ޒުވާނުންނަށް ޑެންޓަލް ސްކްރީނިންގް ޕްރޮގްރާމެއް ހިންގަނީ

ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ ޑެންޓަލް ސްކްރީނިން ޕްރޮގްރާމެއް މިމަހު 7 ގައި އޮންނާނެ ކަމަށް ޔޫތުމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާއި މެޑްހޯޕް މެޑިކަލް ސެންޓަރ އިން އިންތިޒާމް ކޮށްގެން ޒުވާނުންނަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ.

މިއީ ޒުވާނުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ސަރުކާރުން ފޯރުކޮށްދެއްވާ ޚިދުމަތްތަކުގެ ތެރެއިން ފުރުސަތެކެވެ. "އެޕްރީލް މަހަކީ ދުނިޔޭގެ އޯރަލް ހެލްތް އެވެއަރނެސް މަންތެއްގެ ގޮތުގައި، މާނަޔަކީ އަނގައިގެ ސިއްޙަތު ދެމެހެއްޓުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަހެއްގެ ގޮތުގައި ފާހަގަކުރަމުންދާ މަހެއް. އެކަން ޚާއްސަގޮތެއްގައި ފާހަގަކުރުމަށްވެސް މި ޕްރޮގްރާމްވަނީ ބައްޓަންކުރެވިފައި." ޔޫތު މިނިސްޓްރީގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަޙުމަދު ނަޝީދު ޙުސައިން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ތައްޔާރީތައް ކުރަމުން ގެންދާނީ ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ މާފަންނު ޒުވާނުންގެ މަރުކަޒުގެ "ޔޫތު ހެލްތު ކެފޭ" އިންނެވެ. ޔޫތު ހެލްތް ކެފޭއަކީ ހަފްތާއަކު 70 އަށްވުރެންގިނަ ޒުވާނުން ޚިދުމަތް ހޯދަމުން އަންނަ ތަނެކެވެ.

ނަޝީދު ވިދާޅުވިގޮތުގައި ޔޫތު ހެލްތު ކެފޭ އާއި ކައުންސެލިންގްގެ ޚިދުމަތަކީ ޒުވާނުން ބަލައިގެންފައިވާ ޚިދުމަތްތަކެވެ. އެހެން ކަމުން މިހަރަކާތަށްވެސް ވީހާވެސް ގިނަ ޒުވާނުން ޒިޔާރާތްކޮށް ޚިދުމަތް ހޯދަމުން ގެންދިއުމަށާއި ޒުވާނުން ހިތްހަމަޖެހޭފަދަ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައެއް ޒުވާނުން ސިއްޙީގޮތުންނާއި ނަފްސާނީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ކޮންމެ ކޮންމެ މާހައުލެއްގައި ހާމަކުރަން ބޭނުންނުވާ ކަމަށެވެ. އެފަދަ ޒުވާނުންނަށް ޚާއްސަކޮށް ޑޮކްޓަރެއްގެ އެހީތެރިކަންވެސް ފޯރުކޮށްދެމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރިފަރަލް ހެދުމާއި މައްސަލަތަކަށް ހައްލުކުރެވޭކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ޑެންޓަލް ހެލްތު ސްކްރީނިން ޕްރޮގްރާމް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ 08:30 އިން 10:00 އަށް މާފަންނު ޒުވާނުންގެ މަރުކަޒުގައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.