ޓިއުބާކިއުލޯސިސް (ޓީބީ) އަކީ ދިގުދެމިގެންވާ ނުރައްކާތެރި ބައްޔެކެވެ. އެއީ ދުނިޔޭގެ އެންމެ ނުރައްކާތެރި ބަލިތަކުގެ ތެރޭގައި ހިމެނޭ ބިރުބޮޑު ބައްޔެކެވެ.
އެއީ ފަރުވާތެރި ކަމާއެކު ގަވާއިދުން ފަރުވާ ނުކުރެވިއްޖެނަމަ، މަރުވުމުގެ ފުރުސަތުވެސް ވަރަށްބޮޑު މަރު ބައްޔެކެވެ. އޭގެ ބަދަލުގައި ގަވާއިދުން ފަރުވާކޮށްފި ކަމަށްވާނަމަ މުޅިން ފަސޭހަވުމުގެ ފުރުސަތުވެސް އެހާމެ ބޮޑެވެ. މުޅި ދުނިޔޭގައިވެސް މި ބައްޔަށް ދެމުން ގެންދަނީ އެއްފަރުވާއެކެވެ.
ޓީބީއަކީ މައިކްރޯ ބެކްޓީރިއަމް ޓިއުބަރ ކިއުލޯސިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެއް އެޗުޕީއޭ އިން ވަނީނެވެ. އާދައިގެ ގޮތަކަށް މި ބަލި ފުއްޕާއެއަށް ޖެހުމުން ފުއްޕާމޭ ފެޅި ލޯވަޅުތަށް އުފެދެއެވެ. މިއާއި އެކު ބަލިމީހާ ކެއްސާއިރު އަންނަ އަރިދަފުސް އެކުވެގެން ލޭއަންނަން ފަށައެވެ.
މި ބަލި ޖެހެނީ ހަމައެކަނި ފުއްޕާމެއަށް ނޫނެވެ. ހަށިގަނޑުގެ ކޮންމެ ގުނަވަރަކަށްވެސް މިބަލި ޖެހިދާނެއެވެ. ފުރަމޭ، ސިކުނޑި، ރަހިމް، ޅިދުކަށިގަނޑު، ކިޑްނީ، ބްލެޑަރ އޭގެ އިތުރަށް ލޮލަށްވެސް ޓީބީ ޖެހިދާނެއެވެ.
މިފަދަ ގުނަވަނަކަށް ޓީބީ ޖެހިއްޖެނަމަ ކަރުދޮށް ނުވަތަ ހަށިގަނޑުގެ ކޮންމެވެސް ތަނެއްގައި ގޮށްލައި ރިއްސާނެއެވެ. ބައެއްފަހަރަށް ދޮސްހެދި ފަޅައިގެންވެސް ހިނގައިދާނެއެވެ. އަދި އެތަނެއް ފަސޭހަނުވެ ނުވެހުރެ ދިގުލައި ހުންވެސް އަންނާނެއެވެ.
ޓީބީ ފެތުރުން
މިއީ އެކަކުގައިން އަނެކަކު ގަޔަށް އަރާ ބައްޔެކެވެ. އެގޮތަށް ފެތުރެނީ ވައިގެތެރެއިން " ކުޅު" ގެ ޒަރީއްޔާއިންނެވެ. މިބަލި ހަމައެކަނި ފެތުރެނީ މިބަލި ޖެހިފައިވާ މީހެއްގެ ފުށުންނެވެ. "މިފަދަ މީހުން ކެއްސާ ކިބިހި އަޅާ، ވާހަކަ ދައްކާ، ލަވަކިޔާ ނުވަތަ ކުޅު ޖެހުމުން ފުއްޕާމޭ ތޭރޭގައިވާ ޓީބީ ބެސިލައި ނުވަތަ ޓީބީގެ ޖަރާސީމު ވައިގެ ތެރެއަށް ނުކުމެ އެތަށް ގަޑިއިރެއް ވަންދެން ވައިގެތެރޭގައި އުޅެއެވެ. އަދި ސަލާމަތުން ތިބޭމީހުން ނޭވާ އެތެރެއަށް ދަމާއިރު ޓީބީގެ ޖަރާސީމު އޭނާގެ ފުއްޕާމެއަށްވަދެ ބަލިޖެހޭތަން އާދެއެވެ." ނަމަވެސް އާދައިގެ ގޮތަކަށް މިބަލިޖެހެނީ އެއްފަހަރަށްވުރެ ގިނަ ފަހަރަށް މިގޮތަށް ޖަރާސީމް ހަށިގަނޑުގެ ތެރެއަށް ގޮސްގެންނެވެ.
