މީމިސް ބޭނުންކޮށްގެން ދަރިވަރުންގެ ރިޕޯޓު ކާޑުހެދި ފުރަތަމަ ގައުމަކަށް ރާއްޖެ

ފުރަތަމަ ޓާމްގެ ރިޕޯޓްކާޑުތައް ދަރިވަރުންނާ ހަވާލުކޮށް މިއަދު ސްކޫލްތައް ބަންދު ކުރީ ރާއްޖެއިން ފަޚުވެރި ކާމިޔާބެއް ތައުލީމީ ދާއިރާއިން ހޯދައިގެންނެވެ.

ރާއްޖެ މިވަނީ މޯލްޑިވްސް އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޯރމޭޝަން ސިސްޓަމް (މީމިސް) ތެރެއިން ދަރިވަރުންގެ ރިޕޯޓް ކާޑުތައް ކާމިޔާބު ކަމާއެކު ތައްޔާރު ކުރެވުނު ފުރަތަމަ ގައުމުގެ ގޮތުގައި ދިވެހިރާއްޖެ މިވަނީ ވެފައެވެ. އެއީ ތަޢުލީމީ ދާއިރާއަށް ލިބުނު ނުހަނު ބޮޑު ކުރިއެރުމެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި މިސިސްޓަމްގެ ތެރެއިން މިފަހަރު ސްކޫލްތަކުގައި ދަރިވަރުންގެ ރިޕޯޓްކާޑު މި ތައްޔާރު ކުރެވުނީ ގްރޭޑް 1 އާއި 6 ގެ ދަރިވަރުންނަށެވެ. އެއީ ގާތްގަނޑަކަށް 40 ހާހަށްވުރެ ގިނަ ކުދިންގެ ރިޕޯޓް ކާޑު (ފޮތް) ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

"މިމަސައްކަތް މިހާ ކާމިޔާބު ކަމާއެކު މި ކުރެވުނީ ސްކޫލްތަކުގެ ޓީޗަރުން ހިއްވަރާއި ކެތްތެރިކަމުން ކަމަށާއި އެހެން ކަމުން ޓީޗަރުންނަށާއި ސްކޫލްތަކުގެ އިސްވެރިންނަށާއި އަދި މިމަސައްކަތުގައި އުޅުއްވި އެންމެހާ ބޭފުޅުންނަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވަނީ ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ." އެޑިޔުކޭޝަނުން ވިދާޅުވެފައިވެއެވެ.

މީމިސްގެ ތެރެއިން ރިޕޯޓްކާޑު ޖެނެރޭޓް ކުރުމުގެ މަސައްކަތް ރާއްޖޭގައި ކާމިޔާބު ކަމާއެކު ފަށައިފައިވާއިރު، ދުނިޔޭގެ އެހެން ގައުމުތަކުންވެސް ދަނީ އޯޕެންއީމިސް ތެރެއިން ރިޕޯޓްކާޑު ޖެނެރޭޓް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށް އެޑިޔުކޭޝަނުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ބާބެޑޯސް އާއި، ޖޯޑްންފަދަ ގައުމުތަކުން މިހާރު ދަނީ އޯޕަން އީމިސްކޯގެ ތެރެއިން ރިޕޯޓް ކާޑުތައް ތައްޔާރު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީމިސް މެދުވެރިކޮށް ތައުލީމީ ދާއިރާއިން މިހާރު އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ސްކޫލްތަކަށް ހާޒިރު ނުވާ ކުދިންގެ ނިސްބަތް 70 އިންސައްތަ ހުރި ސްކޫލްތަކުން މިހާރު އެ ނިސްބަތް 30 އިންސައްތައަށް ވަނީ ދަށްކުރެވިފައި ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ސްކޫލްތަކަށް ހާޒިރުވާ ކުދިންގެ މަޢުލޫމާތު ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް މީމިސް މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ބަލާލެވޭނެއެވެ. އަދި ސްކޫލަށް ހާޒިރުނުވާ މައްސަލަ އުޅޭ ސްކޫލްތަކުން އެ މައްސަލަ ހައްލުކުރުމަށް އެކި ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކާއި އެމަސައްކަތުގައި ޒިންމާވާނެ ފަރާތްތައްވެސް މި ސިސްޓަމްތެރޭގައި ކަނޑައަޅާފައިވެއެވެ. އެހެން ކަމުން ހާޒިރުނުވާ ކުއްޖަކު ހުރި ނަމަ ދުވަހުން ދުވަހަށް އެކަން ބަލައި ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅު މި ސިސްޓަމްގެ ތެރެއިން އެޅިގެންދާނެ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އެޑިޔުކޭޝަނުން ވިދާޅުވެފައިވަނީ 2015 ވަނަ އަހަރު ތަޢާރަފް ކުރެވުނު އާ ކަރިކިއުލަމްގެ ދަށުން ތަޢާރަފް ކުރެވުނު އާ އެސެސްމެންޓް ޕޮލިސީގެ އެންމެ މުހިއްމު ކަމެއްގެ ގޮތުން މާއްދާތަކަށް މާކްސް ލިބޭވަރު ދައްކުވައިދޭ ކުރީގެ ރިޕޯޓްފޯމްތައް ދިނުން ވަނީ ހުއްޓާލައިފައެވެ. ޚާއްސަކޮށް ދަށް ގްރޭޑް ތަކުގައި މާކްސް ދިނުމުގެ ބަދަލުގައި މުޅި ޓާމް ތެރޭ ކަރިކިއުލަމްގައި ކަނޑައަޅާފައިހުރި "ލަރނިންގ އައުޓް ކަމްސްތައް" ނުވަތަ ދަރިވަރަށް އެނގިފައި ހުންނަންޖެހޭ މިންވަރު އެކުދިންނަން ހާސިލްވަމުންދާ ވަރު ވެސް މިސިސްޓަމުން ބެލޭނެއެވެ.

"މީގެ ބޭނުމަކީ މަތީ ގްރޭޑްތަކަށް ދަރިވަރުން ދާއިރު ކޮންމެ މާއްދާއަކުންވެސް ކޮންމެހެން އެނގެންޖެހޭ އަސާސީ ބައިތައް އެކުދިންނަށް ހާސިލްވާކަން ކަށަވަރު ކުރުމެވެ. މިސާލަކަށް ގްރޭޑް 1ގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ތިބި ދަރިވަރުންގެ ތެރެއިން 1 އިން 10އަށް ނަންބަރުތައް ގުނަން އިނގެނީ ކިތައް ދަރިވަރުންނަށް ކަން ސާފުކޮށް ވަގުތުން ބަލާލެވެން އޮންނާނެއެވެ."

މިގޮތަށް އެނގެން އޮތުމުން ވަކިވަކި ދަރިވަރުންގެ ކުރިއެރުމަށް ޓީޗަރުންނާއި ބެލެނިވެރިން ކުރަންޖެހޭ މަސައްކަތްތަކާއި އެމަސައްކަތް ކުރަންޖެހޭ މިންވަރު ވަރަށް ފަސޭހައިން އެނގެން އޮންނާނެ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މި ސިސްޓަމަކީ މިހާރުވެސް ދުނިޔޭގެ58  އަށްވުރެ ގިނަ ގައުމުން ބޭނުން ކުރަމުން ގެންދާ ސިސްޓަމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.