ބަޖެޓަށް ބުރަ ބޮޑުވެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ނެގި ލޯނު ދައްކަން ޖެހުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަކުރާރުކޮށް މިއަދު ވިދާޅުވެއްޖެވެ.
ރައީސް ނަޝީދު މިމޭރުމުން ފުރަތަމަ ވާހަކަ ފުޅު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދެވި ބަޖެޓު ބަހުސްގައި މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރ އަޙުމަދު ތާރިޤް ސަރުކާރަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަ ފުޅުތަކާ ގުޅިގެންނެވެ. އަދި އޭގެ ފަހުން އެމްޑީޕީ ހަރުގޭގޭގައި ދެއްކެވި ވާހަކަ ފުޅުގައި ވެސް އެވާހަކަ ތައް އިތުރަށް ތަފްޞީލުކޮށް ވަނީ ދައްކަވައިފައެވެ.
ރައިސް ނަޝީދު ވިދާޅުވީ ދަރަނި އަދާކުރުމުގައި އެންމެ ބޮޑު ބުރައެއް އުފަލަންޖެހޭ ނީ މިއަހަރުގެ ބާކީ މިއޮތް ދެމަސް ދުވަހު ކަމަށެވެ. މިއަހަރުގެ ފަހު ދެމަސް ދުވަހުގެ ތެރޭގައި 83 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް ވިދާޅުވިއެވެ. އެއީ ޗައިނާއަށް ދައްކަން ޖެހޭ ދަރަނިކަމަށް ވެސް ވިދާޅުވިއެވެ.
އަދި އަންނަ އަހަރުގެ ބެޖެޓްގައި ވެސް ރައީސް ޔާމީންގެ ސަރުކާރުން ނެގި ދަރަނި އަދާކުރަން ފަސް ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ދަރަނި ދައްކަން ޖެހެނީ ވެސް އިތުރަށް ދަރަނި ނަގައިގެން ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ރައިސް ޔާމީންގެ ސަރުކާރުން ނަގައިފައިވާ ދަރަނީގެ ތެރޭގައި އެސްޓީއޯގެ ޚިދުމަތް ފުޅާ ކުރަން 35 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކެވިކަމަށް ވިދާޅުވިއެވެ. 35 މިލިއަން ޑޮލަރުގެ ދަރަނި ނަގައިގެން ވީކަމެއް ފެންނަން ނެތްކަމަށް ވިދާޅުވިއެވެ. ނަމަވެސް އަންނަ ޑިސެމްބަރު 15 ގައި އެދަރަނީގެ ތެރެއިން 2.04 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް ވިދާޅުވިއެވެ. ފަސްވަނަ ޕަވަރ ޖެނެރޭޝަން ޕްރޮޖެކްޓްކަމަށް ވިދާޅުވެ 75 މިލިއަން ޑޮލަރުގެ ލޯނެއް ނެންގެވިކަމަށާއި އެ ލޯނަށްވެސް 27 ޑިސެމްބަރ ގައި 3.1 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ. މިގޮތަށް ރައީސް ޔާމީން ނަންގަވައިފައިވާ ލޯނުތަކުގެ ޢަދަދުތައް ކިތަންމެ ވަރަކަށް ވެސް ހާމަކުރެވިދާނެކަމަށް ވިދާޅުވިއެވެ.
މިއަދު ބަޖެޓަށް ބުރަ ބޮޑުވެގެންއުޅެނީ ރައީސް ޞާލިޙް ނެންގެވި ދަރަނީގެ އެންމެ ލާރިއެއްވެސް ދައްކަން ޖެހިގެން ނޫންކަމަށް ވިދާޅުވިއެވެ. ބެލުމެއް ނެތި ރައީސް ޔާމީންގެ ސަރުކާރުން ނަގައިފައިވާ ދަރަނިތަކުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
"މިއަދު މި ބަޖެޓު ފެންނާން މި އޮތް ގޮތް ކިތަންމެހާވެސް ހުތުރު. އެހެން ނަމަވެސް ތަކުރާރުކޮށް ދަންނަވަން މި ހުތުރު ކަމަކީ އަޅުގަނޑުމެން ގެނައި ހުތުރުކަމެއް ނޫނޭ. އެހެން ބައެއްގެ ދަރަނި ދައްކަން ވެގެން އަޅުގަނޑުމެންގެ ފައްޓަރުބައި ވިއްކާލަން މި ޖެހެނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އިޤްތިޞާދީ ގޮތުން މުޅި ދުނިޔެއަށް ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ޗައިނާ ފަދަ ތަނަވަސް ޤައުމަކުން ރާއްޖެ ފަދަ ކުޑަކުޑަ ޤައުމަކަށް ލުޔެއް ދިނުމެއް ނެތި ލޯނުތައް އަނބުރާ ހޯދަން މަސައްކަތް ކުރަމުންދާކަމަށް ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ރާއްޖެއިން ދައްކަން ޖެހޭ ދަރަންޏެއް އަނބުރާ ދައްކާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެދަރަނި ރައީސް ޞާލިޙްގެ ސަރުކާރުން ފަސް ވެސް ކުރާނެކަމަށާއި އަދި ކުޑަވެސް ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.