ބައެއްފަހަރު ބަލިޖެހިފައި ހުންނަ މީހެއް ބޭނުން ކުރާ ޖޯޑް، ފެން ބޯތަށި ، ސަމްސާ އަދި ބަލިމީހާ ބޭނުން ކުރާ ތުވާލި ފަދަ ތަކެތީގެ ސަބަބުންވެސް މިބަލިޖެހެއެވެ.
ޓީބީ ބަލި ޖެހުމުން ފެންނާނެ އަލާމާތްތައް
1. ގިނަ ދުވަސްތަކެއް ވަންދެން ކެއްސާ އަރިދަފުސް އައުން
2. ބަރުދަން ލުއިވުން
3. ކާހިތްނުވުން
4. ވަރުބަލި ކަމާއި ކައްނެތްކަން އިހުސާސްކުރުން
5. ހާވީރަށް ހުންވައްތަރުވުން އަދި ރޭގަނޑަށް ހޫނުވެ ، ދާހިއްލުން
6. މޭގައި ރިއްސުން
7. ކެއްސާ ކަރުން ލޭއައުން (ކުޅުގައި)
ބަލީގެ ފަރުވާ
ސުވާލަކީ މިބައްޔަކީ ރަގަޅު ކުރެބޭނެ ބައްޔެއް ހެއްޔެވެ. ޖަވާބަކީ އާއެކެވެ. މިއީ ގަވާއިދުން ބޭސް ބޭނުން ކޮއްފިއްޔާ ރަގަޅު ކުރެވޭނެ ބައްޔެކެވެ.
ރައްކާތެރިވުމުގެ ގޮތުން ކުރެވޭނެ ކަންތައްތައް
• ކުޑައިރު ދަރިފުޅަށް ބީސީޖީ ވެކްސިން ދިނުން
• ބަލިޖެހިފައިވާ މީހަކު ބަލި ރަގަޅުވަންދެން ކާތަކެތި ވަކިކުރުމާއި ދިރިއުޅޭ ކޮޓަރި ވަކިކުރުން
• އެއް ކޮޓަރީގައި މާގިނަ މީހުން ދިރިނޫޅުން
• ބަލި ޖެހިފައި ތިބޭ މީހުން ކެއްސާ ނުވަތަ ކިބިހި އަޅާއިރު އަގަމަތި ނިވާކުރުން
• ބަލީގެ އަލާމާތެއް ފެނިއްޖެއްޔާ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން. އެއީ ވީހާވެސް އަވަހަށް ފަރުވާ ހޯދުން ވަރަށް މުހިއްމެއެވެ.
ރާއްޖެއަށްވެސް މިބަލީގެ ނުރައްކާ ކުޑައެއް ނޫނެވެ. ރާއްޖޭގައި ނިސްބަތުން ޓީބީޖެހޭ މީހުންގެ އަދަދު މަދުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވަނީ ވިދާޅުވެފައެވެ. 1966 އިން 2017 ގެ ނިޔަލަށް 12247 މީހަކަށްވަނީ ފަރުވާދީފައެވެ. ފާއިތުވި އަހަރު 136 މީހަކަށް ޓީބީ ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެތަނުން ވިދާޅުވިއެވެ.
ސަރުކާރުން މިހާރުވަނީ ރާއްޖެއިން ޓީބީ ނައްތާލުމުގެ ގައުމީ ކޭމްޕޭނެއް ފަށައިފައެވެ. އަދި 2022 ވަނަ އަހަރު ރާއްޖެއިން ޓީބީ އެއްކޮށް ނައްތާލުމަކީ ސަރުކާރުގެ ލަނޑު ދަނޑިއެވެ.