އަމާޒަކަށް ވާންޖެހޭނީ ކުރިއަށްއޮތް ޖީލަށް ރަނގަޅުގޮތް ހޯދައިދިނުން: ނަޝީދު

އެންމެންގެ ވެސް އަމާޒަކަށް ވާންޖެހޭނީ ކުރިއަށްއޮތް ޖީލަށް ރަނގަޅުގޮތް ހޯދައި ދިނުމަށް މަސައްކަތް ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށްއޮތް ޖީލަށް ރަނގަޅުގޮތް ހޯދައި ދިނުމަށްޓަކައި ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައިވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް އަބަދުވެސް ވާންޖެހޭނީ ކުރިއަށްއޮތް ޖީލަށް ރަނގަޅުގޮތް ހޯދައިދިނުން. ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި މަސައްކަތް ކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެ ޓްވީޓު ކުރެއްވީ ސިޔާސީ ބޭފުޅުން ޖަލަށް ލަމުންދާތީ އެފަދަ ސަގާފަތް ހުއްޓުވުމަށް ހިތްވަރު ދެއްވުމުގެ ގޮތުންނެވެ. ވެރިކަމުން ފައިބާ ވަޑައިގަންނަވާ ރައީސުން ވެސް ބައެއް ފަހަރަށް ޖަލަށް ވަޑައިގަންނަވަން ޖެހިފައި އެބަހުއްޓެވެ. ސިޔާސީ ބޭފުޅުން ޖަލަށްލުމަކީ ރާއްޖޭގެ ސަގާފަތެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަކީ މިހާރުވެސް 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންނަމަވެސް ބޭސް ފަރުވާއަށް ލަންޑަނަށް ވަޑައިގެންފައި އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައެއް ނުގަންނަވައެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި "ރަން ތިރީހުގެ ބާނީ" މައުމޫން އަބްދުލްގައްޔޫމްވެސް މިހާރު ހުންނެވި ޖަލުގައެވެ. ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ހުންނެވީ ޖަލުގައެވެ.

ސިޔާސީ އެތައް ބޭފުޅުންނެއް މިހާރުވެސް ޖަލުގައި އެބަތިއްބެވިއެވެ. "ކުރީގެ ރައީސުން ޖަލަށްލައިގެން ސިޔާސީ ބޭނުމަށް މީހުންޖަލަށް ލުމުގެ ސަގާފަތަށް ހުއްޓުމެއް ނާންނާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

 

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.