއްޖޭގައި ނޭޝަނަލް އެސެސްމަންޓްގެ މަސައްކަތަށް ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓަށް އެހީތެރިވެދިނުމާއި އަތޮޅުފެންވަރުގައި އެސެސްމެންޓުގެ ކަންތައްތައް ބަލަހައްޓައި އެކަމުގެ މަޢުލޫމާތު ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކުލަވައިލެވިފައިވާ ވިއުގައެއް ކަމަށް މިނިސްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސުކޫލުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން މި ވިއުގާގައި ހިމެނިގެން ދިއުމުން ވަކިވަކި ސުކޫލުތަކުގެ އެސެސްމެންޓުގެ ފެންވަރު ރަނގަޅުވެ ޖުމުލަ ގޮތެއްގައި މުޅިރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގެ އެސެސްމެންޓް ކުރިއަރައިގެންދާނެ،" މިނިސްޓަރ ވިދާޅުވިއެވެ.