ރާއްޖޭގެ އާސާރީ ތަރިކައިގެ ދަފްތަރެއް އެކުލަވާލަނީ

ރާއްޖޭގޭ އާސާރީ ތަރިކައިގެ ދަފްތަރެއް އެކުލަވައި ލުމުގެ އެއްބަސްވުމެއްގައި އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ހެރިޓޭޖު ޑިޕާޓުމެންޓާއި، އޮކްސްފޯޑް ސެންޓަރ ފޮރ އިސްލާމިކް ސްޓަޑީޒް އާ ދެމެދު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

ގައުމީ ދާރުލް އާސާރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެރިޓޭޖު ޑިޕާޓުމެންޓުގެ ފަރާތުން ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. އޮކްސްފޯޑުގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮފެސަރ މައިކަލް ފީނަރ އެވެ.

މިމަޝްރޫއު ކުރިއަށް ގެންދަވާނީ "މޯލްޑިވިސް ހެރިޓޭޖް ސާވޭ" ގެ ނަމުގައިއެވެ. މި ސާވޭގައި އިންސާނުންގެ އަމަލުތަކުގެ ސަބަބުންނާއި، ގުދުރަތީ ގޮތުން ގެއްލުން ލިބިދާނެކަމަށް ބެލެވޭ ތަރިކަތަކާ ގުޅޭ މައުލޫމާތު ތަރުތީބުކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ރައްކާކުރެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. "މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ހުރި ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވާ އާސާރީ ތަރިކަ ކިތާބުކޮށް، މުޅި ދުނިޔެއަށް ފަސޭހައިން ފެންނާނެ ގޮތަށް "އޯޕަން އެކްސެސް އޮންލައިން ހެރިޓޭޖް ޑޭޓާބޭސް" އެއް ތައްޔާރުކުރުން،" މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން މިސްކިތްތަކާއި، މަހާނަ ގައުތަކާ، ހަތްތެލިތައް ފަދަ ތަންތަން ޑިޖިޓަލީ ފޮޓޯނެގުމާއި، ތްރީޑީ ޓެރިސްޓެރިއަލް ސްކޭން ކުރުމާއި، ޖިއޯގްރަފިކް އިންފޮމޭޝަން ސިސްޓަމެއް ގާއިމްކުރެވޭނެ ކަމަށްވެސް އެޑިޔުކޭޝަނުން ވިދާޅުވިއެވެ. އަދި އާންމުކޮށް ހުޅުވައިލާ އޮންލައިން ޑޭޓާ ބޭސްއަކުން މިމައުލޫމާތު ލިބެންހުންނާނެއެވެ. މި މަސައްކަތް ވެގެންދާނީ ދިވެހި ތާރީހު ރައްކާތެރިކުރުމަށް ކުރިއަށް އެޅޭ ނުހަނު މުހިންމު ފިޔަވަޅަކަށް ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. މީގެ ސަބަބުން ދިވެހިންގެ ތާރީހު އިތުރަށް ދިރާސާކޮށް މައުލޫމާތު މުއްސަނދިކުރުމުގެ ދޮރުތައްވެސް އާންމުކޮށް ކޮންމެ ފަރުދަކަށް ހުޅުވިގެންދާނެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާނީ އޮކްސްފޯޑުގެ ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒްގެ ޑރ. މައިކަލް ފީނަރ އެވެ. ހެރިޓޭޖް ޑިޕާޓް މަންޓާއި، ސިންގަޕޫރުގެ އާތު އޮބްޒާވެޓަރީ އިން ވެސް މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ އެވެ. ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އޮންލައިން ޑޭޓާ ބޭސްވެސް އެކުލަވައިލުމަށް ވަނީ ހަމަޖެހިފައި ކަމަށް އެޑޔުކޭޝަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.